މީގެ މަސްތަކެއް ކުރީން އީރާނުން ހައްޔަރުކުރި ނޫސްވެރިއާ ރޫހުﷲ ޒަމްއަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަކި ސަބަބެއް ނޭނގި ހައްޔަރުކުރި ޒަމްއަށް މަރުގެ ހުކުމް އިއްވާފައިވަނީ ކަނޑައެޅިގެން ކޮން ކުށެއް ސާބިތުވެގެން ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ބުނެފައެއް ނުވެއެވެ.

އީރާނުގެ ޝަރުޢީ ދާއިރާގެ ތަރުޖަމާން ގުލާމް ހުސައިން އިސްމާއީލް، އަންގާރަ ދުވަހު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ނޫސްވެރިއާގެ މައްޗަށް ސާބިތުވެފައި ވަނީ "ކޮރަޕްޝަން އޮން އާތު" ނުވަތަ ދުނިޔެމަތީގައި ފަސާދަ ކުރުމުގެ ކުށް ކަމަށެވެ. ނަމަވެސް އޭނާގެ މި ބަޔާނުގައި ނޫސްވެރިއާގެ މައްޗަށް މިކުށް ސާބިތު ކުރީ ނުވަތަ ސާބިތުވީ ކަނޑައެޅިގެން ކޮންކަމަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރެއެވެ. އާންމު ގޮތެއް މި ތުހުމަތަކީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މީހުންގެ މައްޗަށް އީރާނުން ސާބިތުކުރާ ކުށެއް ކަމަށް ސީއެންްއެންއިން ރިޕޯޓް ކޮށްފައި ވެއެވެ.

ނޫސްވެރިއާ ޒަމް އަކީ އިދިކޮޅު އޮންލައިން ނޫހެއް ކަމަށްވާ އަމަޑް ނިއުސް ހިންގާ ނޫސްވެރިއާއެވެ. 2017 އަދި 2018 ގައި އީރާނުގައި ހިނގާދިޔަ ހަމަނުޖެހުން ތަކުގެ ތުހުމަތުގެ އިނގިލި އީރާނު ސަރުކާރުން ދިއްކުރާ އެއްފަރާތަކީ ޒަމް ހިންގާ ނޫހެވެ.

ފްރާންސްގައި ދިރިއުޅެމުން ގެންދާ ޒަމް ހައްޔަރު ކޮށްފައި ވަނީ ހުސްވި އަހަރުގައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކަނޑައެޅިގެން ކޮންތާކުން ކޮން އިރަކު ކަމެއް ނޭނގެއެވެ. ފްރާންސްގެ ޚާރިޖިއްޔާއިން ބުނެފައިވާ ގޮތުގައި ޒަމް އެގައުމުން ނުކުމެފައިވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 11 ގައެވެ. ޒަމް ހައްޔަރު ކުރިކަން އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުން އާންމުކޮށްފައި ވަނީ އޭގެ ތިން ދުވަސް ފަހުން ނެރުނު ބަޔާނެއްގައެވެ.

މިކަމާ ގުޅިގެން ރިޕޯރޓާސް ވިތައުޓް ބޯރޑާސް އިން ބުނެފައި ވަނީ ގާނޫނާއި ޚިލާފަށް ނޫސްވެރިޔާ އީރާނުން ވަގަށް ނެގީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން