އައްޑޫ ސިޓީ މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ؛ ރައީސް މިއަދު ވަނީ ސަރުކާރުން ހިންގާ މިފަދަ މަޝްރޫޢު ތަކުގެ ތަފުސީލު ދެއްވާފައި (ރަސް ފޮޓޯ)
އައްޑޫ ސިޓީ މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ؛ ރައީސް މިއަދު ވަނީ ސަރުކާރުން ހިންގާ މިފަދަ މަޝްރޫޢު ތަކުގެ ތަފުސީލު ދެއްވާފައި (ރަސް ފޮޓޯ)
ވައުދު ވެވަޑައިގެންފައިވާ ގޮތަށް 10000 ފްލެޓް ގެ ވަޢުދު ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖެއަށް ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި ކުރިއަށް ވެސް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ކޮވިޑްގެ ސަބަބުން ހުއްޓުމެއް އައިސްފައިވާ ކަމަށާއި، އެހެންކަމުން ވައުދުތައް ފުއްދުމުގައި ތަރުތީބުތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 1700 ސޯޝަލް ހައުސިން ޔުނިޓު ސޮއިކުރެވި މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ބޯޑަރު ހުޅުވުމާއެކު އެމަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ބޯޑަރު ބަންދު ކުރި ދުވަހަކީ 4000 ހައުސިން ޔުނިޓްގެ މަސައްކަތަށް ސޮއިކުރަން ޓީމު އަންނަން އޮތް ދުވަސް ކަމަށް ވެސް މިއަދު ވިދާޅުވިއެވެ. އެހެން ނަމަވެސް ހުޅުވުމާއެކު އެ މަސައްކަތްތައްވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން 3000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް މިހާރުވެސް ޗައިނާގެ ދެ ކުންފުންޏަކާއެކު މަޝްވަރާ ކުރެވެމުން ދާ ކަމަށާއި، އެހެންކަމުން މާލެ ސަރަހައްދަށް ބޭނުންވާ 10،000 ހައުސިން ޔުނިޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ޞާލިޙު މިއަދު ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ވެފައިވާ އެންމެ މުހިންމު ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ހަމަޖެއްސުން. އަޅުގަނޑުގެ ފަސް އަހަރުގެ ދައުރުގައި އިރާދަކުރެއްވިއްޔާ އެކަން ނިމެނޭ. ދެން އޮތީ ބޯހިޔާވަހިކަމުގެ މަޝްރޫއު. މާލޭ ސަރަހައްދަށް ބޭނުންވާ 10،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރު ފެށުނުއިރު ބަޖެޓްގައި ކުރުމަށް 1006 ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިިން 163 ރަށުގައި 291 ޕްރޮޖެކްޓް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މާލެ-ގުޅިފަޅު ބްރިޖްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެވަޑައިގެންފައިިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ކަމަށާއި އެމަސައްކަތް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ މި މަސައްކަތްތައް 2022 ވަނަ އަހަރުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅު ނިންމާލެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން