މުޅިރާއްޖެ ލޮކްޑައުން ކުރުމަށް ގޮވާލާއިރު، މަގުތައްމަތިން މީހުން މަދު ނުވާކަމަށް ވިދާޅުވެ ޑރ. ނަޒްލާ ރަފީޤް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ރައްޔިތުން ގޭގައިތިބުމަށް ޑޮކްޓަރުން އިލްތިމާސްކުރި ކަމުގައި ވިޔަސް އެކަން އެގޮތަށް ކުރާތަން ނުފެންނަ ކަމަށެވެ.

ރައްޔިތުން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށާއި، ނަމަވެސް ގިނަ ބަޔަކު މަގުމަތީގައި އުޅޭތީ، އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ޑރ. ނަޒްލާ މިއަދުވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން ބަލީގެ ޕޮޒިޓިވް ކޭހެއް ނުފެންނަތާ ދުވަސްކޮޅެއް ވުމުގެ މާނައަކީ މިބަލީގެ ނުރައްކާ ދިވެހިންނަށް އޮތް މިންވަރު ކުޑަވުން ނޫން ކަމަށާއި، ކޮންމެ އިރަކުވެސް އިތުރު މީހަކު ފެނިދާނެ ކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ޑރ. ވިދާޅުވި އެވެ. އަދި މި ވައިރަސް ދުނިޔޭގައި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު އަދި ދިވެހިންނަށް ހަމަނޭވާ ލައިގެން މިކަން ހަމަޖެހުނީކަމަށް ހީކޮށް ތިބެވެން ނެތްކަމަށާއި، ކަމުގެ ނުރައްކާތެރިކަން އެއަށްވުރެ ބޮޑުކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން މިއޮތީ ވަރަށް އެހެން ކަހަލަ ހާލަތެއްގައި އަދި ހަމަ ކޮންމެ އިރަކުވެސް އިތުރު މީހަކު ފެނުމުގެ ފުރުސަތު އެބައޮތް. ތިޔަބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންވެސް އަޅަމުންދާ ފިޔަވަޅުތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ހަމަ މިދަނީ.. ފުރަތަމަ ރާއްޖެއަށް ދަތުރުކޮށްފަ އަންނަ މީހުން ހޯމް އައިސޮލޭޝަނަށްލީ. މިހާރު ފެސިލިޓީ ތަކަށް ގެންގޮސްގެން ކަރަންޓީން މިކުރަނީ.. އެހެންވީމާ މިކަމުގެ ނުރައްކާތެރިކަން ހުރި މިންވަރާ އަދި ބަލި ދުނިޔޭގައި ވެސް ފެތުރެމުންދާ ނިސްބަތަށް ބަލާއިރު އަދި އަޅުގަނޑުމެންނަށް ހަމަނޭވާލައިގެން މިކަން ހަމަޖެހުނީ ކަމަށް ހީކޮށް މަޑުމަޑުން ތިބެވޭކަށެއް ނެތް." ޑރ. ނަޒުލާ ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވާއިރު، މީހުން އެއްވެއުޅުން ހުއްޓާލަން އަންގައި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާއިރު ހޮޓާ ރެސްޓޯރެންޓު ކެފޭ ފަދަ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން