ދަރީންނަނީ ޤާބިލިއްޔަތު ކުދިބަޔަކަށް ހެދުމަށް، އަމިއްލަ ނަފްސަށް، އިތުބާރުކުރުމާއި އެކިއެކި ކަންކަމުގެ ޢަޒުމްކަނޑައަޅަން، އެކުދީންނަށް ދަސްކޮށްދިނުން ވަރަށް މުހިއްމު
ދަރީންނަނީ ޤާބިލިއްޔަތު ކުދިބަޔަކަށް ހެދުމަށް، އަމިއްލަ ނަފްސަށް، އިތުބާރުކުރުމާއި އެކިއެކި ކަންކަމުގެ ޢަޒުމްކަނޑައަޅަން، އެކުދީންނަށް ދަސްކޮށްދިނުން ވަރަށް މުހިއްމު
ދަރީންގެގައިގައި ލިޔާޤަތާއި ޤާބިލިއްޔަތު އުފެއްދުމަށާއި އަދި އެކުދީންނަކީ، ޤައުމުގައި ބޭނުންހިފޭ ބަޔަކަށް ހެދުމަށްޓަކާ، އެކުދީންގެ އަމިއްލަ ނަފްސަށް، އިތުބާރުކުރުމާއި އެކިއެކި ކަންކަމުގެ ޢަޒުމްކަނޑައަޅަން، އެކުދީންނަށް ދަސްކޮށްދޭންވާނެއެވެ. ވަރަށް ގިނަ މައިންބަފައިން ހީކުރަނީ، ކުދީން ބޮޑުވުމަށްފަހު، މިކަންކަން އަމިއްލައަށް އުފެދޭނެކަމަށެވެ. އެކަމަކު އެއީ ނުވަދިހަ ނުވައެއް އިންސައްތަ ކުށްހީއެކެވެ. އެގޮތަކީ ކުއްޖަކު ކުޑައިރު، އެކުއްޖެއްގެ ގައިގައި އަށަގެން، ހަރުނުލި ރަނގަޅު ކަމެއް، އެކުއްޖަކު ބޮޑުވެ ހަރުވުމަށްފަހު، އުފެދި ހަރުލުމަކީ، ވަރަށްވެސް ނާދިރުކަމެކެވެ. ތެދެކެވެ. "ތަރުބިއްޔަތުގެ އެންމެ ރަނގަޅު ޖާގައަކީ ތަންމައްޗަޥެ." ބުނާބުނުމަކީ، ވަރަށްވެސް ރަނގަޅު ސީދާބެހެކެވެ.

އާއެކެވެ. ކުދީން ތަރުބިއްޔަތު ކުރަން ފަށަންވީ، އެކުދީންގެ ތަންމަތީންނެވެ. ކުއްޖަކު ދުނިޔެއަށް އައުމާއެކު، އެކުއްޖަކަށް ކިރުދިނުމުގެ ވަގުތުތައް، ކަނޑައަޅަން ވާނެއެވެ. އޭގެފަހުގައި ކުއްޖާއަށް ކިރުދޭނީ، އެވަގުތުތަކުގައެވެ. މިއީ ކުއްޖާއަށް އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި، އެކިއެކި ޢަޒްމުކަނޑައަޅަން ދަސްކޮށްދިނުމުގެ ފުރަތަމަ ފިޔަވަޅެވެ. ކުއްޖާ އަބަދު އުރައިގެން، އުނގަށްލައިގެން ގެންގުޅުމަކީވެސް ރަނގަޅުގޮތެއް ނޫނެވެ.

ކުޑަކުދީން ގިނަގިނައިން ނިންދެވުމަކީ، ނުހަނު ބޭނުން ކަމެކެވެ. އެކަމަކު އެކުދީން ހޭލާއުޅާ ވަގުތުވެސް ކަނޑައެޅިފައިން އޮންނަންވާނެއެވެ. ހަމަކޮއްމެ އަންހެނެއްގެ ނުވަތަ ކޮއްމެ ފިރިހެނެއްގެ އުނގު، ކުއްޖާއަށް ހުޅުވިފައި އޮވެގެން ނުވާނެއެވެ. ކީއްހެއްޔެވެ. އާދަކޮށް ދެތިންމީހުންނަށްވުރެ ގިނަބަޔަކު، ކުއްޖަކު އުރައިގެން އުޅުމަކީ، އެދެވޭ ކަމެއް ނޫނެވެ.

ކުއްޖާއަށް ފިރުކެވެން ފެށީމާ، މައިންބަފައިން، ކޮޅަށްހުރެ ހިނގަން ދަސްކޮށްދޭން ވާނެއެވެ. ފުރަތަމަ ހިންގާނީ ކުއްޖާގެ އަތުގައި ހިފައިގެން ހުރެއެވެ. މިހެން ހިނގަމުންގޮސް، އެކަނިހިނގަން ދަސްކޮށްދޭނީއެވެ.

ކުއްޖަކަށް ހަތަރުފަސް އަހަރަށް އަޅައިގަތުމުން، އެކުއްޖަކު ހުންނަންވާނީ، ވަރަށްވެސް މިނިވަން ޖައްވަކަށް ދޫކޮށްލެވިފައެވެ. އެކުއްޖަކު އަމިއްލައަށް ކުރަން އެދޭ ހުރިހާ ކަމެއް (އެއިންކަމެއްގައި ގޯހެއް ނުވާނަމަ) އަމިއްލައަށް ކުރަން ދަސްވާ ގޮތަށެވެ. ކުއްޖާގެ ހެދުމާއި، ގެންގުޅޭ ތަކެތި، އެކުއްޖަކަށް އެނގެން ވާނެއެވެ. އެތަކެތި ބަހައްޓާތަންވެސް އޮންނަންވާނީ ކުއްޖާއަށް އެނގިފައެވެ. ކުއްޖާގެ ހެދުމުގެ އަދަދާއި، ކުޅޭތަކެތީގެ އަދަދުވެސް އޮންނަންވާނީ، ކުއްޖާއަށް އެނގިފައެވެ. އަމިއްލައަށް ހެދުންލާން، ހެދުމުގެ ގޮތްތައް އަލުވައި ނައްޓަން، ހެދުން ބާލަން ކުއްޖާއަށް ދަސްކޮށްދޭން ވާނެއެވެ. މިކަންކަން ފިޔަވައި، ކުއްޖާއާއިބެހޭ އެހެން ކުދިކުދިކަންތައްވެސް، އަމިއްލައަށް ކުރަން ދަސްކޮށްދީ، އަމިއްލައަށް ކުރުވަންވާނެއެވެ.

ކުއްޖާ ބޮޑުވަމުންއައިއައިހެން، (އެކަށީގެންވަނީނަމަ) އެންމެ ރަނގަޅީ، އެކުއްޖާއަށް ވަކިކޮޓަރިއެއް، ޚާއްޞަކޮށް ދިނުމެވެ. އެކޮޓަރީގެ ދިރިއުޅުމާބެހޭ ހުރިހާކަމެއް، އޭނާލައްވާކުރުވައި، ކުރަން ދަސްކޮށްދޭން ވާނެއެވެ. މިސާލަކަށް، ކޮޓަރި، ސާފުކޮށްލުން، އެނދުތަންމަތި އަޅާލުން، ބާލީހުގެ އުރަތަކާއި ތުވާލި ދޮވެލުން، ނިދާހެދުން ފަށްޖަހާލުންފަދަ ކަންކަމެވެ. މިކަންކަންކުރުމުގައި މައިންބަފައިން ދަރިފުޅަށް ބުނެދީ، ރަނގަޅަށް އެހީތެރިވަމުން ގެންދަންވާނެއެވެ. ކުއްޖާއަށް ހިސާބަކަށް ފައިސާވެސް ދޭން ވާނެއެވެ. މިގޮތުން ދޭފައިސާ، އޭނާ ލައްވާ ގުނުވައި، ހިސާބުކުރުވަން ވާނެއެވެ. ކޮއްމެ ފަހަރަކުވެސް، ލިބޭފައިސާއިން، ދެބައިކުޅައެއްބައި، ރައްކައުކުރަމުން ގެންދިއުމަށް އާދަކޮށްދޭން ވާނެއެވެ. ކުއްޖާ، މިރައްކައުކުރާ ފައިސާ ވަކިވަރަކަށް ގިނަވީމާ، އެއަށް ގަނެދޭނީ ކުއްޖާ ބޭނުންވާ ވައްތަރެއްގެ، ޢުމުރާއެކަށީގެންވާ ކުޅޭ އެއްޗިއްސެވެ. އޭރުން، އޭނާ ފައިސާ ރައްކައުކުރުމަށް ޝަޢުޤުވެރިވެ، އެކަން ކުރަމުން ގެންދިޔުމަށް އާދަވާނެއެވެ. ކުއްޖާއަށް ދޭފައިސާއިން، ރައްކައުނުކުރާ ފައިސާއަށް، ހަދާނަހަދާގޮތްވެސް މައިންބަފައިން ބަލަންވާނެއެވެ.

މަތީގައި ބަޔާންކުރެވުނު ގޮތްތަކުގެ މައްޗަށް ކަންތައް ކުރެއްވިޖެ ނަމަ، ނަތީޖާއަކަށް ވެގެންދަނީ، ކުއްޖާގެ ކިބައިގައި އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި އަމިއްލައަށް ކަންތައްތައް ކޮށްލުމާއި، އެކިކަންކަމާމެދު ޢަޒްމު ކަނޑައެޅުމަށް ދަސްވެ، އެކަންކަން ކުއްޖާގެ ހަށިގަނޑުގައި ހަރުލަމުން، ވަރަގަދަވަމުން ދިޔުމެވެ. އަދި އިޤްތިޞާދިއްޔަތުގެ އެދެވޭ، ރަނގަޅު ސިފަވެސް ހަރުލަމުން ދިޔުމެވެ.

ކުއްޖަކަށް ގަޑިންގަޑިއަށް ކިރުދޭން ފެށުމަކީ، ކުއްޖާއަށް، އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި އެކިއެކި ޢަޒްމުތައް ކަނޑައަޅަން ދަސްކޮށް ދިނުމުގެ ފުރަތަމަ ފިޔަވަޅޭ، މިވާހަކަ ފަށަމުން ބުނެފައިވުމުން، "އެކަން އެހެންވާނީ ކިހިނެތްބާވައޭ؟" ބައެއް މައިންބަފައިންނާއި ބެލެނިވެރިންގެ ހިތުގައި ސުވާލުއުފެދުން އެކަށީގެން ވެއެވެ. ވީމާ މިވާހަކަ ނިންމާލުމުގެ ކުރިން އެސުވާލަށް ޖަވާބުދިނުން ރަނގަޅުކަމުގައި ދެކެމެވެ.

އެކަންވާގޮތަކީ، ކުއްޖާއަށް ގަޑިންގަޑިއަށް ކިރުދޭންފެށުމުން، ކުއްޖާ ބުއްބޮވައިގަންނާނީ، ގަޑިންގަޑިއަށެވެ. އަދި ކުއްޖާއަށް ބުއްލިބޭނީވެސް، ގަޑިންގަޑިއަށެވެ. ވީމާ، ކުއްޖާ ބުއްބޮވައިގަންނައިރަށް، ބުއްލިބެން ފެށުމުން، ނޭނގިނަމަވެސް، ކުއްޖާގެ ގައިގައި އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު އުފެދެނީއެވެ. ހަމަ މިއާއެކު، އެވަގުތުއެވަގުތު ބުއްބުއިމަށް އޭނާ ޢަޒްމު ކަނޑައަޅަނީއެވެ. ވީމާ މިގޮތުން އެކަން އެހެން ހިމެނެނީއެވެ.

ޝައްކެއް ނެތެވެ. ތަޢުލީމުލިބިފައިވާ ކުއްޖެއްގައި ކުރީގައި ބަޔާންކުރިގޮތްތައް ހަރުލައިފިނަމަ، އޭނާއަކީ، ޙަޔާތުގެ މައިދާނުގައި ކާމިޔާބު މީހަކަށް ނުވެއެއް ނުދާނެއެވެ.

**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން