މިއީ ޤުދުރަތުން އަހަރަމެންނަށް ﷲ ދެއްވާފައިވާ ޖަވާހިރެއްފަދަ ޤައުމެކެވެ. ބޭރުގެ ކަރަކަރައިގެ ޖަންގަލިތަކުގައިވާ ނުރައްކާތެރި އަދި މީހުން ބިރުގަންނަފަދަ، އެއްވެސް ޖަނަވާރެއް މިރާއްޖެއަކު ނޫޅެއެވެ. މިރާއްޖޭގެ %99 އަކީ ކަނޑުކަމުގައިވިޔަސް ކަރަކަރައިގެ ބިޔަ ކަނޑުތަކުގައިވާފަދަ، ނުރައްކާތެރި ޖަނަވާރުންތަކެއް މިކަނޑުތަކުގައި ނޫޅޭނޫންތޯއެވެ؟

ހިތްހަމަ ޖެހުމާ، އުފަލާ އެންމެ އަރާމުގައި، ރާއްޖޭގެ މަތީންވިޔަސް، އަދި ކަނޑުންވިޔަސް ނުވަތަ އެއްގަމުމަގުން ނަމަވެސް އެމީހަކު ބޭނުންތާކަށް އެއްވެސް ބިރެއްނެތި އަދި ހުރަހެއްނެތި ދަތުރުކުރުމުގެ އުފާލިބުމަކީ ކޮންފަދަ ނިޢުމަތެއްތޯއެވެ؟ މިއީ މިރާއްޖޭގެ ކޮންމެ ރައްޔިޔަތަކަށް އަޅުގަނޑުމެންނަށް ލިބިފައިމިވަނީ، ބޮޑުވެގެންވާ ނިޢުމަތެއްކަމުގައި ޤަބޫލުކުރާންޖެހެއެވެ.

ދައްކަންމިއުޅެނީ މިހާރަކަށްއައިސް ކޮންމެ ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައެކެވެ. މީސްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި މިކަމަށް ބަހުސްކުރަމުންދަނީ، މިއީ އެއްބައިވަންތަ އެއް ބައެއްކަމުގައި ޤަބޫލުވެސްނުކުރާ ދަރަޖައަކަށެވެ. އެއީ "މާލޭމީހުންނާ" އަދި "ރާއްޖެތެރޭ" މީހުންގެ ވާހަކައެވެ. ފަށަމާތޯއެވެ.

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ހ) ގައި، ބަޔާންކޮށްފައިވާ "ދަތުރު ފަތުރުކުރުމާއި، ވަޒަންވެރިވުމުގެ މިނިވަންކަން" މި ސުރުޚީއަށް އަލިއަޅުވާލުމަކީ މިއަދު މިއިވޭ އަޑުތަކަށްބަލާއިރު، ޚުލާސާކޮށްލަންޖެހޭ މުހިއްމު ނުކުތާއެކެވެ. 41 ވަނަ މާއްދާގައިކަށަވަރުކޮށްދީފައިވަނީ "ރާއްޖެއިން ފުރައިގެންދިޔުމާއި، ރާއްޖެއަށް އެނބުރިއައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކިތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާކަމުގައެވެ." އަދި ހަމަ އެމާއްދާގެ (ށ) ގައި ބަޔާންކުރަނީ "ދިވެހި ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެރައްޔިތަކަށްމެ ލިބިގެންވެއެވެ." އަދި ހަމައެޔާއެކު، "އެރަށެއްގައި ދިރިއުޅޭ މީހުންނަށްލިބޭ ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެރައްޔިތަކަށްމެ ލިބިގެންވާކަމަށްވެސް އެމާއްދާގެ (ނ) ގައި ވަރަށްސަރީޙަ ޢިބާރާތުން ކަޅުއަކުރުން ލިޔެފައިވެއެވެ.

ވީއިރު މާލޭ މީހުންނާ، އަތޮޅުތެރޭމީހުން ނުވަތަ މާލޭގެ "ބޭފުޅުން" ކިޔުއްވާގޮތަށްލިޔާނަމަ "ރާއްޖެތެރޭމީހުންނާ" ތަފާތުކުރަން އޮތީކޮން ޙުއްޖަތެއްތޯއެވެ؟ މާލޭގެ ރައްޔިތުން ސަރުކާރަށް ދައްކާ ޓެކްހަށްވުރެ އެތަށްގުނަ ބޮޑު ޢަދަދެއް އަތޮޅުތެރޭގެ ރައްޔިތުން ސަރުކާރަށް ޓެކުހުގެގޮތުގައި ދައްކައެވެ. އަދި ހަމައެޔާއެކު، މާލެޔާ އަތޮޅުތެރެއާ ތަފާތު ކުރުމަށް، އަދި ތަފާތުތަކެއް އޮތްކަމަށް ދައްކަން މަސައްކަތްކުރިޔަސް އެތަފާތު ޖިސްނާމީ ޙުދޫދުގެ ތެރެއިިން އެއްވެސް ސަރުކާރަކަށް ނުގެނެވޭނެއެވެ.

ވެރިރަށް މާލެއަކީވެސް އަތޮޅުތެރޭގެ "ނިކަމެތި" ރައްޔިތުން ކުރިއެރުވި ރަށެކެވެ. ރާއްޖޭގެ އަތޮޅުތައް އިދާރީގޮތުން ބެހިފައިވާ ގޮތްތަކަށްބަލާއިރުވެސް މާލެއަކީވެސް އަތޮޅުތެރޭގެ އެހެނިހެން ރަށްތަކެކޭ އެއްފަދައިން ހަމަ ރަށެކެވެ. މާލެ މާލެއަށް ޚާއްސަވީ މިރަށުގައި ރާއްޖޭގެ ވެރިކަންކުރާތީއެވެ. ދިވެހި ރާއްޖޭގެ ޖުމްލަ ރައްޔިތުންނަށް ތަފާތު ޚިދުމަތްތައް ކޮށްދިނުމަށް ނުވަތަ ފޯރުކޮށްދިނުމަށް އެކަށައަޅާފައިވާ މައިގަނޑު މުޢައްސަސާތައް މިރަށުގައި ހުރީމައެވެ. މިރަށްވެސް އުފެދިފައިވަނީ ކަޅުފަހާ، ހުދުފަސް އޭގެމައްޗަށް ބިނާވެ، ރުއްގަހާ، އަދި މާމެލާމެލީގެ ބަގީޗާތަކުންނެވެ. އަތޮޅުތެރޭގެ އެހެނިހެންރަށްތަކާ އުސޫލީގޮތުންބަލާއިރު މާލެ ތަފާތުވާނެ އެއްވެސް ޙުއްޖަތެއްނެތްމެއެވެ.

އެހެންކަމަށްވުމާއެކު، ވަކިމާލޭގެ ރައްޔިތުންނަށް ބޯހިހިޔާވަހިކަން ކަށަވަރުކުރަންގޮވާލާއިރު އަތޮޅުތެރޭގެ މާލޭގައި ދިރިއުޅޭ ރައްޔަތުންނަށްވެސް އަދި އަތޮޅު ތަކުގައި ދިރިއުޅޭ ރައްޔަތުންނަށްވެސް އެ ޚިދުމަތް ސަރުކާރުންދޭންވާނީ ހަމަހަމަކަމާއެކުގައިކަމަށް ޤަބޫލުކުރެވެއެވެ. އަދި ދޭންވާނީވެސް އެބީދައިންނެވެ.

މިއަދުގެ ޙަޤީގަތަކީ މާލެ މާލެއަކަށްހެދީވެސް އަތޮޅުތެރޭގެ ރައްޔިތުންނެވެ. މާލެއަށް ނައިސް ފަރަކުނުޖެހޭނެހާ ގޮތްގޮތަށް މާކުރީގެ ސަރުކާރުތަކުން ވަނީ ދިވެހި ރައްޔަތުންނަށް ބޮޑެތި ތަކްލީފްތަކެއް ޖައްސާފައެވެ. ތަޢުލީމާ، ސިއްޙަތާ، ވަޒީފާގެ އިތުރުން ޒަރޫރީ އެންމެހާ ވަސީލަތްތައް ހަމައެކަނި މާލެއަށްޖަމާކުރުމުގެ ބޭނުމަކީ ވަކިބަޔަކު ރާވައިގެން ހިންގާފައިވާބޮޑު "ޖަރީމާ" އެއްކަމުގައި މިއަދު ޤަބޫލުކުރަންޖެހެއެވެ.

އެހެން އެކަން އޮތުމުގެ ސަބަބުން އަތޮޅުތެރޭގެ އުޅެމުންއައި ރީތި ތަނަވަސް ދިރިއުޅުން ދޫކޮށްމާލޭގައި ދިރިއުޅުމަށްޓަކައި ކުދިކުދި ތަންތަން ކޮޅު ހިފަންމަޖްބޫރީއެވެ. ލިބޭހާ ޢާމްދަނީއެއް މާލޭގެ ރައްޔިތުންނަށް ދޭންޖެހުނީއެވެ. ގޮތްހުސްވެފައިވާ އަތޮޅުތެރޭގެ ބައެއް ނިކަމެތި ރައްޔަތުން މިއަދު "ދަފްތަރުގައި" ޖެހުމަކީވެސް މާލޭ ރައްޔަތުންނަށް ބޮޑު ޖޯކަކަށްވެއްޖެ ނޫންތޯއެވެ؟ ދަފްތަރުގައި އެރައްޔިތުމީހާ ޖެހެން މަޖްބޫރުކުރުވަނީވެސް ސިޔާސީގޮތުން ޤައުމުގެ ވެރިކަމާ ޙަވާލުވާ ފަރާތްތަކުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނެވެ. އެއްވެސް ރައްޔިތަކު އެރައްޔިތެއްގެ އަމިއްލަ ވަޒަންދޫކޮށް، އަދި ވިހާ ބޮޑުވި، ލޯބިވާ ރަށްދޫކޮށް، ރަށުގެ ރަޖިސްޓްރީން ވަކިވެ، ދަފްތަރޭ ކިޔާ ފޮތެއްގައި އެރައްޔިތެއްގެ ނަންނޯޓްކުރާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އުޅެންޖެހިފައިވާ މަޖްބޫރީ ޙާލަތާ، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީއާއި، އަދި ލިބޭ ޢާމްދަނީއަކުން އަމިއްލަ ރަށުގައިވެސް ބޯހިޔާވަހިކަމެއްގެ ހުވަފެެނެއްވެސް ނުފެންނާނެތީ، އެ ދަފްތަރުގައި އުއްމީދެއްގައި ޖެހެވެނީ ހިތާވެސް ދެކޮޅަށް ކަމުގައި ހަމަގައިމުވެސް އަޅުގަނޑު ޤަބޫލުކުރަމެވެ.

މާލޭގައިވެސް ޙާލުގައި ކުޑަކުޑަ ތަންތަންކޮޅުގައި ދިރިއުޅޭ މީހުން މަދެއްނޫނެވެ. އެ ރައްޔަތުންނަށްވެސް އެކަށީގެންވާ ފެންވަރުގެ ބޯހިޔާވަހިކަމެއް ސަރުކާރުން ފޯރުކޮށްދޭންޖެހޭނެއެވެ. އަދި އަތޮޅުތެރޭގެ ކޮންމެރަށަކުންވިޔަސް އެފަދަ މީހަކު ގޯއްޗެއް ބޭނުންވެއްޖެ ހިނދެއްގައި އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް އެގޯއްޗެއް ދޭންޖެހޭއެވެ. ހަމަ އެގޮތަށް އަތޮޅުތެރޭގެ މީހާއަށްވެސް މާލެއިން، ނުވަތަ މާލެ ސަރަޙައްދުން އެއްވެސް ޝަރުތެއްނެތި ގޯތި ލިބެންޖެހޭއެވެ. އެއީ ދިރިހުރުމަށްޓަކައި، އަދި ދިރިއުޅުމަށްޓަކައި ބޭނުންވާ އެންމެ އަސާސީ އެއް ޙައްޤުކަމަށް ވީހިނދު އެ ޙައްޤުން މާލޭ ރައްޔިތަކުވެސް އަދި އަތޮޅުތެރޭގެ ރައްޔިތަކުވެސް އިސްތިސްނާކޮށްގެން ނުވާނެއެވެ.

ސަރުކާރަކާ ބަޔަކު ޙަވާލުވަނީ ވަކިބަޔަކު އިސްތިސްނާކޮށް ކަންތައްތަކެއް ކޮށްދޭކަށެއްނޫނެވެ. އެންމެހާ ރައްޔަތުންނަށް ހަމަހަމަ ކަމާއެކު އިންސާފުން ކަންކަން ކޮށްދިނުމަށް ރައްޔިތުންގެ މައްޗަށް ވެރިޔަކުޮިވަނީވެސް ހަމަ މާލޭ ރައްޔިތުންނާ، އަތޮޅުތެރޭގެ ރައްޔިތުން އެކީގައެވެ. އެހެންކަމަށް ވީހިނދު، ޤައުމެއްގެ ރައްޔިތެއްގެ ވެރިޔަކަށްހޮވާ ކޮންމެމީހަކީވެސް އެ ރައްޔިތުންނަށް އިންސާފުން ކަންކަން ކޮށްދޭންޖެހޭނެ ވެރިއެއްކަމުގައި ވާންވާނެއެވެ.

މުޅި ޤައުމުގެ ވެރިޔާގެ ލަޤަބް ދިވެހި ރައްޔިތުން އެއްފަރާތަކަށް އަރުވާއިރު، އެފަރާތުންވެސްޖެހޭނީ މިފަދަ މަޢުޟޫޢުތަކަށް ވާހަކަ ނުދެއްކޭނެ އުސޫލުތަކެއް ޤާއިމްކޮށް، ފުދުންތެރި މުޖުތަމަޢުއެއް ބިނާކުރާށެވެ. ހަމަހަމަކަމާއެކު، ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ ވަޢުދުވެގެން ކުރަންޖެހޭނެ ކަމެއްކަމުގައި ހަމަގައިމުވެސް އަޅުގަނޑު ނުދެކެމެވެ. އެއީ ކުރަން ލާޒިމް އަދި އެންމެ އަސާސީ އެއް ކަންތައްކަމުގައިވެސް ޤަބޫލުކުރަންޖެހެއެވެ.

އުއްމީދަކީ މާލޭ ރައްޔިތުންނާ، އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް އަދި މުޅި ރާއްޖޭގެ ޖުމްލަ ރައްޔަތުންނަށްވެސް ވަޢުދުނުވެ، މި ދެންނެވި އަސާސީ ޚިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން