ބޮޑުވަމުން އަންނަ ދަރިފުޅުގެ ކިބައިގައި ހުންނަ ނުރަނގަޅު އާދަތައް
ބޮޑުވަމުން އަންނަ ދަރިފުޅުގެ ކިބައިގައި ހުންނަ ނުރަނގަޅު އާދަތައް
ކޮންމެ ކުއްޖަކީވެސް ފިތުރަތުގެ ސާފުކަންމަތީ އުފަންވާ ކުއްޖެކެވެ. އެހެންނަމަވެސް ކުއްޖާގެ ވަށައިގެންވާ މާހައުލުގެ ސަބަބުންނާއި ސްކޫލުން ދިމާވާ އެހެންކުދިންގެ ފަރާތުން ފެންނަ ބައެއް ކަންކަމުގެ ސަބަބުން ކިތަންމެ ރަނގަޅަށް ތަރުބިއްޔަތު ކުރަމުންއަންނަ ކުއްޖަކަށްވެސް ބަދަލުތަކެއް އަތުވެދާނެއެވެ. އަދި އެކަމުގެ ސަބަބުން މައިންބަފައިންގެ ބަސްޤަބޫލުނުކުރާ ހާލަތްތައް އާދެއެވެ. އެހެންކަމުން ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް، ދަރިފުޅުގެ ފަރާތުން ފެނިދާނެ ނުރަނގަޅު އާދަތައް ފާހަގަކޮށް އެކަމަށް ފިޔަވަޅުއެޅުން މުހިންމެވެ.

ދަރިފުޅުގެ އުޅުމަށް ބަދަލު އައުމުން ފެނިދާނެ ބައެއް އާދަތައް:

1. ކަމެއް ނުކުރާށޭ ބުނުމުން ނުވަތަ ކަމެއް ކޮށްދެވެން ނެތޭ ބުނުމުން އެގޮތް ގަބޫލުނުކުރުން:

ބައެއް ފަހަރު ދަރިފުޅު ބޭނުންވާގޮތަށް މައިންބަފައިން ކަންތައް ކުރަންދެން މަންމަ ނުވަތަ ބައްޕަ "ނޫން" ބަސް ބަދަލުކުރަންދެން ކުރުނުކޮށް އެކަމެއްގައި ހިފައިދަމައެވެ. އަދި އެންމެފަހުން މަންމަ ވަރުބަލިވެގެން އެކަމަކަށް އެއްބަސްވެއެވެ. އެބުނާ އެއްޗެއް ގަނެދެއެވެ. ނުވަތަ ކާން ދެއެވެ. ނުވަތަ އެކަމެއް ދަރިފުޅު އެދޭގޮތަށް ދޫކޮށްލައެވެ. މިހެންވުމުން މިއީ އެންމެފަހުން އާދައަކަށްވެ، މައިންބަފައިން އެދޭގޮތަށް ކަންކަން ކުރުމަށް ދަރިފުޅު ބޭނުންނުވެއެވެ. އަބަދުވެސް ބޭނުންވާނީ އެބޭނުންވާ ކަމެއް މައިންބަފައިންލައްވާ ކުރުވުމެވެ.

2. އެހެންމީހުންނަށް ކަންކަން ކޮށްދިނުމަށާއި އެހެންމީހުންނާ ހިއްސާ ކުރުމަށް ބޭނުންނުވުން: އެހެން މީހުންނަށް އިހުތިރާމް ކުރުމާއި ތިމާ އެދޭފަދައިން އެހެން މީހުންވެސް ކަންކަމަށް ބޭނުންވާނެކަމުގެ އިހުސާސް ބޮޑުވަމުން އަންނަ ދަރިފުޅުގެ ކުޑަސިކުނޑިން ދަސްކޮށްދިނުމަށް އެންމެ މުހިންމުކަމަކީ ބޭނުންކުރާ ތަކެތި ހިއްސާކުރުމަށް ދަސްކޮށްދިނުމެވެ. އަދި އެހެން މީހަކުތިމާއަށް ހަދިޔާއެއް ދީފިނަމަ، އެ އުފަލާއެކު ބަލާއިގަނެ"ޝުކުރިއްޔާ" ފަދަ ހެޔޮ ބަސްތަކުން އެމިހަކަށް ބުނެލަން ދަސްކޮށްދިނުމެވެ. ނަމަވެސް މިއާހިލާފަށް އެއްވެސް ވަރަކަށް އަނެކާއި ގެންގުޅޭ ތަކެތި ހިއްސާ ނުކުރުމާއި މީހަކު ކަމަކު އެދުމުން އެކަމެއް ކޮށްނުދިނުމާއި އެހެންމީހުން ކޮށްދޭ ކަންކަން ބަލައިގަންނަ ނޭގުމަކީ ދަރިފުޅު ބޮޑުވެ އެހެންމީހުންނާއެކު އުޅޭއިރު މީހުން ކޮށްދޭ ކަންކަން ބަލައި ނުގަންނާނެއެވެ. އަދި އެހެންމީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރަންވެސް ނޭގޭނެއެވެ.

3. ކެތްތެރިކަން ކުޑަވުން:

ކެތްތެރިކަން ކުޑަވުމުން ދަރިފުޅު ބޭނުންވާނީ މަންމަ ކުރަން ހުރި ހުރިހާ ކަމެއް ހުއްޓުވާފައިނަމަވެސް އެކުއްޖާ އެބުނާކަމަކަށް ވަގުތުން ސަމާލުކަން ދިނުމަށެވެ. މަންމަ އެކަމެއް ކޮށްނިމެންދެން މަޑުކުރާކަށް ބޭނުމެއް ނުވާނެއެވެ. އެއީ އެހެން ކުއްޖެއްގެ ކަމެއްގައި ބިޒީވެގެން ހުރިކަމުގައި ވީނަމަވެސްމެއެވެ.

4. އެހެން ހުރިހާ މީހުންނާއި ކަމަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސު މުހިންމުވުން

'އެންޓައިޓުލް' ވުމަކީ ހުރިހާ މޮޅެއް ލިބެންޖެހޭނެކަމަށް ވިސްނުމެވެ. އެހެން ކުއްޖަކަށް މޮޅެއް ލިބުމުން ނުވަތަ އެހެން ކުއްޖަކަށް މީހަކު އެއްޗެއް ދިނުމުން ތިމަންނައަށް ލިބެންޖެހޭނެކަމަށް ބުނެ އެކަމާއި ރުޅިހަދާލައި ބޮޑާހޭކުމަކީވެސް ދަރިފުޅުގެ ކިބައިގައި އަށަގަނެދާނެ ނޭދެވޭ ސިފައެކެވެ. މިކަން ބަދަލު ނުކުރެވިއްޖެނަމަ އެކުއްޖާ ބޮޑުވުމުން އެހެންމީހުންނަށް ހަސަދަވެރިވުމުގެ ސިފަ އަށަގަތުމަކީ އެކަށީގެންވާ ކަމެކެވެ.

5. ދަރިފުޅު ބޭނުންވާ ކަމެއް ކޮށްދިނަސް އުފާނުވުން: ދަރިފުޅު ބޭނުންވާ ހުރިހާ ކުޅޭ އެއްޗަކާއި ގެޖެޓުތައް ގަނެ ގޭތެރެ ފުރާލިޔަސް އަދިވެސް އިތުރު އެއްޗެހި ބޭނުންވެ އެތަކެތި ހޯދައި ދިނުމަށް އެދުމަކީވެސް ދަރިފުޅުގެ ކިބައިން ފެނިދާނެ ނޭދެވޭ ސިފައެކެވެ. ލިބިފައިވާ އެއްޗަކާއިމެދު ޝުކުރުވެރިވެ އުފާކުރުމަށް އެފަދަ ކުދިންނަށް ނޭނގެއެވެ. އެހެންކަމުން އަބަދުވެސް ކޮންމެވެސް ކަމަކާއި ޝަކުވާ ކުރާތަން ފެންނާނެއެވެ.

6. ކުޅިވަރު ކުޅުމުގައި ބަލިވުމުން މާބޮޑަށް މާޔޫސްވެ ޝަކުވާކުރުން:

މިފަދަ ކުދިންނަކީ، މޮޅުވުމަށް ލޯބިކުރާ އެހެންމީހުންގެ ތައުރީފު ހޯދުމަށް މަސައްކަތް ކުރާ ބައެކެވެ. އެގޮތުން ޓެސްޓެއްގައި ލިބުނު މާކުސް ދަށްވުމުން ނުވަތަ މުބާރާތަކުން ތިމާކުޅޭ ޓީމު ބަލިވުމުން، އެކަން ޤަބޫލުކޮށް ފަހުން ރަނގަޅު ކުރުމުގެ އަޒުމް އާކުރުމުގެ ބަދަލުގައި ކޮންމެވެސް މީހަކު ގޯސްކޮށް ޝަކުވާކުރުމަކީ ބައެއް ކުދިންގެ ފަރާތުން ފެނިގެންދާ ކަމެކެވެ. މިސާލަކަށް ޓީމުގެ ކުއްޖެއްގެ ފަރާތުން އޮޅިގެން ކުރެވޭ ކަމަކުންވެސް މާބޮޑަށް ރުޅިގަދަވެ ހަޅޭލެވުމާއި ހާލަތާއި އެކަށީގެން ނުވާވަރަށް އެއްޗެހި ކިޔުމަކީ ފެނިގެން ހިނގައިދާނެ ކަމެކެވެ.

7. ކަންކަމަށް ޝަރުތަކާނުލައި އެއްވެސް ކަމެއް ނުކުރުން: ސްކޫލުންދޭ ފިލާވަޅުތައް މުޠާލިއާކުރުމާއި ހަވާލުކުރެވޭ މަސައްކަތްތަކާއި އަދި މިނޫންވެސް ގޭގައި މައިންބަފައިން ބުނާ ކަމެއްވެސް ކުއްޖާލައްވާ ކުރުވަންޖެހެނީ އެތައްވަރަކަށް އާދޭސްކޮށްގެންނެވެ. އަދި ގިނަފަހަރު އެކަމެއް ކުއްޖާ ކުރާނީ އެކުއްޖާ އެންމެ ބޭނުންވާ ކަމެއް ކޮށްދޭނެކަމަށް މައިންބަފައިން ލައްވާ އެއްބަސްކުރުވުމަށް ފަހުގައެވެ. މައިންބަފައިން ކުއްޖާބުނާ ކަންތައް ކޮށްދޭން އެބަސްވަނީ، ތަކުރާރުކޮށް ދަރިފުޅުގާތު އާދެސްކޮށްކޮށްވެސް އެކަމެއް ކުރަން ދަރިފުޅު ނޫޅުމުންނެވެ. މިސާލަކަށް ފެންވެރުމާއި، ރީތިވުމާއި ފޮތްދަބަސް ތައްޔާރު ކުރުން ފަދަ އާދައިގެ ކަންކަން ކުރުމަށްވެސް ބައެއް ފަހަރު އާދޭސް ކުރަންޖެހިދާނެއެވެ. ނުވަތަ މިފަދަ ކުދިކުދި ކަންކަން ކުރުމަށްވެސް ބަދަލުގައި އަގެއް ދޭން މަޖުބޫރު ކުރުވައެވެ. އަދި އެކުދިންނަށް ކަމެއް ކޮށްދިނުމުން ނޫނީ މަންމަ ބައްޕަ އެދޭ ކަމެއް ނުކުރުމުގެ ވިސްނުން އަށަގަނެއެވެ. އެހެންކަމުން އެއްވެސް ކަމެއް އަމިއްލަ ހިތްހަމަ ޖެހުމަށްޓަކައި ކުރުމަށް ދަސްވުމުގެ ބަދަލުގައި މިކުދިންނަށް ދަސްވަނީ ތިމަންނަ ކަންކަން ކުރަންވާނީ އަބަދުވެސް ބަދަލުގައި އެއްޗެއް ލިބޭނެކަމަށެވެ. މިވިސްނުން އަށަގަތުމަކީ ބޮޑުވުމުން ކުއްޖާއަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެއީ ތިމާގެ ޒިއްމާތަކަކީ އަގެއް ކަނޑައެޅޭ އެއްޗެއްކަމަށް ވިސްނި ބަދަލުގައި ކައިރީގައި ހުންނަ މީހާ ލައްވައި އެހެން ކަންކަން ކުރުވުމުގެ ވިސްނުން އަތުވެދާނެތީއެވެ.

މިކަންކަން ރަނގަޅުކުރުމަށް މައިންބަފައިންނަށް ކުރެވިދާނެ ކަންކަން

1. ބުނާ ބަހުގައި ހިފެހެއްޓުން ތިމާ ބުނާ އެއްޗެއް ދަރިފުޅު ރޮއެލާއިރަށް ނުވަތަ ބޮޑާހާކާލުމުން ބަދަލުކުރާނަމަ އެދެވެނީ ނުބައި އިރުޝާދެކެވެ. އެހެން ހެދުމުން ކުއްޖާއަށް މައިންބަފައިން ބުނާ ބަހަކީ އެހައި ސީރިއަސް އެއްޗެއް ކަމުގައި ނުބަލާނެއެވެ. އަދި ދަރިފުޅު ބޭނުންގޮތަކަށް ގޮތްނިންމި ދާނެކަމަށް ދެކެއެވެ. އެހެންކަމުން ނޫނެކޭ ބުނާ ކަންކަމުގައި ދަރިފުޅު ބޮޑާ ހޭކިއަސް ދޫނުދީ ބަހުގަ ހިފަހައްޓަން އާދަކޮށްލާށެވެ.

2. ޝުކުރުވެރިވުމުގެ އާދަތައް ގޭގައި ދަރިންނަށް ދެއްކުން ގެއަކީ ހުރިހާ ބާވަތެއްގެ ކަންކަން ދަސްކުރާ ކުލާސްރޫމެވެ. އެހެންކަމުން ބައްޕަ ގެއަށް އައިސް ވަންނައިރަށް ޝަކުވާ ކުރުމުގެ ބަދަލުގައި ހިނުތުންވުމާއިއެކު ވާހަކަ ދެއްކުމާއި ކޮށްދޭ ކަންކަމަށް އެކަކު އަނެކަކު ޝަކުރުއަދާކުރާތަން ދަރިންނަށް ފެނުމަކީ އެސިފަ ދަރިންގެ ކިބައިގައި އަށަގަންނާނެ ކަމެކެވެ. އަދި ޝަކުވާ ކުރުމާއި ލިބޭ މިންވަރަށް ޝުކުރުވެރި ނުވުމުގެ އާދަ ކެނޑިގެންދާނެކަމެކެވެ.

3. އެހެން މީހުންގެ އިހުސާސްތަކަށް އިޙްތިރާމްކުރަން ދަސްކޮށްދިނުން ގޭގައި މާމަ ކާފަ ދުރުކޮށްލާ އެއްވެސް ކަމެއްގައި ބައިވެރި ނުކުރާނަމަ ނުވަތަ ގެއަށް އަންނަ މެހެމާނުންނަށް މެހެމާންދާރީ އަދާ ކުރާ މަންޒަރު ކުދިންނަށް ނުފެންނަނަމަ، އެކުދިންނަށް އެހެން މީހުންނާއި ދޭތެރޭ ކަންތައް ކުރަންޖެހޭ ގޮތެއް ނޭނގޭނެއެވެ. މީގެ އިތުރުން ގާތް މީހަކު ދެރަވެފައި ހުރިނަމަ އެމީހަކާއި ދޭތެރޭ ރަނގަޅަށް ކަންތައް ކުރާތަން ނުފެންނަނަމަ އެކުދިންނަށް އެހެން މީހުންގެ އިހުސާސްތައް ދެނެގަނެ އެހެންމީހުންގެ ވާހަކަތައް އަޑުއެހުމަކީ މުހިންމު ކަމެއް ކަމުގައި ދަހެއް ނުވާނެއެވެ. މީހުންގެ އިހުސާސްތައް ދަތުމަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ކަމެކެވެ.

4. ކެތްތެރިވާން ދަސްކޮށްދިނުން ބައެއް ފަހަރު ބޮޑެތި މީހުން ވާހަކަ ދައްކާއިރު ދަރިފުޅުގެ ވާހަކައެއް ބުނަން ބޭނުންވެދާނެއެވެ. ނަމަވެސް ތިމާ ދައްކާ ވާހަކަ މެދުކަނޑާލައި ދަރިފުޅަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ދަރިފުޅު އިހަށް މަޑުކޮށްލާށެ ބުނެލާށެވެ. އަދި ތިމާގެ ވާހަކަ ނިމުމުން ދަރިފުޅުގެ ވާހަކައަށް ފުރުސަތު ދޭށެވެ. މިގޮތަށް ހެދުމުން ކެތްތެރިވާން ދަސްވާނެއެވެ. އަދި އޭރުން އެހެން މީހުން ވާހަކަ ދައްކާއިރު ތިމާ މަޑުކޮށްލަން ޖެހޭނެކަންވެސް ދަސްވެގެން ދާނެއެވެ. މީގެ އިތުރުން ތިމާ ޓްރެފިކްގައި މަޑުކުރަން ޖެހުމުން ނުވަތަ ހިތްހަމަ ނުޖެހޭ ކަމަކާއި ދިމާވުމުން ތިމާވެސް ކެތްތެރިވެ ކަންކަމާއި ޝަކުވާ ނުކުރުމަކީވެސް ދަރިފުޅު ކެތްތެރިވާން ދަސްކުރާނެ ގޮތްތަކެވެ.

5. ދަރިފުޅާއި ގުޅުން ބަދަހިކުރުން ދަރިފުޅު ބޭނުންވާ ހުރިހާކަމަކަށް ނޫން ބުނުމަކީ ހައްލެއް ނޫނެވެ. ވަކި ކަންކަމުގައި ދަރިފުޅަށް ދޫދިނުންވެސް މުހިންމެވެ. މީގައި ވިސްނަންވީ ކަމަކީ ރުޅި އިސްނުކޮށް އަޑު ގަދަކޮށް އެއްޗެހި ކިޔުމުގެ ބަދަލުގައި ދަރިފުޅަށް ތިމާ ބުނާ ބަހުގެ ސީރިޔަސްކަން އެނގޭނެހެން ބުނުމެވެ. ހަމަމިއާއިއެކު ދަރިފުޅާއި އެކު ވަގުތު ހޭދަކޮށް ދަރިފުޅުގެ ޚިޔާލުތަކާއި ދަރިފުޅުގެ ސްކޫލާއި އިތުރު ހަރަކާތްތަކުގައި ދިމާވެފައި ހުންނަ ކަންކަން ހިއްސާކުރެވޭނެ އުފާވެރި މާހައުލެއް ހޯދާށެވެ. މަންމައާއި ދަރިފުޅާއި ވަކިން ވަގުތު ހޭދަކުރާ ގޮތަށް ދަރިފުޅާއި ބައްޕައާއިވެސް މިގޮތަށް ވަގުތު ހޭދަކުރުން މުހިންމެވެ. އޭރުން އެކުދިންނާއި އޮންނަ ގުޅުން ބަދަހިވެ، މައިންބފައިން ދޭ ނަސޭހަތްތަކަށް އަމަލު ކުރާގޮތް ރަނގަޅުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު


4

ކިރިމް ޖެހި ބަނަސް

20-Mar-2023

މަމެން ކުޑައިރު ބަސް ނޭހީމަ ކަންކަށި މަތީ އަޅާލަނީ ނޫނީ ފުއްކިބަ ކަނޑާލަނީ. ދެން ބިރުގަނޭ ބަސް ނާހަންވެސް.. އަދި އަދަށް ދާންދެން ވެސް މައިން ބަފައިންގެ ބަސްއަހަން. މިކަހަލަ ހުޅަނގުގެ ތަރުބީއްޔަތު ދޭވަރުން ހުރިހާ ކިޔަވާ ކުދިން ހުންނަނީ މާބޮޑަށް ހަލާކުވެފަ ނޫނީ ހަޔާތް ކެޑިފަ.



ޓްރެންޑިން