ރާއްޖޭގެ ރިސޯޓްތަކުން ދިވެހީންނަށް އެކަށީގެންވާ ވަރަށް ވަޒީފާ ނުލިބޭ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ކޮންމެވެސް ވަރަކަށް ވަޒީފާ ލިބުނަސް މަތީ ފަންތީގެ ވަޒީފާތައް ދިވެހީންނަށް ނުލިބޭ ވާހަކައެވެ. ދިވެހީންގެ ސައްތައިންސައްތަ ވިޔާފާރި އެއްގެ ތެރޭގައި ތިން ވަނަ ދަރަޖައިގެ މީހުންގެ ގޮތުގައި ބިދޭސީންގެ ދަށުގައި ދިވެހީންނަށް ވަޒީފާ އަދާކުރަން ޖެހޭ ވާހަކައެވެ. ގިނަ ރިސޯޓުތަކުން އެކަށީގެންވާ މިންވަރާއި ގާތަށް ވެސް މުސާރަ ނުދޭ ވާހަކައެވެ. ދިވެހީންގެ އަމިއްލަ ބިމުގައި ވަރަށް ނިކަމެތިކޮށް ވަރަށް ދެވަރުކޮށް ދިވެހީން ވަޒީފާ އަދާކުރަން ޖެހިފައިވާ ވާހަކައެވެ.

މި ޝަކުވާގެ އަޑުއިވޭތާ އެތައް އަހަރު ތަކެއް ވެގެން ދިޔައިރުވެސް މިއީ އެދެވޭ ހައްލެއް ލިބިފައި ނުވާކަމެކެވެ. ކަމާބެހޭ ފަރާތްތަކަށް މިކަން އެނގި ތިބެމެ ހައްލެއް ހޯދަށް އެދެވޭ މަސައްކަތްތަކެއް ނުކުރާތީއެވެ. ދިވެހީންގެ އަތުން ލިޔެފައިވާ އުސޫލެއްގައި ދިވެހީންނަށް ދިވެހި ވިޔާފާރިއަކުން ވަޒީފާގެ ބައި އެޅޭ މިންވަރު 45 އިންސައްތައަށް ހަދައި އެކަން އެގޮތަށް ލިޔެ ތަންފީޒު ކުރަމުން ދިއުމަކީ ކޮންމެވެސް ވަރެއްގެ ލަދުވެތި ކަމެއް އިހުސާސް ކުރަން ޖެހޭ ކަމެއް ނޫންތޯއެވެ؟ އެކަމަކު މިއީ އެކަން އޮތް ގޮތެވެ. ހަގީގަތެވެ.

ކުރިން މިވާހަކަ ދައްކަމުން އައި ބޭބޭފުޅުން، ރައްޔިތު އަހަންމަދުމެން މިވާހަކަ ދެއްކުން ހުއްޓާލާފައި ދެން ދައްކަން ފެށީ ދިވެހީންގެ ބަދަލުގައި ބިދޭސީންނަށް ވަޒީފާން ދޭން ޖެހޭ ސަބަބުތަކުގެ ވާހަކައެވެ. ދިވެހީން ވަޒީފާ ދިނީމާ ރޯދައަށް، ބޯފޮޅިއަށް، ބޮޑުމައުލޫދަށް، އީދު ބަންދަށް، މަންމަ ބަލިވެގެން ކޮންމެ ވަގުތަކުވެސް ރަށަށް ދާން ޖެހޭތީ ދިވެހީންނަށް އިތުބާރު ކުރެވެން ނެތީމާ ދިވެހީންނަށް ވަޒީފާ ދޭން ޖެހިލުންވާ ވާހަކައެވެ. ކުއްލި އަކަށް ރައްޔިތު އަހަންމަދު ބޭގެ ޚިޔާލު މި ބަދަލުވީ، ފުރޮޅުނީ ކީއްވެގެންތޯ ބަލައިލިއިރު، ކަމަކު ދާކަށް ނެތެވެ. ހަމަ ރަނގަޅަށް ރިސޯޓެއް ހަދާނެ ފަޅުރަށެއް ލިބިވަޑައިގަތީއެވެ. ދެން ރާގު ބަދަލުވީއެވެ. މިއީ މިއަދުވެސް މިކަން ހިނގާ ގޮތެވެ.

ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއަކީ އެއްދާއިރާއެއްގައި އެންމެ ގިނަ ދިވެހީން ވަޒީފާ އަދާކުރާ ދާއިރާ ކަމުގައި ވީނަމަވެސް އެދާއިރާއާއި މެދު މިފަހުން އަޑުއިވެމުން ދިޔައީ މާ އެދެވޭ ހިތްގައިމު ވާހަކަ ތަކެއް ނޫނެވެ. ދިވެހި އިގުތިޞާދުގައި ސީދާ ގޮތުން 75 އިންސައްތައަށް ވުރެ މަތީން ހިއްސާވާ އަދި ނުސީދާކޮށް 85 އިންސައްތައަށްވުރެވެސް މަތީން ހިއްސާވާ ދިވެހި ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރޭގައި ދިވެހީންގެ އަގު އެހާ ބޮޑަށް ވެއްޓުނު ސަބަބެއް ދިރާސާ ކުރަން އެބަޖެހެއެވެ. ހަމަގައިމުވެސް ދިވެހީންގެ ރިސޯޓްތައް ބިނާކޮށް ދިވެހި ވިޔަފާރިވެރިންނަށް އެ ވިޔަފާރީގެ ފައިދާ ހޯދައި ދިނުމުގައި އެންމެ ކުރީގައި އެންމެ ބުރަކޮށް މަސައްކަތް ކުރި ބަޔަކީ ދިވެހީންނެވެ. މިއީ ދިވެހި ފަތުރުވެރި ކަމުގެ ތާރީޚު ހެކިވާނެ ކަމެކެވެ. އެންމެ ފުރަތަމަ ދިވެހި ރާއްޖެ ފަތުރުވެރި ކަމުގެ މަންޒިލެއްގެ ގޮތުގައި ބަލައިގަތް މީހުން ބަލައިގަތީ ރާއްޖޭގެ ރީތި ހުދު ގޮނޑުދޮށްތަކާއި މޫދުގެ ރީތި ކަމާއެކު ދިވެހީން ދެއްކި ހިތްހެއުކަމާއި ދިވެހީން ދިން މެހެމާންދާރީއާއި އޯގާތެރި ކަމާއި ވެސް އެކީގައެވެ. އެއީ މާމޮޅު ކިޔެވެލި ތަކެއް ކިޔަވައިގެން ތިބީމާ ވީ ކަމެއް ނޫނެވެ. އެއީ ދިވެހީންގެ ކާބަފައިން ދަސްކޮށްދިން ރިވެތި އުސޫލުތަކާއި ގޮތްތަކެވެ.

މިހެން މިކަން ހިނގަމުން ދަނިކޮށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވެ ބިދޭސީން އެވިޔަފާރީގެ ތެރެއަށް ވަދެ، ބައެއް ދިވެހި ވިޔަފާރި ވެރިންނަށް ވެސް ދިވެހީން ނޫން ގޮތެއް ކަމުދިޔައީއެވެ. ބޭރުން މޮޅެތި ނަންނަން ކިޔާ ސެޓްފިކެޓްތަކާއި މޮޅަށް، ރީއްޗަށް ބޭރު ބަސްތަކުން ވާހަކަ ދައްކާ މީހުން ލިބެން ފެށީއެވެ. ދިވެހީންނަށް ދޭ މުސާރައަށް ވުރެ ކުޑަ މުސާރައެއް ދީގެން މަސައްކަތް ކުރާނެ ބިދޭސީން އަވަށްޓެރި ގައުމުތަކުން ފަސޭހަ ކަމާއެކު ލިބެން ފެށީއެވެ. ދިވެހީންގެ ދިރިއުޅުން ޒަމާނާ އެއްގޮތަށް ތަރައްގީވެ އަގުބޮޑުވިއިރު ރަށަށް ދާށާއި އޮފްޑޭއަށް މާލެ ދާން މާގިނައިން ޗުއްޓީ ދޭން ޖެހެނީއެވެ. ބިދޭސީ މީހާ ރިސޯޓަށް އަރާ ގޮތަށް ދެން އެނބުރި ރަށަށް ދަނީ ދެއަހަރުން އެއްފަހަރުއެވެ. ގިނަ މީހުން ބޭތިއްބި ދުވަހަކު ޗުއްޓީއަށް ނުގޮސް ތިބެއެވެ. އޮފްޑޭއަށް މާލެއަކަށް ނުދެއެވެ. އަހަރުން އަހަރަށް މުސާރަ ބޮޑު ނުކުރާތީ ޝަކުވާ އެއް ނުކުރެއެވެ. ނިދާން ކޮންމެ ތަނެއް ދެއްކިއަސް އެވެރީންނަށް ވަރިހަމައެވެ. ކާން ކޮންމެ އެއްޗެއް ހުއްޓަސް ހަމަ އޯކޭ އެވެ.

ދިވެހީން ތޯއެވެ. މަތިމައްޗަށް އެނދުބަރި ޖަހައިގެން ގުދަން ތަކުގައި ނިދާން އެމީހުން ގަބޫލެއް ނުކުރެއެވެ. ރެސްޓޯރެންޓް ފެންވަރުގެ ކާނާ އެމީހުންނަށް ލިބެން ޖެހެއެވެ. އަހަރުން އަހަރަށް މުސާރަ ބޮޑު ނުވަންޏާ އެމީހުން ޝަކުވާ ކުރެއެވެ. އެހެންވީމާ ބިދޭސީން ގެންގުޅެން ފަސޭހަވެފައި ޚަރަދު ކުޑަވެފައި ބޮލަށް ފަސޭހަވީމާ ދިވެހީންނަށް ފުރުސަތު ގެއްލުނީއެވެ. ހަގީގަތަކީ މިއީއެވެ.

ދެން މިކަން ހައްދުން ނައްޓައިގެން ދިއުމުން ގަވާޢިދެއް، އުސޫލެއް ހެދީއެވެ. އެއުސޫލުގައި އިސްކަން ދެވުނީވެސް ބިދޭސީންނަށެވެ. ދިވެހީންގެ މިލްކިއްޔާތެއްގައި ކުރާ ވިޔަފާރިއެއްގައި ދިވެހީންނަށް ހައްގު މިންވަރަކީ 45 އިންސައްތަ ކަމުގައި ދިވެހި އަތްތަކުން ލިއުނީއެވެ. މިދަންނަވާ ލަދުގަންނަން ޖެހޭ ހިސާބަކީ މިއީއެވެ.

ދެން ޝަކުވާ އަކަށްވީ ދިވެހީންނަށް މިދިން 45 އިންސައްތައަށްވެސް ބައެއް ރިސޯޓު ތަކުން އިހުތިރާމު ނުކުރާ ކަމުގެ ޝަކުވާއެވެ. އެޝަކުވާ އުފުލާނެ ތަނެއް، އަޑުއަހާނެ ބަޔަލު ނެތެވެ. އެ ޝަކުވާ ކުރީމާ ޝަކުވާ ކުރާ މީހާއަކީ ކާކުކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރިސޯޓުގެ މެނޭޖްމަންޓަށް އެނގެއެވެ. ދެން އަނެއް ދުވަހު އޭނާގެ ވަޒީފާ ގެއްލުނީއެވެ.

ދޭތެރެއަކުން ކަމާބެހޭ ވުޒާރާއިން ރިސޯޓްތައް މޮނިޓަރ ކުރަން ދެއެވެ. އެބުނާ 45 އިންސައްތަ ދިވެހީން ރިސޯޓްގައި ތިބޭތޯ ބަލާށެވެ. 55 އިންސައްތަ އަށްވުރެ ގިނައިން ބިދޭސީން ތިބިތޯ ބަލާށެވެ. މޮނިޓަރ ކުރަން ދާ އޮފިޝަލުން ރަށަށް އަރަނީ މެނޭޖްމަންޓަށް އަންގައި ދާނެގަޑިއާއި ވަގުތާއި ލިބެންޖެހޭ ޚިދުމަތްވެސް އޮޅުން ފިލުވައިގެންނެވެ. ދާއިރު މެނޭޖަރު ހުންނަނީ އޮފިޝަލުންގެ ޓީމަށް ހޫނުކޮށް މަރުހަބާ ކިޔާށެވެ. ހުންނާނީ ވެސް ކޮންމެވެސް ގައުމެއްގެ، ކަރައެއްގެ މީހެކެވެ. އޭނާ ގެ، ބޯ ބަނޑުގައި ޖެހޭ ވަރަށް ގުދުކޮށްފައި އޮފިޝަލުންނަށް ކުރުނީސް ކުރާނެއެވެ. ވެލްކަމް ޑްރިންކާއި މޫނުފޮހޭ ތުވާލި ކޮޅު ހިފައިގެން އަރިހުގައި ދެތިން މުވައްޒަފުން ތިބޭނެއެވެ. ދެން ވެލްކަމް ޑްރިންކް ހިފައިގެން ފުރަތަމަވެސް ދާނީ އެމީހުން ތިބޭ ކޮޓަރިކޮޅު ދައްކާށެވެ. އެއީ އެރަށުގައި ހުންނަ އެންމެ ރީތި އެންމެ އަގުބޮޑު ކޮޓަރިއެވެ.

ދެން މެނޭޖަރާއި ބައްދަލުކޮށްލައްވާފައި އޮފިޝަލުން ވަޑައިގަންނަވާނީ ލަންޗަށެވެ. މެނޭޖަރު އަރިހުން ދުރަކަށް ނުދާނެއެވެ. ދެން ލަންޗް ނިމިގެން އަރާމުކޮށްލައްވާށެވެ. ދެން އަރާމު ކޮށްލައްވައިގެން ބީޗަށް ގޮސް މޫދަށް އެރިލާ މަޖާކޮށްލާފައި ރޫމަށް ގޮސް ފެންވަރާލައިގެން ވަޑައިގަންނަވާނީ މާލެއަށެވެ. ދެ ފަހަރަކު މެނޭޖަރާއެކީ އޮފީހަށްވެސް ވަދެލައި އުޅޭތައް ފެންނާނެއެވެ. ބައެއް ފަހަރު އޯވަރނައިޓްކޮށްލާން ވެސް މަޑޫކޮށްލައްވާ ކަމަށްވެއެވެ. ދެން ފުރާވަޑައިގެންނެވުމުގެ ކުރިން ސިޓީ އުރައެއް ވެސް ބައެއް ރިސޯޓްތަކުން އަރުވާ ކަމަށްވެސް ވެއެވެ. މިދެންނެވީ އިވިފައިވާ އަޑުތަކަށް ބަލާއިރު އަދި އެމަންޒަރު ފެންނަ މީހުން ކިޔައިދޭ ގޮތުން އެކަން ހިނގަމުންދާ ގޮތެވެ.

ދެން ގިނަ ވަފަހަރަށް މެނޭޖަރު ދިވެހި މުވައްޒަފުންގެ ލިސްޓު ދައްކާލާއިރު ދިވެހީންނަށް ލިބޭ 45 އިންސައްތަ ހަމަވާނީ ކައިރި ރަށްރަށުން ރަށަށް ކުނި ކަހާން އަންނަ މީހުންނާއި ރަށުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަން ތިބޭ ގްރޫޕްތައްވެސް ލިސްޓުގައި ޖަހައިގެންނެވެ. މިއީ ދިވެހީންގެ ހަރު މުދަލެއް ބަޔަކަށް ދީގެން އެއިން ނަފަޔާ މަންފާ ހޯދާއިރު ހަމަ ދިވެހީންނަށް ހައްގުވާ މިންވަރު ހެއްޔެވެ؟

ކުޑަ މިސާލެއް ދަންނަވާލާނަމެވެ. މީގެ ހައެއްކަ މަސް ކުރިން ރިސޯޓަކަށް ވަޒީފާއަކަށް ދާ ހިތުންދިޔަ ޒުވާން އަންހެން ކުއްޖެކެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު އިންޓަރވިއު އިން ފާސް ވެގެން ރިސޯޓަށް ދިޔައީ ހަގީގަތުގައިވެސް ދިވެހީންގެ ފަޚުރުވެރި ފަތުރުވެރިކަމުގެ ވިޔަފާރީގައި މަސައްކަތް ކުރާ ހިތުންނެވެ. އަންހެން ކުދީންނަށް ރަނގަޅު މިސާލެއް ދައްކައި ނަމޫނާއަކަށް ވުމަށެވެ. ފްރަންޓް އޮފީހުގައި މަސައްކަތް ފެށިއިރު ޕްރޮބޭޝަންގައި ދޭ މުސާރައަކީ 3500 ރުފިޔާއެވެ. ސާވިސް ޗާޖެއް ނުލިބެއެވެ. ފަހުން ޝަކުވާ ކޮށްގެން ބައިކުޅަބައި ދޭން އެއްބަސްވި ކަމަށް ވެއެވެ. ޕްރޮބޭޝަން ނިމުމުން ލިބޭ މުސާރައަކީ 4000 ރުފިޔާއެވެ.

މިދަންނަވަނީ މިލިއަނުން މަހަކު ޑޮލަރު ވަންނަ ރިސޯޓަކަށް ކިޔަވައިގެން އެހެންވެސް ތަމްތީންތައް ހަދައިގެން ޒުވާން އަންހެން ކުއްޖަކު ވަޒީފާއަށް ދިއުމުން އޭނާއަށް ލިބުނު އުއްމީދުގެ ވާހަކައެވެ. މިއީ ޔޯލަކޮށްލާފައި ދަންނަވާ ވާހަކައެއް ނޫނެވެ. މިކަމަށް ހެކިދޭ ލިއުންތައް އެބަހުއްޓެވެ. މި ޒުވާނާ ކަމާބެހޭ ފަރާތުގައި ލައްކަ ޝަކުވާ ވެސް ކުރިއެވެ. މުސާރަކޮޅު އެހާ ކުޑައިރު ސަރވިސް ޗާޖުކޮޅުންވެސް ބައިކުޅަ ބައި ދޭ އުސޫލު ގެންގުޅެނީ ކޮން އުސޫލަކުންތޯ ބެލުމަށެވެ. މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. އޭނާ އެކަން ހުށައަޅަން ޖެހެނީ ރަސްމީ ކޮށެވެ. އެހާ ހިސާބުން ވަޒީފާ ގެއްލުނީއެވެ. އެހެންވީމާ ހައްގު ހޯދޭނެ ގޮތެއް ނެތިގެން އޭނާއަށް ޖެހުނީ ހަނު ހުންނާށެވެ.

ދެން މިވާހަކަ ބާއްވާފައި މިހާރުގެ ޓޫރިޒަމް މިނިސްޓަރުގެ ތަސައްވަރަށް ޖެހިލަމާ ހިނގާށެވެ. ޓޫރިޒަމް މިނިސްޓަރުގެ އެންމެ ކައިރި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރިސޯޓްތަކުން ދިވެހި މުވައްޒަފުންނަށް ހައްގުވާ ކަމަށް މިހާރު ލިޔެފައި އޮތް 45 އިންސަތް 31 އިންސައްތަ އަށް ބަދަލު ކުރުމެވެ. އަދި އަންނަ އަހަރު ނިމޭއިރު އެ މިންވަރު 55 އިންސައްތައަށް ބޮޑު ކުރުމެވެ. މިއީވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމަކަށް ވާނެއެވެ. 45 ގައި އޮތް ހައްގު މިންވަރު 51 އިން 55 އަށް އަރާނެ ކަމުގެ އުއްމީދެއް ދިނުމަކީވެސް ބޮޑު ވަރެކެވެ.

އެކަމަކު އެމިންވަރު ކަށަވަރު ކޮށްދެވޭނީ ކުރިން އެއޮންނަ މޮނިޓަރިންގެ ސަގާފަތްވެސް ބަދަލުކޮށްގެންނެވެ. މޮނިޓަރ ކުރަން ރިސޯޓަށް އަރާއިރު އެލިބޭ ހަތް ތަރީގެ ޚިދުމަތާއި އަގުބޮޑު ޝަރުބަތު ތަށްޓާއި ބައެއް ހާލަތު ތަކުގައި އެލިބޭ ސިޓީ އުރަ ލިބޭ އުސޫލަށް ބަދަލު ގެނަސްގެންނެވެ. ވަޒީރު އެރިއަސް ވަޒީރުން އެރިއަސް ހިލޭ ސާބަހަށް އަރަންޏާ އެޚިދުމަތް ހޯދައިގެން ނުވާނެއެވެ. ވަޒީރުވެސް، އޮފިޝަލުންވެސް މުވައްޒަފުންވެސް ދާން ވާނީ މެނޭޖްމަންޓުގެ ދަށު ނުވާ ގޮތަށް، ކޮރަޕްޝަނަށް ނުފެތޭ ގޮތަށް އަގުދީގެން ހައްގު ގޮތުގައެވެ. ވިޔަފާރިވެރިޔާގެ ޖީބަށް ވެއްޓިގެން މިކަން ކުރަންޏާ ހަމަވާނީ ހިންދީ ފިލްމު ތަކުގައި އެފެންނަ ގޮތަށެވެ. އަބަދުވެސް މޮޅުވާނީ، ރަނގަޅު ވާނީ ވިޔަފާރިވެރިޔާއަށެވެ. ނިކަމެތި މުވައްޒަފުމީހާއަށް ހައްގު މިންވަރަކަށްވާނީ މިހާރު ވެސް މިވާ ވަރެވެ.

ވިޔަފާރި ވެރިއާއަށްވެސް ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތަށް ހައްގު ލިބިދޭށެވެ. ދިވެހި އާންމު ރައްޔިތަށް ވެސް ގާނޫނު ތަކާއި ގަވާޢިދު ތަކުގައި އޮންނަ ގޮތަށް އޭނާއަށް ހައްގު މިންވަރު ހޯދައިދޭށެވެ. އެހެން ނޫނީ 45 އިންސައްތަ، ކީއްކުރަން 25 އިންސައްތަ ވެސް ނުލިބޭނެއެވެ. މިހާރު ވާވަރުވެސް ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


17

މޫސަ

30-Jul-2020

ލިޔުންތެރިޔާއަށް ސާބަސް


21

ހަސަނު

30-Jun-2020

ފަތުރުވެރިކަމުގެ ދައިރާގަ ކަނ ހިނގާގޮތަކީ ހަމަ އަސްލުވެސް ވަރަށް ފުރިހަމަ ލިޔުމެއް ޝުކުރިއްޔާ ރަސް އޮންލައިން


0

ހަސަނު

28-Jun-2020

އަހަރެން ލޮލުން ދެކެ ހިފާފައި ވާ ހަގީގަތެއްގެ ވާހަކަ އެއް ތިޔައީ


17

ޒަރީރު

28-Jun-2020

ނިމިގެން ދިޔަ ހުރިހާ ސަރުކާރު ތަކެއް ވެސް ފޭލިވެފަިވާ ކަމެއް ތިޔައީ މި ސަރުކާރަށް ވެސް ތިކަން ހައްލު ވެދާނެކަމަކަށް ނުބެލެވޭ މޮނިޓަރ ކުރަން ދަނީ އިހުލާސްތެރިންނެއް ނޫން މެނޭޖަރު ކޮނޑަށް އަތްވައްޓާލައިފަ ފުރާއިރު ދޭ ސިޓީ އުރައިގެ ބޭނުން ކުރާހާ ހިނދަކު ހައްލެއް ނެތް


2

ޖައުފަރު

28-Jun-2020

މީ ހަމަ ކަން ހިނގާ ގޮތުގެ ވާހަކަ ވަރަށް ރަނގަޅަށް އެނގިގެން ލިޔެފައިވާ ލިޔުމެއް



ޓްރެންޑިން