ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން އުފައްދާ އިޤްތިޞާދީ މަންފާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ނިންމި މުހިންމު ނިންމުމެއް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި ނިންމުމަކީ ވަރަށް ފުންކޮށް ވިސްނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ވާސިލުވެވުނީ ގިނަގުނަ ދިރާސާތަކާއި، ތަޖުރިބާ ހޯދުމުގެ ދަތުރުތަކަށްފަހު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާއި ތަޞައްވުރާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށްޓަކައި އެމަނިކުފާނާއެކު ދިގު މަޝްވަރާތަކެއް ކުރެވުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ދާއިރާގެ މާހިރުންނާއި މަސައްކަތުގެ ބައިވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާއި އޭގެ ޙަޤީޤީ މާނައާ މެދު ވަރަށް ފުންކޮށް ވަނީ ވިސްނާފައެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަމުން އުފައްދާ އިޤްތިޞާދީ މަންފާގެ އެންމެ ފުރިހަމަ ޙައްޤުވެރިންނަކީ ދިވެހި ރައްޔިތުން ކަމާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ މުއްސަނދި ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ޚާއްޞަ ގޮތެއްގައި ފަރުމާކުރެވިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މުއްތަލިބުގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ، މި ފެށުނު ބޮޑު މަސައްކަތުގައި ބަރަކާތްލައްވައި، ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް