image ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު   10 ޖޫން 2020 - 9:33
ކިތަންމެ ބޮޑު ގޯހެއް ހެދުނަސް ނުވަތަ ކުށެއް ކުރެވުނަސް، އެންމެ ލަފުޒަކުން އެ ކުށް ޢަފޫވެ، މީހާ ކުށެއް ނުކުރާ ކަމަށް ބެލެވޭނަމަ، ކިތަންމެ ބޮޑު ކުށެއް ކުރާކަށް ވެސް ހަމައެކަކު ވެސް ޖެހިލުމެއް ނުވާނެތާއެވެ. ކަންކަމާމެދު ޒިންމާ އުފުލާކަށް ބޭނުމެއް ވެސް ނުވާނެތާއެވެ. ފަރުވާތެރިކަމާއެކު ކަންކަން ކުރާކަށް ދަހެއް ވެސް ނުވާނެއެވެ.

ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒިފުން، ކަމަށް ކަމޭ ހީކުރައްވައި، މަސްއޫލިއްޔަތު އުފުއްލަވައި، ފަރުވާތެރިކަން އިސްކުރައްވާން ދަސްފުޅުވެ، އެކަން އެ ގޮތަށް ހިނގާނީ، ވަކި އުޞޫލަކުން ކަންތައް ކުރެވިގެންނެވެ. އެ މުވައްޒިފަކު ކުރައްވާ ހަމަ ކޮންމެ ކަމެއްގައި އެ މުވައްޒިފަކު މަސްއޫލިއްޔަތު އުފުއްލާންޖެހޭނެކަން އަންގައިދީ އެކަން ބެލެހެއްޓެވިގެންނެވެ. ފަރުވާތެރިވޭތޯ ނޫންތޯ ބައްލަވާންޖެހޭ ފަރާތަކުން ބައްލަވައި، ފަރުވަ ކުޑަކުރައްވައިފި ނަމަ، ނުވަތަ ކަމަކަށް އިހުމާލުވެވަޑައިގެންފި ނަމަ، އެކަމަކަށް އެޅޭނެ ފިޔަވަޅުތަކެއް ހުރެގެންނެވެ. އެ ކަންކަން ތަންފީޒުކުރެވިގެންނެވެ.

ރާއްޖޭގައި ކުރީން އޮތް ސަރުކާރެއްގެ ދުވަސްވަރެއްގައި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި، ކޮންމެ ހަފުތާއަކު އެއްފަހަރު އިސް އޮފީހަކުން ނެރުއްވާ ޚާއްޞަ ލުއި މަޖައްލާއެއް ދިގު ޒަމާންތަކެއް ވަންދެން ނެރުއްވަމުން ގެންދެވިއެވެ. އެންމެ ހަތަރު ޞަފުޙާގެ އެ ލުއި [މަޖައްލާ] އަކީ މަޢުލޫމާތާއި އަދަބީ ގޮތުން ވެސް މުއްސަނދި، ކުށުން ސަލާމަތްވެފައިވާ މަޖައްލާއަކަށްވިއެވެ. ސަބަބަކީ އެ މަޖައްލާއަށް ލިޔުއްވި ބޭފުޅުންނާއި ޗާޕަށް ޓައިޕުކުރައްވާ މުވައްޒިފުންނަށް ވެސް އެއީ ކިހާ ސަމާލުކަމެއް ދެއްވައިގެން ކުރައްވާންޖެހޭ ކަމެއްކަން އެނގިވަޑައިގެން ދަސްފުޅުކުރައްވައިފައި އޮންނާތީއެވެ. މި ވަރުން އަދި ފުއްދަވައެއްނުލައްވައެވެ. ކުށްކަނޑުއްވާ ބޭފުޅަކާއި، ކުށް ކަނޑުއްވައިފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރައްވާ ބޭފުޅަކާއި އަދި ޗާޕަށް ފޮނުއްވުމުގެ ކުރީން އެންމެ ފަހުގެ ނިހާއީ ބެއްލެވުން ބައްލަވާ ބޭފުޅަކު ވެސް ހުންނަވާ ކަމަށްވެއެވެ. މިހާވަރަށް ބެލެހެއްޓެވިގެން މި މަސައްކަތް ކުރެވުނަސް މި މަސައްކަތް ކުރެއްވީ ހަމަ އިންސާނުންނެވެ. އެހެންކަމުން އެއް ފަހަރު "މަޖައްލާ" ޗާޕުޖެހިގެން އައި އިރު، ކުށެއް، އެންމެ ކުށެއް އޮވެގެން، މި ދެންނެވި ފަދަ އެންމެ ލަފުޒެއް، އެ ކުށުގެ "ކައްފާރާ"އަކަށް ނުފުދުނެވެ. އެ ކަމުގައި ޝާމިލުވެވަޑައިގެން އުޅުއްވި ތިން ބޭފުޅަކަށް އަދަބު ދެވުނެވެ. ޖޫރިމަނާކުރެވުނެވެ. ތައުދީބީ ފިޔަވަޅެއްގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ކުށް ތަކުރާރެއް ނުވެއެވެ.

ނަމަވެސް މިއަދު ފެންނަ މަންޒަރު ތަފާތެވެ. ފެންނަނީ ކިތަންމެ ބޮޑުކަމަކަށް މީހަކު އިހުމާލު ވިޔަސް، ވަކި ލަފުޒެއް ބޭނުންކޮށްލެއްވީމާ، އެ އިހުމާލުން ރެކެވޭ ތަނެވެ. ޒިންމާއިން ބަރީއަވެވޭ ތަނެވެ. ކުށް ޢަފޫވާތަނެވެ. ވީމާ، ކަމަކާމެދު ފަރުވާތެރިވާކަށް، ސަމާލުވާކަށް، ޒިންމާދާރުވާކަށް ފަރިތައެއް ނުވެވެއެވެ. ދަހެއް ނުވެވެއެވެ. ކޮންމެ ފަދަ ކަމެއް، ގަސްތުގައިކުރިޔަސް ނުވަތަ ފަރުވާކުޑަކަމުން ވިޔަސް، ނުވަތަ ސަމާލުކަން ނުދޭތީ އަތްދަށުން ދިޔަޔަސް، އެއްކަލަ "ކައްފާރާ ލަފުޒު" ބޭނުންކޮށްލީމާ ހުރިހާ ކަމެއް ނިމުނީއެވެ. އެ ލަފުޒަކީތޯއެވެ! އެއީ "މާތް" ލަފުޒެއް ކަމަށްވާ "އޮޅުމަކުން" މި ލަފުޒެވެ. ނަތީޖާއެއްގެ ގޮތުން މި ފަދަ ކަންތައްތައް، ޤައުމުގެ ރައްޔިތުންގެ ޙައިސިއްޔަތުން އަޅުގަނޑުމެން އެންމެ އާދައިގެ މީހުން ވެސް ލަދުގަންނަ މިންވަރަށް އިތުރުވަނީއެވެ.

ދާދިފަހުން އިވުނީ ކޮންމެވެސް ޢަދަދެއްގެ ފްލެޓްތަކެއް ޖުލައިމަހު އޭގެ ޙައްޤުވެރީންނާ ޙަވާލުކުރެވޭނެކަން "އޮޅުމަކުން" ބޭފުޅަކަށް އިޢުލާނުކުރެވުނު ޚަބަރެވެ. އެ ވަރުގެ ޚަބަރެއް، އަސާސަކަށް ބިނާ ނުކުރައްވައި އެތައް ބަޔަކަށް އުންމީދުތަކެއް ދެއްވުމަށްފަހު، އެއީ ދޮގެއްކަން އެނގިއްޖެ އެވެ. "އޮޅުމަކުން" ވީކަމެކެވެ. އެ ނިމުނީ ނޫންތޯއެވެ؟ އަދި އެއަށްވުރެ ބޮޑުކަމެކެވެ. ޚިޔާލުފާޅުކުރުމުގެ ޙައްޤުތަކާއި މިނިވަންކަމާ ބެހޭ ވާހަކައެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅަކާ ވެސް ޚިލާފު ކަމެކެވެ. ސަރުކާރާ އިދިކޮޅަށް މީސްމީޑިއާގައި ޚިޔާލުފާޅުކޮށްގެން ނުވަތަ ރައީސްގެ އަބުރުފުޅާ ބެހިގެން ނަސޭހަތްދީ އެކަން ނުހުއްޓައިގެން މުވައްޒިފަކު ވަޒީފާއިން ވަކިކުރި ޚަބަރެވެ. ވަކިކުރެއްވި ޗިޓް ޢާއްމުވީއެވެ. އެވެސް "އޮޅުމަކުން" ވީ ކަމަކަށް ވެއްޖެއެވެ. ނަމަވެސް ޗިޓްހެއްދެވި މުވައްޒިފަކާއި، ޗެކްކުރެއްވި މުވައްޒިފަކު ވެސް އަދި އެންމެ ފަހުން ސޮއިކުރެއްވި ވެރިޔަކު ވެސް ހުންނަވާނެތާއެވެ. މީޑީއާގައި ޚިޔާލުތަފާތުވެގެން މުއައްޒިފަކު ވަޒީފާއިން ވަކިނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭތީ، މަޝްހޫރު "އަބުރުގެ ޤާނޫނު" އުވައިލެއްވީ ވެސް މިއަދުގެ ސަރުކާރުންނެވެ. އެހެންވީ އިރު، މި ފަދަ ކަމަކާ މުވައްޒިފަކު ވަޒީފާއިން ވަކިކުރެއްވި ކަމަށް ޗިޓެއް ލިޔެ، ޗެކްކޮށް ސޮއިކުރެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ ދިމާ އިދިކޮޅު ކަމެކެވެ. ނަމަވެސް މި ވަރުގެ ކަމެއް ކުރެވުމުން ވެސް އެއްކަލަ ލަފުޒު ބޭނުންކޮށްލައިގެން އެއޮއް ބޮޑު ކުށުގެ ކައްފާރާ ދެވިއްޖެއެވެ.

މާލީ ބަޔާނެއްގައި ކުންފުނީގެ ނަންނުޖައްސަވައި "އޮޅުމަކުން" ޢާއްމުކުރެއްވިއްޖެއެވެ. ޖީސީ އޯލެވެލް ފެންވަރު މީހަކު ބޮޑު މުސާރަ އާއި އެކު ބޮޑު މިނިސްޓްރީއެއްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރަކަށް ބޭނުންވާ ކަމަށް ވެސް "އޮޅުމަކުން" އިޢުލާނުކުރެވުނީއެވެ. ކުންފުނި ތަކުގެ ޑިވިޑެންޑު ލިބުނު ކަމަށް ވެސް ދައުލަތުގެ އެންމެ މުހިއްމު އެއް މިނިސްޓްރީއިން "އޮޅުމަކުން" ލިޔުއްވައި ޝާއިޢު ވެސް ކުރެއްވިއްޖެއެވެ. "ހިއްސުތައް ގިނަ" ރިސޯޓެއްގެ މުވައްޒިފުން އެހެން ރަށްރަށަށް ދަތުރުކުރުން ވެސް "އޮޅުމަކުން" މަނާކުރެވިއްޖެއެވެ. އެއްތާވި މީހުން ދެނެގަތުމުގެ ތެރެއިން އުތުރުގެ އަތޮޅެއްގެ ވެރިރަށް ފާހަގަ ކުރެވުނު ކަމަށް ވެސް "އޮޅުމަކުން" ވިދާޅުވެ އެ ރަށު މީހުން ސިއްސުވައިލެވިއްޖެއެވެ. ހަމަ މި ދެންނެވި އަތޮޅުގެ އެހެން ރަށެއްގެ މީހަކު ފައްސި ނުވަނީސް ފައްސިވީކަމަށް ވެސް "އޮޅުމަކުން" އިޢުލާނުކުރެވިއްޖެއެވެ. ދައުލަތުގެ ވަރަށް އިސް ވެރިއެއްގެ ޓްވީޓާރ އެކައުންޓް ހެކްކުރެވުނީ ކަމަށް ބަޔަކަށް ހީކުރެވުނަސް، އެއީ "އޮޅުމަކުން" ޓްވީޓެއް ކުރެއްވުނީކަން ފަހުން ހާމަވިއެވެ. މި ލިސްޓް ދިގު ކުރުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ؟ އެކަމަކު އަދި އެއް ވާހަކައެއް ފާހަގަކޮށްލާނަމެވެ. ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ޖުޒާމުބަލީގެ އަސަރެއް ވެސް ނެތީސް އެ ރަށުގައި ޖުޒާމުބަލި ފެތުރެނީ ކަމަށް ވިދާޅުވެ އެ ރަށުގެ ރައްޔިތުން ސިއްސުވައިލެވުނީ ވެސް އޮޅުމަކުންނެވެ.

މި ލިސްޓްގައި ދެން ހުރި ކަންތައް ވެސް އެއީ އެންމެން ދަންނަ ކަންތަކެވެ. މިއިން ކޮންމެ ކަމެއް "އޮޅުމަކުން" ކުރެއްވުނީ ކަމަށް ވިދާޅުވީމާ އެއީ "ފުދުނީ" ކަމަށް ވާނަމަ، ކުރިމަގުގައި ދިމާވާނީ ކޮންފަދަ ކަންތައްތަކެއް ކަމެއް ވެސް އިޙުސާސްކޮށްލާކަށް ވެސް ނޭނގޭނެއެވެ. އަޅުގަނޑު ވަކި ބޭފުޅެއްގެ ވަކި ރަށެއްގެ ނަން ގަސްތުގައި ފާހަގަނުކުރީ، އަޅުގަނޑުގެ މި ލިޔުން ވަކި ބޭފުޅަކަށް އަމާޒު ނުކޮށް މައްސަލައަށް، އެ ކަންކަމަށް އަމާޒުކުރާތީއެވެ. އިޞްލާޙަށް އެދިގެންނެވެ. ޤައުމުގެ އާދައިގެ ނަމަވެސް ރައްޔިތެއްގެ ހައިސިއްޔަތުން މި ނޫން ގޮތަކަށް މި ވާހަކަ ކަމާބެހޭ އިދާރާތަކުގައި ވަކިވަކީން ދެންނެވުމުގެ ޤާބިލުކަން އަޅުގަނޑުގެ ނެތީތީއެވެ.

އާދެހެވެ! "އޮޅުމަކުން" މިއީ ވަރަށް ރީތި ލަފުޒެއް ކަމަށް ވެދާނެއެވެ. އަދި ކައްފާރާ ލަފުޒަކަށް ވެސް ވެދާނެއެވެ. ނަމަވެސް މި ފަދަ ހުރިހާ ކަމެއް އަޞްލުގައި ގޮސް ރައްދުވާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ އިސްތަށިފުޅަށެވެ. މިއިން ކޮންމެ ކަމެއް، "އޮޅުމަކުން" ވުމުގައި އޮތީ ދެތިން ސަބަބެކެވެ. ގަސްތުގައި ވަކި ބޭފުޅަކު، ނުވަތަ ވަކި ބަޔަކު ބަދުނާމުކުރުމުގެ ގަސްތެވެ. ނުވަތަ ކަމަށް ކަމޭހީނުކުރުމުގެ ވިޔާނުދާ އާދައެވެ. ނުވަތަ ފަރުވާކުޑަކަމުގެ އިންތިހާއެވެ. ނޫންނަމަ، ޒިންމާއަދާކުރުމުގައި އިހުމާލުވުމެވެ. ނުވަތަ ކަންކަމަށް ދޭ ސަލާމުކަންކުޑަވުމެވެ. ނުވަތަ މިހުރިހާކަމެއްގެ އަޞްލުކަމުގައިވާ "ނާޤާބިލުކަމެވެ."

ނޭދެވޭ ނުރަނގަޅު ކަމެއް ކުރެވިއްޖެ ނަމަ، އެކަމެއްގެ ޒިންމާ އުފުއްލާންޖެހޭ މީހަކު ހުންނާންވާނެއެވެ. އެކަމެއްގެ ކުޑަބޮޑުމިނުން އެކަށޭނަ ފިޔަވަޅު އެ މީހަކަށް އެޅޭންވާނެއެވެ. އަދަބުދެވޭންވާނެއެވެ. މުޅި ދައުލަތް ބަދުނާމުވާ ފަދަ ކަންކަން މެދުވެރިވުމުން، އަޅާފިޔަވަޅަކީ، "ފިޔަވަޅަކަށް" ވާންވާނެއެވެ. މި ހުންނަނީ ފިރުމައިލުމަކުން، ކުރިއެރުމެއް ދިނުމަކުން، ނުވަތަ ތިޔަ ހެދީ ކިހިނެއްހޭ ބުނެލުމަކުން، ނުވަތަ ހިނިގަނޑަކުން ފުއްދައިލެވޭވަރަށްވުރެ، ބޮޑެތި ކަންތަކެވެ. މި ފަދަ ފަރުވާކުޑަ ޢަމަލުތައް ކުރާ މުވައްޒިފުންނަށް ވަރުގަދަ އިންޒާރަކުން، ބޮޑު ޖޫރިމާނާއަކުން ނުވަތަ މަޤާމު ދަށްކުރުމަކުން، ނުވަތަ މަޤާމުން ވަކިކުރުމަކުން، ނުވަތަ އެއަށްވުރެ ވަރުގަދަ ފިޔަވަޅަކުން ނަމަވެސް އެހެން މީހުންނަށް، އެހެން މުވައްޒިފުންނަށް ޢިބްރަތަކަށް ވާފަދަ ތައުދީބީ ނުވަތަ ޤާނޫނީ ފިޔަވަޅު އެޅެންވާނެއެވެ. އެހެން ނޫންނަމަ، "ކައްފާރާގެ ލަފުޒު"ގެ ޙިމާޔަތުގައި ތިބެ ކޮންމެ ފަދަ ކަމެއްވެސް ކުރުމުގެ ފުރުޞަތު އެބަ އޮތް ނޫންތޯއެވެ! އޭރުން ހުރިހާ ވެސް ބަދުނާމެއް އެންމެ ފަހުން ރައްދުވާނީ އަޅުގަނޑުމެން އިންތިޚާބުކޮށްފައިވާ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅަށެވެ.


ކިޔުންތެރިންގެ ހިޔާލު


13

ޚަލީޖް

23-Aug-2020

“ޔާމީނު ސަރުކާރުގައި އޮޅުމަކުން ވެފައި ހުރި ކަންކަން އަބްދުލްއަޒީޒުޖަމާލަށް ލިސްޓުކޮށްދޭނެ ބަޔަކު އެބަޖެހޭ.” ކޮންޓްރެކްޓް ދީގެން މީހުންލައްވައި ދޯ ކުރަން ޖެހެނީ އެކަންވެސް?


2

ހަސަނު

11-Jun-2020

ޔާމީނު ސަރުކާރުގައި އޮޅުމަކުން ވެފައި ހުރި ކަންކަން އަބްދުލްއަޒީޒުޖަމާލަށް ލިސްޓުކޮށްދޭނެ ބަޔަކު އެބަޖެހޭ. ތިމާ މީހާ ތާއީދު ކުރާ ސަރުކާރު އޮންނައިރު އަވިއައިނު އަޅައިގެން އުޅެއުޅެފައި ސަރުކާރު ބަދަލުވުމުން އެކަނި ދެލި ހިނގާ ގަލަމެއްތަ ތީ



ޓްރެންޑިން