މަރިޔަމް ލަމްޙާ ރަޝީދު   11 މާރިޗު 2023 - 3:20
ތުއްތުކުއްޖަކު މޫދުގައި ކުޅެނީ
ތުއްތުކުއްޖަކު މޫދުގައި ކުޅެނީ
ގޭވެރިޔާއަށް ލިބޭ އާމްދަނީގެ 70 އިންސައްތަ ދައްކައިގެން ތޮއްޖެހިފައިމިވާ މާލޭގައި ދިރިއުޅުމަކީ އުނދަގޫކަމެއްކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. ރަށްފުށުގައި ވަޒީފާއާއި ބޭނުންވާ ހުރިހައި ޚިދުމަތްތަކެއް ލިބޭނަމަ ދިރިއުޅޭނީ ރަށުގައި ކަމަށް ގިނަމީހުން ބުނެއެވެ. ރަށްތައް ތަރައްޤީވަމުންދާވަރަކަށް ވަޒީފާތައް އުފެދި ތަޢުލީމީ އަދި ޞިއްހީ ޚިދުމަތްތައް ފުޅާވެގެންދާތަން މިއަދު ފެނިގެން އެބަދެއެވެ. އެހެންކަމުން މާލެއިން ރަށަށް ހިޖުރަކުރުމުގެ ވިސްނުން ގެންގުޅޭ މީހުން އިތުރުވަމުން ދެއެވެ.

ރަށްފުށުގައި ދިރިއުޅުމުގެ އެންމެ ބޮޑު ފައިދާއަކަށްވާނީ ކުލީގެ ނަމުގައި އަތުން ގެއްލިގެންދާ ފައިސާ ރައްކާކުރުމަށް ފުރުޞަތުލިބުމެވެ. މަހެއްގެ މައްޗަށް 12000 ރުފިޔާ ކުއްޔަށް ޚަރަދު ކުރާމީހެއްނަމަ އަހަރެއްގެ މައްޗަށް 144،000 ރުފިޔާ ރައްކާ ކުރެވޭނެއެވެ. އެފައިސާއިން ޙައްޖަށް ދެވިދާނެއެވެ. ނުވަތަ ކުޑަ ވިޔަފާރިއެއް ފެށިދާނެއެވެ. އުޅޭނެތަނެއް އަމިއްލަ ގޭގައި ނުހުންނަ މީހާވެސް ކުޑަ ކުއްޔަކާއިއެކު ރަށުގައި އުޅޭނެ ގޮތް ހޯދިދާނެއެވެ. އަދި ރައްކާކުރެވޭ ފައިސާއިން އުޅޭނެ ތަނެއް މައިންބަފައިންގެ ގޯތީގައިނަމަވެސް ބިނާކުރެވިދާނެއެވެ.

މާލޭގެ ހަލަބޮލި މާހައުލުގައި މަތިމައްޗަށް ހުންނަ އެޕާރޓްމަންޓުތަކުގައި އުޅޭއިރު، އަމިއްލަ މިނިވަންކަން ކުޑަކަމަށް ފާހަގަވެއެވެ. މަސައްކަތް ނިމިގެން ގެއަށްއައިސް ޖައްސާލާއިރު މަތީ ކޮންމެވެސް ފްލޯއަކުން ލަވަޖަހާ އަޑު އިވިދާނެއެވެ. ނުވަތަ ކޮންމެވެސް ތަނެއް މަރާމާތުކުރާ އަޑު އިވިދާނެއެވެ. އެހެންވެ، ގޭގައި އޮންނަ ތުއްތު ދަރިފުޅުގެ ނިދިވެސް ހަމަނުކުރެވޭ ގޮތް ދިމާވެއެވެ.

މާލޭގައި ކުޑަ ތަންތަންކޮޅުގައި ތޮއްޖެހިގެން އުޅުމުގެ ސަބަބުން، އިޖުތިމާޢީ ތަފާތު ގިނަ މައްސަލަތައް ދިމާވާން މެދުވެރިވެއެވެ. މިއާއި ޚިލާފަށް ރަށްފުށުގައި އަމިއްލަ ގޭގައި ނުވަތަ މައިންބައިފައިންގެކައިރީ ދިރިއުޅޭނަމަ އަމިއްލަ މިނިވަންކަމުގައި ދިރިއުޅެވޭނެއެވެ. ސަބަބަކީ ރަށްފުށުގައި އުޅޭ އިޖުތިމާއީ މައްސަލަތައް މަދުވުމާއި އެހެނިހެން ކުށްތައްވެސް ނިސްބަތުން މަދުވުމެވެ. ވަކިން ޚާއްސަކޮށް ބޮޑެތި ކުށްތައް މާލެއަޅާބަލާއިރު މަދެވެ. އަދި ރަށުގެ އެންމެން އެކަކު އަނެކަކަށް އެނގުމުން، މީހުން ކުއްތަކަށް އަރައިގަތުމަށް ހުރަހަކަށްވެސް ވެގެންދެއެވެ. އަދި އަމިއްލަ މައިންބަފައިންނާއި އާއިލާ މީހުންވެސް ތިބުމުން ކަމެއް ދިމާވެއްޖެނަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަންވެސް އޮންނާނެއެވެ. އެހެންކަމުން، ރަށްފުށުގައި އާއިލާއެއް ގޮވައިގެން ދިރިއުޅެން މާބޮޑަށްވެސް ރައްކާތެރިވާނެއެވެ.

ރަށްފުށުގައި މާލެއާއި އެއްގޮތަށް ދުއްވާއެއްޗެއްސާއި ބަރުގޮނުއަޅައި މަގުތައް ހަލަބޮލިކުރަމުންދާ އުޅަނދުތައް މަދުވުމާއިއެކު، އާއްމުގޮތެއްގައި މަގުތަކުގައި ކާރުބާރު ކުޑަވާނެއެވެ. އެހެންކަމުން މަގުތައް އަމާންވެފައި ހިއްފަސޭހަވާނެއެވެ. އަދި ހަވީރު ފިންޏަށް އާއިލާ ގޮވައިގެން ހިނގާލަންދާން ވަރަށް ހިތްފަސޭހަވާނެއެވެ. އަދި ދުއްވާލަންދާންވެސް މާހިތްހަމަޖެހޭނެއެވެ. އަދި ރޭގަނޑުގެ ވަގުތުގައި އަޑުތައް މަޑުވުމުން، އަރާމުގައި ނިދާލެވޭނެއެވެ.

މީގެއިތުރުން ރަށްފުށުގައި ސާފުވައި ލިބި، ގެއިން ބޭރަށް ނުކުމެލުމުންވެސް ހިތްހަމަޖެހުން ލިބެއެވެ. ފުޅާ މަގުތަކާއި ބިޔަ ގަސްތަކާއި އަދި ޖާގައިގެ ތަނަވަސްކަމާއެކު، ގެއިން ބޭރަށް ނުކުމެލުމުން ހިތަށް ފިނިކަންލިބި ހިތްހަމަޖެހުން ލިބިގެންދެއެވެ. މާލޭގައި ނަމަ ހިތްހަމަޖެހިލުމަށް ބޭރަށް ނުކުމެލިޔަސް، ފެންނާނީ ހަލަބޮލިކަމެވެ. ހިތްހަމަޖެހިލުމަށް ނުކުމެލާމީހާ، ޕާކުތަކުގައި އިށީންނާނެ ތަނެއް ނެތިގެން އަނބުރާ ގެއަށްދަނީ މާބޮޑަށް ވަރުބަލިވެގެންނެވެ.

މާލޭގެ ހަލަބޮލި މާހައުލުގައި އުޅޭއިރު ދީނީ ކަންކަމަށް ފަރުވާކުޑަކުރެވެއެވެ. ވަޒީފާގެ މާހައުލުގައިވެސް އަދި އެކުގައި އުޅޭ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރެވޭއިރު ނަމާދުތަކަށް ފަރުވާތެރިވެވެނީ މަދު މީހަކަށެވެ. މިއާއި ޚިލާފަށް ރަށްފުށުގައި ގިނަ މީހުންނަކީ މިސްކިތަށްގޮސް ޖަމާޢަތުގައި ނަމާދުކުރާ މީހުންނެވެ. އެހެންކަމުން ރަށުގައި ދިރިއުޅޭއިރު ދީނީ ކަންކަމަށް މާބޮޑަށް ފަރުވާތެރިވެވެއެވެ. އެހެންކަމުން ރަށްފުށުގައި އުޅުމުން، ދީނީގޮތުން ރަނގަޅަށް ދަރިން ތަރުބިއްޔަތު ކުރުމަށްވެސް ފަސޭހަވެގެންދެއެވެ.

މިހުރިހައި ސަބަބަކަށްޓަކައި، މާލެއިން ރަށްފުށަށް ދިރިއުޅުން ބަދަލުކުރެވެން އޮތްނަމަ، އާއިލާ ގޮވައިގެން ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ރަނގަޅު އާޢިލާއެއް ބިނާކުރުމަށް ނުހަނު ބޭނުންތެރި އަދި އޭގެ ސަބަބުން ގިނަ ފައިދާ ލިބޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު


3

ނާދި

12-Mar-2023

ރަށު ގައި އުޅޭނަމަ މާލޭގަ ވަޒީފާގަ މިހާރު ލިބޭ މުސާރަ ވެސް ނުލިބޭނެ ދެން ރަށުގަ އުޅެގެން ކޮން ރުފިޔާ އެއް ސޭވް ކުރެވޭނި؟


-3

މާލަސް

12-Mar-2023

ވަރަށް ރަގަނޅު ވާހަކަތަކެއް. މާލެ ދޫކޮށް ރަށަށް ބަދަލުވާން ބޭނުންވެއްޖެ. ޝުކުރިއްޔާ



ޓްރެންޑިން