ދިވެހީންނަކީ ކަނޑުގެ ދަރީންނެވެ. ދިވެހީންނަކީ ހުރިހާ ދުވަސްވަރެއްގައި ވެސް ކަނޑު ދަތުރުފަތުރުކޮށް އުޅުނު ބައެކެވެ. އިހުގައިވެސް މާ ސިންގާ ކަނޑުތަކުގައި ދިވެހީން އޮޑިފަހަރު ދުއްވިއެވެ. ދިގު ދަތުރުތައް ވެސް ކުރިއެވެ. އިރުވަޔާއި ހުޅަނގުގައިވެސް ދަތުރު ކުރިއެވެ. ރެއާއި ދުވާލުވެސް ދަތުރު ކުރިއެވެ. އިންޖީނެއް ސަމުގާއެއް ނެތި ރިޔަލާއި ފަލީގައި ވެސް ދިވެހީން ދަތުރުކުރިއެވެ. މަސް ދެމަހު ދަތުރުކޮށްފައި ބަންގާޅަށާއި ކޮއްޗޭއަށްވެސް ދިޔައެވެ. ރަށްރަށުން ހަފުތާ، ދެހަފުތާ އަދި މަސް ދުވަހުން މާލެއަށް ވެސް ދަތުރުކޮށް އުޅުނެވެ.

އޭރު ނެރުބައްތިއެއް ވެސް ނުހުރެއެވެ. ހާހަލާއި ފަޅާއި ގިރިތަކާއި ފަރުތައް ދެނެގަންނަނީވެސް ހިތުލަފައަށެވެ. އޭރަކު މިޒާމާނުގައި މިގެންގުޅޭ ޑިޖިޓަލް އާލާތްތަކެއް ނުހުރެއެވެ. ދެން ރޭގަނޑު ކަނު އަނދިރީގައި ނެރުން ވަންނާން ވީމައާއި ހާހަލާއި ގިރިއާއި ފަރުތަކުގެ ކައިރިން ދަތުރު ކުރާން ވެއްޖެއްޔާ އޮޑީގެ ދިރުނބާ ކޮޅަށް އަރުވަނީ ކަނޑުފަޅު ރަނގަޅަށް ދަންނަ ބަސް ކިޔޭ ވަރުގެ މީހެކެވެ. ދެން އޮޑި ނެރުން ވަންނާން އަނބުރާން ޖެހޭ ދިމާ ބުނެދޭނީ އަދި ހާހަލާއި ގިރިއާއި ފަރާއި ކައިރިވާ މިންވަރު ކިޔައިދޭނީ އެއްކަލަ ދިރުނބާ ކޮޅުގައި ހުންނަ މީހާއެވެ.

އެކަމަކު ގިނަ ފަހަރަށް މިކަން ވަނީ ތިޔަ ހީކުރެއްވި ގޮތަކަށް ނޫނެވެ. ގިނަ ފަހަރަށް ދިރުނބާކޮޅަށް އަރާ މީހާ ކިތަންމެ ވަރަށް ކިޔައިދިނަސް ހުންގާނުގާ ހުންނަ ކައްޕި ނުވަތަ މާލިމީ މާ މޮޅުވާނެއެވެ. އޭނާ ގިނަ ފަހަރަށް ކަންކުރާނީ އޭނާއަށް ފެންނަ ގޮތަކަށެވެ. ދިރުނބާކޮޅަށް އަރައި ހުންނަ މީހާ ކިތަންމެ ވަރަކަށް އޮޑި ދަށް ކުރާން ގޮވިޔަސް މާލިމީ ހަމަ ކަހާތަން ހިރުވާ ވެސް ނުލާނެއެވެ. އޭނާއަށް ހަމަ އެހެން މީހަކު ބުނާ އެއްޗެއް ގަބޫލު ނުކުރެވެނީ އޭނާއަށް ކަންކަން އެނގޭ މިންވަރު ބޮޑުކަމުންނާއި ޔަގީންކަން ބޮޑު ކަމުންނެވެ.

ދެން މާލިމީ މޮޅު ކަމުންގޮސް ބައެއް ފަހަރަށް ކަނު އަނދިރީގައި ދޯނި ނެރުމައްޗަށް އަރަނީއެވެ. ނޫނީ ފަރުމައްޗަށް އަރަނީއެވެ. ދެން ވާގޮތަކީ އޮޑި ފަރަށްއެރީމާ މާލިމީ އަޅުވާނީ ދިރުނބާ ކޮޅަށް އެރި މީހާގެ ބޮލުގައެވެ. މާލިމީ ބުނާނީ އޮޑި ދުއްވީ އޭނާ ބުނި ގޮތަށް ކަމަށެވެ. އޮޑި ފަރަށް އެރީމާ ގޯސްވީ ދިރުނބާކޮޅަށް އެރި މީހާއެވެ. އެކަމަކު މާލިމީ އޮޑި ދުއްވީ އޭނާއަށް ފެންނަ ގޮތަކަށެވެ. ދިރުނބާ ކޮޅަށް އެރި މީހާގެ ބަހެއް ނާހައެވެ. "ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް ނާރާށޭ" ބުނެ އުޅެނީ މިހެން ވެގެންނެވެ.

މިހާރު އަޅުގަނޑުމެންގެ މި ގައުމުން ވެސް މިފެންނަނީ މިކަހަލަ މަނޒަރު ތަކެކެވެ. މީހުން ދައްކައިއުޅޭ ވާހަކައިންނާއި ފެންނަ މަންޒަރުތައް ދައްކަނީ މި ހަގީގަތްތަކެވެ. މި ގައުމީ އޮޑީގެ ދިރުނބާ ކޮޅުގައި އޮޑިވެރިން އޮޑި ހަވާލުކުރި މީހާ ހަމަ ރީތިކޮށް އަރާ އެބައިނެވެ. އޮޑިވެރިން އޭނާއާއި ހަވާލުކުރީ ރަނގަޅަށް އޮޑި ބަލަހައްޓައިގެން ގެންގުޅޭށެވެ. އޮޑި ފަރަކަށް އެރިޔަނުދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދޭށެވެ. އޮޑިއަށް ގެއްލުމެއް ނުދީ ބަލަހައްޓައިގެން އޮޑިވެރީންނަށް ފައިދާއާއި މަންފާ ހޯދައިދިނުމަށެވެ. އޮޑި ބާވެ ހަލާކުވާން ވާއިރަށް އައު އޮޑިއެއް ބަނދެވޭ ވަރަށް އާމްދަނީ ހޯދައިދީގެން އޮޑިވެރީންނަށް ފައިދާއާއި މަންފާ ހޯދައި ދިނުމަށެވެ.

އޮޑިވެރީން ހަވާލު ކުރީމާ އޭނާ އެއިނީ އޮޑިއަށް އަރައެވެ. ހަމަ ރަނގަޅަށް ދެފައި ވަށްކޮށްލައިގެން ދިރުނބާ ކޮޅުގައި އިށީނދެ ލައިގެން އޮޑިއަށް ބަލަހައްޓައިގެން އޭނާ ރެއާއި ދުވާލު އެބަ އިނދެއެވެ. އޮޑި އަޅާފައި އޮންނަ އިރުވެސް ނުފައިބައި އެއަށް ހޭހަން ކުރުމުގައި އިނދެއެވެ. ފަޅުވެރި ކުދީންނަށް ގޮވައި ގެނަސް ކައިރިއަށް ލައިގެން ނަސޭހަތްދީ ވާހަކަ ދައްކައިވެސް ހަދައެވެ. ކަންކުރާނެ ގޮތް ވެސް ކިޔައިދެއެވެ.

އެކަމަކު ފަޅުވެރި ކުދިން އޮޑިން ފައިބައިގެން ގޮސް އުޅެނީ އުޅޭނެ ގޮތަކަށެވެ. އޮޑިމަރާމާތުކޮށް އަތްގާތްކޮށްދޭން ލާފައި ތިބޭ މީހުންވެސް އުޅެނީ އުޅޭނެ ގޮތަކަށެވެ. ކޮންމެހެން އޮޑިވެރީންނަށް ފައިދާއެއް ހޯދައިދީ އޮޑިވެރީންނަށް ހެވާއި މޮޅާއި ލާބަ ހޯދައިދޭކަށް ނޫޅެއެވެ. އެމީހުން އުޅެނީ އެމީހުންގެ އަމިއްލަ އަންބޮނޑި ބޮޑުކޮށް އޮޑީގެ ވެރިކަން ނުލިބިގެންނެވެ. އޮޑިވެރީން އޮޑި ހަވާލުކޮށްފައި ހުރި މީހާގެ ނުވަތަ ކައްޕީގެ ބާރެއް އެމީހުންގެ މައްޗަކަށް ނުހިނގައެވެ. އެމީހުން ވެރި މީހާ ބުނާގޮތެއްވެސް ނުހަދައެވެ. އޮޑިއާއި ހަވާލުވެ ހުރި މީހާއަކީ މާ ލޮނުމަޑު މާ މަޑުމަތިރި މީހެއްކަން އެނގޭތީ އެމީހުން ވެސް ހަދާނެ އެއްޗެއް ހަދަނީއެވެ.

އޮޑީގެ ކަންކަން ބަލަހައްޓާން ހަވާލުކުރި މިމީހުންގެ ދެބަސްވުމާއި އަރައިރުން ގަދަވެ އޮޑި ކަނޑަށް ނުކުންނަ ދުވަހަށް ވުރެ މިހާރު ގިނައީ ފަޅުގައި އަޅާފައި އޮންނަ ދުވަހެވެ. އެހެން ކަމުން އޮޑިވެރީން ނުވަތަ އޮޑީގެ ވެރީން މިއަދު ތިބީ ވަރަށް ހާލު ދެރަވެފައެވެ. އޮޑީން އެއްޗެއް ނުލިބޭތީ އަނގަޔާ އަތާއި ދިމާނުވާ ހާލުގައެވެ. ގިނަ މީހުން ތިބީ އެއްފަހަރު ކެއިއްޔާ އަނެއް ދެފަހަރު ނުކައެވެ.

ގްރޫޕް ހަދާފައި އޮޑި ހޯދަން އައިސް އޮޑިވެރީންގެ ގާތުގައި ކެނޑި ފޮނިބައިސާގެ މަތީން މިއަދު ހަނދާނެއް ނެތެވެ. މިހާރު އެމީހުންގެ ތެރޭގައި ހުރި އެންމެ ބާރުގަދަ މީހާގެ މަސައްކަތަކީ އޭނާއަށް ތާއީދުކުރާ މީހުން ގިނަކޮށް ބައި ބޮޑުކޮށް ބާރު ގަދަކޮށް އޮޑިއަށް ވެރިވުމުގެ މަސައްކަތެވެ. އެނޫން ކަމެއް ނުކުރެއެވެ. ދެން ކުރަނީ ކުރިން އޮޑި ދުއްވި މީހުން ކޮށްފައި ހުރި ނުބައި ކަންކަން ހޯދައިގެން އެކަންކަމުގެ ވާހަކަ ދައްކައިގެން ވަގުތު ބޭކާރު ކުރުމެވެ. އެކަންވެސް ނަތީޖާއެއް ނުކުންނަ ގޮތަކަށް ކުރާކަށް ނޫޅެއެވެ.

މިހާރު ދެން އަޅުގަނޑުމެންގެ އޮޑި މިއޮތީ ފަރުމައްޗަށް އަރާ، ނާރާ ވަރުގައެވެ. އެހާވެސް ފަރާ ކައިރީގައެވެ. ހީވާ ގޮތުން އޮޑިވެރީން އޮޑި ހަވާލުކުރި ކައްޕިތާނު އެހެރީ އޮޑިން ފުންމާލަން އެއްފައި ބޭރުގައި އަޅައިގެންނެވެ. ކަންކަން އެހެރީ އެހިސާބުގައެވެ. ހަމަގައިމުވެސް އެނގޭ އެއްޗަމީ މިއޮޑީގެ ކައްޕިތާނުގެ ހަމަ އެއްވެސް ބާރެއް އާރެއް ނެތް ކަމެވެ. އިންޖިނޭރު މާ ބާރުގަދައީއެވެ. ފެންނަ މަންޒަރުތަކާ އިވޭ އަޑުތަކަށް ބަލާނަމަ މާލަސްތަކެއް ނުވެ އިންޖިނޭރު އޮޑިއާއި ހަވާލުވެ ކައްޕި ބޭކާރު ކޮށްލާ އެއްލާލާނެއެވެ.

އެހާހިސާބުން ދެން ނޭނގެނީ އޮޑިވެރީންނަށް ވާނެ ގޮތެކެވެ. މިހާރުވެސް ކިރިޔަ ކިރިޔާ ދުނިޔޭގައި ތިބެވޭ ވަރަށް އަރު ތެންމާލައިގެން ތިބި އޮޑިވެރީންގެ ކުރިމަތީގައި ދެން މާގިނަ ގޮތްތަކެއް ނެތެވެ. އެއްގޮތަކީ އަނެއްކާވެސް އޮޑިހަވާލުކުރާން ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާންދެން މަޑުމަޑުން "ބަނޑަށްކުޅުޖަހައިގެން" ތިބުމެވެ. ނޫނީ އޮޑި ހަވާލުކުރި ކައްޕިއާއި ވާހަކަ ދައްކައިގެން އޭނާ އެހަދާން ގަސްތުކުރާ ގޮތެއް ރަނގަޅަށް އޮޅުން ފިލުވައިގެން އޮޑި ރަނގަޅަށް ދުވާނެ ގޮތެއް ހޯދުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން