މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
ކުޑަ ބަޖެޓެއްގައި ފުލުހުންގެ މުއައްސަސާ ހަރަކާތްތެރިވަނީ، ދީނާއި ޤައުމު އަދި ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭތީ ކަމަށާއި އެބާރުގެ ތެރެއަށް ގާނޫނު ހަދާ މަޖިލިސް ވަނުމަކީ ފަސާދައަށް މަގުފަހިވާނެ ކަމެއް ކަމުގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިޤްތިޞާދީ ވަޒީރު ސައީދު ވިދާޅުވީ، ފުލުހުންގެ ބާރުތަކުގެ ތެރެއަށް ޤާނޫނުހަދާ މަޖިލިސް ވަދެ ބާރުތައް ކޮންޓްރޯލް ކުރުމަކީ ފަސާދައަށް މަގުފަހިވާނޭ ނުރައްކާތެރި މައްސަލައެއް ކަމަށެވެ. ސަޢީދު ވިދާޅުވީ ރައްޔިތުންނާއި ޤައުމުގެ ދިފާއުގައި ފުލުހުން އަދާކުރަމުން ގެންދަނީ ޝުކުރުޙައްޤު ބުރަމަސައްކަތެއް ކަމަށާއި، އިނާޔަތްތައް މަދު ކުޑަ ބަޖެޓެއްގައި މުޅި މުއައްސަސާ ހަރަކާތްތެރިވަނީ، ދީނާއި ޤައުމު އަދި ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭތީ ކަމަށެވެ.

ސަޢީދު ވިދާޅުވީ، ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުން އެކަނިވެސް ބުނެދެނީ ޤާނޫނުހަދާ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ އަތް ބޭނުމުން ފުލުހުންގެ މުއައްސަސާ މިނިވަން ކުރަންޖެހޭކަން ކަމަށެވެ. އަދި ފުލުހުންގެ ބާރުތަކުގެ ތެރެއަށް ޤާނޫނުހަދާ މަޖިލީސްވަދެ ބާރުތައް ކޮންޓްރޯލް ކުރުމަކީ ފަސާދައަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



"މީޑިއާ، ފުލުހުން، ޝަރުއީ ދާއިރާ، މިނިވަން މުއައްސަސާތަކުގެ މައްޗަށް މަޖިލިސް ވަދެ ނިމުނީ. އެކެނޑުނީ ޑިމޮކްރަސީގެ ބާރު 'އެއްބޮލަކަށް'" ސައީދު ވިދާޅުވިއެވެ.

ސައީދު ކުރެއްވި އިތުރަށް ވިދާޅުވީ މިހާރު މަޖިލިހުގައި ބަހުސް ކުރެވެމުންދާ ފުލުހުންގެ ބިލް ޤާނޫނަކަށް ވުމުން މިފަދަ މައްސަލަތައް ބޮލަށް ކެނޑުން ވާނީ އިތުރު ކަމަށެވެ.

ބޮޑު ފިނޮޅު މައްސަލާގައި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެފައިވަނީ، ވަޒީފާގެ މާޙައުލުގައި ދިމާވާ ކަންތައްތައް ފާލުން ނައްޓާލާ މުޅި މުޖްތަމަޢުގެ އަމާންކަމަށް ހުރަސް ނޭޅެނީސް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ޙަރަކާތްތެރިވެ ނަމޫނާ ދައްކަންވީ ވަގުތު ޖެހިފައިވާ ކަމަށެވެ.



"ވަޒީފާއާބެހޭ ޤާނޫނުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވޭ." މެމްބަރު ނާޒިމް ވިދާޅުވިއެވެ.

ބޮޑު ފިނޮޅުގައި ހިނގައިދިޔަ ކަންކަން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށާއި ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ އެ ކޮމިޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން