ބިލް ހުށައެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
ބިލް ހުށައެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
ތަފާސްހިސާބާއިބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް އިތުބާރުހުރި ގޮތެއްގައި އެއްހަމައެއްގައި ފޯރުކޮށްދެވޭނެ ގޮތަކަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ޤާނޫނެއް އެކުލަވާލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންއެވެ. މިބިލަކީ ރާއްޖޭގައި ތަފާސްހިސާބާއިބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސް ހިސާބު އެއްކުރުމާއި، މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށާއި، އެކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަށް އެކުލަވާލެވޭ ޤާނޫނެވެ.

މި ގާނޫނުގެ ދަށުން އެކުލަވާލެވޭ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އުފުލާ ފަރާތަކީ ޗީފް ސްޓެޓިސްޓީޝަންއެވެ. ޗީފް ސްޓެޓިސްޓީޝަން އައްޔަނު ކުރާނީ، އެ މަގާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމުންނެވެ. އަދި އެމަގާމަށް ނަން ހުށަހެޅޭތާ 30 ދުވަހުގެ ތެރޭގައި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް މީހަކު އައްޔަންކުރަންޖެހެއެވެ. ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރިވާނީވެސް ޗީފް ސްޓެޓިސްޓީޝަނެވެ.

މިޤާނޫނުގެ ދަށުން އެއްކުރެވޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަކީ ބިއުރޯގެ ޒިންމާއެކެވެ. ތަފާސްހިސާބު އެކުލަވާލުމަށްޓަކައި، ވަކިވަކި ފަރުދުންނާއި، ވިޔަފާރި ފަދަ ތަންތަނުން އެއްކުރާ ފަރުދީ މަޢުލޫމާތު ބޭނުންކުރެވޭނީ ހަމައެކަނި ތަފާސްހިސާބު އެކުލަވާލުމަށް ކަމުގައި ބުނެފައިވެއެވެ. ރަސްމީ ތަފާސްހިސާބު ނަގައި ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން އެފަދަ ފަރުދީ މަޢުލޫމާތު އެކުލެވޭ ޑޭޓާގެ ސިއްރު ހިފެހެއްޓުން ލާޒިމްކޮށްފައި ވާއިރު، މިމައުލޫމާތުތައް ހާމަކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދިނުމަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. އަދި މިގޮތަށް މައުލޫމާތު ހާމަކުރާ މުވައްޒަފުންނާއި މެދު ފިޔަވަޅުއަޅައި ވަޒީފާއިން ވަކިކޮށް 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރުވެސް ބިރޯއަށް ދީފައިވެއެވެ.

މިގާނޫނު ތަންފީޒުކުރުމަށްޓަކައި ފުޅާދާއިރާއެއްގައި މައުލޫމާތު އެއްކޮށް ހާމަކުރުމުގެ ޒިންމާ ބިއުރޯއިން އަދާކުރަންޖެހެއެވެ. އެގޮތުން ކައުންސިލްތަކާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް މިބިލުގައި ކަނޑައަޅާފައި ވެއެވެ. ކައުންސިލެއްގެ އިޚްތިޞާސް ހިނގާ ދާއިރާގައި، ރަސްމީ ތަފާސް ހިސާބު އެއްކުރުމަށް ކުރެވޭ ސާވޭތަކާއި ބޯހިމެނުމުގައި ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އަދި މިމަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ މައުލޫމާތުތައް ބެލެހެއްޓުމަކީވެސް ބިއުރޯގެ ޒިންމާއެކެވެ.

ޤާނޫނުގެ ދަށުން ބިއުރޯގެ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ތަފާސް ހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ސްޓެޓިސްޓިކަލް ކައުންސިލެއް އެކުލަވާލަންޖެހެއެވެ. 10 މެމްބަރުންގެ މައްޗަށް އެކުލެވޭ މިކައުންސިލުން ޤާނޫނު ތަންފީޒުކުރުމުގައި ތަންފީޒީ އިދާރާތަކުންނާއި، މުވައްސަސާތަކުން ކުރާ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަންޖެހެއެވެ. އެ ކައުންސިލްގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެ، ހިޔާނާތާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވާ މީހުންނަށް ކަމަށާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވުމާއެކު، ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެއް ހިންގުމާ ހަވާލުވެ ނުވަތަ ކުންފުންޏެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް އެ ބިލްގައި ކަނޑައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން