އައްޑޫ ސިޓީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ހެރެތެރަ
އައްޑޫ ސިޓީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ހެރެތެރަ
އައްޑޫ ސިޓީގެ އިގްތިސާދީ ތަރައްގީގެ ވާހަކަ ކޮންމެ ދުވަހަކުވެސް ދެކެވެއެވެ. ނަމަވެސް އިވޭ އަޑަކީ އިގްތިސާދީ ތަރައްގީގެ ދޮރުތައް ލެއްޕިގެންދާ އަޑެވެ. ފުރަތަމަ އިވުނު އަޑަކީ ކެނެރީފް، ހެރެތެރެ ފައިދާ ނުވާތީ 2 އަހަރު ދުވަހަށް ބަންދު ކޮށްލި ޚަބަރުގެ އަޑެވެ. ލަފާ ކުރެވޭ ގޮތުން ދެން އެންމެ އަވަހަށް އިވޭނެ އަޑަކީ ޝަންގްރިއްލާ ވިލިގިލި ބަންދު ކޮށްލި ޚަބަރެވެ.

ޝަންގްރިއްލާ ވިލިގިލީގެ 30 އިންސައްތަ ޙިއްސާ އަދިވެސް އޮތީ ދިވެހި ސަރުކާރުގެ ނަމުގަ އެވެ. އެހެނަސް އެތަން ހިންގާ، ވިޔަފާރި ރަގަޅުކޮށް އަދި ގެއްލުން ނުވާނެ ގޮތަކަށް ކުރި އެރުވުމަށް ސަރުކާރުގެ މާބޮޑު އެހީ ތެރިކަމެއް ނުލިބޭ ކަމަށް އެތަން ހިންގާމެނޭޖްމަންޓްގެ އިސް ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ. އެފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި އެތަން ހިންގަމުން މިހާރު ދަނީ އެއްވެސް ފައިދާއެއް ނެތި ގެއްލުމާއި އެކުގައެވެ. އެއް ޙިއްސާދާރަކީ ދިވެހި ސަރުކާރު ކަމުގައި ވީނަމަވެސް އެފަރާތުން ތަނުގެ ހިންގުމަށް އެއްވެސް ފަސޭހަތަކެއް ނުވަތަ ލުއިތަކެއް ކޮށްދީފައި ނެތްކަމަށް ވެއެވެ.

މީގެ ކުރިން ޝަންގްރިއްލާ ވިލިގިލީގެ ކުލި ދައްކަމުން އައިސްފައިވަނީ އެނދުގެ ނިސްބަތުން ކޮންމެ އެނދަކަށް ވަކިވަރެއް ދައްކާ އުސޫލުންނެވެ. ނަމަވެސް ފަތުރުވެރި ކަމުގެ ޤާނޫނަށް ގެނައި އިސްލާޙާއި އެކު ހުރިހާ ރިސޯޓެއްގެ ކުލި އަކަ މީޓަރަކަށް ރޭޓް ކަނޑައަޅާ އެޖެހޭވަރު ނަގަން ފެށިއެވެ. މިއީ ރަނގަޅު އިސާލާޙެކެވެ. ދައުލަތަށް ލިބޭ ފައިސާ ގިނަވާނެއެވެ. އެހެން ނަމަވެސް މިއިސްލާޙުގެ ސަބަބުން އެންމެ ދަތި ތަކާއި ކުރިމަތި ވެފައިވަނީ އައްޑޫ ސިޓީގައި ހިންގާ މަދު ރިސޯޓު ތަކަށެވެ. އެތަންތަނަކީ ބިމުގެގޮތުން ބޮޑު ތަންތަނަށް ވުމާއި އެކު އެތަންތަނުން ދައްކަން ޖެހޭ ކުލި އިންތިހާއަށް ބޮޑުވެގެން ދިޔުމެވެ. މީގެ ސަބަބުން ކުރިން ލިބެމުންއައި ގެއްލުމަށް ވުރެން ބޮޑު ގެއްލުމަކާއި މިރިސޯޓުތަކުން ކުރިމަތިލާން އެބަ ޖެހެއެވެ.

މީގެ އެންމެ ބޮޑު ސަބަބަކީ އައްޑޫ ސިޓީއަކީ ފަތުރު ވެރިކަމުގެ މަންޒިލެއް ކަމުގައި ނުވެފައި އަދި އެސިޓީގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ރަނގަޅު ނުވުމެވެ. އެހެން ކަމުން ދަށް އޮކިއުޕެންސީގައި ހިންގާ މިފަދަ ރިސޯޓުތަކަށް މިހާރު އޮންނަ އުސޫލުން ބިމު ކުލި ނެގޭތީ މިރިސޯޓްތަކަށް ހިންދެމިލެވޭ ވަރު ނުވެއެވެ. އަދި އައްޑޫ ސިޓީގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެނައުމަށް ސަރުކާރުންވެސް މިވީހާތަނަށް މޮޅެތި ވާހަކަ ދެއްކުން ފިޔަވާ ކުރެވުނު ކަމެއް ހަމަ ޔަގީނުން ފެންނާކަށް ނެތެވެ. އައްޑޫ ސިޓީއަކީ ފަތުރުވެރި ކަމުގެ މަންޒިލަކަށް ހަދަން އެބަޖެހެއެވެ. މިކަން ކުރަން ޖެހެނީ ސަރުކާރުންނެވެ. އިންވެސްޓަރުން މިކަމަކަށް މާބޮޑު ޝައުގުވެރި ކަމެއް ނުހުންނާނެ އެވެ.

ކެނެރީފް ބަންދު ވެގެން ދިއުމާއެކު މިހާރު އައްޑުއަށް އިންވެސްޓް ކުރާ ބޭރު ކުންފުނިތަކުން އެކަމާއި ވިސްނާނެ ކަމީ ޔަގީންވާ ކަމަކެވެ. އެއީ ކެނެރީފް އަކީވެސް ބޭރުގެ ކުންފުންޏަކަށް ވެފައި އެމީހުންނަށް ދިމާވި ގޮންޖެހުން އެހެން ފަރާތްތަކުންވެސް ބަލާނެ އެވެ. އެއްވެސް ބަޔަކު ކުރިމަގު ފެންނަން ނެތްތަނަކަށް އިންވެސްޓެއް ނުކުރާނެއެވެ. ނުވަތަ އެފަދަ ތަނެއްގައި ވިޔަފާރިއެއްވެސް ކުރާކަށް ބޭނުމެއް ނުވާނެއެވެ.

ފުރަތަމަ ހެރެތެރަ ނަމުގައި އެމްޓީޑީސީއިން ތަރައްގީ ކުރި މިރިސޯޓު މިހާތަނަށް ތަފާތު 3 ކުންފުންޏަކުން ހިންގަން މަސައްކަތް ކޮށްފިއެވެ. ކޮންމެ ބަޔަކަށްވެސް ދިމާވަނީ ރިސޯޓު ނުހިންގުމުގެ މައްސަލައެވެ. ގެސްޓުން ގެނައުމުގެ ތަފާތު ގޮންޖެހުން ތަކެވެ. އެއްވެސް ސަރުކާރަކުން އެކަމަށް އެކަށީގެންވާ ޙައްލެއް ހޯއްދަވާ ދެއްވާފައި ނެތެވެ. ހުރިހާ ސަރުކާރަކުންވެސް މިބުނަނީ އައްޑޫގެ ޓްއަރިޒަމް ތަރައްގީ ކުރާނެ ވާހަކަ އެވެ. ވަރަށް ފަށުވި އިބާރާތުން އެވާހަކަ ދައްކައެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ވީހާވެސް އަވަހަކަށް ނުކުރައްވާނަމަ ވަރަށް އަވަހަށް ޝަންގްރިއްލާ ވިލިގިލި ިވެސް ބަންދުކޮށްލަން ޖެހޭނެ އެވެ. ޝަންގްރިއްލާ އަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ. އެފަދަ ބްރޭންޑަކުން ރިސޯޓެއް ހިންގަން އުޅެ އުޅެ އެކަމަށް ކުރިއެރުން ނުލިބި ރިސޯޓް ބަންދު ކޮށްލާ ޙާލަތައް ހިނގައްޖެ ނަމަ ދުނިޔޭގެ މިފަދަ ބޮޑެތި ޗެއިން ތަކުން އައްޑުއަށް އެއްވެސް އިންވެސްޓެއް ނުކުރާނެއެވެ. އެހިސާބުން އައްޑޫގެ ފަތުރުވެރިކަން ކަފުންކޮށް ވަޅުލިޔަސް ހަމަ އެންމެ ރަނގަޅުވާނެ ކަމީ މިހާރު ގަބޫލު ކުރަންޖެހޭ ހަގީގަތަކެވެ.

އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށްވާ އެއާޕޯޓަކީ އައްޑޫ ރައްޔިތުންގެ އިގްތިސާދީ އުއްމީދެވެ. ނަމަވެސް އައްޑޫގައި މިހާރު ހިންގާ ރިސޯޓުތައް ފައިދާ ނުވެ ފަހަރަކު ތަނެއް ބަންދު ވަމުންދާނަމަ އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓު އޮތުމުގެ ބޭނުމެއް ނެތެވެ. އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރެވޭނީ އެއިން ދަތުރު ކުރާނެ ޕަސެންޖަރުން ލިބިގެންނެވެ. ފަސެންޖަރުން ލިބޭނީ އައްޑޫ ފަތުރުވެރިންގެ މަންޒިލަކަށް ފައްކާ ކުރުމާއެކު ބެޑް ކެޕޭސިޓީ އިތުރު ވެގެންނެވެ. ނަމަވެސް މިހާރު މިފެންނަ މަންޒަރަކީ މިހިނދަށް އޮތް ބެޑް ކެޕޭސީޓީވެސް ޕެރެލައިސް ވެގެންދާ ތަނެވެ.

އައްޑޫ ސިޓީގައި މިހާރު ހިންގާ ރިސޯޓުތައް ބަންދު ކުރުމުގެ ކުރިން ސަރުކާރުގެ މުއައްސަސާތަކުން އެފަރާތްތަކަށް ލުއިތަކެއް އެބަދޭން ޖެހެއެވެ. މިހާލަތުގައި އެފަދަ ލުއިތަކެއް ނުދެވިއްޖެ ނަމަ އައްޑޫ ސިޓީގެ ފަތުރުވެރިކަން މިހާރު އޮތް ހާލަތުން ކޮޅަށް ޖަހަން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އަދި ޚަރަދު ބޮޑުވެފައި ވަގުތުވެސް ނަގާނެއެވެ.

އެހެންކަމުން އައްޑޫގެ ރިސޯޓް ތަކުގެ ކުލީގެ ކަންތައް ރާއްޖޭގެ އެހެން ރިސޯޓުތަކާއި ތަފާތު ކުރަން އެބަޖެހެއެވެ. އަގު ކުޑަވާން އެބަޖެހެއެވެ. ވަކި ރިސަރވޭޝެއްގެ ތެރެއިން ނަމަވެސް ނުވަތަ ސަންސެޓް ބިލެއް މަޖިލީހުން ފާސްކޮށްގެން ނަމަވެސް މިކަމަށް ޙައްލެއް އެބަ ބޭނުން ވެއެވެ. ކުރިއަށް އޮތް 5 އަހަރަށް ސަންސެޓް ބިލެއްގެ ތެރެއިން އައްޑޫގެ ރިސޯޓުތަކުން މިހާރު ނަގާ ކުލީގެ 75 އިންސައްތަ ކުޑަކޮށްގެން ނަމަވެސް އައްޑޫގެ އިގްތިސާދީ ދޮރުތައް ހުޅުވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މިހިނދުން މިހިނދަށްވެސް މުހިއްމު ކަމެކެވެ. އެހެންނޫން ނަމަ ގިނަ ދުވަސްތަކެއް ނުވެ އައްޑޫގެ މިސިނާއަތު މުޅިން ހީނަރު ވެދާނެއެވެ.

ހަމަ މިއާއި އެކު އައްޑޫ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓްތަކަށްވެސް ލުއިތަކެއް ދެވޭނެ އިންތިޒާމުވެސް ހަމަ ޖެއްސުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް މުހިއްމު ކަމަކެވެ. އައްޑޫއަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓްތަކަށް ބޮޑެތި ލުއިތަކެއް ކުރިއަށް އޮތް ފަސްވަރަކަށް އަހަރަށް ދޭން އެބަޖެހެއެވެ. މިހެން ބުނާއިރަށް ބަޔަކަށް ގަބޫލު ކުރެވޭނީ މޯލްޑިވިއަން އިން އެޚިދުމަތް ދޭން ފެށުމެވެ. ސުވާލަކީ މޯލްޑިވިއަން އެއާރލައިގައި އެގާބިލުކަން އެބަހުރިތޯއެވެ. މޯލްޑިވްއަންއިން ދުނިޔޭގެ ހުރިހާ ޑެސްޓިނޭޝަނަކަށް ސެކްޓަރ ޝެއަރކޮށް ޓިކެޓް ލިބޭނެ ފުރުސަތެއް އަދި ނެތެވެ. އައްޑޫއަށް މީގެ ކުރިން ދަތުރުކުރި ޝްރީލަންކަންއިން މިޚިދުމަތް ލިބެއެވެ. އެހެން ކަމުން ޝްރީލަންކަން ފަދަ ފްލައިޓްތައް ގަމަށް އޮޕެރޭޓް ކުރެވޭނެ ފަހި ފުރުސަތުތަކެއް އޮތުމަކީ މުހިއްމު ކަމަކެވެ.

އައްޑޫ ސިޓީގެ ކުރިމަގު އުޖާލާ ކުރުމަށް މިފަދަ ކަމެއް ކުރުމަށް ބަޔަކު އަޑުއުފުލަން އެބަޖެހޭ ނޫންތޯއެވެ؟ އައްޑޫއަށް ނިސްބަތްވާ އިއްޒަތްތެރި މަޖިލީސް މެމްބަރުން މިކަމަށް ވަކާލާތު ކުރައްވަން ނުޖެހޭތޯއޭ ހިތަށް އަރައެވެ. ނަމަވެސް އެ އިއްޒަތްތެރި މެމްބަރުންގެ ފަރާތުން ފެންނަނީ އަޑުގަދަ ނަމަވެސް ފިނޑި ކަމެކެވެ. އެއިއްޒަތްތެރި މެމްބަރުންގެ ދާއިރާއާއި އެދާއިރާގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތު ކުރެއްވުމުގެ ބަދަލުގައި ފެންނަނީ ވަކި އެޖެންޑާއެއް ޕްރޮމޯޓް ކުރައްވާ ތަނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން