އަޅުގަނޑަށް ހަމަ ވިސްނާ ވިސްނާ ވެސް ނުކުތް ނަތީޖާއަކީ މިއީއެވެ. ކޮންމެ ކަމެއްގައި ވެސް ދިވެހީން ތަފާތު ކަމެވެ. ދިވެހީން އާދަޔާ ޚިލާފަށް މޮޅު ކަމެވެ. ކުޅަދާނަ ކަމެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ މިއަދުގެ ޖީލަށް ވިސްނާލުމުން އެކަނިވެސް މިހަގީގަތް އެބަ ހާމަވެއެވެ.

އަޅުގަނޑަށް އެންމެ ބޮޑަށް މިކަން އިހުސާސް ކުރެވެނީ މިއަދު އެންމެން ވަދެ އިށީނދެ، މޮށެ އުޅޭ މީސް މީޑިއާގެ ހޮޅުއަށިތަކުންނެވެ. ކޮންމެ މައުޟޫއެއްގައި ކޮންމެ ވާހަކައެއް ދައްކާލަން ވިޔަސް އަދި ހަމަ ކޮންމެ ދާއިރާއަކުންވެސް ފެންނަނީ މިދެންނެވި ހެކިތަކެވެ. ކުރެވެނީ މި ދެންނެވި އިހުސާސް ތަކެވެ.

އަޅުގަނޑުމެން މިއަދު ހުރިހާ ވާހަކައެއް ހިފައިގެން ގޮސް މި އިށީންނަނީ މީސް މީޑިއާގެ ބޮޑު ހޮޅުއަށީގައެވެ. އެއަށްވުރެ ފަސޭހައިން ވާހަކަ ފަތުރާލެވޭނެ ހަމަ އެހެން ވަސީލަތެއް ނެތެވެ. އެންމެ ގިނަ މީހުން ގާތުގައި އެއްފަހަރާ ވާހަކައެއް ބުނަން ވެއްޖެއްޔާ އެންމެ ފަސޭހައިން އެކަން ކޮށްލެވޭނީ އެހޮޅުއަށީގައި އިށީނދެލީމައެވެ. އެތާނގައި އިށީދެލާފައި އެވާހަކައެއް ލިއެލީމާ ނޫނީ ބުނެލީމާ އެނިމުނީއެވެ. އަދި މޮޅު ގޮތަކަށް ބުނެލެވިއްޖެއްޔާ އެވާހަކަ އެނބުރިގަންނަލެއް މާ އަވަސްވެފައި ހަލުއިވާނެއެވެ. ދެން ހިނދުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު އެވާހަކައިގައި ބައިވެރިވެ އެގޮތް މިގޮތަށް ދަމާ ކޫއްތާ ބޮޑުކޮށް އިތުރުކޮށް ހަދާލާނެއެވެ. އެހާހިސާބުން އެއޮތީ މަގުޞަދު ހާސިލުވެ ނިމިފައެވެ.

އަސްލު މައުޟޫއަށް ޖެހިލާނަމެވެ. މިއަދު ބާއްވާ ދިވެހި ނޫސްވެރިންގެ އެޑިޓަރުންގެ ވެބިނާގެ އެޖެންޑާގައި ހިމެނޭ އެއް މައުޟޫއަކީ "މެއިން ސްޓްރީމް މީޑިއާ" ގެ ވާހަކައެވެ. މިއީ ވަރަށް ތަފާތު ޚިޔާލާތެއް ގެންގުޅެވިދާނެ މައުޟޫއެކެވެ. އެޖެންޑާގައި މި މައުޟޫޢު ހިމަނާފައިވާ މަފްޙޫމަށް ބަލާއިރު މެއިން ސްޓްރީމް މީޑިއާ އަކީ މާލޭގައި ހިންގާ ބޮޑެތި ނޫނީ މައި މީޑިއާ ތަކެވެ. އޭގެ ތެރޭގައި ގުނޭނެ ކަމަށް ބެލެވެނީ މާލޭގައި މިނުކުންނަ ނޫނީ ބްރޯޑްކާސްޓްކުރާ، އޮންލައިންތަކާއި ޓީވީ ތަކުގެ ވާހަކައެވެ. އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަ ގޮތުން އަތޮޅު ތަކުގައި ހިންގާ މީޑިއާގެ ވަސީލަތްތަކަކީ ކޮމިއުނިޓީ މީޑިއާ ތަކެވެ. މިދެންނެވި އެޖެންޑާއަށް ބަލައިލުމުން ކުރެވެނީ އެފަދަ އިހުސާސް ތަކެކެވެ.

އެހެން ވެއްޖެއްޔާ މާލޭގައި ރަޖިސްޓްރީކޮށްފިއްޔާ ނޫނީ ހިންގަންޏާ އެ މީޑިއާއެއް ބަލާނީ އެއީ މެއިންސްޓްރީމް މީޑިއާއެއްގެ ގޮތުގައިތޯ ނޫނީ މާލޭގައި ހިންގިޔަސް މެއިން ސްޓްރީމް މީޑިއާއެއްގެ ގޮތުގައި އެ މީޑިއާއެއް ގުނަން ފަށާނީ ކޮންކޮން ޝަރުތު ތަކެއް ހަމަވެގެން، ކިހާ ފެންވަރެއްގެ ބަޔަލު ތިބޭ، ހިންގާތާ ކިހާ ދުވަހެއް ވެފައިވާ މީޑިއާއަކަށްވެގެންތޯ، މިއީ މި މައުޟޫގައި ބަހުސް ކުރެވިދާނެ ކަންކަމެވެ.

މާލޭގައި ހިންގާ ނަމަ ހަމަ ކޮންމެ މީޑިއާ އަކީ މެއިން ސްޓްރީމް މީޑިއާއެއްކަމުގައި ކަނޑައަޅާ ގޮތަށް އޮވެއްޖެ ނަމަ އެއީ ވެސް އަދި މުޅިއަކުން ރަނގަޅު ގޮތެއް ނޫނެވެ. އިއްޔެ ރަޖިސްޓްރީކޮށްގެން ހިންގަން ފަށާ މީޑިއާއަކީ އެ މީޑިއާގައި މަސައްކަތް ކުރާ ބައެއްގެ ގޮތުން މެއިން ސްޓްރީމް މީޑިއާއެއް ކަމުގައި ކަނޑައެޅުމަކީވެސް އަދި މުޅިއަކުން އިންސާފުވެރި ގޮތެއް ނޫނެވެ. އުމުރުން ކިތަންމެ ހަގަސް ބްރޯޑްކާސްޓް މީޑިއާއެއް ވެއްޖެއްޔާ އެމީޑިއާއެއް ހިމެނޭނީ މެއިން ސްޓްރީމް މީޑިއާއެއްގެ ގޮތުގައިތޯ އާއި ނޫނީ ބްރޯޑްކާސްޓަރަކީ މެއިން ސްޓްރީން ކަމަށް ބަލާނީ އެ މީޑިއާ ރައިޑްކުރާ ޕްލެޓްފޯމް ތަކަށް ބަލައިގެންތޯ ނުވަތަ ބްރޯޑްކާސްޓިންގ ކޮލިޓީއަށްތޯ، ނޫންނަމަ ބްރޯޑް ކާސްޓް ހައުސްގެ ވަސީލަތްތަކާއި ސާމާނުގެ ކޮލިޓީއަށްތޯ، މިއީ ވެސް ހަމަ މި މައުޟޫގައި ބަހުސް ކޮށްލަން އެންމެ ރަނގަޅު ކަންކަމެވެ.

އަދި މިހާތަނަށް ރާއްޖޭގައި މިމިންގަނޑު ބަލާނެ ހަމަ އެއްވެސް އުސޫލެއް، އެކަން ކަނޑައެޅޭނެ ގޮތެއް ނިންމިފައެއް ނެތެވެ. ނަމަވެސް މިއީ މީޑިއާ ތަރައްގީވަމުން އަންނައިރު ނިންމަން ޖެހޭނެ މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުތައްވެސް ބައިވަރެވެ.

މި ބަހުސް އެންމެ ފުރަތަމަ ފާޅުގައި ފެށިފައިވަނީ ކޯވިޑް-19 ގެ ތެރޭގައި ސަރުކާރުން ބާއްވަމުން ގެންދިޔަ ނޫސްކޮންފަރެންސް ތަކުގެ ތެރެއިންނެވެ. ވަކި ހިސާބަކުން ނޫސްކޮންފަރެންސްތައް އޮންލައިން ކޮށްލުމުން ވިހި ތިރީސް މީޑިއާ ނޫސްކޮންފަރެންސްގައި ބައިވެރިވެ އެކިޔާ "މެއިން ސްޓްރީމް މީޑިއާ" ތަކަށް ލިބެމުންދާ ފުރުސަތު މަދުވެގެން ދިއުމުންނެވެ. އެހާ ހިސާބުން ފެށުނު މިބަހުސަކީ ދުވާލަކު އެއްފަހަރު ދެފަހަރުވެސް އަދާހަމަ ނުވާ އެއްވެސް އަޑެއްބަޑެއް ނީވޭ މީޑިއާގެ ނަންތަކާއި ކޮމިއުނިޓީ ފެންވަރުގައި ނެރޭ އޮންލައިންތަކަށް އެ ނޫސްކޮންފަރެންސުން ފުރުސަތު ލިބި، "މެއިން ސްޓްރީމް މީޑިއާ" ތަކަށް ލިބޭ ފުރުސަތުތައް މަދު ވެގެން ދިއުމާއެކު ފެށުނު ބަހުސެއް ކަމުގައި ގަބޫލުކުރެވެއެވެ.

އެއްގޮތަކުން ވިސްނައިފި ނަމަ މިއީ ބަހުސް ކުރެވެން ޖެހޭ މައުޟޫއެކެވެ. ގޮތްތަކެއް ކަނޑައަޅައި ނިންމަންޖެހޭ ކަމެކެވެ. ސަރުކާރުން ބާއްވާ މުހިންމު ނޫސްކޮންފަރެންސް ތަކާއި ސީދާ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ މީޑިއާގެ ހަރަކާތްތަކުގައި ބައިވެރި ކުރާނެ ވަކި މީޑިއާތަކެއް ކަނޑައަޅާނަމަ މިއީ ހަމަ ބަހުސްކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމެކެވެ. އެކަމަކު އަޅުގަނޑުގެ ހިތައް ނުވަންނަނީ އެކަން ކަނޑައަޅާނެ ގޮތެކެވެ.

އަޅުގަނޑުމެންނަށް މިއުޅެނީ މީޑިއާގެ ބަލަދުވެރި ފަރާތް ނުވަތަ މީޑިއާ ކައުންސިލްގެ އިންތިޚާބު ބާއްވާނެ ރަނގަޅު ހަރުދަނާ އުސޫލެއް ކަނޑައަޅަން ނުކުޅެދިގެނެވެ. މިހާރު އެކައުންސިލްގެ އިންތިޚާބު މި ބޭއްވެނީ އެންމެ އަޑުގަދަ މީހާ ރުއްގިނަވާ އުސޫލުންނެވެ. ވުޖޫދުގައި އޮތަސް ނެތަސް ދުވަހަކު އަޑު ނާހާ ނުފެންނަ މީޑިއާ ތަކެއްގެ ނަން ލިސްޓެއް ހިފައިގެން އިންތިޚާބަށް ކުރިމަތިލުމުން އެނިމުނީއެވެ. ގޮނޑި ކާމިޔާބު ވީއެވެ.

އެހެންވީމާ "މެއިން ސްޓްރީމް މީޑިއާ" ކަނޑައަޅާނެ ރަނގަޅު ގޮތްތަކެއްވެސް އެބަ ނިންމަން ޖެހެއެވެ. އެކަން ނިންމާއިރު ނިންމާނީ ރާއްޖޭގެ އެންމެ ދުވަސްވީ މީޑިއާތަކަށް އިސްކަންދީގެންތޯ، އެންމެ ދުވަސްވީ ނޫސްވެރިއާ ނުވަތަ ނޫސްވެރިން އެތަނެއްގައި މަސައްކަތް ކުރާތީތޯއާއި ބޮޑު އޮފީހެއް ހުރޭތޯއާއި މީހުން ކިޔައި އުޅޭ ނިސްބަތަށްތޯއާއި އެންމެ އަޑުގަދަ މީހުން އުޅޭތީ ތޯ ނޫންނަމަ އެންމެ ގިނަ އަދި އެންމެ ފެންވަރު ރަނގަޅު ނޫސްވެރިން ތިބި މީޑިއާއަށް ބަލައިގެންތޯ، މިއީ މިކަން ނިންމުމުގައި ބަލަން ހުރި މިންގަޑުތައް ކަމުގައިވެސް ވެދާނެއެވެ. މާލެއާއި އަތޮޅު ތަކުގައާއި ސިޓީ ތަކުގައި މީޑިއާތައް ހިންގުމުގައި ހުރިތަފާތަކީ "މެއިންސްޓްރީމް" ކަނޑައެޅުމުގައި ބެލިދާނެ ކަމެއްތޯ ވެސް ވިސްނާލަން ޖެހެއެވެ.

ދުވަސްވީ ނޫސްވެރިންނާއި ޒުވާން ނޫސްވެރިންގެ ތަފާތަކީވެސް މިތާގައި ބަހުސް ކުރެވިދާނެ މައުޟޫއެކެވެ. އެކަމަކު މިހާރު މީސް މީޑިއާއަށް ވަދެ އިށީނދެލާއިރު ތަޖުރިބާއާއި ދުވަސްވީ ނޫސްވެރިންގެ ވާހަކަ މިއީ ދައްކަން ކުޑަކޮށް ލަދުގަންނަ ވާހަކައެކެވެ. އަޅުގަނޑުގެ މީޑިއާ ހަޔާތުގައި މިވީ 25 ވަރަކަށް އަހަރުގެ ތެރެއިން އެންމެ ފަހުގެ އަށް އަހަރު ހޭދަކުރެވުނީ ބްރޯޑްކާސްޓް މީޑިއާއެއްގައެވެ. ރާއްޖޭގެ ޓީވީ ޗެނަލް ތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ޗެނަލެއްގައެވެ. އެތަނުގައި މަސައްކަތް ކުރި ފަހުގެ އަހަރު ތަކުގައި ހަވީރު އޮންނަ ކުޑަކުދިންގެ ޕްރޮގްރާމަކަށް ކުޑަކުއްޖެއްގެ ގޮތުގައި އަރާ އުޅުނު ކުއްޖަކު ޓްވިޓަރގައި އަޅުގަނޑަށް ދިން ރައްދެއްގެ ސަބަބުން އަޅުގަނޑު މިހުރީ ހަމަ ހައިރާންވެ އަންތަރީސް ވެފައެވެ. މިއީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް ތަޖުރިބާއާއި ދުވަސްވީ ހަރު މީހުންގެ ބަސް ގަބޫލު ނުކުރެވުމާއި އިހުތިރާމު ކުރަން ނޭނގުމުގެ މައްސަލައެއް ބާވައޭ ވެސް ހިތައް އެރިއެވެ. ހަމަގައިމުވެސް އަޅުގަނޑު މި ދާއިރާގައި މިހާ ދުވަހު ހޭދަކޮށްފައި ހުރި ނަމަވެސް އަދިވެސް ތަޖުރިބާގެ ގޮތުންނާއި ދާއިރާގައި ދުވަސް ވީ މީހުންގެ ތެރެއިން އަޅުގަނޑު ޖަދަލު ކުރަން ޖެހިލުންވާ ބަޔަކު އެބަތިއްބެވެ.

ހަގީގަތުގައި އަޅުގަނޑުމެންގެ ތެރޭގައި މިއުޅެނީ ވަރަށް ނުބައި ބަލިމަޑުކަމެއް ފެތުރިގެންނެވެ. އަޅުގަނޑުމެންނަށް ޢިލްމެއް ލިބުނުއިރު އެއާއި އެއްވަރަށް ޙިލްމު ނުލިބުނީއެވެ. ތިމާއަށް އިތުބާރާއެކު އެއްޗެއް ބުނެވޭ ވަރަށް ނުވަތަ ލިއެލެވޭ ވަރަށް ތަޢުލީމެއް ލިބިފައި ހުރީމާ ނޫނީ ރަނގަޅަށް ފުރިހަމައަށް ޖުމްލަތައް ލިޔަން އެނގޭތީ ތިމާއީ އެންމެ މޮޅު މީހާ ކަމުގައި ގަބޫލުކުރެވެނީއެވެ. ތިމާއަށްވުރެ ކިތަންމެ ދޮށްޓަސް ދާއިރާގައި ތިމާއަށްވުރެ ކިތަންމެ ތަޖުރިބާ ހުއްޓަސް އެކަން ގަބޫލުކުރަން އުނދަގުލީއެވެ. ނޫނީ ބޭނުންވެސް ނުވަނީއެވެ. އެހެންވީމާ މީޑިއާއެއްގައި މަސައްކަތްކުރާ ބައެއްގެ މައްޗަށް ބުރަވެ މިކިޔާ "މެއިން ސްޓްރީމް މީޑިއާ" ކަނޑައަޅަން ވެއްޖެއްޔާ އެކުދީން އެކަމެއް ބަލައެއް ނުގަންނާނެއެވެ.

އެކަމަކު މިއީ ކަނޑައަޅައި ނިންމަން ޖެހޭ ކަމެއްނަމަ އެކަން ކުރަން ޖެހޭނެއެވެ. އެކަމަކު އެއީ ފުޓްބޯޅައިގައި އެއްވަނަ ޑިވިޒަނާއި ދެވަނަ ޑިވިޒަނާއި ތިންވަނަ ޑިވިޒަން ކަނޑައަޅާ ބީދައިން ކަނޑައެޅޭނެ އެއްޗެއް ކަމުގައި ނުވެދާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މީހުން ބަލައި ގަތުމެވެ. އެނޫހެއްގެ މަގުބޫލުކަމާއި ހަރަކާތްތެރިކަމާއި ލިޔުންތަކުގެ ފެންވަރެވެ. ބަޔަކަށް ނުވިކި މުއްސަނދި މަހުޖަނެއްގެ ޖީބަށް ނުވެއްޓި ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއެކު ބަސް ބުނެވޭ މީޑިއާއަކަށް ވުމީ އަޅުގަނޑު ގަބޫލުކުރާ އެންމެ ފުރިހަމަ އެއް ޝަރުތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން