ކޮންމެ ކުއްޖަކުވެސް މާދަމާގެ ކުރިއެރުމަށް، މިއަދު ވަރަށް މަސައްކަތް ކުރަން މުހިންމެވެ.

މިއީ އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގަމުންދާ ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމުގެ ދަރިވަރު އައިޝަތު ރައުސަމް މުހައްމަދު ރައުފް އާއި ވާހަކަ ދައްކާލުމުގެ ތެރެއިން ރައުސަމް ފާހަގަކޮށްލި މުހިންމު ނުކުތާއެކެވެ.

އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމަކީ ޒުވާނުންނާއި ކުޑަކުދިން، އަދުގެ ދުނިޔޭގައި ހިނގާ ކަންކަމަށް އަހުލުވެރި ކުރުވާ ލޯހުޅުވައިދޭ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަރިވަރު، ރައުސަމް އަކީ ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 7 ގައި ކިޔަވަމުންދާ ދަރިވަރެކެވެ.

ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ ރައުސަމް ބުނީ ސްކޫލަށް ދަމުން ގާލް ގައިޑް ފަދަ އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުންވެސް އުގައިލް ފައުންޑޭޝަނުގެ ޕްރޮގްރާމެއްގައި ބައިވެރިވެ ދިރިއުޅުމުގެ މުހިންމު ކަންކަން ދަސްވަމުންދާކަމަށެވެ. އަދި ކިތަންމެ ބުރަވިޔަސް، ވަގުތު ހޯދައިގެން، ކޮންމެ ކުއްޖަކުވެސް ގިނަ ކަންކަމުގައި ބައިވެރިވެ، އަމިއްލަ ލަނޑުދަނޑިތައް ހާސިލު ކުރަން މިއަދު މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށާއި، މިމަސައްކަތުގެ ތެރެއިން މާދަމާގެ މުސްތަގުބަލް ބައްޓަން ކުރުމަށް މުހިންމު ފިލާވަޅުތަކެއްގެ އިތުރުން އެކި ތަޖުރިބާތަކެއް ދަސްވެގެން ދާނެކަމަށެވެ.

އެގޮތުން ރައުސަމް ބުނީ އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމަކީ މާދަމާގެ ކުރިއެރުވުމަށް މުހިންމު ރޯލެއް އަދާކުރާ ޕްރޮގްރާމެއް ކަމަށެވެ. ރައުސަމް ބުނީ މި ޕްރޮގްރާމްގައި ބައިވެރިވީ އެހެން މީހުންނަށް އެހީތެރިވުމާއި، ކަންކަމުގައި އިސްނަގައި ލީޑަރަކަށް ވުމުގެ އުއްމީދު ކުރަމުންދާތީއެވެ.

އެގޮތުން މިޕްރޮގްރާމުން މުހިންމު ބައިވަރު އެއްޗެހިތަކެއް ދަސްވަމުންދާކަމަށް ރައުސަމް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ޓައިމް މެނޭޖް ކުރުމާއި، ޕްރެޒެންޓޭޝަން ހަދާނެ ގޮތާއި، އިންޓަވިއު ކުރާނެ ގޮތާއި، ލިޔުމުގެ ހުނަރު، އަދި ލީޑަރޝިޕްގެ ތަފާތު ވައްތަރުގެ ހުނަރުތައް ހިމެނޭކަމަށް ރައުސަމް ބުންޏެވެ.

"މި ޕްރޮގްރާމަކީ މުސްތަޤްބަލަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް. މި ޕްރޮގްރާމުން އަޅުގަނޑަށް ދަސްވާ ކަންތައްތަކަކީ ވަރަށް ބޭނުންތެރި ކަންތައްތަކެއް. މިހާރުވެސް އަޅުގަނޑަށް ފާހަގަވޭ އަޅުގަނޑަށް ދަސްވެފައިވާ ކަންތައްތައް އަޅުގަނޑު ބޭނުންކުރުމުން ބޮޑު ތަފާތެއް،" ރަސްއޮންލައިނާ ވާހަކަ ދައްކަމުން ރައުސަމް ބުންޏެވެ.

"ހަގީގަތުގައިވެސް ދިރިއުޅުން ބައްޓަން ކުރަން މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދޭ. މިސާލަކަށް ވަގުތު މެނޭޖްކުރުމަށް، ޝެޑިއުލެް ހެދުމާއި، ޕްލޭނެއް ހެދުން ފަދަ މުހިންމު ކަންކަން ދަސްވޭ. އަދި މީހުންނާ ވާހަކަ ދައްކާނެ ގޮތާއި، އާ ރަހުމަތްތެރިން ހޯދާނެ ގޮތާއި، މީހުންނާއި ގާތްކޮށް އެކުގައި މަސައްކަތްކުރާނެގޮތްތައް، މިހުރިހާ ކަމަކީވެސް ދިރިއުޅުމުގައި މުހިއްމު ކަންކަން."



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން