ރާއްޖޭގެ ޚާރިޖީ ވަޒީރާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވަނީ
ރާއްޖޭގެ ޚާރިޖީ ވަޒީރާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވަނީ
ކޯވިޑް-19 އާއި ގުޅިގެން ސްރީލަންކާގެ ފަންނީ އެހީތެރިކަން ރާއްޖެއަށް ދިނުމަށް ނިންމުމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އަވަށްޓެރި ސްރީލަންކާއިން އެހީތެރިވެދޭން ނިންމާފައިވާކަން ހާމަކުރައްވައި ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓްގައި މިއަދު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ޙާލަތުން އަރައިގަތުމަށްޓަކައި، ރާއްޖެއަށް ބޭނުންވާ ސިއްޙީ ދާއިރާގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންކާ ސަރުކާރުން އެއްބަސްވެފައި ވާތީ ލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ގާތް ރަޙްމަތްތެރި ދެ ޤައުމުގެ ޙައިސިއްޔަތުން ދެޤައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރާނެކަމަށްވެސް ޝާހިދުގެ ޓްވީޓްގައި ހާމަކުރައްވާފައިވެއެވެ.

ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ކުޑަވާނެ ގޮތަށް، ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއާއި، ސްރީލަންކާގެ ޚާރިޖީ ވަޒީރު މަޝްވަރާ ކުރައްވާފައިވާކަން ހާމަކުރައްވައި ރާއްޖޭގެ ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓެއްގައި، ސްރީލަންކާއަކީ އެތައްހާސް ދިވެހީންގެ ދެވަނަ ވަޒަން ކަމުގައި ސިފަކުރައްވާފައި ވެއެވެ.

މި ޓްވީޓްގައި ޝާހިދު ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި، މެހެމާންދާރީއަށް ސްރީލަންކާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާ ފައެވެ.

ސްރީލަންކާއިން ކޯވިޑް-19 އަށް ޕޮޒިޓިވް 100 މީހުން ފެނިފައިވާއިރު އެ ޤައުމުން މިހާރު ވަނީ ކާފިއު އިޢުލާން ކޮށްފައެވެ. އަދި ލަންކާއާއި ރާއްޖެއާ ދެމެދުގައި ކުރެވޭ ވައިގެ ޚިދުމަތްތައް މެދުކަނޑާލުމުގެ ސަބަބުން ރާއްޖެ ނާދެވި އެތައް ދިވެހިންނެއް ލަންކާގައި ތާށިވެފައި ތިބިކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން