ކޯވިޑް-19 އާއި އެކީ އުޅުމަށް އޮތީ ގައިދުރުކޮށް ވަކި އާދަތަކެއް ބަލައިގަތުން
ކޯވިޑް-19 އާއި އެކީ އުޅުމަށް އޮތީ ގައިދުރުކޮށް ވަކި އާދަތަކެއް ބަލައިގަތުން
ކޯވިޑް-19 އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެތައް ކަމެއް ބަދަލުކޮށްލި ނުވަތަ ބަދަލުކޮށްލަން މަޖުބޫރުވި ތަޖުރިބާއެކެވެ. މި ރޯގާބަލިމަޑުކަމާއެކު އަޅުގަނޑުމެންގެ ދިރިއުޅުން އެފުށް މިފުށަށް ބަދަލުކޮށްލައިފިއެވެ. އަދިވެސް މިވަނީ އެބައްޔާއި އެކު އުޅުމަށްޓަކާ ދިރިއުޅުމުގެ އެތައް ކަމެއް ބަދަލު ކުރާން މަޖުބޫރުވެފައެވެ.

ކޯވިޑް-19 އަޅުގަނޑެންނަށް ދަސްކޮށްދިން އެންމެ މުހިންމު އެއް ފިލާވަޅަކީ އަޅުގަޑނޑުމެންގެ އަގުބޮޑު ދިރިއުޅުމާއި އަޅުގަނޑުމެން ތޮއްޖެހި ފިތި ތާށިވެގެން މި ދިރިއުޅޭ އުޅުން ބަދަލު ކުރަން ޖެހޭކަމެވެ. ތޮއްޖެހިގެން އެއްތަނަކަށް ގުޅަވެގެން ނޫޅުނަސް ދިރިއުޅެވޭނެ ކަމެވެ.

ކޮންމެހެން މާލޭގައި ހުންނަ ސަރުކާރުގެ އޮފީހަކަށް ވަޒީފާ އަދާ ކުރުމަށް އެންމެން އެ މިނިސްޓްރީއަށް ނުދިޔަޔަސް އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމެކެވެ. ކޮންމެހެން ބޮޑެތި ސިންގާ ބިޔަ އިމާރާތްތަކުގައި އޮފީސްތައް ނުހިންގިޔަސް ރައްޔިތުންނަށް ޚިދުމަތްވެސް ދެވޭނެ ކަމެވެ. ސަރުކާރުވެސް ހިންގޭނެ ކަމެވެ.

އޮންލައިންކޮށް އެކި ކޯސްތައް ހިންގުމާއި ކިޔަވައިދިނުމާއި ބައްދަލުވުންތައް ބޭއްވުމާއި ޝަރީޢަތްތައް ހިންގުމާއި ސެމިނާތަކާއި ވެބިނާތައް ބޭއްވޭނެ ކަމެވެ. ކައިވެނިވެސް އޮންލައިންކޮށް ކޮށްދެވޭނެ ކަން މި ކޯވިޑް ގެ ތެރޭގައި އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފިއެވެ.

ބޮޑެތި އޮޕަރޭޝަން ތަކާއި ޓެސްޓްތައް ހަދަން ނުޖެހެންޏާ އާދައިގެ ބަލިތަކާއި ދާއިމީ ގޮތުން މަހުން މަހަށް ޑޮކްޓަރަށް ދައްކާލުމާއި ދާއިމީ ބަލިތަކަށް ބޭސް ހޯދައި ލަފާ ހޯދުމާއި ސްޕެޝިއަލިސްޓް ޑޮކްޓަރުންގެ ލަފާ ހޯދުން ފަދަ ކަންކަމަކީ ޑޮކްޓަރު ހުރި ތާކަށް ވަގުތުން ނުދިޔަޔަސް ކުރެވޭނެ ކަންކަން ކަން ކޯވިޑް މިވަނީ އުނގަންނައި ދީފައެވެ.

ކޮންމެ ދުވަހަކު ބޭންކްގެ ޚިދުމަތް ހޯދަން ކިޔޫގައި ޖެހިގެން ވަގުތު ބޭކާރު ކުރަން ނުޖެހޭނެ ކަމާއި ޚިދުމަތް ހޯދަން ކޮންމެހެން ކަސްޓަމަރުން އެތަނަށް ނުދިޔަޔަސް ބޭންކްގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެކަން ކޯވިޑް މިވަނީ އަޅުގަނޑުމްނަށް ދަސްކޮށްދީފައެވެ. ބޭންކަށް ކޮންމެ ދުވަހަކު ނުދިޔަޔަސް ފައިސާ ޖަމާކޮށް ފައިސާ ވެސް ނެގޭނެ ކަމާއި އެތަނަށް ނުދިޔަޔަށް ފޯމުތައް ފުރައިގެން ޚިދުމަތްތަކަށް ވެސް އެދެވޭނެކަން މިއަދު މިވަނީ ޔަގީންވެފައެވެ.

ކުރުގޮތަކަށް ދަންނަވާނަމަ އަޅުގަނޑުމެންނަށް ކޯވިޑް މިވަނީ ޖަޒީރާ ރާއްޖެއާއި ވެސް ވަރަށް ގުޅޭ ކަންތައްތަކެއް ތަޖުރިބާކޮށްދީ ދަސްކޮށްދީފައެވެ. އެހެންވީމާ ރައީސް އޮފީހުން ވަޒީފާދޭ ހުރިހާ އެންމެން މާލެއަށް އައިސް ރައީސް އޮފީހަށް ނުކުންނާކަށް ނުޖެހެއެވެ. ހޯމް މިނިސްޓްރީގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކު މާލެއައިސް އެމިނިސްޓްރީއަށް ދާކަށް ނުޖެހޭނެއެވެ. އޮފީސް ތަކުގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ދޭގޮތަށާއި ކުރާ ގޮތަށް ބަދަލު ކުރެވޭނެ ކަމާއި އެޚިދުމަތްތައް ދޭން މުވައްޒަފު އޮފީހަށް ގޮސް މޭޒު ދޮށުގައި ނީނަސް އޭނާގެ ރަށުގައި ހުރެގެން، ގޭގައި ހުރެގެން، ރާޅު ޖަހާފަށުގައި ރަށުގެ ރީތި ގޮނޑުދޮށުގައި އިނދެގެންވެސް ޚިދުމަތް ދެވޭނެކަން ކޯވިޑް މިވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދީފައެވެ.

އެންމެ ކައިރިން ތަޖުރިބާ ހިއްސާކުރާނަމަ، އަޅުގަނޑުމެން ނޫސްވެރިންގެ މަސައްކަތްތަކަށް ބަލާލަމާތޯއެވެ؟ ނޫސްވެރިން ވަކި ތާކަށް ޖަމާނުކޮށްވެސް ނޫސް ކޮންފަރެންސްތައް ވެސް ބޭއްވޭނެ ކަން ކޯވިޑް މިވަނީ ކަށަވަރު ކޮށްދީފައި ނޫންތޯއެވެ. ކޯވިޑް-19 މާލޭގައި ފެތުރެން ފެށީއްސުރެ މަބްރޫކް ބޭއްވިހާ ނޫސްކޮންފަރެންސެއް އެބޭއްވީ އޮންލައިން ކޮށެވެ. މިގޮތަށް ނޫސްކޮންފަރެންސްތައް ބޭއްވުމުން ނޫސްވެރީންނަށް ދަސްވި އަނެއް ކަމަކީ އައްޑޫސިޓީގައި ނޫހުގެ އިދާރާ ހުއްޓަސް މާލޭގައި ބާއްވާ ނޫސްކޮންފަރެންސް ތަކުގައިވެސް ބައިވެރި ވެވެން ޖެހޭނެ ކަމެވެ.

ކޯވިޑް ދުނިޔެއަށްވެސް ދަސްކޮށްދިނީ ހަމަ މި ފިލާވަޅެވެ. ދުނިޔޭގެ ބޮޑެތި ކުންފުނި ތަކުގެ އޮފީސްތައް މިއަދު އެވަނީ އޮންލައިންކޮށް ހިންގާ ތަންތަނަށް ބަދަލު ކުރަން ފަށާފައެވެ. މި ލޮކްޑައުންގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ދަސްވި އެއްކަމަކީ ބޮޑެތި އޮފީސްތައް ހަދައިގެން މިލިއަނުން ޚަރަދު ނުކުރިއަސް ކުންފުނި ހިންގޭނެ ކަމެވެ. މުވައްޒަފުން އޮފީހަށް ނުނެރުނަސް ގޭގައި ތިބެގެންވެސް މަސައްކަތް ކުރެވޭކަން ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް މިއަދު ކަށަވަރު ވެއްޖެއެވެ.

ދުނިޔޭގެ ބޮޑެތި މަޝްހޫރު ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ ގޫގްލްއާއި ފޭސް ބުކުން މިހާރު ވަނީ 2021 ވަނަ އަހަރާއި ހަމައަށް އެކުންފުނި ތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ނިންމާފައެވެ.

މިއަދު ކޯވިޑް ދަސްކޮށްދިން މި ފިލާވަޅުން އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ގައުމަކީ ދިވެހި ރާއްޖެއެވެ. އެއީ ރާއްޖެ އުފެދިފައި އޮތް ގޮތުންނެވެ. ކޯވިޑް ނަގައިދިން ފިލާވަޅާއި އެއްގޮތަށް މިއަދު އަޅުގަނޑުމެންގެ މަސައްކަތް ތަރުތީބުކޮށް އަލުން ވިލަރެސްކޮށްލުމުން އޮފީސްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ބޮޑު އޮފީހެއް ހަދައިގެން އެތަނަށް ނެރެ ގުޅަވެގެން ތިބޭކަށް ނުޖެހޭނެއެވެ. ކާށިދޫގައި ހުންނަ މީހަކަށް ވެސް މާލޭގެ އޮފީހެއްގައި ވަޒީފާ އަދާކުރެވޭނެއެވެ. ހައްދުން މަތީގައި ހުންނަ މީހަކަށް މާލޭގައި ހުންނަ ބޭންކެއްގައި ވެސް ވަޒީފާ އަދާކުރެވޭނެއެވެ. މިގޮތަށް އަޅުގަނޑުމެންގެ ކަންކަން ތަރުތީބު ކޮށްލުމުން މާލޭގައި އޮތް ތޮއްޖެހުން ވެސް ކުޑަވީއެވެ. އަތޮޅު ތެރެއިން މާލެއައިސް ދަތިހާލުގައި އުޅޭ މީހާ، ކޮންމެ މަހަކު ގޭގެ ކުއްޔަށް ދައްކަން ޖެހޭ 20 ހާސް ރުފިޔާ ނުދައްގައި ވެސް ވަޒީފާ އަދާކުރެވުނީއެވެ.

ސަރުކާރުން ބޮޑެތި އޮފީސްތައް ހަދައިގެން ހުރިހާ މުވައްޒަފުން އޮފީހަށް ޖަމާ ނުކުރިއަސް މަސައްކަތް ކުރެވޭނެކަން މިއަދު ކަށަވަރުވެފައިވާއިރު އޮފީސް ކުޑަކޮށްލުމުން ބަޖެޓަށް ވެސް ބޮޑު ލުޔެއްލިބި އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވުނީއެވެ. މާބޮޑު ޚަރަދެއް ނުކޮށް ޒަމާނާ ގުޅޭ ގޮތަށް މިސަރުކާރުގެ ޖަޒީރާ ވަންތަ ރާއްޖެއަކަށް މުޅި ރާއްޖެ ބަދަލުކޮށްލެވުނީއެވެ. މާލެ ނަޔަސް އަމިއްލަ ރަށުގައި ހުރެގެން ވެސް މާލޭގެ އޮފީހެއްގައި ވަޒީފާ އަދާކުރުމަށް ފުރުސަތު ދެވުނީއެވެ.

ގަބޫލުކުރިއަސް ނުކުރިއަސް ކޯވިޑް-19 އަކީ ނުރައްކާތެރި ޢާލަމީ ވަބާއަކަށް ވިޔަސް އެ ނުރައްކާ ރޯގާގެ ސަބަބުން އަޅުގަނޑުމެންނަށް މިވަނީ އެތައް އާ ފިލާވަޅެއް ނަގައި ދީފައެވެ. ދިރިއުޅުން ބައްޓަން ކުރަންޖެހޭ އާ ގޮތްތައް ދަސްކޮށްދީފައެވެ. ގައުމު ހިންގާނެ އާ ގޮތްތައްވެސް ދަސްކޮށްދީފައެވެ. ކޯވިޑާއެކީ އުޅެންޏާ އަޅުގަނޑުމެން ޖެހޭނީ ކޯވިޑުން ލިބުނު ތަޖުރިބާއާއެކު ކުރިއަށް ދާށެވެ. ދިރިއުޅުމުގެ ބޮޑު ބަޔަކީ އޮންލައިނާއި އިންޓަރނެޓް އިންޓްރާ ނެޓު ކަމުގައި ހަދާށެވެ. އެކަމަކު މިގޮތަށް އޮންލައިންއަށް ބަދަލު ވެވޭނީ ރާއްޖޭގައި މިދޭ ފިނިހަކަ ސްޕީޑްގެ އިންޓަރނެޓް ރޮކެޓް ސްޕީޑަށް ބަދަލުކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން