އަމިއްލަ ނަފްސަށް އިތުބާރު ކުރުމެއްނެތި އަދި ވިސްނުމާއި ފިކުރު އެއްކިބާކޮށް ކަންކަން ކުރެވޭނީ ސިކުނޑީގެ ކޮންމެވެސް މައްސަލައެއް ހުންނާތީއެވެ. އެފަދަމީހުން ރުޅިއައިސްފައި ތިބޭވަގުތު ކޮންމެ ކަމެއްވެސް ބޭނުންވާ ގޮތަކަށް ކޮށް ނިންމާލާނީ އެވެ. ކުރެވޭ ކަމަކުން ލިބޭނެ ނަތީޖާއަކަށް އެއްގޮތަކަށްވެސް ނުބަލާނެ އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިފަދަ މީހުން ރުޅިއައިސްފައި ހުންނަ ވަގުތުގައި ކޮންމެ ފަދަކަމެއްވެސް ކުރުމަކީ އެކަށީގެންވާ ކަމަކެވެ. ކަމެއް ކުރުމުން ނިކުމެދާނެ ދެރައަކަށް ނުވަތަ މޮޅަކަށްވެސް އެވަގުތުގައި ވިސްނައި ނުގަނެވޭނެކަމަށް ކަމުގެ މާހިރުން ވިދާޅުވެ އެވެ.

މުޖުތަމައުގައި ދިރިއުޅޭ މީހުންގެ ތެރޭ އެކެއް އިންސައްތައަކީ ސިކުނޑީގެ މިފަދަ މައްސަލައެއް ހުންނާނެ މީހުންނެވެ. އަދި ޖަލުތަކުގައި އުޅޭ މީހުންގެ 25 އިންސައްތައަކީ މިފަދަ މީހުން ކަމަށް ދިރާސާތަކުން ދައްކައެވެ.

ސިކުނޑީގެ އުނިކަން ދިރާސާ ކުރައްވާ ސައިންސްވެރިން މިފަދަ މީހުން އާއްމުގޮތެއްގައި ސިފަކުރަނީ ކަންކަން ކުރުމުގައި އޮޅުންބޮޅުން އަރުވާލާ ބައެއްގެ ގޮތުގައެވެ. އެގޮތަށް އެހެން ދިމާވާސަބަބަކީ އެމީހުންކަންކަން ކުރުމުމުގައި އިޚްލާސްތެރި ނުވުމެވެ. ނުވަތަ ކަމެއް އެއޮންނަ އުސޫލާއި ޚިލާފަށް ކުރެވުނަސް އެކަމާ ދެރަވެ ހިތާމަ ނުކުރާނެއެވެ. އަދި އެހެން މީހުންނަށް މައާފުކުރުމުގެ ސިފައަކީ އެމީހުން ގަބޫލު ކުރާއެއްޗެއް ނޫނެވެ.

އަމިއްލަ ނަފްސްގެ މައްޗަށް ގަދަވެގަތުމުގެ ބާރެއް އެމީހުންގެ ނުހުންނާނެ އެވެ. އުފާވެރި ނުވަތަ ހިތާމަވެރި އިހްސާސް ތަކަށްވެސް އެމީހުން އަޅައެއް ނުލާނެ އެވެ. އެހެނަސް އެމީހުންނަށް ގަބޫލު ކުރެވޭނީ އެއީ ހަމަ އެންމެ ގަދަ މީހުންގެ ގޮތުގަ އެވެ. އަމިއްލަ ނަފްސުގެ ގަދަކަން އެމީހުން އަބަދުމެ އިހުސާސް ކުރާނެ އެވެ.

ޖަލުތަކުގައި އުޅޭ ކުއްވެރިންގެ ހަތަރުބައިކުޅަ ތިންބަޔަކީ މިފަދަ މީހުން ކަމުގައި 2011 ވަނައަހަރު ނެރެވުނު ދިރާސާ ރިޕޯޓެއްގައި ބަޔާންކޮށްފައި ވެއެވެ. އެމީހުންގެ ރުޅި ކޮންޓްރޯލްނުވެ ކުރެވޭ ކަންކަމުގެ ސަބަބުން އެމީހުން ޖަލުގެ ތޭރިތަކުގެ ތެރެއިން ޖާގަ ހޯދައެވެ. މިފަދަ މީހުންގެ ތެރޭ ތަންކޮޅެއް މަޑުމައިތިރި މީހުންވެސް އެޅެއެވެ. ނަމަވެސް އެމީހުންގެ އެހެންސިފަތަކެއް ހުންނަކަމަށް ވެއެވެ. އެއީ ދޮގާއި މަކަރު ހެދުމާއި އަދި ވައްކަން ކުރުން ހިމެނޭކަމަށް ދިރާސާ ރިޕޯޓުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ސައިންސްވެރިން ވިދާޅުވާ ގޮތުގައި އެމީހުންނަކީ ކަންކަމުގައި އެއްވެސް ފަރުވާލެއް ހުންނަ ބައެއް ނޫނެވެ. އަދި އެމީހުން ބޭނުންގޮތަކަށް ކަމެއް ނިންމާލުމަކީ އެމީހުން އެންމެ އިސްކަންދޭ ކަމެވެ. އެމީހުންނަށް ކަންކަން އިހްސާސް ވުމުގެ ބާރެއް ނުހުރެއެވެ. ކަންކަމުގެ ރަގަޅުގޮތް ޚިޔާރު ކުރާކަށް އެމީހުންނަކަށް ނޭގޭނެއެވެ.

ސައިންސްވެރިން ކޮށްފައިވާ ދިރާސާތަކުގެ ރިޕޯޓްތައް ބުނާގޮތުގައި ސިކުނޑީގެ ތަފާތު ހުންނަ މީހުންގެ ސިކުނޑީގެ އެއްބަޔާ އަނެއްބައިގެ ގުޅުން އެހާ ރަނގަޅު ނޫނެވެ. އާއިދައިގެ މީހުންގެ ސިކުނޑީގެ ވެންޓްރަލް ސްޓްރިއޭޓަމް އާއި ވެންޓްރަލް މީޑިއަލް ޕްރީފްރޮންޓަލް ކޯޓެކްސް ގުޅުން ހުންނަ މިންވާރާ ގާތަށްވެސް މިފަދަ މީހުންގެ އެދެބައިގެ ގުޅުމެއް ނުހުރެވެ. ވެންޓްރަލް މީޑިއަލް ޕްރީފްރޮންޓަލް ކޯޓެކްސް އަކީ ކުރިއަށް ލަފާކުރާ ކަންކަމުގައި ފިކުރު ހިންގާ ބައެވެ. މިބައިގެ ގުޅުން އެނެއްބަޔާ ކެނޑޭނަމަ ރުޅިގަނދަވުމާއި ނުތަނަވަސްކަން އުފެދި ކަންކަމުގައި ހަރުކަށިކަން ދައްކާނެ އެވެ.

ސައިންސްވެރިން ގަބޫލު ކުރާގޮތިގައި މިފަދަ މީހުންނަށް އެހެން މީހުންގެ އަޅާލުންތެރިކަން ލިބޭނަމަ ނުލަފާ ކަންތައް ކުރުމާއި ކުށްކުރުންފަދަ ކަންތަކުން ކޮންމެވެސް މިންވަރަކަށް ދުރު ކުރެވިދާނެ އެވެ. އެފަދަ މީހުންނަކީ މުޖުތަމައުގައި ނިސްބަތުން މަދު ބައެއް ނަމަވެސް ކޮންމެ އާއިލާއެއްގައި އެފަދަ ކުއްޖަކު ނުވަތަ މީހަކު ހުރުމަކީ އެކަށީގެންވާ ކަމަކެވެ.

އާއްމު ގޮތެއްގައި ވާހަކަ ދައްކާއިރު ރުޅި އިސްކުރުމާއި ބާރަށް ހަޅޭލާ ވާހަކަ ދެއްކުމާއި ޖަދަލު ކުރާމޭރުމުން ވާހަކަ ދެއްކުމަކީ މިފަދަ މީހުންގެ ހުންނަ އެހެން ސިފަތަކެވެ. އެމީހުން ހިތްހަމަ ޖެހޭ އެއްކަމެއްވެސް ބަޔަކަށް ނުކުރެވޭނެ އެވެ. މީހަކު ބުނާއެއްޗެއް އޭގެ ރަނގަޅު ގޮތުގައި މާނަ ނެގުމެއްނެތި ފިތުނަ އުފެދޭ ދޭތެރެ ޖެހޭ ރާގަށް އެމީހުންގެ ބަހުރުވަ ބައްޓަން ކުރާނެ އެވެ.

މިފަދަ ސިފަތަކުގެ އިތުރުން ނުލަފާކަމާއި ރުޅިގަދަކަން ދައްކާނަމަ އެއީ ސިކުނޑީގެ ކޮންމެވެސް މައްސަލައެއްގެ ސަބަބުން ކުރިމަތިކުރުވާ ކަންތަކެވެ. އެފަދަ ހާލަތުގައި އެހެންމީހުން ރުޅިއިސްކޮށް ކުރިމަތި ލާނަމަ އެދެވެނީ އެފަދަ މީހުންނަށް އަނިޔާ އެކެވެ. ނޭގިނަމަވެސް މީހަކަށް އަނިޔާއެއް ލިބޭގޮތަށް އަމަލު ބެހެއްޓުމަކީ އޭގެ އަސަރު މުޅި މުޖުތަމަޢުއަށް ފޯރާނެ ކަމެކެވެ. އެހެން ކަމުން ކޮންމެ މީހަކާ މުއާމަލާތު ކުރަން ޖެހުނު ކަމުގައި ވީނަމަވެސް ވިސްނުންތެރި ކަމާއެކު ހިނިތުންވެ މުއާމަލާތު ކުރުމަކީ ބޭނުންތެރި ކަމަކެވެ. އެފަދަ މީހުންގެ ސަބަބުން މުޖުތަމައުގެ ސުލޫކީ މިންގަނޑު ޚަރާބު ކުރުމަށް ހެޔޮލަފާ ވިސްނޭމީހުން އެފުރުސަތު އެމީހުންނަށް ފަހިވާގޮތަށް ކަންކަން ކޮށްގެން ނުވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން