ރާއްޖޭގައި މި ފަހުން ވެރިކަން ކުރެއްވި ވެރިންނާއި ހިލާފަށް، މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވާ ދުވަސްތަކުގައި، ނޫސްވެރިންނަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް ޔަގީންވާ އެއްކަމެއް އޮވެއެވެ. އެއީ އެމަނިކުފާނަށް އަމާޒުވާ ސުވާލަކުން ކޯފާ އިސްނުކުރަށްވާނެ ކަމުގެ ޔަގީންކަމެވެ. ރައްޔިތުންނަށް ކުޑާމިސްކޮށް ބަސްފުޅެއް ވިދާޅު ނުވާނެކަމެވެ.

އިއްޔެ ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދޮޅު ގަޑިއިރެއްހާއިރު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ސާބިތު ކަމާއިއެކު ހުންނަވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވިއެވެ. ނޫސްވެރިން ކުރަމުން ދިޔަ ސިޔާސީ ސުވާލުތަކާއި ރައްދުގެ ސުވާލުތަކާއި އަމިއްލަ ޚިޔާލީ ސުވާލުތަކާއި ތަކުރާރު ކުރަމުން ގެންދިޔަ ސުވާލުތަކާއި ބޮޑެތި ބަޔާން ތަކަށް އެއްވެސް ޖެހިލުންވެ ވަޑައިގެންނެވުމެއް އަދި ހާސްކަމެއްނެތި ޖަވާބު ދެއްވި ވާހަކަ ދެއްކުމަކީ މިހާރު ކިތައްމެ މުނާސިބު ނޫން ކަމެއްކަމުގައި ބަޔަކަށް ގަބޫލުކުރެވުނަސް ނޫސްކޮންފަރެންސް ނިންމަވާލައްވަމުން އެމަނިކުފާނު މުޅިގައުމަށް އެދެއްވި މުހިންމު މެސެޖަކީ ޚާއްޞަކޮށް ފުރަމާލޭގައި އުޅުއްވާ ސިޔާސީ ބޭފުޅުން ދޭތެރެ ދޭތެރެއިން އަޑުއައްސަވައިލައްވަން ވަރަށް މުހިންމު ވާހަކަކޮޅެކެވެ. އިބުރަތްތެރި ބަސްފުޅެކެވެ.

ރައީސް ވިދާޅުވީ، ބައެއް ސިޔާސީ ބޭފުޅުންނަށް އަތޮޅު ތެރޭގެ ރަށްރަށުގެ ހާލަތު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، އިގުތިސާދީ ހާލަތާއި އަޅުވާ، ރަށްރަށުގައި ހިންގަމުން ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހުއްޓާލުމަށް ގޮވާލަމުން ދާކަމަށާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓާލާ، ކޮންމެ ރަށަކަށް 3 ކަޅުހަން ދިނީމަ ރަނގަޅުވާނެކަމަށާއި އޭރުން ރައްޔިތުންނަށް ބޯފެން ލިބޭނެކަމަށް ބުނަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދަނޑިވަޅާއި ގުޅުވައި އަސާސީ އެފަދަ ކަންކަން ހުއްޓާލުމަށް ގޮވާލަމުން ދާކަމަށް ވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

"ލޯންޗްގައި އަންނަ ގޮތަށް އައިސް، ފާލަމާއި ކައިރިކޮށްލާފަ، ކާރަށް އަރައިގެން ގެއަށްދެވޭ ބޭފުޅުންނަކަށް އިހުސާސެއް ނުވާނެ ރަށްރަށުގެ ހާލަތެއް. އޮޑިދޯނިފަހަރު ގެންގުޅޭ މީހުން އެ އުޅޭ ހާލެއް. ތިމަންނަގެ ދަރިފުޅު ނުވަތަ ތިމަންނަ ބަލިވީމަ ހޮސްޕިޓަލަށް ވަގުތުން ގެންދެވޭ ބޭފުޅުންނަކަށް އިހުސާސެއް ނުވާނެ ރަށްރަށުގައި ސިއްހީ ހިދުމަތް ހޯދަން ރައްޔިތުން އެ އުޅޭ ހާލެއް." ވަރަށް އަސަރާއެކު ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުން އެގޮތަށް އެވާހަކަތައް ދައްކަނީ، ސްކޫލަށް ނުގެންދެވިގެން ދަރިފުޅަށް ކިޔަވައި ނުދެވި އާންމުން ތިބޭކަން ނޭނގޭތީކަމަށާއި، ސްކޫލްތަކުގެ ލެބޯޓްރީތަކާއި ކުލާސްތައް ހަދާތީއާއި، ޓާޝަރީ ހޮސްޕިޓަލްތައް އަޅާތީ އެއީ ބޮޑެތި ހަރަދުތައް ކަމަށް އެ ފެންނަނީ، އެވާހަކަތައް ދައްކަވާ ބޭފުޅުންނަކީ އެ ހިދުމަތް ފަސޭހައިން ލިބެން ހުންނަ ބޭފުޅުންކަމަށް ވާތީ ކަމަށެވެ.

"އަޅުގަނޑު ނުދެކެން އެއީކީ ބޭކާރު ހަރަދެއް ކަމަކަށެއް. އެހެންވީމަ، ފެނާ ނަރުދަމާގެ މަޝްރޫތައް ކުރިޔަށް ގެންދާނަން އަޅުގަނޑު، ބަނދަރުވެސް އެއީ ކޮންކްރީޓް ތަރައްގީއެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ބޭނުންޖެހިފައިހުރި ކަންކަން. އެއާއި ގުޅިގެން އިގުތިސާދަށް ބަދަލުތައް އަންނާނެ. އެހެންވީމަ އެކަންތައްތައް އިރާދަކުރެއްވިއްޔާ ދައްޗަކާނުލާ ކުރިޔަށް ގެންދާނަން." ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅުތަކަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ރައީސް އެ ދެއްކެވި ވާހަކަފުޅުގައި ހުރި އޮއްޓަރާއި، ވާހަކަފުޅުގެ މުހިންމުކަން ގިނަ ބަޔަކު ދަނީ ބަލައިގަންނަމުންނެވެ. އެ ވާހަކަފުޅުތަކުން އެނގުނީ، އެމަނިކުފާނަކީ، އާންމު އާދައިގެ ދިރިއުޅުމެއް އުޅެމުންދާ އަތޮޅު ތެރޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ އެތައް ކަމެއް އެބަހުރިކަން ގަބޫލު ކުރައްވާ ވެރިއެއް ކަމެވެ. އަދި އަތޮޅު ތެރޭގެ ރައްޔިތުންގެ ކުރިއެރުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ކަމެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތި ކަމުގެ ވާހަކައާއި އަވަށްޓެރި ބައެއް ގައުމުތަކުގެ ހާލަތުގެ ވާހަކައާއި ގުޅުވައިގެން ސިޔާސީ ބޭފުޅުން މިހާރު އެންމެ ގިނައިން ދައްކަވާ އެއްވާހަކައަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރާވާހަކައެވެ. މި ވާހަކައާއި ވިދިގެން ދެން އަންނަނީ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މިވަގުތު ހުއްޓާލަން ޖެހޭ ވާހަކައެވެ. އެބޭފުޅުން ސިފަ ކުރަށްވަނީ އެއީ ކޮންކްރީޓް ތަރައްގީ ކަމަށެވެ. އެބޭފުޅުންގެ ނަޒަރުގައި އެއީ މިވަގުތު ހުއްޓާލަން ޖެހޭ ކަންކަމެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރަން އެންމެ އިސްކަމެއްދީގެން ކުރަންޖެހޭ ކަމަކީ އެބޭފުޅުން ސިފަކުރަށްވާ މިދެންނެވި ކޮންކްރީޓް ތަރައްގީގެ މަސައްކަތްތައް ހުއްޓާލުމެވެ. އެބޭފުޅުންގެ ޕާޓީއަށް ރައްޔިތުންގެ ޓެކްސް ފައިސާ ދިނުމަކީ މައްސަލައެއް ނޫނެވެ. އެބޭފުޅުން ދައުލަތުން ކިތަންމެ ބޮޑު އިނާޔަތެއް، ކިތަންމެ ބޮޑު މުސާރައެއް ނެންގެވިޔަސް އެއީ ޚަރަދެއް ނޫނެވެ. ޚަރަދު ކުޑަކުރަން ވެސް ހުއްޓާލަން މިޖެހެނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކުރުމާއި ރައްޔިތުންގެ ފައިދާއާއި ލާބަޔަށް ކުރާ، ހިންގާ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން