ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް
ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް
މިއީ ވަރަށް އެހެންކަހަލަ ވާހަކައެއް ކަމަށް ވެދާނެއެވެ. އެކަމަކު މިއީ ސައްތައިންސައްތަ ހަގީގަތެވެ. ބައެއް ބޭފުޅުންނަށް ގަބޫލު ކުރަން ވެސް ދަތިވެދާނެއެވެ. އެކަމަކުވެސް މިއީ ކަންވަމުން ދިޔަގޮތެވެ. ދެން ކަންވާނެގޮތެވެ. 

ރެއަކީ ޕީޕީއެމްގެ، ރައީސް ޔާމީންގެ ވަފާތެރިންނަށް ވަރަށް ވެސް އުފާވެރި ރެއެކެވެ. ބަޔަކަށް "ބާޣީ" އަކަށް ވިޔަސް އަދި "ފަސް ޕަސެންޓަށް" ވިޔަސް ރައީސް ޔާމީންގެ "ލޯޔަލިސްޓުން" ނަށް ރޭގައި އެލިބުނީ ހަމަ ރަންގަނޑެކެވެ. ސިޔާސީ ބަރުދަން ހުރި ވަރުގަދަ ސިޔާސީ ސަހުސެކެވެ. ރައީސް ޔާމިން ޖަލުގައި ހުންނެވުމުން ޕާޓީއަށް ލިބިފައިވާ ސިޔާސީ ހީނަރުކަމުގެ ކޮންމެވެސް ބައިކުޅަ ބައެއް، ރޭ ޕީޕީއެމްގެ ލީޑަރޝިޕުން އެ ނިންމި ނިންމުމުން އަތުވީއެވެ. 

ތެދުފުޅެކެވެ. ރައީސް ވަހީދު ވާދަކުރެއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ފަސް ޕަސެންޓެވެ. އިންތިޚާބުގައި ވާދަކުރެއްވީ ރައީސް ކަމުގައި ހުންނަވައިގެންނެވެ. އެކަމަކު އެމަނިކުފާނުގެ ރައީސް ކަމުގައި ވޭތުކުރެއްވި ދެ އަހަރެއްހާ ދުވަހަކީ ވަރަށް ތަފާތު ތަޖުރިބާ ތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ދުވަސް ތަކެކެވެ. އެއްފަރާތުން އިވެމުންދިޔައީ ބަޣާވާތެއް ކުރައްވައިގެން ވެރިކަމެއް "ފޭރިގަނެގެން" ހުންނެވި ވާހަކައެވެ. ވެރިކަމަށް ވަޑައިގެންނެވުނީވެސް އެއްވެސް ބާރެއް ނެތިއެވެ. ޕާޓީއެއް ވެސް ނެތެވެ. އަރިހަކު ވަފާތެރި ސިޔާސީ ބަޔަކު ވެސް ނެތެވެ. އަރިހުގައި ތިބިއްޔާވެސް ތިބީ މުޅިންވެސް ވެރިކަމަށް ފައި ނަންގަވައިގެން ތިއްބެވި ބޭފުޅުންނެވެ. ގެއްލުނު ވެރިކަން ހޯދަން އެއްބަޔަކު ތިބީ ވަހީދުގެ ވެރިކަން ނިމެންދެން ވެސް މަގުމަތީގައެވެ. "ބާޣީ" އަށް "ކާޅަށް" ގޮވާލަ، ގޮވާލައެވެ. އެފަކީރުގެ ކަންފަތް ދޮށުގައި އެއަޑު ނީވޭ އިރެއް ނުދާނެއެވެ. 

ދެންތިބީ ވަށައިގެން ތިބި ސިޔާސީ ބޭފުޅުންނެވެ. ކުރިން ދެންނެވިހެން މުޅިންވެސް ވެރިކަމަށް ފައިނަންގަވައިގެން ތިއްބެވި ބޭފުޅުންނެވެ. ސަރުކާރު ހިންގަން ޖެހިވަޑައިގަތީ ވެރިކަން ބަދަލު ކުރާން މަސައްކަތް ކުރި ނޫނީ އެމްޑީޕީއާއި ދެކޮޅަށް އޭރު ތިބި އެންމެން ގޮވައިގެންނެވެ. މަޖިލީހުގައި ވެސް ރައީސް ވަހީދުގެ އެވެސް ބާރެއް ނެތެވެ. އެހެންވީމާ ވަޢުދެއްވެސް އަހުދެއްވެސް ނުވެސް ވެވުނެވެ. ނުވެސް ފުއްދެވުނެވެ. 

ޕީޕީއެމްގެ އެންމެ ރަން ޒަމާނެވެ. އެކަމަކު ޕީޕީއެމުން ވެސް ވަހީދުގެ އަތުގައި ހިފައިގެން ވެރިކަމަށް ނުކުންނާކަށް ބޭނުމެއް ނުވިއެވެ. ދެން ކައިރީގައި އެކުގައި ނުކުންނާން ތިބި ބަޔަކު ގޮވައިގެން ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންނެވީއެވެ. އިންތިޚާބަށް ނުކުމެ ވަޑައިގެންނެވި އިރު އަރިހުގައި އެއްވެސް ސިޔާސީ ބާރެއް ނެތެވެ. ރައްޔިތުންގެ ލޯބި ލިބިވަޑައިގަތަސް އެމަނިކުފާނާއެކު ތިބީ ފިޔާތޮށި ހެދުމުގައި ތިބި ބައެކެވެ. އެހެންވީމާ ޕީޕީއެމްގެ އެންމެ ރަންޒަމާނުގައި، މައުމޫނުގެ ވެސް ސިޔާސީ ޕަވަރު ދަށްނުވާ ޒަމާނުގައި ވަހީދު ގިނިކަންޏާ ނުކުމެ ވަޑައިގެން "ސައިލެންޓް މެޖޯރިޓީ" އާއެކު ލިބުނު އެއްޗެއް އެލިބުނީއެވެ. އެހެންވީމާ އެމަނިކުފާނަށް ފަސްޕަސެންޓް ލިބިވަޑައިގަތަސް އެއީ ރައްޔިތުން ލޯބި ނުވާތީ ނޫނީ ރައްޔިތުން ނުރުހޭތީ ވީ ގޮތެއް ކަމަކަށް ދަންނަވާކަށް ނުކެރޭނެއެވެ. 

ކޮންމެއަކަށް އަޅުގަނޑު މިއުޅެނީ ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ނުވި ގޮތާއި ސަބަބު ކިޔައިދީ އެކަން ވީގޮތް ބުނެދޭކަށް ނޫނެވެ. އެހެންވީމާ އަޅުގަނޑުގެ އަސްލު މައުޟޫއާއިގެން ކުރިއަށް ދާނަމެވެ. 

ރައީސް ވަހީދު ރޭގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ސިޔާސީ ހަރަކާތްތަކަށް ފާޅުގައި ނުކުމެ ވަޑައިގެންފިއެވެ. އިދިކޮޅު ޕޯޑިއަމަށް އަރާވަޑައިގެންފިއެވެ. އޭގެ ސަބަބުން ޕީޕީއެމް/ ޕީއެންސީގެ މެންބަރުންނަށް އާރޯކަމެއް، ދިރުމެއް ނޫނީ އުއްމީދެއް ލިބޭނެއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް އެވެރިން ޖަހަމުންދާ ޑަނޑޫރައިގެ އަޑުވެސް ތަންކޮޅެއް ގަދަވާނެއެވެ. މީގެއިތުރުން ރައީސް ވަހީދަކީ ބައިނަލްއަޤްވާމީ މަސްރަހާއި އެކަމުގެ އާޖުފާޖު އެނގިވަޑައިގަންނަވާ ބޭފުޅަކަށް ވާތީ އެއީވެސް އެވެރީންނަށް އޮތް އިތުރު ހިތްހަމަ ޖެހުމެކެވެ. 

އެކަމަކު ރޭގަ އެފެނުނު މަންޒަރުން "ކަރު ކެނޑުނު" ބައެއްވެސް އުޅޭނެއެވެ. މިދަންނަވަނީ މުޅިންވެސް ރިޔާސީ އިންތިޚާބަށް އުއްމީދުކޮށްގެން ވެރިކަމަށް ފައިނަގައިގެން ތިބި ބައެއްގެ ވާހަކައެކެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބި ކަމަށް ވަނީ ރައީސް ޔާމީނަށް 2023 ނުލިބޭތޯ ބަލަބަލައެވެ. އަޅުގަނޑު މިދަންނަވާ އެއްޗެއްގެ ހަގީގަތް އެނގޭނީ ރައީސް ޔާމީންގެ މައްޗަށް އައި ފަސް އަހަރުގެ ހުކުމާއެކު އެމީހުންގެ ތުންފަތްމައްޗަށް އައި ހިނިތުންވުން ފެނުނު ނަމައެވެ. މިދަންނަވަނީ އެމަންޒަރު އަޅުގަނޑަކަށް ފެނުނު ވާހަކައެއް ނޫނެވެ.

ރައީސް ޔާމީނަށް 2023 ނުލިބޭނެކަން ކަށަވަރުވުމާއެކު މިދެންނެވި ބޭފުޅުން މަޑުމަޑުން ސިޔާސީ ގޮތުން އަޑުގަދަ ކުރާން ފެށިއެވެ. ޕީޕީއެމްގެ ލީޑަރޝިޕާއި ދިމާއަށް ވަށްކަޅިން ބަލާން ފެށިއެވެ. ވަގު ބުޅަލެއް މަސްގަނޑަށް ބަލާ ވަރަށް ވުރެވެސް ވަގުވަގަށެވެ. މިއިން ކޮންމެ ބޭފުޅަކުވެސް ތިއްބެވީ އަރުއްވާނެ ބޮޑު ގަލެއް ނުވަތަ ރަނގަޅު ޕްލެޓްފޯމެއް ނުލިބިގެން އެކަމުގެ އިންތިޒާރުގައެވެ. 

މިދެންނެވި ފަދަ ބޭފުޅުން ޕީޕީއެމްގެ ބޭރާއި އެތެރޭގައި ވެސް އެބަތިއްބެވިއެވެ. ބައެއް ބޭފުޅުން ލިސްޓު ހައްދަވާއިރު އުމަރު ނަސީރާ ޑޮކްޓަރ މުހައްމަދު ޖަމީލު އެލިސްޓުގެ އެންމެ ކުރީގައި ޖަހައެވެ. އަދި އެތެރޭގެ ލިސްޓުގައި އެންމެ ކުރީގައި އޮތް ކަމަށް ވަނީ ކުރީގެ ވަޒީރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރެއްގެ ނަން ކަމަށް ވެއެވެ. ރިޔާސީ ޓިކެޓްގެ ހުވަފެން ފެންނަ ބޭފުޅުންގެ ތެރޭގައި ހަތަރުވަނައަށް ހިމެނޭ ކަމަށް ކިޔަނީ ރައީސް ޔާމިންގެ އިނގިލި ކުރީގައި ހިއްޕަވައިގެން ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވި ޣައްސާނުގެ ނަމެވެ. ޔާމިންއަށް ވާދަ ކުރެއްވޭނަމަ ރަނިން މޭޓުގެ މަގާމުގެ އެންމެ ކުރީގައިވެސް އޮތް ކަމަށް ވަނީ އެނަމެވެ. އެއްގޮތަކަށް ވެސް މިދަންނަވަނީ ކުރީގެ ރަނިންގމޭޓް އެއުއްމީދު ނުކުރައްވާ ވާހަކައެއް ނޫނެވެ. 

އަޅުގަނޑުގެ މިލިސްޓަކީ ޕާޓީގެ އެތެރޭގެ ބޭފުޅުން ގެންގުޅުއްވާ ލިސްޓެކެވެ. އެކަމަކު މިދެންނެވި ލިސްޓުގައި ތިއްބެވި ބޭފުޅުންވެސް ވިދާޅުވަނީ އިދިކޮޅު ކޯލިޝަނުން އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ޔާމިން ކަމަށެވެ. އަދި އެބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓަކީވެސް ރައީސް ޔާމިން ކަމަށެވެ. އެހެން ވިދާޅުވާއިރުވެސް ރައީސް ޔާމީނަށް 2023 ގެ ރިޔާސީ އިންތިޚާބުގެ އެއް ޕަސެންޓް އުއްމީދުވެސް ނެތްކަން އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވައެވެ. ދެން ހަމަ ކަށިނެތް ދޫ އޮތީމާ ހަމަ އެހެން ވިދާޅުވަނީއެވެ. 

ކޮންމެއަކަސް މިދެންނެވި ބޭބޭފުޅުން ރޭގައި މުޅިން އެލިއްޖެއެވެ. ރިޔާސީ ޓިކެޓްގައި އަތް ލެވިދާނެ ކަމަށް ކުރެވުނު ކުޑަކުޑަ އުއްމީދުވެސް، އޮތް ހަނި ފުރުސަތުވެސް ގެއްލުނީއެވެ. އަނެއްކާ ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ރައީސް ވަހީދާ ކުރިމަތި ކުރުވި ސުވާލުގެ ޖަވާބުގައި ވެސް "ނޫނެކޭ، ތިމަން މަނިކުފާނު ތިކަމެއް ބޭނުމެއް ނޫނޭ" ވިދާޅެއް ނުވިއެވެ. އެސުވާލަށް ދެއްވި ޖަވާބު ފުރިހަމައެއް ނުކުރެއްވިއެވެ. ވަކި ހިސާބަކުން ދުކޮށްލެއްވީ ރައީސް ޔާމިނަށެވެ. ދެން އެ ހުސްތަން ފުރުއްވޭނީ ހަމައެކަނި ރައީސް ޔާމީނަށެވެ. 

ޔާމިން ޖަލުގައި އޮންނަވައިގެން އެނެންގެވީ ސިޔާސީ ވަރަށް މޮޅު ފިޔަވަޅެކެވެ. ބުރަދަން ހުރި ސިޔާސީ ސަހުސެއް ޕާޓީގެ ކުރީ ސަފަށް ވައްޓާލާ ޓީމު އިތުރަށް ވަރުގަދަ ކޮށްލެއްވީއެވެ. 

ފަހަރެއްގައި އެއީ މިހާރުގެ ސިޔާސީ "ކުޅިބައި" ބަދަލު ކޮށްލާނެ ވަރުގަދަ ފިޔަވަޅަކަށް ވެސް ވެދާނެއެވެ. މި ބަދަލަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި ތިއްބެވި "ތެލާއި ފެނާއި" އެއްނުވާނެކަން ޔަގީންވާ ލީޑަރުންނަށް ވަރަށް ހެއުވަރު އަދި ތަޖުރިބާ ކޮށްފައިވާ ޕްލެޓްފޯމެކެވެ. އެހެންވީމާ މި ބަދަލަކީ ސަރުކާރުގެ މިހާރުގެ ސިޔާސީ "ކުޅިބައި" ބަދަލުވެގެން ހިނގައިދާނެ ވެސް ބޮޑު ބަދަލަކަށް ވުމީ ފުރުސަތު އޮތް ކަމެކެވެ. އެކިޔާ "ފަސް ޕަސެންޓާ" "ބާޣީ" އަކީ މިހާރަކު މާ ބޮޑަށް ވިކޭނެ އެއްޗެހި ހެނެއް ހިއެއް ނުވެއެވެ. އެކަމަކު އެއަޑު ދެން ތަންކޮޅެއް ގަދާވަނެ ކަމަށް ބެލެވެއެވެ. އެއަޑު އިވުމުން ހިތްހަމަޖެހޭ ބަޔަކުވެސް ތިބޭނެތީއެވެ. ބައެއް މީހުންނަށް އަދިވެސް އެހެން "ގޮވޭ" ކަމަށް ރައީސް ނަޝީދުވެސް ވިދާޅުވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު


25

މަނިކް

24-Jun-2020

ލިޔުންތެރިޔާއަށް ދަންނަވާލަންއޮތީ އެއްވެސް އިރެއްގައި ވަޙީދަކީ ރައްޔިތުންގެ ލޯބިލިބިފައިވާ ލީޑަރެއް ކަމަކައް ޤަބޫލެއް ނުކުރެވެޔޭ އަދި ކުރިއަށް އޮތްތާގަވެސް ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް އައުމަކީ ކުރެވިދާނެކަމެއްކަމަކައް ނުފެނެޔޭ.


25

އަޙްމަދު

24-Jun-2020

މި ގައުމުގެ ވެރިކަމަށް ގ. ކެނެރީގެ މުހައްމަދު ނަޝީދެއް ދެން ނާންނާނެ. އިންޝާﷲ


15

ނުރަބޯ

24-Jun-2020

ރައީސް ވަޙީދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމަކީ އިދިކޮޅު ކޯލިޝަން ވަރުގަދަވެގެން ދާނެކަމެއް. އަދި ރީނދޫ ޣައްދާރުން ވަރަށް ކަންބޮޑުވެ ސިހިގެންދާނެ ކަމެއް.


11

ތުއްތުބެ

24-Jun-2020

ކޮންމެ ފަދަ ވާހަކައެއް ލިޔުނަސް ތިޔަ ބުނާ ވަޙީދަށް އިންތިޙާބެއްގައި ވާދަކޮށްގެން ނުލިބޭނެ 2އިންސައްތަ ވޯޓް ވެސް. ތިޔަށްވުރެ ރަނގަޅުވާނެ ވަޙީދު ބައްޕާފުޅު ރަށުން (އިނގުރައިދޫ އިން ނާޞިރުބެ, ސައުދުބެ މުޙައްމަދު ނޫނީ އިސްހާގުބެ ނެރުނަސް. މިއީ ވަރަށް ވާހަކަ


5

އާސިމް އަލީ

24-Jun-2020

ލިޔުން ތެރިއާއަށް ދަންނަވާލަން އޮތީ ހިތުން ކިތަމަ މޮޅުވާހަކަ އެއް ދެއްކިޔަސް ވަހީދުއަކަށް ދެނެތް މިގައުމަކުން ވެރިކަމެތް ނުކުރެވޭނެ.


19

މަނިކު

24-Jun-2020

ބަޔަކު ފިތުނަ އުފައްދަން ކިތަންމެ މަސައްކަތެއް ކުރިޔަސް ތިކަން ކާމިޔާބު ވެދާނެ ކަމައް ގަބޫލެއް ނުކުރެވޭ


18

މަނިކު

24-Jun-2020

ރައިސް ވަހީދަކީ ހިތްވަރުފުޅު ގަދަ ކެރިވަޑާގައްނަވާ ބޭރުދުނިޔެއަށްވެސް ލޯހުޅުވިފާވާ ވަރުގަދަ ސިޔާސީލީޑަރެއް


12

ގައުމު

24-Jun-2020

މި އާރޓިކަލް ލިއުއްވި ބޭފުޅާގެ މަގުސަދަކީ އިދިކޮޅު ކޯލިޝަން ބައިބައި ކޮށްލުންކަން ޔަގީން.


27

ފާފު

24-Jun-2020

ލިޔުންތެރިޔާއަށް ރޭގަ މާފަންނު ދިމްޔާތުގަ ހިނގި ކަންކަން ހަޖަމު ނުވީކަމަށް މަށަށް ގަބޫލުކުރެވެނީ.މިނިވަން ހިޔާލުގެ ނޫސްވެރިއަކަށް ވީމަ އެހެން ވެދާނެ.


21

ޒަރީރު

23-Jun-2020

އުމަރާ ޖަމީލު އާއި ސައީދު އާއި އައްސާނު އަށް ޔާމިން ދިން މެސެޖެއް


15

ޢަލީ ނަސީމު

23-Jun-2020

މި ލިޔުއްވި ބޭފުޅަކަށް އެނގިވަޑަިނުގަންނަވާ މައުލޫމާތެއް ދަންނަވަިލަނަތޯއެވެ? ޥަޙީދު އަތްޕުޚުގަި ހިއްޕަވަިގެން ޕީޕީއެމްގެ ޓިކެޓްގަި ވަހީދު ނެރެން ޕީޕީއެމް އެދުނެވެ. ޢެކަން ވަހީދު ފުރަތަމަ ގަބޫލުވެސް ކުރެއްވިއެވެ. ނަމަވެސް ޕީޕީއެމާ ނުލައިވެސް ފަސޭހައިން އިންތިޚަބު ކާމިޔާބުކުރެއްވޭނެކަމަށް ޓޯޕީ ފަދަ "ވަފާދާރު" ލަފާ ދާރުންގެ ބަސް ވަހީދަށް ގަބޫލުކުރެއްވުނީއެވެ. ޑރ. ޥަހީދު އެ ހުންނެވީއެވެ. ޢައްސަވައިލައްވައިގެން ލިޔުއްވި ނަމަ ކިހާ ރަނގަޅުވީސްތޯއެވެ!



ޓްރެންޑިން