ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އައިކަންސް
ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އައިކަންސް
އޮންލައިންކޮށް ތުއްތު ކުދިން ވިއްކަން މަސައްކަތް ކުރަމުން ދިޔަ ތިން މީހަކު އީރާނުން ހައްޔަރު ކޮށްފިއެވެ.

އީރާނުގެ ރަސްމީ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ އައިއެސްއެންއޭ ނޫސް އެޖެންސީން ބުނި ގޮތުގައި އޮންލައިންކޮށް ތުއްތު ކުދިން ވިއްކަން އުޅުނު ތިން ފިރިހެނުން އީރާނުގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޮންލައިންކޮށް ތުއްތު ކުދިން ވިއްކުމުގެ ވިޔަފާރި ހިންގާ ނެޓްވޯކަކަށް ނިސްބަތްވާ މި ތިން މީހުން އަތުލައިގަތީ އެންމެ 20 ދުވަަސްވީ ކުއްޖަކާއި އުމުރުން ދެމަހުގެ ދެކުދިން ވިއްކަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ތެހެރާންގެ ޕޮލިސް ޗީފްއާއި ހަވާކާދީ ނޫސް އެޖެންސީން ބުނެފައިވަނީ ފުލުހުން މި ތިންކުދިން ސަލާމަތް ކުރީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމް ތަކުގައި ކުދިން ވިއްކަން އިސްތިހާރު ކުރަމުންދަނިކޮށެވެ. ފުލުން އެމީހުން ހައްޔަރުކުރީ އިންސްޓަގްރާމުގައި ކުދިން ވިއްކަން އިސްތިހާރު ކުރަމުން ދަނިކޮށެވެ. އެމީހުން ވިއްކަން ޖަހާފައިވާ ތިން ކުދިންގެ ތެރެއިން އެއް އެކުއްޖަކު ވިއްކަން ޖަހާފައިވަނީ 400 މިލިއަން އިރާން ރިޔާލައަށެވެ. އެއީ ގާތްގަނޑަކަށް 9490 އެމެރިކާ ޑޮލަރެވެ. އަނެއް ދެކުދިން ވިއްކަން އިއުލާން ކޮށްފައިވަނީ 500 މިލިއަން ރިޔާލަށެވެ. އެއީ ގާތް ގަނޑަކަށް 11800 އެމެރިކާ ޑޮލަރެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެކުދިން ވިއްކަން އުޅުނު މީހުން އެކުދިން ގަނެފައިވަނީ ފަގީރު އާއިލާތަކުގެ އަތުން 50 މިލިއަން ރިޔާލައަށާއި 100 މިލިއަން ރިޔާލަށެވެ. އެއީ ގާތްގަނޑަކަށް 1100 އެމެރިކާ ޑޮލަރާއި 2300 އެމެރިކާ ޑޮލަރެވެ.

އިންސްޓަގްރާމްގެ ވެރިފަރާތް ކަމަށްވާ ފޭސް ބުކްގެ އިސް އޮފިޝަލަކާއި ހަވާލާދީ ސީއެންއެން އިން ބުނެފައިވަނީ މިމައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެފަދަ އިންސާނުންގެ ވަގުފާރިއަކީ އެކުންފުނީގެ ޕްލެޓްފޯމްތަކުގައި ހިންގޭނެ ވިޔާފާރިއެއް ނޫންކަމުގައި ކުންފުނިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން