މަސްވެރިންނަށް ފައިސާ ނުދެވިހުރި ބިލްތަކަށް މި ފެށޭ ހަފުތާގެ ތެރޭގައި ފައިސާދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ބުނެފިއެވެ.

މަސްނިމެމުންދާއިރު މަސްވެރިންވެސް ހުރިހާ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ ކަމަށާއި މިފްކޯ އަށް ކިރުވާ މަހުގެ ފައިސާ ލިބުން ލަސްވުމަކީ އަމުދުން މި ދުވަސްވަރު ވަރަށް ދަތިވާ ކަމެއް ކަމަށް ބުނެ ބިލްތަކަށް ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދި މޯލްޑިވްސް ފިޝަރމެން ގެ ނަމުގައި ހިންގާ މަޝްހޫރު ޓްވިޓަރ އެކައުންޓުން ރޭ ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ މަސްކުންފުނީގެ ސީއީއޯ ފައުޒީ ވިދާޅުވެފައި ވަނީ ފައިސާ ނުދީ ހުރި މަސްވެރިންގެ ބިލްތަކަށް އަންނަ ހަފުތާގައި ފައިސާ ދޫކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.



އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ކުންފުނިތަކަށް ލޯނު ދޫކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިދުވަސް ވަރަކީ ދޮށީގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަމަށާއި ވޭތުވެދިޔަ 2 ދުވަހުވެސް މިފްކޯއަށް 300 ޓަނުގެ މަސް ކިރުވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، މިފްކޯއަށް މަސްކިރުވާފައި ފައިސާ ނުދީ ހުރި ބިލްތަކަށް ފައިސާ ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ސަރުކާރުގެ މަސްކުންފުންޏަށް ކިރުވާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުލިބި ދިގުލައިގެން ދިއުމާއި މިފްކޯއިން ބިލްތަކަށް ފައިސާ ދިނުމަށް އެތައް ދުވަހެއް ހޭދަވާ ކަމުގެ ޝަކުވާއަކީ ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރުގައިވެސް މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައިވެސް ރައީސް ޞާލިޙު ވަނީ މިކަމަށް ހައްލެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން