ކާފަ މަރާލުމަށްފަހު އުމުރުން 3 އަހަރުގެ ކާފަ ދަރިފުޅު މޭމަތީގައި ބައިންދާފައި އިންޑިއާ ސިފައިން ނަގާފައިވާ ފޮޓޯ
ކާފަ މަރާލުމަށްފަހު އުމުރުން 3 އަހަރުގެ ކާފަ ދަރިފުޅު މޭމަތީގައި ބައިންދާފައި އިންޑިއާ ސިފައިން ނަގާފައިވާ ފޮޓޯ
އިންޑިއާގެ އަސްކަރިއްޔާއިން ކޮންޓްރޯލްކުރާ ކަޝްމީރުގެ ސޯޕޫރް އަވަށުގައި އެއްވެސް ހަތިޔާރެއް ނެތް އާންމު ރައްޔިތެއްގެ ގަޔަށް ބަޑިޖަހާ އޭނާ މަރާލުމަށްފަހު މޭމަތީގައި އޭނާގެ ކާފަ ދަރިފުޅު ބައިންދާފައި ނަގާފައިވާ މި ފޮޓޯއަކީ ކަޝްމީރުގެ މުސްލިމުންގެ އިތުރުން މި މަންޒަރު ފެނުނު ކޮންމެ މުސްލިމަކު އަދި އިންސާނިއްޔަތުކަމުގެ ލޭ ހިނގާ ކޮންމެ އިންސާނަކަށް ވެސް އަސަރުކުރާނެ ފޮޓޯއެކެވެ. ހިތްފަޅައިގެންދާނެ މަންޒަރެކެވެ. އުމުރުން 65 އަހަރުގެ ކާފަ މަރާލުމަށްފަހު ކާފަ ދަރިފުޅު މޭމަތީގައި ބައިންދާފައި ނަގާފައިވާ މި ފޮޓޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު ކަޝްމީރުގެ މުސްލިމުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން ފަށާފައެވެ.

"އަހަރެންގެ ބޭބެއަކީ ހަނގުރާމަވެރިއެއްނޫން. އޭނާ ބަޑިއެއްވެސް ނުގެންގުޅޭ. އޭނާ މަރާލީ ކޮން ސަބަބަކާހުރެ؟ އިންޑިއާގެ ހަނގުރާމަވެރިން ބަޑިން ހަމަލާދީ މަރާލާފައިވާ ބާޝިރު އަހުމަދު ޚާންގެ ބޭބެ ނާޒިރު އަހުމަދު އަލްޖަޒީރާ އާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

"ކަލޭމެން ބޭނުމިއްޔާ އެކަން ސާބިތު ކޮށްދޭން އަހަރެން މިހިރީ ފުލުހުންގެ އެންމެ މަތީ ވެރިޔާ ކައިރިއަށްވެސް ދާން ތައްޔާރަށް." ނާޒިރު އަލްޖަޒީރާއާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

އާއިލާއިން މިކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ވަނީ މައްސަލަ ބަލައިގަތުމަށް ވެސް ދެކޮޅު ހަދާފައެވެ. ފުލުހުން ބުނީ އޭނާ މަރުވީ އިންޑިއާގެ ސިފައިންނާއި ދެކޮޅުވެރި ހަނގުރާމަވެރިންނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތަކެއްގެ ދެމެދަށް އޭނާއަށް ވަދެވުމުން ކަމަށެވެ. ފުލުހުން އަލްޖަޒީރާއަށް ކިޔައިދީފައިވަނީ އިދިކޮޅު ހަނގުރާމަވެރިން ބުނެގެން އައިލާއިން އެގޮތަށް ތުހުމަތު ކުރަނީ ކަމަށެވެ.

"އަހަރެމެންނަށް ގުޅާފައި ބުނީ ބައްޕަ އެކްސިޑެންޓެއް ވެގެން އެބައުޅެޔޭ.." އަލްޖަޒީރާއާއި ވާހަކަ ދައްކަމުން ބާޝިރުގެ ދަރިފުޅު ސުހައިލް އަހުމަދު ބުނެފައި ވެއެވެ.

އެހެން ނަމަވެސް ސޯޕޫރަށް އާއިލާގެ މެންބަރުން ދިއުމުން ފުލުހުން ބުނެފައި ވަނީ ދެފަރާތުން ބަދަލު ކުރި ބަޑީގެ ހަމަލާތަކެއްގައި ބައްޕަ މަރުވީ ކަމަށެވެ. "ދެފަރާތުން ބަދަލުކުރި ހަމަލާތަކެއްގައި ބައްޕަ މަރުވި ނަމަ ބައްޕަގެ ހަށިގަނޑު ދުއްވި ކާރުން ބޭރަކު ނޯންނާނެ. އޮންނާނީ ކާރު ތެރޭގަ." އާއިލާއިން ބުނެފައި ވެއެވެ.

އާއިލާއިން ޔަގީން ކުރާ ގޮތުގައި ބާޝިރު ޚާން މަރާލާފައި ވަނީ އޭނާގެ ތިން އަހަރުގެ ދަރިފުޅާއެކު ކާރުގައި ދަނިކޮށް ކާރު ހުއްޓުވައި އެމީހުން ކާރުން ބޭރަށް ނެރެ ބަޑި ޖަހައިގެންނެވެ.

އާއިލާގެ އެހެން މީހަކު މީޑިއާއާއި ވާހަކަ ދައްކަމުން ބުނީ އެމީހުންގެ ބައްޕަ ދުއްވި ކާރުގައި ކޫރުމެއް ވެސް ނެތް ކަމަށާއި ދެ ފަރާތަކުން ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި މަރުވި ނަމަ ކާރުގައި ވަޒަނުގެ ނިޝާންތައް ހުންނާނެ ކަމަށެވެ. އަދި 65 އަހަރުގެ ބާޝިރުގެ ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު އޭނާގެ ތިން އަހަރުގެ ކާފަ ދަރިފުޅު މަރުވެފައިވާ ކާފަގެ މޭމަތީގައި ބައިންދާފައި ފޮޓޯނެގީ ސިފައިން ކަމަށް އައިލާއިން ބުނެފައި ވެއެވެ.

"އެމީހުން ބައްޕަ މަރާލާފައި ދަމާފައި ގެންގޮސް ދަރިފުޅު ވެސް ގަދަކަމުން މޭމައްޗަށް ލާފައި ފޮޓޯ ނެގީ. އެމީހުން ދަރިފުޅު ދަމާފައި ގެންދިޔަކަން އެކުއްޖާ ލައިގެން ހުރި ހެދުމުން ވެސް އެނގޭ. ކުޑަ ދަރިފުޅުގެ ހެދުމުގައިވެސް ހުރީ ކާފަގެ ގައިން ފައިބާފައި ހުރި ލޭ." ބާޝިރު ޚާންގެ އާއިލާ މީހަކު އަލްޖަޒީރާއާ ވާހަކަ ދައްކަމުން މި ހިތާމަވެރި ހާދިސާ ސިފަކޮށްދީފައި ވެއެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނަކު މަލާމާތުގެ ބަސްތަކާއެކު އެ ފޮޓޯ ޓްވީޓްކޮށްފައި ވެސް ވެއެވެ. މިމައްސަލައިގައި އޭނާއަށް ގިނަ ބައެއް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިންޑިއާގެ ސިފައިންގެ މިއަނިޔާވެރި ލާއިންސާނީ އަމަލާއި ގުޅިގެން ނުރުހުން ފާޅު ކުރުމަށް ކަޝްމީރުގެ މުސްލިމުންގެ އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އަޑު އުފުލާފައެވެ. އަދި ބާޝިރު އަހުމަދު ޚާންގެ ޖަނާޒާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ކަޝްމީރުގެ ހަމަނުޖެހުންތަކާއި ބެހޭ އަލިފުދާލުގެ ޚާއްޞަ މަންދޫބު ބުދަ ދުވަހު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންގެ މި އަނިޔާވެރި އަމަލު ތަހުގީގު ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އިންޑިއާގެ ސިފައިން ކަޝްމީރުގެ މުސްލިމު އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ އަމަލު ތަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ކަޝްމީރުގެ މުސްލިމު އާންމު ރައްޔިތުންނާ ދެކޮޅަށް އިންޑިއާ ސިފައިން މިފަދަ ލާއިންސާނީ ޖަރީމާތައް ހިންގާއިރުވެސް މުސްލި ބައެއް ގައުމުތަކުން އެމީހުންނާ ގާތް ގުޅުންތައް ބާއްވައި ޚާއްޞަކޮށް ވެރިކަން ކުރާ ބީޖޭޕީގެ ސަރުކާރުން އެގައުމުތައް ރުއްސުމަށް ދޭ އެހީތަކުގައި ހިފައިގެން އިންޑިއާ ސިފައިންގެ އަނިޔާތައް ނުފެންނަ ކަމަށް ހަދައިގެން ތިބޭކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ބައެއް މީޑިއާ ތަކުން ސިފަކުރާ ގޮތުގައި ބީޖޭޕީ ސަރުކާރުން އަވަށްޓެރި ގައުމުތަކަށް ދޭ މިއެހީ ތަކަކީ އިންޑިއާގެ މުސްލިމުން މަރާފައި އެމީހުންގެ ލޭ އެގައުމުތަކުގެ ރައްޔިތުންނަށް ބޯން ދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން