މިހާރު މިއޮތް ކޯލިޝަން ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެސަރުކާރުގެ ޚާރިޖީ ވަޒީރުގެ މަސައްކަތްޕުޅަކީ ބޭރު ޤައުމުތަކަށް ދަތުރުފުޅު ކުރެއްވުމެވެ. ހަމަ ގައިމުވެސް މިސަރުކާރު އައިފަހުން ދިވެހި ފަސް ގަނޑުގައި މިދެންނެވި ޚާރިޖީ ވަޒީރު ފައިންޕުޅު އެޅުއްވި ވަރަށްވުރެ ގިނަވާނީ ވައިގެ ބަނދަރު ތަކުގައާއި ބޭރު ކަރަތަކުގެ ފަސްގަނޑުގައި ފައިންޕުޅު އެޅުއްވި މިންވަރެވެ. ގިނަ ދިވެހިން އަންދާޒާ ކުރާ ގޮތުގައި މި ސަރުކާރުގެ މި ދައުރުގެ ދެބައި މެދަށް ދާއިރު މި ޚާރިޖީ ވަޒީރު ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯއްދަވައިގެން ރާއްޖެއަށް އެރޮނގުން ވަރަށް ސަޅި ނަމެއް ހޯދައިދޭނެއެވެ.

ގިނަ ރައްޔިތުން ހީކުރަނީ ދިވެހި ޚާރިޖީ ވަޒީރު “ދެއިރު ކާ ބޭހެއްހެން” ޤައުމުގައި މަޑު ނުޖެހި ތާއަބަދު ދަތުރު މަތީގައި އުޅުއްވަނީ ބޭރުގެ އެހީތައް ދިވެހީންނަށް ހޯއްދަވައި ދެއްވުމަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކަށްވެސް ހީވެފައި އޮތީ މިދެންނެވި ގޮތަށެވެ. މިޤައުމުގެ ޚާރިޖީ ވަޒީރުގެ މިދެންނެވި ދަތުރުފުޅު ތަކުން މިޤައުމަށް ލައްކަ ގިނަ ލޯނު އެހީތަކާއި ހިލޭ އެހީތަކާއި ހިލޭ ސްކޯލަރޝިޕް ތަކާއި ކާޑުގެ ބާވަތްތަކުގެ ހިލޭއެހީތައް ލިބޭނެ ކަމަށެވެ. އެވެރިން ޖަލްސާތަކާއި އެކިއެކި ޕޯޑިއަމްތަކުގައި ސަރުކާރަށް ފާޑުކިޔާއިރުވެސް ކިޔަނީ ޚާރިޖީވަޒީރުގެ މިދެންނެވި ހިލޭ އެހީގެ ވާހަކައެވެ. އެކަމަކު އަބަދުވެސް ކިޔާތީ އިވެނީ ޚާރިޖީ ވަޒީރު މިކުރައްވާ އަދަދު ނުކުރެވޭހާ ގިނަ ދަތުރުފުޅު ތަކުން ޓިކެޓާއި އެކޮމެޑޭޝަނަށް ކަނޑާލާފައި ދެން ހަމަ އެހެން މީހަކަށް ސައިފޮދެއް ބޯލެވޭ ވަރުވެސް ބާކީ ނުވާ ކަމަށެވެ.

ޚާރިޖީ ވަޒީރު މިކުރައްވާ ދަތުރުފުޅުތަކުގެ ޚަބަރުތައް ފެތުރުމަށާއި ފޮޓޯ ނަންގަވައިގެން މީޑިޔާތަކަށް ދެއްވުމަށް އޮންނަ ޓީމުން ކިތަންމެހާވެސް ފުރިހަމައަށް އެކަން ކުރައްވައެވެ. ހަމަގައިމުވެސް ޚާރިޖިއްޔާގެ އޮފީހުގެ ސޯޝަލް މީޑިޔާ ބަލައި ލުމުން އެކުދިންގެ މި ދެންނެވި މަސައްކަތް ކިތަންމެހާވެސް ފުރިހަމައަށް ފެނެއެވެ. ހަމަ ޔަގީނުންވެސް ދައުލަތުގެ މީޑިޔާއިން ރައީސުލްޖުމްހޫރިއްޔާގެ ނަމަށްވުރެ ގިނައިން ޚާރިޖީ ވަޒީރުގެ ނަމާއި ޚާރިޖީ ވަޒީރު ކުރައްވާ ކަންކަމުގެ ޚަބަރުތައް ކިޔައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހޭ ޚާރިޖީދާއިރާގެ ބައެއް ކަންކަމާއި އާންމު ކުރައްވަން ޖެހޭ ބައެއް މައުލޫމާތުވެސް ގިނައިން އާންމު ކުރައްވަނީ ނުވަތަ އިޢުލާން ކުރައްވަނީ ޚާރިޖީ ވަޒީރެވެ.

“ރަސް އޮންލައިން” އަށް އެނގިގެން ދާދިފަހަކުން ވީ ކަމެއް މިތާނގައި ހިއްސާ ކޮށްލާނަމެވެ. މުޔަންމާގައި ދިރިއުޅޭ ރޮހިންޖާގެ މުސްލިމު ދަރިކޮޅާމެދު އެޤައުމުގެ އަސްކަރިއްޔާއިން ނުވަތަ ސަރުކާރުން ހިންގި ލާއިންސާނީ ޖަރީމާތަކުގެ މައްސަލަ ތަހުޤީގު ކުރުމަށް ހުށައަޅާފައިވާ މައްސަލައިގައި ރާއްޖެއިން ތަދައްޚުލުވުމަށް ރައީސް ޞާލިޙުގެ ކެބިނެޓުން ނިންމިއެވެ. ނަމަވެސް މި ނިންމުން ނިންމާފައި އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަނުކޮށް ބޭއްވީ ކޮންމެވެސް ބާރުވެރި ފަރާތަކުން އެކަން ނުކުރާން އަންގަވައިގެންނެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އެކަން އިޢުލާން ކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރެވެ. ވިސްނާ ފިކުރު ހިންގާލުމުން ބޮޑަށް ހީވަނީ އެކަން ހާމަކުރައްވައިގެން ރައީސް ޞާލިޙަށް ރައްޔިތުންގެ ފަރާތުން ތާއީދެއް ލިބިދާނެތީ ކުރެއްވިކަމެއް ހެންނެވެ.

ދިވެހީންގެ ޚާރިޖީ ވަޒީރު މިކުރައްވާ ދަތުރުފުޅު ތަކަކީ ރާއްޖެއަށް އެހީ ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅު ތަކެއް ނޫންކަން މިހާރު ވަރަށް ބޮޑަށް ޔަގީންވެއްޖެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ތަކުގެ އަސްލު މަޤުޞަދަކީ ދިވެހީން ބޭރު ޤައުމުތަކަށް ދިއުމަށް ފަސޭހަ ކުރުމަށް ވިސާ ހޯދައި ދިނުމެވެ. ކުރައްވާ ކޮންމެ ދަތުރު ފުޅަކުން ކޮންމެވެސް ޤައުމަކަށް ދިއުމަށް ދިވެހީންނަށް ފަސޭހައިން ވިސާ ލިބޭ ގޮތް ހަމަޖައްސަވައި ދެއްވައެވެ. މިގޮތުން ޚާރިޖީ ވަޒީރު ބޮޑަށް ބައްލަވަނީ ދިވެހީން ވީހާވެސް ނުދާ އާ ޤައުމުތަކަށް ދިވެހީ ދާނެ މަގު ތަނަވަސްކޮށްދިނުމަށެވެ. މިދެންނެވި ގިނަ ޤައުމުތަކަކީ މިހާތަނަށް ދިވެއްސަކު އެއްވެސް މުހުތާދެއްގައި ދާން ނުވެސްޖެހޭ ނުވަތަ ދާން ބޭނުންވެސް ނުވާ ޤައުމުތަކެވެ. ހަޤީގަތުގައިވެސް ދިވެހީން ދާން ބޭނުންވާނީ ޚާރިޖީ ވަޒީރު އެ ހީކުރައްވާފަދަ ކުރިން ނުދާ އާ ޤައުމުތަކަށްކަން މިހާރު ވަރަށް ބޮޑަށް ޔަގީންވެއްޖެއެވެ.

ޚާރިޖީ ވަޒީރުގެ ކޮންމެ ދަތުރުފުޅަކަށް ފަހު ކޮންމެވެސް ޤައުމަކުން ދިވެހީންނަށް ހިލޭ ވިސާލިބުމާއި ވިސާގެ ފަސޭހަކަން ލިބިގެންދިޔަކަން ހާމަކުރައްވަމުން ގެންދަވާއިރު ދިވެހީން އާންމުކޮށް ގޮސްއުޅޭ ޤައުމުތަކުން ވިސާ ލިބުން ހައްތާވަނީ ދައްޗެވެ. ހަމަ ގައިމުވެސް މެލޭޝިޔާއިން ދިވެހީންނަށް، ދިވެހި ކިޔަވާ ކުދިންނަށް ވިސާލިބެނީ ވަރަށް މަސައްކަތުންނެވެ. ކުޑަ ކުއްޖަކަށް ނޫނީ ޑިޕެންޑެންޓް ވިސާ ނުވެސް ލިބެއެވެ. ސާމާނު ހުށައަޅަމުން ގޮސް “ނުވިހާ ކުއްޖާގެ ފޫޅު” ވެސް ވިސާ ފޯމާއެކު ހުށައަޅާން ޖެހެއެވެ. ފަހަރެއްގައި ދިވެހީން އާންމުކޮށް ދާ ޤައުމުތަކުން ވިސާގެ ކަންކަން ފަސޭހަ ކުރަން މަސައްކަތް ނުކުރައްވަނީ ޚާރިޖީ ވަޒީރުގެ ވިސްނުންފުޅަކީ ދިވެހީންނަށް އާ ޤައުމުތައް ތަޢާރަފު ކުރެއްވުން ކަމުގައި ވާތީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ދިވެހީންގެ ޚާރިޖީ ވަޒީރަށް ދިވެހީން ޝުކުރު ދަންނަވަނީ މިދެންނެވި ސަބަބުތަކަށް ޓަކައެވެ. ގެއްލުނު ކާޕެޓްކޮޅުގެ ވާހަކަވެސް ހަމަ ދައްކަން ފަށާއިރަށް އަޅާފައި އޮތް ތަނަކުން ނަގައިގެން ގެނަސް ގުދަނަށް ލައްވާފައި އިންފޮމޭޝަން ކޮމިޝަނަރު ލައްވާ ފޮޓޯއާއެކު ޓްވީޓް ކުރައްވައި އެކަން ހާމަކުރައްވައިފިއެވެ. ހަމަ އެގޮތަށް ރައްޔިތުން ވާހަކަ ދައްކަން ފެށީމާ ދަތުރުފުޅުތަކުން ލިބިވަޑައިގެންނެވި އެހީތައް އެހުރި އެކައުންޓަކުން ނަންގަވައިގެން ގެނަސް ދައުލަތުގެ ބޮޑު ތިޖޫރިއަށް ނުވަތަ ޚާޒާނާއަށް ލައްވާނެ ނަމަ ހާދަހާވާ ރަނގަޅެވެ. ހަމަގައިމުވެސް އޭރުން ރައްޔިތުން މާ ބޮޑަށް ޝުކުރު ދަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން