މުޔަންމާ ސިފައިން ހިންގި ލާއިންސާނީ އަމަލުތަކަށް ކެއް ނުކުރެވިގެން އެ ޤައުމުން ބަޔަކު ފައިބަނީ
މުޔަންމާ ސިފައިން ހިންގި ލާއިންސާނީ އަމަލުތަކަށް ކެއް ނުކުރެވިގެން އެ ޤައުމުން ބަޔަކު ފައިބަނީ
މުޔަންމާގައި ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތް ތަކުގައި ބޭނުން ކުރުމަށް، އެޤައުމުން ނެތިކޮށްލަން މަސައްކަތް ކުރި މުސްލިމުންގެ މިސްކިތްތަކާ މުސްލިމް ސްކޫލްތައް ދޭން ނިންމައިފިއެވެ.

ކޮރޯނާ ވައިރަހާއި ދެކޮޅަށް މުޔަންމާއިން ކުރާ ހަނގުރާމައިގާ އެއްބައިވެ އަތުގުޅާލުމަށް އެޤައުމުގެ މުސްލިމް ކޮމިއުނިޓީގެ އިސްވެރިން ބުދަ ދުވަހު ވަނީ ގޮވާލާފައެވެ. މިފަހުގެ ތާރީޚެއްގައި މުސްލިމުންނާއި ދެކޮޅަށް އެންމެ އަނިޔާވެރި ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވާ މުޔަންމާގެ ސަރުކާރާއެކު މިދަނޑިވަޅުގައި މުސްލިމުން ތިބިކަން ހާމަކޮށް މުސްލިމުންގެ ހުރިހާ މިސްކިތްތަކާއި މުސްލިމު ސްކޫލްތައް، ވަގުތީ ހޮސްޕިޓާ ތަކުގެ ގޮތުގައި ބޭނުން ކުރަން ދިނުމަށް މުޔަންމާގެ މުސްލިމް ކޮމިއުނިޓީން ވަނީ ނިންމާފައެވެ.

މުޔަންމާގައި ކޯވިޑް-19 އަށް 3 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު މުޔަންމާގެ އިސްލާމިކް އެފެއާޒް ކައުންސިލްގެ ސެކްރެޓަރީ ޓިން މުއާން ތާން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މުޔަންމާގައި ހުރި ހާހަކަށްވުރެ ގިނަ މިސްކިތާއި މުސްލިމް ސްކޫލްތައް ކޮރޯނާ ވައިރަހާއި ދެކޮޅަށް އެޤައުމުން ކުރާ މަސައްކަތް ތަކުގައި ބޭނުން ކުރަން ދޭން ނިންމާފައިވާ ކަމަށެވެ.

“މުޔަންމާގައި ހާހަކަށްވުރެ ގިނަ މިސްކިތް އެބަހުރި. މުސްލިމް އެތައް ސްކޫލެއް އެބަހުރި. އަދި މުސްލިމް ވިޔަފާރިވެރިންގެ ހޮޓާތަކާއި އެޕާރޓްމެންޓްތަކާއި ބޮޑެތި އިމާރާތްތައް ވެސް އެބަހުރި. ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތް ތަކުގައި މިތަންތަން ވަގުތީ ގޮތުން ބޭނުން ކުރެވޭނެ.” ތާން ވިދާޅުވިއެވެ.

މުޔަންމާގެ މުސްލިމް ދަރިފަސްކޮޅު ނެތިކޮށްލުމަށް އެޤައުމުގައި ދާދިފަހުން ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގައި އެތައް ހާސް ބަޔަކު ދިރިތިއްބާ ވަޅުލައި އަންދާލައި އަދި ވަޅުލާ ހަދާފައި ވެއެވެ. މުޔަންމާގެ ސިފައިން އިސްވެ ހިންގާފައިވާ މި އަނިޔާވެރި ހަރަކާތްތަކުގައި އެޤައުމުގެ މުސްލިމު ރޮހިންޖާ ދަރިފަސްކޮޅަށް ކުރި އަނިޔާ ތަކުގައި އެމީހުންގެ އާއިލާތަކުގެ ކުރިމަތީގައި އަންހެނުންނާއި އަންހެން ޅަ ދަރީންގެ އިއްފަތް ފޭރިގަނެ، ތުއްތު ކުދިން ކަތިލައި، އަންދައި، އެމީހުން ފަހާދުވެ ރަށުންވެސް ވަނީ ބޭރުކޮށްފައެވެ.

މުޔަންމާގެ ސަރުކާރުން އިސްވެ އޮވެ ހިންގި މި ލާއިންސާނީ އަނިޔާތަކަށް ކެއް ނުކުރެވިގެން އުޅަނދު ފަހަރުގައި ފުރައިގެން އަވަށްޓެރި ޤައުމުތަކުން ރައްކާތެރިކަމާއި އެހީތެރިކަން ހޯދަން ދިޔަ މުސްލިމުންގެ އެތައްބަޔަކު ފަހައި ދުވެ އެމީހުން ދަތުރުކުރި އުޅަނދު ފަހަރު ވެސް ފައްތާލައި ރޯކޮށް ހަދާފައި ވެއެވެ. މުސްލިމުންގެ ހިތްތަކަށް ބަލަން ކުޅަދާނަ ނޫން މިފަދަ އެތައް މަންޒަރެއް މިއަދުވެސް އިންޓަނެޓްގައި ފެންނާން އެބަހުއްޓެވެ.

ކަންމިހެން އޮތް ނަމަވެސް މުޔަންމާގެ މުސްލިމް ދަރިފަސްކޮޅުން މިހާރުވަނީ މުސްލިމުންގެ މިސްކިތްތަކާއި ސްކޫލްތަކާއި މުސްލިމް ވިޔަފާރިވެރިންގެ ހޮޓާތަކާއި އިމާރާތްތައް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ދޭން ނިންމާފައިވާކަން އެޤައުމުގެ މައިސަރުކާރާއި ސަރަހައްދީ ސަރުކާރުތަކަށް އަންގާފައެވެ. މިތަންތަން ދެނީ ކޯވިޑް-19 އަށް ފަރުވާދޭ ވަގުތީ ހޮސްޕިޓާތަކާއި ކަރަންޓީން ފެސިލިޓީތައް ހެދުމަށެވެ.

ތައިލެންޑާއި ޗައިނާއާއި ލާއޯސް ފަދަ ޤައުމުތަކުން މުޔަންމާއަށް އެތެރެވާ މީހުން އަމިއްލައަށް އެކަހެރުވެ ތިބުމަށް ޞިއްޙީ ވުޒާރާއިން މިހާރު ވަނީ ނިންމާފައެވެ.

އަމިއްލައަށް ކަރަންޓީން ވެގެން ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުވުމަށްވެސް މުޔަންމާގެ މުސްލިމު ކޮމިއުނިޓީގެ އިސް ވެރިން ވަނީ އަންގާފައެވެ. އަމިއްލައަށް ކަރަންޓީންވެގެން ތިބޭ މީހުން ގެއިން ނުނުކުމެ ތިބެވޭނެ ގޮތަށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުސްލިމުން ކޮމިއުނިޓީން ވަނީ ނިންމާފައެވެ.

ދުނިޔޭގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ޕޮޒިޓިވް ދެމީހުން މުޔަންމާއިން ފެނިފައިވާ ކަމަށް އެޤައުމުގެ ޞިއްޙީ ވުޒާރާއިން އިޢުލާން ކުރީ ހޯމަ ދުވަހުއެވެ. މި ދެމީހުންނަކީ އެމެރިކާއާއި އިނގިރޭސި ވިލާތަށް ދަތުރުކޮށްފައިވާ ދެމީހުންނެވެ.

ކޯވިޑް-19 އަށް ޝައްކު ކުރެވޭ 500 އަށްވުރެ ގިނަ މީހުން މިހާތަނަށް އެކަހެރި ކުރެވިފައިވާއިރު މި ރޯގާ ބަލިމަޑުކަމާ ހަނގުރާމަ ކުރުމަށް އެޤައުމުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް މީޑިޔާތަކުން ބުނެއެވެ. އެގޮތުން ވަގުތީ ހޮސްޕިޓާތަކާއި ކަރަންޓީން ފެސިލިޓީތައް ގާއިމު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ނުރައްކާތެރި ވަބާއެއް ގޮތަށް މިއަދު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އަށް އެއްވެސް ބޭހެއް މިހާތަނަށް ހޯދިފައި ނުވާއިރު މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ބައެއް ބޮޑެތި ޤައުމުތަކުގެ ވެރިން މިއަދު ވަނީ އެމީހުންގެ މި އަނިޔާވެރިކަމާއި ބޮޑާކަން ދޫކޮށް މުސްލިމުންނަށް ވާގިވެރިވާން ފަށާފައެވެ. އެގޮތުން ތާޅަފިލި ބޭނުން ކޮށްގެން ބަންގި ގޮވުން މަނާކޮށްފައިވާ ސްޕެއިންގައި 500 އަހަރަށްފަހު މިހަފުތާގައި ވަނީ އަޑުގަދަކޮށް ބަންގި ގޮވުމަށް ހުއްދަ ކޮށްފައެވެ. ކޯވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ އިޓަލީ ވިލާތުގައި ޣައިރު މުސްލިމުންވެސް ވަނީ މުސްލިމުންނާ އެއްބައިވެ އެމީހުންގެ ފަހަތުގައި ނަމާދުގައި ބައިވެރިވެ އެއްބައިވަންތަކަން ދައްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން