ޝައިޚް އިމްރާނަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ވަރަށް ތަފާތު ބޭފުޅެކެވެ. ހަމަ އެފަދައިން އިމްރާން ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީއަކީވެސް ވަރަށް އާދަޔާ ޚިލާފު ސިޔާސީ ޕާޓީއެކެވެ. މިދެންވި ތަފާތު އެންމެ ބޮޑަށް ފެންނާނީ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އަދާލަތު ޕާޓީއަކީ ނުވަތަ ޝައިޚް އިމްރާނަކީ އަބަދުވެސް ސިޔާސީ ގޮތުން މޮޅުވާ ކޮޅަކަށް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވާ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މީގެއިތުރުން އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކާ ވަރަށް އަވަހަށް ދެކޮޅުވެރިވެ ރުޅިވާ ބޭފުޅެއްގެ ގޮތުގައިވެސް ބައެއް މީހުން އިމްރާން ސިފަކުރެއެވެ.

ކޮންމެއަކަސް މިއަދު ޝައިޚް އެހުންނެވީ އަނެއްކާވެސް މިހާރުގެ ސަރުކާރުގެ ތެރޭގައެވެ. ޝައިޚް އަބަދުވެސް ޕާޓީއާއިގެން ވެރިކަމުގެ ތެރެއިން ނުކުމެ ވަޑައިގަންނަވާނީ ސަރުކާރުން ލިބޭ ބައި ކުޑަވެ ބާކީ ވުމުންނެވެ. 2008 ގައި ރާއްޖޭގައި އަމަލުކުރަން ފެށި ވެރިކަމުގެ ނިޒާމުގެ ތެރެއިން މިހާތަނަށް ވެރިކަމަށް އައި ކޮންމެ ބަޔަކުވެސް އައިސްފައިވަނީ ޝައިޚްގެ ޕާޓީގެ އިސް ދީނީ ޢިލްމްވެރިންގެ ބައިވެރިވެ ވަޑައިގެންނެވުމެއް އޮވެގެންނެވެ. އެއިރަކު ސިޔާސީ އޮއިވަރު އޮތް ގޮތަކަށް އަދި އެއިރަކު އަރައި ހުންނެވި ކޮޅަކަށް މޮޅުވާ ގޮތަށް ނުވަތަ ފައިދާވާ ގޮތަށް ދީނީ ނަސޭހަތް ދެއްވައިގެން ރައްޔިތުންގެ އިހުސާސްތަކާއި ކުޅެލައިގެން އިންތިޚާބުގައި “ދީނީ ކާޑު” ކުޅުއްވުމަކީ ޝައިޚްގެ ޓީމުގެ ފަލްސަފާއެވެ.

މިފަހަރުގެ ކޯލިޝަން ސަރުކާރު ވެސް ވަރަށް ގިނަ ބައިބަޔަށް ފޮތި ކުރަން ޖެހުނެވެ. އެންމެ ބޮޑު ބައި މައި ޕާޓީ، އެމްޑީޕީ އަށެވެ. ދެން އެއާއި ޖެހުނު ޖުމްހޫރީ ޕާޓީއަށެވެ. ދެން އަދާލަތާއި ރައީސް މައުމޫނަށެވެ. މައުމޫނަށް ސަރުކާރުން ވީ ބައި ހިއްޕަވައިގެން ނުކުމެވަޑައިގެން ޕާޓީ އެއްވެސް ހައްދަވައިފިއެވެ.

ބައިބަހާލިއިރު އަދާލަތަށް ލިބުނީ ސަރުކާރުގެ އެންމެ މަތިފަޑީން ތިން މަގާމެވެ. އެއީ ތިން ވަޒީރު ކަމެވެ. އެތަނުން އެއް ގޮނޑީގައި ޝައިޚެވެ. ދެން ލިބުނު ގޮނޑިއަކީ އިސްލާމިކް މިނިސްޓްރީގެ ގޮނޑިއެވެ. ދެން ލިބުނީ ޝައިޚުގެ ދަށުން ވަރަށް ހަލުއިކޮށް އުޅުއްވި ސިދާތާއަށް ލިއުއްވާފައި އިން ގޮނޑިއެވެ. ނަމަވެސް އަހަރާއި ފޮއިދުވަސް ފަހުން ވަރުގަދަ ހެލުމަކާއެކު އެގޮނޑި ގެއްލިއްޖެއެވެ. ބައި އެޅިއިރު ޝައިޚަށް ލިބުނު މި ގޮނޑި މިހާރު ވީ ތަނެއްވެސް ޝައިޚަކަށް ނޭނގެއެވެ. ޝައިޚް ޖަލުން ސަލާމަތްވަންދެން ކަރުތާފެނަށް އެރިވަޑައިގެން ކަރުން ނޫނާރު ނަގާފައި ހަޅޭއްލަވައި ދެފައި އެއްތާ ނުޖަހައި ދުވެ މީޑިޔާތަކަށް އަރާ އިންޓަރވިއުދީ އުޅުނު ސިދާތާގެ ގޮނޑިއަށް ވީގޮތް މިހާރު ދުރުގައި ކުޅިބަލަން ތިބި މީހުންނަށް އެނގެއެވެ. އެގޮނޑި އެމްޑީޕީން “ދަމައިގަތީ” ޝައިޚަށްވެސް އޮޅުވާލާފައި ސަޅި ގޮތަކަށެވެ.

ދެން މިހާރު ޝައިޚްގެ ބޮލުގައި ކޮށާވަރުން ބާރަށް އެއްޗެއް ބުނާން ނުކެރިފައި ފާޑަކަށް ދަށުވެފައި އިންނަ މީހަކު ބުނެލާ ފަދަގޮތަކަށް އަދާލަތަށް ޙައްޤުވާ މިންވަރު ރައީސް ޞާލިޙް އަދާލަތަށް ދެއްވާނެއޭ ވިދާޅުވެ ހިތްހަމަ ޖައްސަވާލެއްވިޔަސް އެގޮނޑީގެ ބަދަލުގައި ޝައިޚަށް ދެން ސަރުކާރުން ލިބޭނެ އިތުރު އެއްޗެއް އޮތް ކަމަކަށް ޝައިޚުގެ އެންމެ އަރިސް ބޭފުޅުންވެސް ގަބޫލެއް ނުކުރައްވައެވެ. އަދާލަތުގެ އަތުން “ދަމައިގަތް” މިންވަރު ހޯދުމަށް “ވަނދު” ގޮތަކަށް ޓީވީއަށް އަރާވަޑައިގެން ދެބަހެއް ވިދާޅުވިއަސް އެކަމާ ދެކޮޅަށް ބުރަ ބަހެއްވެސް ވިދާޅުވާން ޝައިޚަށް މިހާރު ކެރިވަޑައި ނުގަންނަވާނެ ކަމަށް ޝައިޚްގެ އެކުވެރިންނަށްވެސް އެނގެއެވެ.

މިމައްސަލައިގައި ޝައިޚް އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިމްރާނާ އެއް ސިޔާސީ ފިކުރެއްގައި ދާދިފަހަކާ ޖެހެންދެން މަސައްކަތް ކުރެއްވި ޑރ. މުހަންމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައިޕާޓީ، އެމްޑީޕީ އިސްވެ އޮވެ އަދާލަތަށް ހައްޤުވާ މިންވަރު ދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމަށެވެ. ޑރ. ޝަހީމު ވިދާޅުވީ ސަރުކާރުން އަދާލަތަށް ލިބެންޖެހޭ ގިނަ މަގާމުތައް މިހާރުވެސް ދީފައިވަނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށެވެ. އަދި ހުތުރު ތުހުމަތު ތަކެއް ބޮލުގައި އަޅުވާފައި ސިދާތާ ގޮނޑިން ނަގާ “ހޫރާލުމުން” ވެސް ދިފާޢުގައި އިމްރާނަށްވެސް އަދި އަދާލަތުގެ އިސް ބޭފުޅަކަށްވެސް ބަހެއް ވިދާޅުވާން ކެރިވަޑައި ނުގެންނެވި ކަމުގައި ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ. ކޯލިޝަންގެ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތުން ހުށައެޅުއްވި ކަންކަމާއިމެދުވެސް ޑރ. ޝަހީމު ސުވާލު ކުރައްވާފައި ވެއެވެ.

ކޯލިޝަން ސަރުކާރު ކުރިއަށްދާނީ ރައްޔިތުން ވޯޓު ދެއްވި ގޮތަށް ކޯލިޝަންގެ ބައިވެރިންނާއި އެކުގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބަށްފަހު ކޯލިޝަން ކަފުން ކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ބައެއް މެންބަރުން އެވިދާޅުވާ ގޮތަށް ކޯލިޝަން ކަފުންވެގެން ހިނގައިދާނެ ކަމުގެ ކުލަތައް މިހާރު ފެންނަމުންދާ ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުން ރައީސް ޞާލިޙާއެކު މަހަކު އެއްފަހަރު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމުގައި ރައީސް ޞާލިޙް ވިދާޅުވެފައި ވީނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު އެފަދަ އެއްވެސް ބައްދަލުވުމެއް ވެސް މަޝްވަރާއެއްވެސް ރަސްމީ ހައިސިއްޔަތުންވެސް އަދި ނުރައްމީ ހައިސިއްޔަތުންވެސް ބާއްވާފައެއް ނުވެއެވެ.

އެހެންވީމާ އަދާލަތަށް ހައްޤުވާ މިންވަރު މިހާރު އެއޮތީ ދީފައެވެ. ޝަކުވާކޮށް ބޮޑާ ހާކަންޏާ ދެން އެމިންވަރު ހައްތާ ވާނީ ކުޑައެވެ. ދީނީ މައްސަލަތަކުގައި އިސްލާމިކް މިނިސްޓަރ އަޅުއްވާ ބައެއް ކަހަލަ ފިޔަވަޅު ތަކުގެ ސަބަބުން އެފަކީރުވެސް އުފުރައިގެން ނުގޮސް އެ ހުންނަނީ ހަމަ ކިރިޔަ ކިރިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން