އައްޑޫ ސިޓީގައި ޞިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނައްސިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނީ އާންމު ޚިދުމަތް ދޭ ތަންތަން (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) މާދަމާ ހަވީރު 18:00 ގެ ފަހުން، ޚިދުމަތްދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 18:00 އަށް ކަމަށެވެ.

އެގޮތުން ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު ކަމަށް ކައުންސިލް އިދާރާއިން ވަނީ ބުނެފަ އެވެ. އަދި ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ ކަމަށާއި، ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ. އަދި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ޚިދުމަތްނުދެވޭނެ ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 18:00 އިން ރޭގަނޑު 22:00 އަށް ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށެވެ.

އޭގެ އިތުރުން 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނުން ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ޚިދުމަތް ދޭންބޭނުންވާ ނަމަ އަވަށު އޮފީހުން ޚާއްޞަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އެ އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެ ކަމަށް އައްޑޫ ކައުންސިލް އިދާރާގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން