ނޮވެލް ކޮރޯނާ ވައިރަހުގެ ވާހަކައަކީ ހުސްވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ފެތުރެމުން އައި ބަލިމަޑުކަމެއްގެ ވާހަކައެކެވެ. މިބަލިމަޑުކަން ފުރަތަމަ ފެށުނީ ނުވަތަ ފެންނަން ފެށީ ޗައިނާއިންނެވެ. ޗައިނާއިން ބަލި ފެނުމާއެކު އެމީހުން އެވާހަކަ ދައްކަން ފެށިއެވެ. މިއަހަރުގެ ޑިސެންބަރު މަސް ފެށުނު އިރު ޗައިނާއިން ބަލިމަޑުކަމުގެ ނުރައްކަލުގެ އިންޒާރު ދުނިޔެއަށް ދީ، އެ ގައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށިއެވެ. ޖަނަވަރީ މަހުން ފެށިގެން މުޅި ދުނިޔޭގެ ސަމާލުކަމަށް މިކަން އައިސް ބަލީގެ ވާހަކަ ގައުމުތަކުންނާއި ދުނިޔޭގެ ނިސްބަތުގައި ވެސް ދައްކާން ފެށިއެވެ.

ފެބުރުއަރީ މަސް ފެށުނުއިރު ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގައި ބަލި ފެތުރޭން ފަށައިފިއެވެ. ހަލުއިކަމާއެކީ ބަލި ފެތުރޭން ފެށުމުން މާޗްމަހުގެ ތެރޭގައި މިބައްޔަކީ ޢާލަމީ ވަބާއެއްކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެސް އިޢުލާންކޮށް ބައްޔަށް ނަމެއްވެސް ދީފިއެވެ.

އޭރު މި ރާއްޖޭގައި ވެސް ބަލީގެ ވާހަކަ ފަތުއަޑުކިޔާފައި ދަނީ ދައްކަމުންނެވެ. ދެއިރު ދެދަޅައަށް ދެ ވަޒީރަކު އަރައި ނޫސްކޮންފަރެންސް ދެމުން ގެންދެއެވެ. ބައްޔާއި ކުރިމަތި ލުމަށް ތައްޔާރުވަމުން ދާކަމުގެ ހެއު ޚަބަރުތައް ދެމުން ގެންދިޔައެވެ. މާޗް މަހަށް އަޅައިގަތްއިރު ރާއްޖެއޮތީ މި ބައްޔާއި ކުރިމަތި ލުމަށް އެންމެ ފުރިހަމައަށް ތައްޔާރު ވެފައެވެ. އެންމެ ނުރައްކާތެރި ހާލަތަށް ވެސް ތައްޔާރުވެފައެވެ. ބަލި ފެތުރުމުން ހަދާނެ ގޮތާއި ކަރަންޓީނު ކުރުމާއި ހޮސްޕިޓަލާއި ފަރުވާއާއި ޓެސްޓް ކުރުމާއި ވެންޓިލޭޓަރުވެސް ތައްޔާރެވެ. މިދެންނެވީ ކުރިން ދެންނެވި ނޫސްކޮންފަރެންސް ތަކުގައި މައުލޫމާތު ދެއްވާ ދެވަޒީރުންގެ ބަހުރުވަ ހުރި ގޮތެވެ. ދެވަޒީރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ގައުމު ކޯވިޑް-19 އަށް ތައްޔާރުވެފައި އޮތްވަރެވެ.

ދެވަޒީރުން ނޫސްކޮންފަރެންސަށް އަރާވަޑައިގެން ތިއްބަވައި "ކެނޑި ފޮނީ"ގެ ވާހަކަ ރަނގަޅުވާނީ އުޑުބަޅުކުރެއްވި ހިސާބުގައި ނުދެއްކިއްޔާއެވެ. އެހާވެސް ރީތިކޮށް ފޮނިކޮށް ކުލަކޮށް މަންޒަރުތައް ކުރަހައި ދިނެވެ. މިތާނގައި ބޭކާރު ވާހަކަ ދައްކާކަށް އެދެ ބޭފުޅުންގެ ވާހަކަ ދައްކާކަށް ނެތީމެވެ. ރައްޔިތުންނަށް މިހާރު އެމީހުންގެ "ފޮނިބައިސާ" މާ ރަނގަޅަށް އެނގޭނެއެވެ.

މާރޗުމަހުގެ މެދުތެރޭގައި ރާއްޖެއަށް ބަލި އަރައިފިއެވެ. މާލޭގައި ވަރުގަދައަށް ފެތުރޭން ފަށައިފިއެވެ. އެއްކަލަ ދެވަޒީރުން ދެއްކި ހުވަފެން ތަކުގެ ހަގީގީ މަންޒަރު ފެންނާން ފަށައިފިއެވެ. ބަލި އެރިއިރު އެކަށީގެންވާ ވަރަށް ޓެސްޓް ކިޓެއް ނެތެވެ. ޓެސްޓް ކުރެވޭން ހުރީ މައި ހޮސްޕިޓަލުގައި އެކަންޏެވެ. ކުރެހި ޕްލޭނެއް ފެންނާކަށް ނެތެވެ.

ދެން ދެއްކީ ވާވަރަށް ހޮސްޕިޓާ އެނދު ނެތް ވާހަކައެވެ. ވާވަރަށް ސިއްހީ ސާމާނު ނެތް ވާހަކައެވެ. ވެންޓިލޭޓަރު ނެތް ވާހަކައެވެ. މިހާހިސާބުން ނޫސްކޮންފަރެންސް ދޭ މާލަން ވެސް ބަދަލު ވެއްޖެއެވެ. ނޫސްކޮންފަރެންސްގައި މައުލޫމާތު ދޭ މީހާވެސް ބަދަލު ވެއްޖެއެވެ. އަސްލު މަންޒަރު ފެންނާން ފަށައިފިއެވެ. ހަގީގަތް ހާމަވާން ފަށައިފިއެވެ.

ކުރުކޮށްލަމާ ހިނގާށެވެ. ރާއްޖެ އެތެރެވާ ދޮރާށިތައް ބަންދުކުރުމުން ފަތުރުވެރިކަން ހުއްޓިއްޖެއެވެ. ފަތުރުވެރިކަން ހުއްޓުމުން އެއާއި ގުޅިފައި ހުރި ހުރިހާ ވިޔަފާރިއެއް ހުއްޓިއްޖެއެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެއެވެ. ލިބެމުން ދިޔަ އާމްދަނީ ކުޑަވެއްޖެއެވެ. ބޯޑަރބަންދުކޮށް ދޮރޯށިބަންދުކުރުމުން މުޅި ގައުމުގެ އިޤުތިޞާދު ހުއްޓުމަކަށް އައެވެ.

ދެން ވެންޓިލޭޓަރަށް ލާން ޖެހުނީ ގައުމުގެ އިޤުތިޞާދު އެކަންޏެއް ނޫނެވެ. ދެ ވަޒީރުން ހެދި ކަމަށް ބުނާ ހުރިހާ ޕްލޭނެއްވެސް ޖެހުނީ ވެންޓިލޭޓަރަށް ލާށެވެ. އެއަކުން ވީ ކަމެއް ހަމަ ހަރާމުން ހަރާމެވެ.

ރާއްޖެއަށް އާމްދަނީ ލިބޭ ދޮރޯށި ބަންދުކޮށް ފަތުރުވެރިކަމުގެ ވިޔަފާރި ހުއްޓުނު އިރު އެކަން އެގޮތަށް ވާނެ ކަމާއި އެދާއިރާގެ މުވައްޒަފުންނަށް އެންމެ "ވާސްޓް ކޭސް ސިނާރިއޯ"ގައި ވާނެ ގޮތެއް ކަރުދާހަށް ތިރި ކުރެވިފައެއް ނެތެވެ. އާމްދަނީ ނުލިބި ދާނީ ކިތައް މަހަށް ކަމާއި އާމްދަނީ ނުލިބުނީމާ ދެން ހަދާނީ ކިހިނެއް ކަމެއް ވެސް މާޗް މަހު މިކަމެއް ލައިގަތް އިރު ކަރުދާހަކު ނެތެވެ. ގައިމުވެސް ބަލި ފެތުރޭން ފެށިއިރު އަދި މަޖިލީހަކަށް އެއިން އެއްވެސް ލިއުމެއް ހުށައެއް ނާޅައެވެ. މީޑިއާއަށް ފެންނަ ފަށަކު އެކަރުދާސް ތަކެއް ނެތެވެ. ހަމަ ގައިމުވެސް އެކައުންޓް ހުސްވެގެން ފައިސާ ހޯދަން މަޖިލީހަށް ގޮސް ބޮޑު ތިޖޫރީގައި ޗާޕުކޮށްފައި ހުރި ބައިން ދަރަންޏަށް ފައިސާ ނަގަން މަޖިލީހަށް ހުށައަޅައިގެން ހުއްދަ ހޯދީ އިހަށް ދުވަހުއެވެ.

ދެން ކޮންމެ ކަމެއް ވެސް ކުރަން މިޖެހެނީ ތެޅިގަނެގެން ލައި ނުގަނެގެންނެވެ. މާލެ ބަންދު ކުރީމާ މާލޭގައި ތިބި މީހުންނަށް ރަށަށް ދެވޭނެ މަގުވެސް ފަހިވީ މަޖިލީހުގެ ރައީސް ހަޅޭއްފަޅޭއް ޖަހައިގެންނެވެ. ވެންޓިލޭޓަރުތައް އަދި ހުރީ ވެންޓީލޭޓަރުގައި ކަންވެސް މި އެނގުނީ މަޖިލީހުގެ ރައީސްގެ އަނގަ ގަދަކަމުންނެވެ. އޭގެ ކުރިން މުޅިން ވެސް ކިޔަމުން ދިޔައީ މާދަން، މާދަން އަންނަ ވާހަކައެވެ. އެ މާދަމާ ވީ ހަމަ އިބިލީހުގެ ކައިވެންޏަށެވެ.

ދެން ވެރިކަންކުރާ ރަށް ބަންދުކޮށްގެން ތިބީއެވެ. އެއްގޮތަކަށް ވެސް މިދަންނަވަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ކުރީ ސަފުގައި މަސައްކަތްކުރާ ބޭފުޅުންގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ހައްތާވެސް އެއްކަލަ "ވާސްޓް ކޭސް ސިނާރިއޯ" އަށް ތައްޔާރުވީ މީހުންގެ ވާހަކައެވެ.

ސިއްހީ ވަޒީރު އަޑަށް ބާރުލައްވާފައި އެބޭފުޅާގެ މިނިސްޓްރީން ގަތް ކަމަށް ވިދާޅުވާ ވެންޓިލޭޓަރު ފުނިން ގައުމާއި ހަމައަށް އައި ކަމަށް އަޑު އިވެނީ އަދި ހަމަ ވިއްސަކަށް އެއްޗެވެ. އެކި ސަބަބު ތަކާހުރެ ނުގެނެވެނީއެވެ. އެކަމަކު ހަދިޔާ ކުރާ ވެންޓިލޭޓަރާއި ހަދިޔާ ކުރާ ޓެސްޓްކިޓާ ހަދިޔާ ކުރާ މާސްކްތައް ފްލައިޓްތައް ފުރާ އެހެރެ ގެންނަނީއެވެ. ބޮލަކަށް ދިހަ ބާރަ އެތި މަހަކު ބެހިޔަސް ބަހާ ވަރަށް ވެސް މާސްކް ލިބިއްޖެއެވެ. ނަމަވެސް އެންމެ މާސްކެއްވެސް ރައްޔިތަކަށް ނުދެއެވެ. ރައްޔިތުން މާސްކް އަޅަނީ ބޮޑު އަގުގައި ގަނެގެންނެވެ.

ދަންނަވަން މިއުޅެނީ އަޅުގަނޑުމެން ދުރާލާ ތައްޔާރުވިނަމަ ޚަރަދު ކުޑަކޮށް ޕްލޭން ކުރެވިގެން ދާނެ ކިތަންމެ ކަމެއް މިއަދު ހިނގަނީ ކުއްލިކުއްލިއަށް ޚަދަރު ބޮޑުކޮށް ކަމުގެ ވާހަކައެވެ. ރަނގަޅު ޕަލޭނެއް ނެތީމާ ހިނގާ ގޮތަށް ހިނގާ ވާހަކައެވެ.

ހަމަގައިމުވެސް އިގްތީޞާދީ ގޮތުން މިހާ އަޑިއަށް ގައުމު ވެއްޓޭނެ ކަމެއް، ވެއްޓުނީމާ ދެން ހަނދާނެ ގޮތެއް ލިޔެވިފައެއް ނެތެވެ. އެ ލިއުމެން މަޖިލީހަށް ހުށައަޅައިގެން މަޖިލީހުން ފެންނަ ގޮތެއް ލިއެގެން ރައީސުލްޖުމްހޫރިއްޔާއަށް އެހުށައެޅީ އިހަށް ދުވަހުއެވެ.

އެކައުންޓުން ލާރި ހުސްވާނެ ކަމަކަށް ތައްޔާރެއް ނުވެއެވެ. އެ ކަރުދާހެއްވެސް މަޖިލީހަށް ހުށައަޅައިގެން އެކަމެއް އެކުރީ އިހަށް ދުވަހުއެވެ. ރައްޔިތުންނަށް އާމްދަނީ ނުލިބުނީމާ ގެދޮރު ކުލި ނުދެއްކުނީމާ، ވަޒީފާ ގެއްލުނީމާ ދެން ހަދާނެ ގޮތެއް ނޫނީ އެކަމަށް އުސޫލެއް ގާނޫނީ ހަމައެއް ކަނޑައެޅިފައިވާ ގޮތެއް ކަރުދާހަކު ނެތެވެ. އެލިއުމެއް އަދި ކިރިޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ބަހުސް ކުރަން ފެށީއެވެ.

މިހެން ގޮސް މިވާހަކަ ކިތަންމެ ދިގުކޮށްވެސް ދެއްކިދާނެއެވެ. ވަގުތު ފާއިތުވީމާ ދެން މިވާހަކަ ދައްކާނެ ބޭނުމެއް ވެސް އޮތް ކަމަކަށް ނުދެކެވެ. އެކަމަކު މިކަންކަން ނުވެ ފެއިލް ވެގެން މިދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލުންތާއެވެ. އަޅުގަނޑުމެންނަށް ނޭނގެނީ އެހިސާބެވެ.

ދެންވެސް އޮތީ މުޅިން ވެސް ތައްޔާރު ވުމެވެ. ތަޖުރިބާ ސިކުނޑިތަކުގެ ބޭނުން ކޮށްގެން ވިލަރެސް ކުރުމެވެ. ވަޒީރު އަމީނާއި ވަޒީރު އަލީ އަށް އެނގިވަޑައި ނުގަތަސް މިގައުމުގައި ވެސް އެފަދަ ސިކުނޑިތައް އެބަތިއްބެވެ. މިއަހަރުގެ ދެން އޮތް ތަނަށްވެސް އެންމެ "ވާސްޓް ކޭސް ސިނާރިއޯ" އަށް ވިލަރެސް ނުކުރާނަމަ ކިތަންމެ މޮޅު ވާހަކައެއް ދެއްކިއަސް ނަތީޖާއެއް ނުފެންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން