ލުހާ: ވޫލްގަތަނީ
ލުހާ: ވޫލްގަތަނީ
މިއީ ރާއްޖޭގައި ފާއިތުވި ދިރާސީ އަހަރުގެ ސާނަވީ ތައުލީމު ހާސިލްކުރި ދަރިވަރުންގެ ނަތީޖާ ލިބުނު ދުވަސްވަރެވެ. ހަމަ މިއާއެކު ރަގަޅު ނަތީޖާ ހާސިލް ކުރިދަރިވަރުން ފާހަގަކޮށް އެކުދީންނަށް ހިތްވަރުދެމުންގެންދާ ދުވަސްވަރެވެ.

އެކަމަކު އަޅުގަނޑުމެން މިފަހަރު ފާހަގަކުރަން މިއުޅެނީ އެފަދަ ނަތިޖާއެއް ހާސިލްކުރި ދަރިވަރެއްގެ ތަފާތު ވާހަކައެކެވެ. ދައްކަން މިއުޅެނީ ކިޔަވައިގެން ނުކުންނަ ކުދިންނަށް އަދި ވަކިން ހާއްސަކޮށް ގޭގައިތިބެގެން ކުރާނެ ކަމެއްގެ އިންތިޒާރީގައި ތިބި އަންހެންކަނބަލުންނަށް ރަނގަލު މަގެއް އިހުތިޔާރު ކުރަން ފުރުސަތު ލިބިގެން ދާނެ ފަދަ ވާހަކައެކެވެ.

އައްޑޫސިޓީ ޝަރަފުއްދީނު ސްކޫލުން ގްރޭޑް 10 ނިންމައި މިހާރު އޭލެވެލްގައި ކިޔެވުންފެށުމަށް ތައްޔާރުވަމުން އަންނަ އުމުރުން 16 އަހަރުގެ ލުހާ ޖިހާދަކީ އަންހެންކުދީންނާއި އަދި އަންހެންކަނބަލުންނަށްވެސް ނަމޫނާއެކެވެ. އެކަމަށް ހެކިދެނީ ލުހާގެ ހުނަރުވެރި އަތްތެރި މަސައްކަތެއް ކަމަށްވާ ވޫލްގެތުމުގެ މަސައްކަތާއި ކޭކް އެޅުމުގެ މަސައްކަތުންނެވެ.



* ކޭކް އަޅަން ފެށުނު ގޮތް:

ލުހާ ބުނިގޮތުގައި ކޭކް އަޅަންފެށުނީ ވަރަށް ކުޑައިރު މަންމައަށް ބަދިގޭގެ ކަންތަކުގައި އެހީވެއުޅުމުގެ ތެރޭގައެވެ. އަދި ކޭކަކީ ގޭގެ އެންމެނަށްވެސް މީރުއެއްޗެއް ކަމަށް ވާތީ މަންމަ ވަރަށް ގިނައިން ކޭކު އަޅާކަމަށެވެ. ކޭކް އަޅަން ދަސްވީ މަންމަ ކޭކް އަޅާތަން ފެނިގެންކަމަށް ލުހާ ބުންޏެވެ.

ކޭކު އަޅަންފެށި އިރުވެސް ލުހާއަކީ ބައެއް ކަހަލަ ރެސިޕީތަކަށް އެއްޗެހިތައް ތައްޔާރު ކުރަން ނުހަނު ޝައުޤުހުންނަ ކުއްޖެކެވެ. އެގޮތުން ބައެއް ކަހަލަ ރެސިޕީތައް ބަލައިގެން ކާބޯތަކެތި ލުހާ ތައްޔާރުކޮށް ހަދައެވެ.

"ކޭކަކީ ގޭގެއެންމެންނަށްވެސް ވަރަށް މީރު އެއްޗެއް. އެހެންވެ މަންމަ އަޅާނެ ކޭކް ވަރަށް ގިނައިން، މަންމަ ކޭކްއަޅާތަން ފެނި ދަސްވީ އޭރު ހަނދާންވާގޮތުން އުޅޭނީ ގްރޭޑް5 ގައި." ކޭކު އަޅަން ޝައުގު އުފެދުނު ގޮތް ހިއްސާކުރަމުން ލުހާ ބުންޏެވެ.



ލުހާ ބުނީ ކޭކް ޑެކަރޭޓްކުރަން ފެށީ ކޮއްކޮއެއްގެ އުފަންދުވަހަށް ތައްޔާރު ކުރި ކޭކަކުންކަމަށެވެ. އޭގެ ފަހުން ސްކޫލް ޓީޗަރުންގެ އުފަންދުވަހަށްވެސް ޑެކަރޭޓްކުރަން ފެށީއެވެ. އެހިސާބުން މަޑުމަޑުން އޯޑަރުތައްވެސް ލިބެންފެށުމުން ކިޔެވުމުގެ ކަންތައްތަކުގަ އުޅުމަށް ފަހު ވަގުތު ހުސްކޮށްގެން ކޭކް އަޅަންފެށީ އެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ދެމުން ލުހާގެ މަންމަ ބުނީ ލުހާ ސްކޫލުން އައިސް އާއްމުގޮތެއްގައި ދުވަހުގެބާކީ ވަގުތު އެކީގައި އުޅޭނީ ގޭގައި ކަމަށާއި ހުސްވަގުތު އެހެން އެކި ކަހަލަ ކަންތައްކުރަން އުޅޭ ކަމަށެވެ.

"އެހެންވެ ކާން ބޭނުންވާ އެއްޗެއް އަމިއްލައަށް ތައްޔާރުކޮށް ކައްކައިގެންވެސް ކައިހަދާނެ. އެގޮތަށް ކޭކްވެސް އަމިއްލައަށް އަޅާނެ ވަރަށް ކުޑައިރު." ލުހާ މަންމަ ބުންޏެވެ.

* ވޫލްގެ މަސައްކަތް ފެށުނުގޮތް:

ލުހާ ބުނިގޮތުގައި މިމަސައްކަތް ފެށިތާ މާގިނަ ދުވަސްތަކެއް އަދި ނުވެއެވެ. ވާނީ ގާތްގަޑަކަށް ހަމަސްކަމަށް ލުހާ ބުންޏެވެ.

ލުހާ ކިޔައިދިން ގޮތުގައި ވޫލް މަސަކަތް ދަސްކުރަން ޝައުގުވެރިވީ މަންމަ ފަހަން ގެންގުޅޭ ފަހާފޮށީގެ ބޮކްސް އެއްގެ ތެރެއިން ގަތާ ކަށްޓެއް ފެނުމުން އެކަށިން ވޫލްގަތާގޮތް ޔޫޓިއުބުން ބަލާލުމުންނެވެ. ގަތާގޮތް ފެނުނީމައެވެ. އަދި ވަރަށް އަވަހަށް ގަތަން ދަސްވި ކަމަށްވެސް ލުހާ ބުންޏެވެ.



"ވަރަށް ޝައުގުވެރިވި އަދި އަޖުމަ ބަލާލަން ޓްރައި ކުރީ. ވަރަށް ފަސޭހައިން ހަމަ އެ ދުވަހު ދަސްވެއްޖެ." ލުހާ ބުނެފައިވެއެވެެ.

ލުހާ މަންމަ ބުނިގޮތުގައި ގޭގައި ގިނަވަގުތު ހޭދަކުރާއިރު، ފޫހިވީމަ އެކި ކަހަލަ ކަންތައް ލުހާ ކޮށް އުޅެއެވެ.

"އެއްޗެއް ކުރަހާފާނެ، ކޭކެއް އަޅާފާނެ ނޫނީ ކޮންމެވެސް އެހެން ކަމެއްގައި އުޅެފާނެ. ކޭކް އެޅުމާއި މިފަހުން ވޫލް ގެތުމުގެ މަސައްކަތް ލުހާ ވަރަށް ޝައުޤުވެރި ކަމާއެކު އެކަން އެކުރަނީ." ލުހާ މަންމަ އިތުރަށް ކިޔައިދިނެވެ.

މިހާރު ވޫލް ބޭނުންކޮށްގެން އަތްދަބަސް ތޮފި، މާބޮނޑި އަދި އަންގި ފަދަ ތަކެތި ލުހާ ތައްޔާރު ކުރެއެވެ.

ވޫލް ގަތަން ދަސްވިފަހުން ލުހާގެ މަސައްކަތް ފެނިގެން ލުހާގެ ދޮންބެ ލުހާއަށް އެހީތެތިވުމުގެ ގޮތުން ވޫލްގަތާކަށްޓާއި އެކަމަށް ބޭނުންވާ ވޫލް ހޯދަދޭކަމަށްވެސް ލުހާ ބުންޏެވެ. ލުހާގެ މަސައްކަތްތަކަށް އެހީތެރިވެދީ ހިތްވަރު ދޭތީ ލުހާވަނީ ދޮންބެއާއި މަންމައާއި ބައްޕައަށްވެސް ޝުކުރު އަދާކޮށްފައެވެ.



ލުހާ ބުނިގޮތުގައި އޯޑަރުތައް ލިބުނު ނަމަވެސް ކިޔަވާތީވެ ބައެއް ފަހަރު ވަގުތު ލިބެނީ ވަރަށް މަދުންނެވެ. ދެތިން ދުވަސްކުރިން ލިބޭ އޯޑަރަށް ކޭކެއް އަޅަން ވަގުތު ލިބުނު ނަމަވެސް ވޫލް މަސައްކަތައް ހަފްތާއެއްވަރު ކުރިން އޯޑަރު ބޭނުންވާ ކަމަށެވެ. އެއީ ވޫލް މަސައްކަތަށް ގިނަވަގުތު ބޭނުންވާތީއެވެ.

ތެދެކެވެ. ބޭގެއް ތައްޔާރުކުރަން 3 ދުވަސް ނަގައެވެ. އެއީ ދުވާލެއްގެ މައްޗަށް 2 ގަޑި ނޫނީ 3 ގަޑި އިރު ހޭދަކޮށްގެންނެވެ. އަދި މާބޮޑިއެއްގެ ހުންނަ އެންމެ މަލެއް ގަޑިއެއްހާއިރު ހޭދަވާއިރު 5 މަލުގެ މާބޮނޑިއެއް ނަމަ 5 ގަޑިއިރު ހޭދަވެއެވެ.

ހަމަގައިމުވެސް ވޫލް ބޭނުންކޮށްގެން އެއްޗެއް ތައްޔާރުކުރުމަކީ ވަރަށް ގިނަވަގުތު ބޭނުންވާ އަދި އެކަމަށް ޝައުގުހުރެގެން ކުރެވޭނެ ކަވި ކަމެކެވެ.

ލުހާއަށް މުނާސަބާތަކަށް މާބޮނޑިތައްޔާރު ކުރަން އަދި ކޭކް އަޅަން އޯޑަރު ލިބެއެވެ. މިފަދަ އޯޑަރެއް ދޭން ބޭނުން ނަމަ، ފޭސްބުކް ޕޭޖް، ލޫލޫކޭކްސް މެދުވެރިކޮށްވެސް އޯޑަރުދެވޭނެއެވެ.

ރަސްއޮންލައިންގެ ފަރާތުން އެދެނީ ލުހާގެ މިމަސައްކަތުގައި އާ ހަރުފަތަކަށް ދެވި، ލުހާގެ ޥޫލްގެ މަސައްކަތްތައް އެފަދަ މަޢުރަޒެއްގައި ފެނިގެންދިޔުމެވެ. ލުހާގެ މި މަސައްކަތްތައް ނަމޫނާއަކަށް ބަލައިގެން ދިވެހި ޒުވާން ކަނބަލުން ހިތްވަރުލިބިގަނެ، ގޭގައި ތިބެގެން މިފަދަ އިތުރު މަސައްކަތްތައް ކުރުމަށް ޝައުގުވެރިވުމެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ާމަރިޔަމް ހުދުނާ

19-Sep-2022

ލުހާއަކީ ވަރަށް ހުނަރުވެރި ކުއްޖެއް. މިފަދަ ދިވެހި ދަރިން މުޖުތަމަޢަށް ވަރަށް މުހިއްމު. ލުހާއަށް އިތުރު ކާމިޔާބީއެދެން.



ޓްރެންޑިން