ދަރީންގެ ސުވާލުތަކަށް މައިންބަފައިންނާއި ބެލެނިވެރިން އަބަދުވެސް ޖަވާބުދޭންވާނީ ވަރަށް ވިސްނުންތެރި ކަމާއެކުގައި
ދަރީންގެ ސުވާލުތަކަށް މައިންބަފައިންނާއި ބެލެނިވެރިން އަބަދުވެސް ޖަވާބުދޭންވާނީ ވަރަށް ވިސްނުންތެރި ކަމާއެކުގައި
ކުޑަކުދީން ބޮޑުވަމުން އަންނައިރު، އެކުދީންނަށް ފެންނަ ކޮއްމެ އެއްޗަކާއި ކޮއްމެ ކަމަކާއިމެދު، އަޑުއަހާ އަދި އަަޑުއިވޭ ކޮންމެ ވާހަކައަކާއިމެދު، އެކަންކަން އޮޅުން ފިލުވުމުގެ ގޮތުން އެކުދީން ސުވާލުކުރަމުން ގެންދާނެއެވެ. އެއީ، ކުދީންގެގައިގައި ޤުދްރަތް ލައްވާފައިވާ، ތަރައްޤީގެ ވަރުގަދަ ބާރެކެވެ.



ވީމާ ކުދީންގެ މިފަދަ ސުވާލުތައް، މައިންބަފައިންނާއި ބެލެނިވެރިން، ވިސްނުންތެރިކަމާއެކު، ކަނުލައި އަޑުއަހައި، އެސުވާލުތަކަށް ވީހާވެސް ކުރު، ސާފު، ތެދުޖަވާބު ދޭންވާނެއެވެ. އެފަދަ ސުވާލެއްގެ ޖަވާބު، މައިންބަފައިނަށް ނުވަތަ ބެލެނިވެރިންނަށް ނޭނގިއްޖެނަމަ، ދޮގު ނަހަދައި ނުވަތަ އޮޅުވާލައިގެން ޖަވާބު ނުދީ، ދަންނަމީހެއްގެ ކިބައިން އޮޅުންފިލުވައިގެން ޖަވާބުދޭނީއެވެ. ކުދީންކުރާސުވާލު ތަކުގެ ތެރެއިން މައިންބަފައުންނާއި ބެލެނިވެރިންނަށް ޖަވާބުދޭން ނޭނގޭ ސުވާލުތަކާއިމެދު ބުނާނީ " ތިޔަސުވާލަށް ޖަވާބު ދޭކަށް މަންމަމެން ބައްޕަމެންނަކަށް ނޭނގެއޭ، ދަންނަ މީހެއްކުރެން އަހައިގެން ފަހުން ޖަވާބު ދޭނަމެވެ" މިހެންނެވެ.

ކަންމިހެން އޮތްނަމަވެސް، ހިތާމަހުރި ކަމަކީ ކުދީންކުރަމުންގެންދާ އެފަދަ ސުވާލުތަކާމެދު ބައެއް ބެލެނިވެރިންނާއި މައިންބަފައިން، ރުޅިއައިސް ޖަވާބު ނުދީ ނުވަތަ ކޮންމެވެސް ދޮގުޖަވާބެއް ދެމުން ގެންދާކަމެވެ. އަދި ބައެއްފަހަރު، އެކަމާ އުދަގޫވެގެން ދަރިފުޅަށް އިންޒާރުދީ ސުވާލުކުރުން މަނާކުރާކަމެވެ. އެކަމަކު އެފަދަ މައިންބަފައިންނާއި ބެލެނިވެރިން ދެނެގަތުން ހުއްޓެވެ. އެއީ، ކުއްޖާގެގައިގައި ޤުދުރަތުން ލައްވާފައިވާ، ވަރަށް ބޮޑުކުރިއެރުމުގެ ބާރެއް، ތަރައްޤީ ވިޔަނުދީ، އޮއްބާލުމެވެ. މިކަމުގެ ނަތީޖާއަކަށް ގިނަ ފަހަރުވެގެންދަނީ، ކުއްޖާގައި އެވާ ކުރިއެރުމުގެ ބާރު މުޅީން ކެނޑިގެން ދިޔުމެވެ. ނުވަތަ ކުއްޖާއަށް އެކިއެކި ކަންކަމާމެދު، ނުވަތަ އެކިއެކި އެއްޗިއްސާމެދު ދޮގުމަޢުލޫމާތު ލިބެމުން ދިޔުމެވެ.

**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން