ކުރީގެ ރައީސް ޔާމީން، ކުރީގެ ނައިބްރައީސް އަދީބު އަދި ޒިޔަތު
ކުރީގެ ރައީސް ޔާމީން، ކުރީގެ ނައިބްރައީސް އަދީބު އަދި ޒިޔަތު
އިއްޔެއާއި ރެއަކީ އަނެއްކާވެސް އެއްކަލަ ބޮޑު ޚިޔާނާތުގެ އަޑު ތަންކޮޅެއް ގަދަވެގެންދިޔަ ވަގުތުކޮޅެކެވެ. ފުލުހުންގެ ޚިދުމަތުގެ ބިލުގެ ވާހަކަ ހިންދާލާ، ފަނޑުކޮށްލާ ވަރުގެ ވަރުގަދަ ރާޅެއްފަދަ އަޑަކަށް ވޭތުވެދިޔަ ސައްވީހަކަށް ގަޑިއިރުގެ ތެރޭގައި އެއަޑު ވެއްޖެއެވެ.

މިފަހަރު އެއަޑު ގަދަވީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ބޭފުޅަކު އެވާހަކަ ދައްކަވައިގެންނެއްނޫނެވެ. މިފަހަރު އެވާހަކަ ދެއްކެވީ އެފަދަ މައްސަލަތައް ހިއްޕަވައިގެން ކޯޓަށް ވަޑައިގެން ސަރުކާރު ނޫނީ ދައުލަތް ތަމްސީލު ކުރައްވަން ގާނޫނުތަކުން ބާރު ދީފައި ހުންނަނާ ޕްރޮސިކިއުޓަރ ޖެނެރަލް އަމިއްލަ ޓީވީ ޗެނަލެއްގައެވެ. ދެން އެދެއްކެވުނު ނޫނީ ދެއްކެވި ވާހަކަތައް މިރާއްޖޭގެ ގިނަ މީޑިއާތަކަށާއި މީސް މީޑިއަށް ތިލަވީއެވެ.

ޕީޖީ މިދެންނެވި ޓީވީގައި އެވާހަކަ ކުޑަ ކުޑަކޮށް ދައްކަވާލީއަކީ ނޫނެވެ. ނޫނީ ސުރިޚީއަޅާލައި މަތި ތަޅާލީއަކީ ނޫނެވެ. އެ ބޮޑު ޚިޔާނާތުގެ މުގުލުގައި ތިބި މީހުންނާއި ކްލަސްޓަރތައް ހުރި ގޮތާއި ކޮންޓެކްޓް ޓްރޭސިންގައި ލިބިފައިވާ މައުލޫމާތު ތައްވެސް ބަންޑުން ކޮށްލެއްވީއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މުޅި މައްސަލަ ގެންދަވާނެ ގޮތާއި ދައުވާ ކުރައްވާނީ ކޮންކޮން ބަޔަކަށް ކަމާއި ދައުވާ ނުކުރައްވާނީ ކޮން ބަޔަކަށްކަން ވެސް ވިދާޅުވެދެއްވައި މައްސަލައިގެ މިސްރާބާއި ދުވެއްޔާއި ބާރުމިނާއި ކުޑަބޮޑުމިންވެސް ތިލަކޮށްލީއެވެ.

މިހާހިސާބުން މައުޟޫއާއި ތަންކޮޅެއް ފެއަށް ޖެހިލާނަމެވެ. މިހާރު ހުންނެވި ޕީޖީއަކީ މީގެ ކުރިންވެސް އެއޮފީހުގައި ދެވަނަ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ވަރަށް އިޖުތިމާޢީ ވަރަށް ހާމަކަންބޮޑު އާންމުންނާ ވަރަށް ގުޅޭ ވެސް ބޭފުޅެކެވެ. ވަރަށް މިނިވަން ކަމާއެކު ވާހަކަ ދައްކަވާ ވެސް ބޭފުޅެކެވެ. ހަމަ ރަނގަޅު ގާނޫނީ ވަކީލެކެވެ. ވަރަށް މީޑިއާއާވެސް ރައްޓެހި ބޭފުޅެކެވެ. މީސް މީޑިއާއާވެސް ވަރަށް ދޯޅަ ބޭފުޅެކެވެ. މީގެއިތުރުން ބޮޑު ޚިޔާނާތް ތިލަވާން މެދުވެރިވި އެއްހާދިސާގެ ގޮތުގައި ފާހަގަ ކުރެވޭ ރިޔާސީ ލޯންޗްކޮޅު ނޫނީ އޭރު ގާނޫނީ ވަކީލު ޝަމީމުގެ ބަހުރުވައިންނަމަ ރިޔާސީ ދޯނިކޮޅުގައި އެއްޗެއް ގޮއްވާލައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ހާދިސާގެ ތުހުމަތު ކުރެވޭ އޭރުގެ ނާއިބްރައީސް އަހުމަދު އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ފުރަތަމަ ފެނިފައި ވަނީ މިހާރުގެ ޕީޖީއެވެ.

ކޮންމެ ދުވަހަކުހެން ޕްރެސް ބާއްވައި އަދީބުގެ ވަކީލުންގެ ޓީމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާއިރު ލީޑް ކުރައްވަނީ ޝަމީމެވެ. އޭރު ޝަމީމު މީހުންގެ މެދުގައި މަޝްހޫރުވެފައި ވަނީ ރިޔާސީ ލޯންޗް ކޮޅު، ފިނިފެންމާގެ ނަން ތަފާތު ގޮތަކަށް ވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. ޝަމީމު އަބަދުވެސް މުހާތަބު ކުރައްވާތީ ހަނދާން ވަނީ "ރިޔާސީ ދޯނިކޮޅު" ގެ ނަމުންނެވެ. އެހެންވީމާ އެހާދިސާއާއި ގުޅުންހުރި ކަންކަމުގެ ހަގީގަތްތަކާއި އަދި އަދީބާއި ގުޅުންހުރި ގިނަ ކަންކަމުގެ ހަގީގަތްތައް ޝަމީމަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޝަމީމަކީ ވަރަށް މަޝްހޫރު ފުންނާބުއުސް ވަކީލަކަށްވާއިރު ފިނިފެންމާ ލޯންޗްގެ ހާދިސާ ފަދަ ބޮޑު މައްސަލައެއްގައި، އޭރުގެ ސަރުކާރާއި ދެކޮޅަށް ވަކާލާތު ކުރައްވަން ދިފާއީ ވަކީލެއްގެ ގޮތުގައި ނުކުމެ ވަޑައިގަންނަވާނީ ހަމަ ރަނގަޅު އަގެއް އަދީބު ދެއްވައިގެން ކަމަށް ގަބޫލުކުރެވެއެވެ. އެހެނީ އެމައްސަލަ ހިއްޕްވައިގެން ނުކުމެ ވަޑައިގެންނެވުމުން ޝަމީމަށް ވަރަށް ގިނަ ހުރަސްތަކާވެސް ކުރިމަތިވެވަޑައިގެންފައި ވެއެވެ.

ކުރިމަރާލާފައި މައުލޫމާތަށްޓަކާ އެހާދިސާ ތަކުގެ ހަނދާން އާކޮށްލީ ކުރިއަށްދާން ވެސް ފަސޭހަވާނެތީއެވެ. ދެން މިވާހަކަ ބާއްވާފައި އަސްލު މައުޟޫއާއި ދިމާއަށް އެނބުރޭނަމެވެ.

ކޮންމެއަކަސް ޕީޖީ ޓީވީގައި ދެއްކެވީ މިފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ފެންމަތިވާ މޫސުމީ ވާހަކައެކޭ މީހުން ބުންޏަސް ޕީޖީ އެވާހަކަ ދެއްކެވީމާ އެހެން މީހަކު ދެއްކުމަށްވުރެ ހަތަރު ގުނަ ބަރުދަން އެވާހަކައިގައި ހުންނާނެތީ އެއަޑު ކުއްލިއަކަށް މާގަދަވީއެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ބޮޑު ޚިޔާނާތުގެ ޑޮލަރު ފުންޏަށް އަތް ބޭނި ފަރާތްތަކުގެ ތެރޭގައި "ހުރިހާ" ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް ވެސް ހިމެނޭ ކަމަށް ވިދާޅުވީމާ ކަމަށް ވެއެވެ. އަދި އެއަށްވުރެ މާ "ފައްކާ" ވާހަކައެއް ވިދާޅުވި ކަމަށް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާތީ ދުށީމެވެ. އެއީ މި ޚިޔާނާތުގެ ފައިސާ ހެއު ނިޔަތުގައި ބޭނުން ކުރި ބަޔަކު އުޅޭ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ދަޢުވާ ނުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވާ ވާހަކައެވެ.

މިލައިގަތީ ބޮޑު ކަމަކާ ތާއެވެ. މި ވިދާޅުވީ ހާދަހާވާ އެހެން ޒާތެއްގެ ވާހަކަ އެކެވެ. މިވާހަކައަށް ކޮމެންޓް ކުރި ބައެއް މީހުން މަސައްކަތް ކޮށްފައި ވަނީ ޚިޔާނާތުގެ ފައިސާއެއް ހެއު ނިޔަތުގައި ބޭނުން ކުރާނެ ގޮތެއް ހޯދުމަށެވެ. މިކަމުގައި އެކި މީހުން އެކި ގޮތަށް ސުވާލު އުފައްދަމުން ގޮސް، އެކަކު ބުނެފައިވަނީ އެވިދާޅުވަނީ އަދީބުގެ ދިފާޢުގައި ވަކާލާތު ކުރައްވަން ނުކުންނެވި ވަކީލު، ނުވަތަ ވަކީލުން އެފައިސާ ބޭނުން ކުރައްވާނީ ހެއުގޮތުގައި ކަމުގެ ވާހަކަ ކަމަށެވެ.

އަޅުގަނޑަށްވެސް ފަހުން ފަހުމް ވީ ހަމަ އެގޮތަށެވެ. ވަކީލަކީ އަދީބު ފައިސާ ދޭންޖެހޭ މީހަކަށް ވާތީ ވަކީލަށް އަދީބު ދިނީ ކޮން ފައިސާއެއްތޯ ވަކީލު ސުވާލު ކުރައްވާކަން ނުޖެހޭނެ ކަމަށް އަޅުގަނޑަށް ވެސް ވިސްނުނީ އެހާ ހިސާބުންނެވެ. އެހެން ވިއްޔާ އެގޮތަށް "ހެއުނިޔަތުގައި" އެފައިސާ ބޭނުން ކުރެއްވި އެތައް އެތައް ބޭފުޅުންނެއް، މީހުންނެއް އަދި ކުންފުންޏެއް އެއްކަލަ 250 މީހުންގެ ލިސްޓުގައި ހިމެނޭނެ ތާއެވެ. އެކަމަކު އެލިސްޓެއް ހަދާނީ އަދީބާއި "ޑީލް" ހަދައިގެންތޯ ނޫނީ ދެން އެނޫން އެހެން ކޮން ބަޔަކާއި ހަވާލުކޮށް، ކޮން މައުލޫމާތު ތަކެއްގެ މައްޗަށް ބުރަވެތޯ، މިހިރީ ހައްތާވެސް އުފެދޭނެ ސުވާލެވެ.

ދެން މިވާހަކަތައް މީޑިއާ ތަކުގައި އެކި ގޮތްގޮތަށް ރިޕޯޓް ކުރަން ފެށީއެވެ. ރިޕޯޓް ކުރުމުގައި ވެސް ތަފާތު މެޝިން ތަކުން ޓެސްޓް ހަދައިގެން ނަތީޖާ ނެރެގެން ރިޕޯޓްކުރާ މީޑިއާތައް އުޅޭނެއެވެ. އެގޮތަށް ޓެސްޓްގެ ނަތީޖާ ތަފާތު ގޮތަކަށް ނުކުތް މީޑިއާއަކުން ރިޕޯޓް ކުރީ މިހާރު ދައުވާ ނުކުރާ ލިސްޓު ހަދާ ނިމިފައި އޮތް ކަމަށެވެ. އެވާހަކައަށް ޕީޖީ ޖަވާބު ދެއްވީ އިލާހީ ވަހީ ބަސްފުޅަކުންނެވެ. ދެން ދަންނަވާނެ އެއްޗެއް ހަމަ ނޭގުނެވެ. ހަމަގައިމުވެސް އިލާހީ އެ ބަސްފުޅާ ދެކޮޅަށް އަމަލު ކޮށްފައިވާ މީހަކު އެނގޭނެ ދުވަހެއް އަންނާނެއެވެ. ދެން މިޖެހުނީ އެދުވަހަކަށް އިންތިޒާރު ކުރާށެވެ.

މިކަމުގައި އަޅުގަނޑަށް ފާހަގަވީ ދެތިން ކަމެއް ދަންނަވާލާނަމެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ވާހަކައަކީ މިހާރު ހަމަ މޫސުމީ ވިއްސާރައެއް ކަހަލަ އެއްޗަކަށް ވެއްޖެއެވެ. ގަދަ ހަޅަޖަހާ މޫސުމުގައި ގަދައަށް ގުގުރިޖަހާ ވިދާހެން އެވާހަކަ ދޭތެރެ ދޭތެރެއިން ފެންމަތިވެ ދެން ހަމަ މި ނިމެނީއޭ ހީވާ ހިސާބަށްވެސް ކިތަންމެ ފަހަރަކު ކަންކަން ގޮސްފައި އެބަހުއްޓެވެ. މި ސަރުކާރު ވެރިކަމަށް އައިސް އެ އުފެއްދި ކޮމިޝަން ތަކުގެ ތެރޭގައި އެމައްލަ ބަލާން މަތިކުރި ކޮމިޝަނެއް އުފެއްދެވީމާ ބަންދު ދުވަސް ނުލައި ގުނާ ނިންމާލި ސަތޭކަ ދުވަހުގެ ތެރޭގައި އެމައްސަލަ ނިންމައި އެކަން ކުރި މީހުންނަށް ހުކުމް ޖަހައި ނިންމާލަފާނެ ކަމަށް ވެސް ހީކުރެވުނެވެ. އެކަމަކު އަދި ހަމަ އެކަން މިދަނީ ސައިބޯނި ބޮތްކަށެވެ. ކުރީ ސަރުކާރު ވަގޭ، ރައީސް ޔާމީނު ވަގޭ ކިޔަން ވީމާ ދެން އަންނަނީ އެމްއެމްޕީއާރްސީގެ ވާހަކައެކެވެ. ހެލޭ ދޫތަކުން ވަރަށް ހަލުއިކޮށް ފަށުވިކޮށް "މިމަޖުލީހުގައި އެފައިސާގައި ޖެހިފައި ތިބި ބަޔަކު ތިއްބަސް އެމައްސަލަ ބަލާން ޖެހޭނެއޭ" ވިދާޅުވެ މޮޅު ވާހަކަ ދެއްކުން ނޫން ކަމެއް އަދި މިހާތަނަކަށް ނުފެނެއެވެ.

ދެން އޮތީ ޕީޖީ މިވާހަކަ މީޑިއާއަށް އަރައި ދެއްކެވި މަގުސަދާއި މެދު އުފެދޭ ސުވާލެވެ. ބަލަމުންދާ މައްސަލައަކާއި ބެހޭގޮތުން އަމިއްލަ މީޑިއާއެއްގައި މައުލޫމާތު ދެއްވަނީ ދައުލަތުން އެމައްސަލައިގައި ދައުވާ އުފުލާ އެންމެ އިސް ޒިމްމާދާރު ފަރާތެވެ. ޕްރޮސިކިއުޓަރ ޖެނެރަލެވެ. މި ދައްކަނީ އާދައިގެ ވާހަކައެއް ނޫނެވެ. ބިލިއަން ޑޮލަރުގެ އަގު ހުރި ޝަރީއަތެއްގެ ވާހަކައެވެ. އަޅުގަޑަށް "ކަޑަ" ވެގެން މިއުޅެނީ މިހާހިސާބުންނެވެ.

ގާނޫނީ ގޮތުން މިކަން އޮތް ގޮތުގެ ވާހަކަ ދައްކާން އަޅުގަނޑަކަށް ނޭނގެއެވެ. ހަމަގައިމުވެސް ޕީޖީ މި ދައްކަވަނީ އެތައް ބައެއްގެ މަސްލަހަތު އޮތް ވަރަށް ހައްސާސު ގައުމީ ބިޔަ ބޮޑު މައްސަލައެއްގެ ވާހަކައެވެ. ދައުލަތުގެ ފައިސާއަށް ބަޔަކު ޚިޔާނާތްތެރިވި ވާހަކައެވެ. މިމައްސަލައިގައި އެންމެ ބޮޑު ތިން ކުށްވެރީންގެ ނަން ޕީޖީ ވިދާޅުވެ ދެއްވައެވެ. އަދި ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ސިޔާސީ ޕާޓީތަކުގެ ނަންވެސް ވިދާޅުވި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި ސިޔާސީ ލީޑަރުންނަށް އެފައިސާ ލިބިފައި ހުރިކަމަށް ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައި އޮތެވެ.

މިހާހިސާބުން މި މައްސަލަ ޕީޖީ މިއޮތީ ވަކި ގޮތަކަށް ސެޓްކޮށް ނިމިފައޭ ދެންނެވޭނެ ޖާގަ ލިބެނީއެވެ. މިމައްސަލައިގައި ދައުވާ ކުރާނެ މީހުންނާ ނުކުރާނެ މީހުންގެ ލިސްޓު ހަދާފައި އޮތް ކަމުގައި ތުހުމަތު ކުރުމުގެ ޖާގަ ލިބެނީއެވެ. ޕީޖީ މާބޮޑަށް ސިޔާސީ ވީކަމަށް ބަލައި އެގޮތަށް ދެކޭނެ ޖާގަ ލިބުނީއެވެ. ޕީޖީގެ ތަހުގީގު ގެންދާނެ މިސްރާބާއި ދާން އުޅޭ ދިމާ ޚިޔާލަށް ގެންނާނެ ޖާގަ ދެވެނީއެވެ. އެހެންވީމާ ތަހުގީގުގައި އޮތް މައްސަލައެއްގައި، މައްސަލަ ރަނގަޅަށް ތަހުގީ ކުރޭތޯ ބެއްލުވުމާއި ގޯސްކޮށް ދާކަމެއް ރަނގަޅުކޮށް ކަމުގެ ހަގީގަތް ހޯދުމަށް މަގުދައްކައި އިންސާފާއި ހަމަހަމަ ކަމުގެ ނަމޫނާ ދައްކަވާން ހުންނެވި ޒިންމާދާރު، އެންމެ ޒިންމާ ނަންގަވަން ޖެހޭ އެންމެއިސް ބޭފުޅާ އެވާހަކަ އާންމު ޓީވީއަކަށް އަރާވަޑައިގެން އެހާ ތިލަކޮށްލެއްވީމާ ޕީޖީއާއިމެދު ޝައްކުގެ ނަޒަރަކުން ބަލާން މީހުންނަށް މަޖުބޫރު ވީއެވެ. އެޖާގަ ދެއްވީއެވެ. މައްސަލައިގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުވާން އުޅޭ ކަމަށް ގަބޫލުކުރެވެނީއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ރަސް

23-Jun-2020

އެޑިޓަރ ހާދަ ބޮޑަށް ޖޭ ވެފަ ހުރިހެން ހީވެޔޭ.



ޓްރެންޑިން