އީމެއިލް ނުވަތަ އީމެއިލް އައިޑީ އަކީ އަޅުގަނޑުމެން ބޭނުންކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ރަސްމީ އެކި ބޭނުންތަކުގައި މުޢާމަލާތް ކުރަން ބޭނުންކުރަމުންދާ އެންމެ އާންމު އެއް ވަސީލަތެވެ. އެގޮތުން އިންޓަރނެޓް ބޭންކިންގ ޚިދުމަތުގައާއި ފައިސާގެ އެހެން މުޢާމަލާތްތަކުގައިވެސް އީމެއިލް އަކީ ބޭނުންތެރި ވަސީލަތެކެވެ.

އީމެއިލް އައިޑީ ބޭނުންކޮށްގެން އެމީހެއްގެ އިންޓަރނެޓް ބޭންކިންގއަށް އެކްސަސްވެ އެއިން މަންފާ އެހެން މީހަކަށް ނެގިދާނެކަމަށް ނުވަތަ ނަގައިފާނެކަމަށް އަޅުގަނޑުމެންނަށް ނުވިސްނިދާނެއެވެ. ނަމަވެސް މިއީ ކުންހީއެކެވެ. އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ.


ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، މަކަރާއި ހީލަތުގެ މައްސަލަތައް ގިނަކަން ވަނީ ފާހަގަކުރެވިފައެވެ. ވަކިން ހާއްސަކޮށް ފޯނުން ގުޅައިގެން އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ޚިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތަކެވެ. އެގޮތުން ފާއިތުވި ހަފްތާ ތެރޭގައި މިފަދަ 41 މައްސަލައެއް އެޑިޕާޓްމަންޓަށް ހުށަހެޅިފައިވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކަކީ އެކަން ކުރާ ފަރާތްތަކުން ތައްޔާރުވެ، ވަރަށް ރޭވުންތެރިކަމާއެކު ކުރަމުންދާ ކުށަކަށްވާއިރު، މިފަދަ ކުށްތައް ކުރާ ގޮތްތައް އެކި ދުވަސްވަރަށް އެކި ބަދަލުތައް ގެނެސްގެން އެމަޅީގައި ގިނަ ބަޔަކު ޖައްސައި، އެތައް ފައިސާއެއް މަކަރާއި ހީލަތުން ހޯދާފައި އެބަހުއްޓެވެ.

އެގޮތުން މިހާރަކަށް އައިސް ބޭނުންކުރަމުންދާ އެއް އުކުޅަކީ ފްލެޓް ލިބިފައިވާކަމަށް ބުނެ އެޗްޑީސީގެ ނަމުގައި މޯބައިލް ނަންބަރަކުން ގުޅައި، ހުޅުމާލެއިން ފްލެޓަށް ފޯމް ހުށަހެޅި މީހުންގެ ތެރޭގައި ޝޯޓްލިސްޓު ކުރެވުނުކަމާއި ފްލެޓް ލިބިފައިވަނީ "ޖީ" ކެޓަގަރީއަކުންކަމަށް ބުނެއެވެ. އަދި އެކަމާ ގުޅުންހުރި ޑޮކިއުމެންޓްތައް ފޮނުވުމަށްޓަކައި އީމެއިލް އައިޑީ ބޭނުވާކަމަށް ބުނެއެވެ.

އީމެއިލް އައިޑީ ލިބުމާއެކު ޑޮކިއުމެންޓްތައް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވިފައިވާކަން ކަށަވަރު ކުރުމައްޓަކައި ފޯނަށް މެސެޖެއް އަންނާނެކަމަށް ބުނެއެވެ. ނަމަވެސް ހަގީގަތުގައި މިއަންނަ މެސެޖަކީ "ޖީ" އިން ފެށޭ ޖީމެއިލްއަށް ވަނުމަށް ބޭނުންކުރާ ޓޫފެކްޓަރ އޯތެންޓިކޭޝަން ކޯޑެވެ. ނަމަވެސް ގިނަ ފަރާތްތަކަށް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، ފްލެޓް ލިބިފައިވާ ކެޓަރީއާއި ކޯޑު ފެށޭ އަކުރާ ދިމާވާތީ ގިނަ ބަޔަކަށް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެވި، ނުވަތަ ސަމާލުކަން ނުދެވި އެ ކޯޑު ފޯނުން ގުޅި ފަރާތާ ހިއްސާކުރެއެވެ. މި ކޯޑް ހިއްސާކުރުމާއެކު ޖީމެއިލްގެ އެކްސަސް އެދެވުނީއެވެ.

ފޯނަށް ގޫގުލްއިން އަންނަ މެސެޖު ހިއްސާކުރެވޭ ހިސާބުން ފެށިގެން އެކައުންޓުގެ ކޮންޓްރޯލް ޕްރައިމަރީ ސަސްޕެކްޓަށް ލިބެއެވެ. އަދި އީމެއިލްއަށް ވަނުމަށްފަހު ޖީމެއިލް ޕާސްވޯޑް ރިސެޓްކޮށް، އެއަށްފަހު ކްރޯމްއަށް ލޮގިންވެ ސެޓިންގްސްއަށް ވަނުމުން ސޭވްކޮށްފައިވާ ލޮގިންތަކާއި ޕާސްވޯޑްތައް ފެންނަން ހުރެއެވެ. އަދި ބޭންކާ ކޮށްފައިވާ މުއާމަލާތްތައް ފިލްޓަރކޮށް، ބެންކާއި ކޮށްފައިވާ މުޢާމަލާތްތައް ބަލައި އިންޓަރނެޓް ބޭންކިންގ އަށް ވަދެއެވެ. އަދި އިންޓަރނެޓް ބޭންކިންގ ޕާސްވޯޑް ސޭވްކޮށްފައި ނެތްކަމުގައިވީނަމަވެސް އިންޓަރނެޓް ބޭކިންގ ބޭނުންކުރާ އީމެއިލް އަކީ އެއީކަމަށް ވާނަމަ ފޮގެޓް ޕާސްވޯޑަށް ގޮސް އީމެއިލް އާއި އައިޑީ ކާޑު ނަންބަރު އެނގޭކަމުގައިވާނަމަ ޕާސްވޯޑް ރިސެޓްކޮށްލުމަކީ ފަސޭހަކަމެކެވެ.

އިންޓަރނެޓް ބޭންކިންގއަށް ވަނުމަށްފަހު އެކައުންޓަކުގައި ހުރި ފައިސާ މެއިން ސަސްޕެކްޓް އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްކުރެއެވެ. މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްގެ ވެރިފަރާތަކީ މެއިން ސަސްޕެކްޓް ދަންނަ ރައްޓެއްސަކަށް ހެދިގެން އަދި ވަރަށް އާޖެންޓްކަމެއް ނުވަތަ އެމަރޖެންސީއެއް ދިމާވެގެން ޓްރާންސްފަރ ކުރާ ފައިސާ ކޮޅެއް ނަގައިދިނުމަށް އެދި އޮޅުވާލައި ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ މީހެކެވެ.

އެގޮތުން އަންހެނުން، މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫންވެސް އާއިލާ މީހަކު ބަލިވެގެން އުޅޭކަމަށް ބުނެ ވަރަށް އާޖެންޓްކޮށް ފައިސާކޮޅެއް ނަގަން ބޭނުންވާކަމަށް ބުނެ އެކައުންޓް ނަންބަރު ހޯދައި ފައިސާ ޓްރާންސްފަރކޮށް، ފައިސާ ނަގައެވެ. އަދި ފައިސާތައް ނަގުވައި ތަފާތު އެކި މީހުން އެފައިސާއާ ހަވާލުވާން ދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ސްކޭމް ކޯލުތަކުގައި ލެޖިޓް ކޯލްތަކެއް ގޮތުގައި ދެއްކުމަށްޓަކައި ކޮންފަރެންސްކޮށް އިތުރު މީހުންވެސް ބައިވެރިވެއެވެ. އަދި މިފަދަ ކޯލުތަކުގައި އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރާކަން ފާހަގަކުރެވިފައިވެއެވެ.

މި ލިޔުމުގައި ފާހަގަކޮށްފައިއެވަނީ މިފަދަ މައްސަލަތަކުގައި އާންމުކޮށް އެކަންކޮށްފައިވާ ގޮތެވެ. ނަމަވެސް މިހާރު އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، އެކައުންޓަށް ވަނުމަށްފަހު ފައިސާ ބޭނުންކުރާ ގޮތް ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން ކުރިން އޭޓީއެމްތަކުން ފައިސާ ނެގިކަމުގައިވީނަމަވެސް، ބޭންކިން ޚިދުމަތުގައި ބޭނުންކުރާ އީވޮލެޓް ޚިދުމަތް ބޭނުންކޮށްގެން ފޯނުފަދަ ތަކެތި ގަނެފައިވާކަން ފާހަގަކުރެވިފައެވެ. ނަމަވެސް ފޯނުފަދަ ތަކެއްޗަކީ ޓްރެކް ކުރެވޭނެ އެއްޗެއްސަށްވުމުން މިހާރު ވަނީ ގަޑިއާއި ރަން އަދި އެކި ވައްތަރުގެ ގަހަނާއާއި އިލެކްޓްރޯނިކްސް ސާމާނުތައް ގަންނަން ފަށާފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުން ވެފައި އޮންނަނީވެސް އުނދަގޫ މަސައްކަތަކަށެވެ. މިފަދަ މައްސަލަތަކަކީ އަޅުގަނޑުމެން އެންމެވެސް މިހާރަށްވުރެ ހޭލުންތެރިވެ، ސަމާލުކަން ދީފިނަމަ މަދުކުރެވޭނެ ބާވަތުގެ މައްސަލައެކެވެ.

އެގޮތުން އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއް ޒާތީ މަޢުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މަޢޫލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅިކަމުގައިވީނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ބޭންކާއި، އެޗްޑީސީ އާއި އެނޫންވެސް ތަނަކުން އެމީހެއް ޒާތީ މަޢުލޫމާތު ނުވަތަ އައިޑީ ކާޑު ނަންބަރާއި އޯޓީޕީ ފަދަ މަޢުލޫމާތު ހޯދުމަށް ނުގުޅާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ވަކިން ހާއްސަކޮށް ފްލެޓް ލިބިފައިވާކަމަށް ބުނެ ގުޅައި އީމެއިލްއާއި އައިޑީ ކާޑު ނަންބަރު ފަދަ މަޢުލޫމާތު ހޯދާއިރު، ފްލެޓަށް ހުށަހަޅާފައިވޭތޯއާއި ފްލެޓަށް އެދޭއިރު ފޯމުގައިވެސް މިފަދަ މަޢުލޫމާތު ދީފައި ހުންނާނެކަން ދަނެ، އަލުން އެމަޢުލޫމާތު ހޯދުމަށްޓަކައި އެތަންތަނުން ނުގުޅާނެކަންވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ. ހަމައެއާއެކު ބޭނުންކުރާ އީމެއިލް އަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައި އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު