ކޯވިޑް-19 އާއި ގުޅިގެން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެއެވެ. އެހާމެ ގިނަ ކަންކަން ތަޖުރިބާ ކުރެވިއްޖެއެވެ. އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރޭގައި ހުރި ލޯވަޅުތަކާއި ބާގަނޑުތަކާއި "ކަޑަ" ކަންކަން ވަރަށް ރީތިކޮށް ފެނި ދަސްކުރަން ފުރުސަތު ލިބިއްޖެއެވެ. ކަންކަމުގެ ވައްޓަފާޅިއާއި ތަޖުރިބާ ބޭނުން ކުރަން އެނގުނު ވަޒީރުންނާއި ބޮޑު ކަމެއް ލައިގަތުމުން ހަދާނެ ގޮތެއް ނޭނގި ދެއަތް އުރާލައިގެން ތިއްބެވި ބޮޑުންވެސް އެނގި ހާމަވެއްޖެއެވެ.

ހަމަގައިމުވެސް ކޯވިޑް-19 އާއި އެކީ އެންމެ ބޮޑަށް ފެއިލްވިތަން ފެނުނު އެއްދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. މިއޮށްފަދަ ޓެކްނޮލޮޖީގެ ޒާމާނުގައި އަޅުގަނޑުމެންގެ ތައުލީމީ ދާއިރާ ކޯވިޑާއެކު ހަމަ ދިޔައީ ޗޮކުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ސްމާޓް ފޯނެއް ނެތް އެކަކުވެސް ނެތެވެ. ނޫނީ ހަމަ ރީއްޗަށް ގުނާލެވޭހާ ވެސް މަދެވެ. ފޯނުން ކުރެވެންޏާ ކުރެވޭހާ ބޭކާރު ހުރިހާ ކަމެއް އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ދަރީން ކުރެއެވެ. އިންޓަރނެޓް ޑޭޓާ ވެސް އަދި ބްރޯޑްބޭންޑާއި ފައިބަރ އިންޓަރނެޓްވެސް ގޭގައި ހުރެއެވެ.

ކޯވިޑާއެކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ސްކޫލްތައް ބަންދު ކުރަން ކަމާބެހޭ ފަރާތުން ނިންމީ ހަމަ ކުއްލިއަކަށް ނޫނެވެ. އެކަމަށް ހިގީ ބެލެނިވެރިން ވެސް އެކަމަށް އެދި އެދި ތިބޭތާ އެތައް ދުވަހެއް ފަހުންނެވެ. ސްކޫލްތައް ބަންދު ކުރާ ހިސާބަށް ދިޔައިރު އެޑިއުކޭޝަން މިނިސްޓްރީގައި ރޭވުންތެރި ކަމެއް ހުރި ނަމަ ނޫނީ ނޭފަތު ކުރިއަށްވުރެ ދުރު އެވެރީންނަށް ފެނުނު ނަމަ ސްކޫލްގައި ބަންދު ބޯޑު އަޅުވާން ވާއިރަށް ހުންނާނީ މަސް ދުވަހަށް ކިޔެވުން ބަންދު ކުރަން ޖެހިއްޖެ ނަމަ ހަދާނެ ގޮތާއި ތިން މަހަށް ބަންދު ކުރަން ޖެހިއްޖެ ނަމަ ދެން ކަންކަން ގެންދާނެ ގޮތާއި އަދި މުޅި އަހަރުގެ ބާކީ ބައިގައި ބަންދު ކުރާން ޖެހިއްޖެ ނަމަ ކަންކަން ކުރާނެ ގޮތުގެ އެސްއޯޕީ، ނުވަތަ ކަންކަން ކުރިއަށްގެންދާނެ ހަމަތަކާއި އުސޫލުތަކާއި ގޮތްތައް ކަރުދާހަށް ތިރި ކުރެވި ފައްކާކުރެވިފައެވެ.

އެކަމަކު އެންމެ ގިނަ މުވައްޒަފުންނާއި އެންމެ ބޮޑު ބަޖެޓާއި އެންމެ ތައުލީމީ މީހުންނާއި އެންމެ ފަންނުވެރިން ގޮވައިގެން އުޅުއްވާ ވަޒީރަށް މިވީ ކިހާ ވަރެއްތޯ މިއަދު ފަހަތަށް އެނބުރި ބަލާލައިފި ނަމަ އެކަމަނާ ލަދުން އިސްޖަހާލަން ޖެހޭވަރަށް ކަންކަންގޯހެވެ. ގަބޫލު ނުކުރައްވާނަމަ ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ.

އަންނަ އަހަރުގެ ހަމަސްދުވަހު ވެސް ތިބި ގްރޭޑްގައި ކުދިން ކިޔަވާން ޖެހުމުން ކުދިންގެ ތަޢުލީމީ އުމުރުން ހަމަސް ދުވަސް ގެއްލުނީއެވެ. ނޫނީ ފަހަތަށް ދިޔައީއެވެ. ގެއްލުނު އުމުރަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ގެއްލުނު ވަގުތަކީވެސް އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. ހަޔާތުން ދުވަހެއް ދަންޏާ އުމުރުންވެސް އެދަނީ ދުވަހެކެވެ. އެންމެ ހަމަސް ދުވަސް ވީމާ އެއީ އެއްވެސް ކަމެއް ނޫންކަމަށް ވިދާޅުވާ ބޭފުޅުންވެސް ނޫޅޭނެއެކޭ ނުދަންނަވަމެވެ.

އެންމެ ރަނގަޅެވެ. މިހާރު ތިބި ކުދިންގެ ކިޔެވުމުގެ އުމުރުން ބައި އަހަރު ގެއްލި އެކުދިން އިތުރު ބައިއަހަރު ކްލާސް ރިޕީޓް ކުރާއިރު ތައުލީމީ އާއަހަރަށް ފަށައިގަންނަ ކުދިންނާއި ސްކޫލް ބަދަލު ވާން އެދޭ ކުދިންނާއި ސްކޫލްތަކުގެ ޖާގައާއި ވަސީލަތްތަކާއި ޓީޗަރުންނާއި މިހެން ގޮސް މުޅި ނިޒާމަށް ބޮޑު ސިންގާ ލޮޅުން ގަނޑެއް އަރައި އިތުރު އެތައް ޚަރަދު ތަކަކާއި ހާސް ކަމެއްގެ ތެރެއަށް ވެއްޓިގެން މިދާން ޖެހުނު އެންމެ ބޮޑު ސަބަބަކީ، އެއްކަލަ ދެވަޒީރުން ވިދާޅުވާ ކޯވިޑް-19 ގެ "ވާސްޓް ކޭސް ސިނާރިއޯ" އާއި މެދު ކުޑަކޮށްވެސް ވިސްނުން ގެންގުޅުއްވާފައި ނެތީމައެވެ.

ސްކޫލްތައް ބަންދުކޮށް ދިގުލާން ފެށުމުން ފުރަތަމަ ފެށީ ޓީވީ މެދުވެރިކޮށް "ޓެލި ކިލާސް" ކިޔައިގެން މާކުރީ ޒަމާނެއްގެ މެތަޑެއް ބޭނުން ކުރާށެވެ. އެ ކިލާހެއް ނަގާން ބެލި އިރު ގިނަ ގޭގޭގައި ރާއްޖޭގެ ޓީވީ ޗެނަލެއް ބަލާ ނުލާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއިން ޗެނަލެއް ލިބޭ ގޮތެއްވެސް ގިނަ މީހުންނަކަށް ނޭގެއެވެ. ދެން މިނިސްޓްރީން ހީކުރީ ހުރިހާ އެންމެން އެކިޔާ ކޭބަލް ޓީވީ ލައިގެން އުޅޭނެ ކަމަށެވެ.

ވަޒީރަށް އުޅުއްވުނީ މާފަހަތުގައެވެ. މާލޭގައި ލޯކަލް ޗެނަލްތައް ބަލާއުޅެނީ މިހާރު "ކަޓު" މީހުންނެވެ. އޭގެ ދަށުގައި ފޫހަރައިގެން ނުތިބެވޭތީއާއި ލޯކަލް ޗެނަލެއް ބަލައިލާން ކޮންމެ މަހަކު ކޭބަލް ޓީވީއަށް ހަތަރު ފަސް ސަތޭކަ ރުފިޔާ ދޭން ޖެހޭތީ ގިނަ މީހުން އެކަން ކުރަނީ މިހާރު ހުރިހާ މުހުތާދެއްވެސް ފުދޭ ސްމާޓް ފޯނުންނެވެ. ދެން އާދައިގެ ނިކަމެއްޗަކަށް ކޭބަލް ޓީވީއަށް މަހުން މަހަށް ލާރި ދައްކައިގެން އެކަން ކުރެވޭ ވަރަށްވުރެ އެޚިދުމަތުން ނަގާ އަގު މާބޮޑެވެ.

އެހެނެއް ނޫނެވެ. ޖަޕާނު ސަރުކާރުގެ އެހީގައި ދައުލަތުގެ ޓީވީ އާއި ގުޅިގެން ހިންގަން އުޅުނު ވަރަށް ފައްކާ ޕްރޮޖެކްޓެއް ހަމަ ދެންމެ ދެންމެ އަކު ނިމޭ ހިސާބަށް ގޮސްފައި އޮތް ކަމަށް އަޑު އެހީމެވެ. އެއީ މުޅި ރާއްޖެއަށް ހިލޭ ވެސް މާބޮޑު ޚަރަދަކާއި ނުލައި ޓީވީ އާއި ރޭދިއޯގެ ޚިދުމަތް ފޯރުކޮށްދެވޭ ނިޒާމެކެވެ. މިހާރު އެކަން ނިމިފައި އޮތް ނަމަ އެއީ ރާއްޖެ ފަދަ ޖަޒީރާއަކަށް ވަރަށް ފައްކާ ޕްރޮޖެކްޓެކެވެ.

ދެން އެވާހަކަ ބާއްވާށެވެ. މިނިސްޓްރީން ހިންގަން އުޅުނު ޓެލި ކިލާސް އެއީ ކުރިން ދެންނެވި ހެން ޚާއްޞަ ކޮށް "ރާއްޖޭގެ" މި ޒަމާނާ ގުޅޭ އެއްޗަކަށް ނުވާތީ އެކަން ފެއިލް ވީއެވެ. އެހެން ނޫނަސް ޓީވީ ޕްރޮގްރާމެއް ތައްޔާރު ކުރުމަކީ ކިހާ ވަގުތެއް ހޭދަވާ ކިހާ މަސައްކަތެއް ކުރަންޖެގޭ ކިހާ ވަސީލަތެއް ބޭނުންވާ އަގުބޮޑު ކަމެއްކަން ނޭނގޭ ބަޔަކު މިފަދަ ފަސޭހަ ޓެކްނޯލޮޖީގެ ޒަމާނެއްގައި އެކަން ކުރަން އުޅުނީމާ ވެސް ކުޑަކޮށް ލަދުގަންނަ ގޮތް ވެއެވެ.

ދެން ވިދާޅުވާނީ ތިޔަ ބުނާ ޒަމާނީކޮށް އޮންލައިންކޮށް ވެސް ކްލާސްތައް ނަގަން އުޅުނޭ، އެކަމަކު އެކަން ނުވީ މިވެނި އެވެނި ސަބަބަކާއި ހުރެއޭ ކަންނޭނގެއެވެ. ތެދުފުޅެކެވެ. އޮންލައިންކޮށް ކްލާސްތައް ނަގާ ވާހަކަ ވަރަށް ބާރަށް ވަޒީރު ދައްކަވައެވެ. ދޭތެރެއަކުން ކްލާސްތައް ފައްޓަވާވެސް މެއެވެ. ދެން ދައްކަވަނީ އަބަދުވެސް އިންޓަރނެޓް ޑޭޓާ އެއް ނުލިބިގެން ނޫނީ ފޯރުކޮށް ނުދެވިގެން އުޅުއްވާ އަޑު ވާހަކައެވެ. ސްކޫލްތައް ބަންދުކޮށް ތިންމަސް ވެގެން ދިޔައިރުވެސް މުޅިން އިވެނީ އޮންލައިންކޮށް ކިޔަވއިދޭން އުޅޭ ވާހަކައެވެ. ކިލާސްތައް ނަގައިދޭން އުޅޭ ވާހަކައެވެ. ކޮންމެ ވެސް ވަރަކަށް އެކަން ނުކުރެއެކޭ ނުދަންނަވަމެވެ. އެކަމަކު ސިލަބަސް ނިންމާލާ އަންނަ އަހަރުގެ ދިރާސީ އަހަރު ބަރާބަރަށް ފެށޭ ވަރާ ގާތަށްވެސް އެކަމެއް ނުވިއެވެ. އެހެން ނޫންނަމަ އަންނަ އަހަރު ހަމަސްދުވަސް ތިބި ކިލާހުގައި ތިބޭކަން ނުޖެހުނީހެވެ.

އަޅުގަނޑުމެން މިސާލު ނަގަނީ އަބަދުވެސް ސިންގަޕޫރާއި މެލޭޝިޔާ ފަދަ ގައުމު ތަކުންނެވެ. އެގައުމުތަކުގައި އަހަރުގެ ފަހު ސެމިސްޓާ ހުރިހާ ކުދިންވެސް ނިންމާލީ ފުރަބަންދުގައި ތިބެގެންނެވެ. ގޫގްލް ކްލާސްރޫމާއި ޒޫމްފަދަ އެޕްތަކުގެ އެހީގައެވެ. ވަގުތުންނާއި ރެކޯޑްކޮށްފައި މެޓީރިއަލް ހިއްސާކޮށްގެންނާއި ޑޮކިއުމަންޓްސް އޮންލައިން ކޮށް ބަދަލުކޮށްގެންނެވެ. ދުވަހުން ދުވަހަށް މަސައްކަތް ކޮށްފައި ޑެޑްލައިނަށް މަސައްކަތް ނިންމާން ޖެހެއެވެ. ކްލާސްތަކުގެ ވަޓްސްއަޕް ގްރޫޕްތައް އެކްޓިވޭޓްކޮށް މުޅި ރޯދަ މަހުވެސް ކުދިން ގޭގައި ތިބެގެން ކިޔެވީއެވެ. ނަތީޖާއެއްގެ ގޮތުން ކުދިންގެ ކިޔަވާ އުމުރުން އެންމެ ދުވަހެއް ނުގެއްލި އާ ސެމިސްޓާއާއި ކުރިމަތިލާން އެވަނީ ތައްޔާރުވެފައެވެ.

މިއަދު މިއީ ބަހަނާއަކުން ނަމަނަމަ އަކުން ކަންކަން ވާ ޒަމާނެއް ނޫނެވެ. މިއަދު ކަންކަން ވާނީ ކަންކުރުމުގެ ރޫހާއި ގާބިލުކަމާއި ވައްޓަފާޅި ވެސް ހުރެގެންނެވެ. ކަންކަމަށް ދުރާލާ ތައްޔާރުވެގެންނެވެ. އަބަދުވެސް އެންމެ ގޯސް ހާލަތަށް ނުވަތަ "ވާސްޓް ކޭސް ސިނާރިއޯ" އަށް އަބަދުވެސް ތައްޔާރުވެގެންނެވެ. އެވަގުތަކާއި ހާލަތަކާއި ގުޅޭ ގޮތަށް ކަންކުރާނެ ގޮތް ކަރުދާހަށް ތިރި ކުތެވިފައި އޮވެގެން ނޫނީ އެކަމެއް ނުވާނެއެވެ.

ގާނޫނު ހަދާއިރު، ރޯގާ ބަލިމަޑުކަމެއް އައިސްގެން އިންތިޚާބު ނުބޭއްވިއްޖެއްޔާ ދެން ހަދާނެ ގޮތް ލިޔެފައި ނެތިއްޔާ އަބަދުވެސް ޖެހޭނީ ގާނޫނީ ހުސްކަމަކާއި ލައިގަނެދާނެތީ އުޅޭހާއެވެ. ނާއިބްރައީސް ދުނިޔޭގައި ހުއްޓާ ރައީސުލްޖުމްހޫރިއްޔާ އަވަހާރަވެއްޖެއްޔާ ދެން ހަދާނެ ގޮތާއި ދެމީހުން އެއްކޮށް އަވަހާރަ ވެއްޖެއްޔާ ދެން ހަދާނެ ގޮތް ގާނޫނު ތަކުގައި ލިޔަނީ ކޮންމެ ފަހަރަކު އެކަން އެގޮތަށް ވާނެތީއަކީ ނޫނެވެ. ރަށްރަށުގައި ފެންބޮޑުވެއްޖެއްޔާ ނޫނީ ފެނަށް ޖެހިއްޖެއްޔާ އެހީވާނެ ބަޖެޓާއި އެކަމަށް ޚާއްޞަ އިދާރާތައް ގާއިމުކޮށް އެކަމަށް އުސޫލުތައް ލިޔެ ކަން ކުރާނެ ގޮތް ލިޔެފައި އޮންނަނީ ކޮންމެ އަހަރަކު އެކަން ވާން ޖެހޭނެތީއެއް ނޫނެވެ. އެއީ ދުނިޔޭގައި އިންސާނުން ދިރިއުޅޭއިރު ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވެ އުސޫލުތައް ގާއިމުކޮށްގެން ތިބީމާ އެކަމެއް އައިސް ލައިގަތީމާ ތެޅިފޮޅިގަނެ ހަދާނެ ނުހަދާނެއެއް ނޭނގި ކަންކަން ހުއްޓި ލިބިދާނެ އެތައް ގެއްލުމަކުން ސަލާމަތް ވުމަށްޓަކައެވެ.

2004 ގައި ކުރިމަތިވި ސުނާމީ ކާރިސާއިން ވެސް ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ދަސްވިއެވެ. އޭރު އެފަދަ ކަމަކަށް އަޅުގަނޑުމެން ތައްޔާރު ނުވެ ތިބީ އެފަދަ ކަމެއް މިއިން ޒަމާނެއްގައި ގައުމަށް ލައި ނުގަންނާތީއެވެ. ކޯވިޑް-19 ވެސް މިވަނީ އަޅުގަނޑުމެންނަށް ވަރަށް ގިނަ އިބްރަތްތައް ހާސިލުކޮށްދީފައެވެ. ގިނަ ފިލާވަޅުތައް ނަގައި ދީފައެވެ. ނިޒާމުގައި ހުރި ދޯހަޅިކަމާއި ނުކުޅެދުންތެރިކަމާއި ކަންކަމަށް ތައްޔާރުވުމުގެ ގާބިލުކަން ހުރި މިންވަރުވެސް ދައްކައިދީފިއެވެ. ދެންވެސް މި ރާއްޖެއަށް ފެތޭ ކަންކުރެވޭނެ ވިސްނުމެއް ނެރެގެން އެ ވިސްނުން ކަރުދާހަށް ތިރިކޮށްގެން ކަންކުރެވޭތޯ މަސައްކަތް ކުރަންވީއެވެ. ކަންކުރާން ބޭނުންވަނީ ހަމައެކަނި ތަޢުލީމެއް ނޫނެވެ. ތަޢުލީމާއި އެއްވަރަށް ތަޖުރިބާވެސް ހަމަ މުހިންމެވެ. ކޯވިޑާއެކު އަޅުގަނޑުމެންގެ ގައުމުން އެންމެ ބޮޑުކޮށް ފެނުނީ އެމަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު


20

ޖިިހަަ

21-Jun-2020

މުޅި ދުނިޔެ ދުވަހަކު ނުދެކޭ ފަދަ ބިރުވެރި ވައިރަސް އެއްގައި މިހާުރުވެސް ހަފުސް ވެފައި . ނޭގެނީތައަޅެ ފަހެ



ޓްރެންޑިން