ޤައުމެއްގެ ތަރައްޤީއަކީ އެޤައުމުގެ ބިމުގައި ޢިމާރާތް ކުރެވޭ ބިނާ ތަކަށްކިޔާ ނަމެއް ނޫނެވެ. ތަރައްޤީ މާނަކުރަނީ މީހުންގެ ސިކުނޑިތަކަށާއި މީހުންގެ ހޭލުންތެރިކަމަށް ގެނެވޭ ބަދަލަށެވެ. އިސްލާމްދީން ފާޅުކުރެއްވުމާއެކު، އުނގެނުމަށާއި އުނގަންނައި ދިނުމަށް ބާރު އެޅުއްވީ މިސަބަބާއި ހުރެއެވެ. އެކަމުގެ ފޮރުވިފައިވާ ޙިކުމަތުގެ ބޮޑުކަމުންނެވެ.

ޝައްކެއްނެތެވެ. އިސްލާމީ ޙަޟާރަތު ކުރިއަރައި ދިއުމުގެ މައިގަނޑު ސަބަބަކީ އިސްލާމް ދީނުގައި އުނގެނުމަށާއި އުނގަންނައި ދިނުމަށް ދެވުނު ޚާއްޞަ އަހައްމިއްޔަތެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޙަވާލުވެ ވަޑައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމުގެ ތަރައްޤީއަށެވެ. ޤައުމު ތަރައްޤީ ކުރުމުގައި މީހުންގެ ވިސްނުމާއި، ޢިލްމާއި ހޭލުންތެރިކަން އިތުރުކޮށްގެން މެނުވީ ކުރިއަރާފައިވާ ޤައުމުތަކާއި ފައިތިލަ ހަމަނުކުރެވޭނެކަން ޤަބޫލު ކުރައްވައި ސަރުކާރުން އެންމެ ފުރަތަމަވެސް ފެއްޓެވި މަސައްކަތްޕުޅަކީ ޤައުމުގެ އުނގަންނައި ދިނުމުގެ ޙާލަތު ރަގަޅުކޮށް ހަރުދަނާ ކުރެއްވުމެވެ.

ދިވެހިރައްޖޭގެ ސްކޫލް މަދަރުސާތަކުގައި އުނގަންނައި ދެމުންދަނީ ރާއްޖޭގެ ޤައުމީ މަންޙަޖުގައި ބަޔާން ކުރާ އަގުތަކާއި ސިފަތައް ދަސްކޮށްދިނުމަށް ކަމަށް ވުމާއެކު، އެމަޤުޞަދު ޙާޞިލުކޮށްދިނުމަށްޓަކައި ޒަމާނީ ފަންނިއްޔާތަށް މުދައްރިސުން އަހުލުވެރިކޮށް، ގޫގުލް އެޑިއުކޭޝަންގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ހިންގަވައި، ޓީޗަރުންނަކީ ޒަމާނާއި އެއްގޮތަށް އޮންލައިންކޮށާއި ކުލާސްރޫމްތަކުގައި ޒަމާނާއި އެއްގޮތަށް ކިޔަވައި ދެއްވޭނެފަދަ ޤާބިލު ބަޔަކަށް މިއަދުވަނީ ހައްދަވާފައެވެ. އެއާއެކު ޓީޗަރުންނަކީ ތާހިރު ދިރިއުޅުމެއް އުޅެވޭނެ އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ބަޔަކަށް ހެއްދެވުމަށްޓަކައި، އަދުގެ ރައީސުލްޖުމްހޫރިއްޔާ ބުރަ މަސައްކަތްޕުޅަކާއި ޤުރުބާނީއެއް ވެވަޑައިގެން ރާއްޖޭގައި އެންމެ ރަނގަޅު މުސާރައެއް ލިބޭ އެއްދާއިރާއަކީ ތަޢުލީމީ ދާއިރާ ކަމުގައި ހައްދަވައިފިއެވެ. ނަތީޖާއަކީ ޓީޗަރުން ތަޢުލީމީ ދާއިރާގައި ގިނަ ވަގުތު ފޫހިކަމެއްނެތި މަސައްކަތް ކުރެއްވުމާއި، ޒިންމާދާރު ބަޔަކަށް ބަދަލުވެގެން ދިއުމެވެ. އަދި އެއާއެކު ޢިލްމީ ޤާބިލު ޒުވާނުން ތަޢުލީމީ ދާއިރާގެ ޚިދުމަތަށް ނިކުންނަން ފެށުމެވެ.

ލިޔަންކިޔަންދަތުމަކީ ރާއްޖޭގައި އަސާސީ ތަޢުލީމުގެ މިންވަރަށް އުނގެނުން ކަމުގައި ބެލެވުނު ޒަމާން މާޒީ ވެގެން ހިނގައްޖެއެވެ. މިޒަމާނުގައި އަސާސީ ތަޢުލީމު ކަމުގައި ގިނަބަޔަކު ދެކެނީ ފުރަތަމަ ޑިގްރީއާއި ހިސާބަށް އުނގެނުމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަބާދީ އަކީ ޢިލްމީ އާބާދީއަކަށް ހެއްދެވުމަށް އަދުގެ ސަރުކާރުން ކުރެއްވި އެންމެ އަގުހުރި މަސައްކަތްޕުޅަކީ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެއްވުމެވެ. އެހެންކަމުން މިފަސްއަހަރު ނިމިގެންދާއިރު ރާއްޖެގެ ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ޢަދަދު ދެގުނައަށް އިތުރުވެގެންދަނީއެވެ. ޝައްކެއްނެތެވެ. ރައީސް ޞާލިހުގެ ދުރުވިސްނުންފުޅުގެ މޮޅުކަމާއި ކުޅަދާނަކަމުގެ ނަތީޖާއެވެ.

ޒަމާނުއްސުރެ އާބާދީ މަދު ރަށްރަށުގެ ރައްޔިތުންގެ ޝަކުވާއަކީ ރަނގަޅު ތަޢުލީމެއް ދަރިންނަށް ހޯދައި ނުދެވުމުގެ ޝަކުވާއެވެ. މިކަމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ހައްލުކޮށްދިނުން ފަސޭހަކަމަކަށް ނުވިއެވެ. އެހެންނަމަވެސް ރައީސް ޞާލިހުގެ ދުރުވިސްނުންފުޅާއެކު ޤާއިމު ކުރެވުނު ސެޓެލައިޓް ސްކޫލްފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް މާލޭގެ އެންމެ ކާމިޔާބު ސްކޫލުތަކުގައި ތިބެގެން އުނގެނޭ ފެންވަރަށް ރަށުގައި ތިބެގެން އުނގެނުމުގެ ފުރުޞަތު ފަހިކޮށްދެއްވައި، ބައިމަދު ރަށްރަށުގެ ދަރިވަރުންނަށްވެސް އުނގެނުމުގެ ޙައްޤު ހޯއްދަވައި ދެއްވައިފިއެވެ.

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ދުވާލުގެ ގިނަވަގުތު ސްކޫލުގައި ހޭދަ ކުރާއިރު ބައެއް ދަރިވަރުންނަކީ އެކަށީގެންވާ ރަނގަޅު ނާސްތާއެއް ނުލިބި، ސްކޫލުގައި ގިނަ ވަގުތު ކިޔެވުމާއި އެހެނިހެން ހަރަކާތްތަކުގައި އުޅެންޖެހޭ ދަރިވަރުން ކަމަށްވުމުން، އެކުދީންނަށް އެކަށީގެންވާ ހަކަތައާއި މިންހެޔޮ ކާނާ ނުލިބޭނަމަ އެކުދީންގެ ފަރާތުން އެންމެ ރަނގަޅު ނަތީޖާއެއް ނުފެނިދާނެތީ، އެކަމަށް ހައްލު ޙޯއްދެވުމުގެ ގޮތުން ސްކޫލްތަކުގައި މިއަދުވެސް ނާސްތާ ޕްރޮގުރާމް ކުރިއަށް އެބަގެންދެވެއެވެ. ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ މިހާތަނަށް ދަރިވަރުންގެ އުނގެނުމަށާއި، އަޚުލާޤަށް އެންމެ ބޮޑު އިންޤްލާބީ ބަދަލު ގެނުވި ޕްރޮގްރާމެވެ. މިސަބަބާއިހުރެ ދެންނެވެން އޮތީ ތަޢުލީމީ ދައިރާއަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކަމުގައެވެ.

މިއަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިޚާބު ބައްވާ އަހަރެވެ. މިއަހަރުގެ އިންތިޚާބުގައި ވޯޓުލާން ނިކުންނަ މީހުންގެ ތެރޭގައި ރައީސް ޞާލިހުގެ ސަރުކާރުން ފަންނީ ޤާބިލު ބަޔަކަށް ހައްދަވާފައިވާ ޓީޗަރުންނާއި، މާޒީގެ ދުވަސްތަކުގައި މުސާރައިގެ ކުރިއެރުމަކަށް އެދިތިއްބައި، އެކަމަށް ރައީސް ޞާލިހު ޢަމަލީ އިޖާބަދެއްވައި މުސާރައިގެ ކުރިއެރުން ހޯއްދަވައިދެއްވި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނާއި، ރައީސް ޞާލިޙު ފެއްޓެވި ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން ދަސްވެނިވެގެން ނިކުތް ހާހުން ގުނާލެވޭ ގުރެޖުއޭޓް އާބާދީ ހިމެނޭނެކަން ޔަޤީނެވެ. މިއަދު އެބޭފުޅުން ކިތަންމެ ސައިލެންޓްކޮށް ތިއްބެވިނަމަވެސް ވޯޓުކަރުދާސް ކޮޅުގައި ފާހަގަ ޖަހާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅާ ދިމާލުގައެވެ. ޝައްކެއްނެތެވެ. ރައީސް ޞާލިޙު ބިނާކުރެއްވި ޢިލްމީ ޖީލަކީ ޝުކުރުވެރިވާން ދަންނާނެ ހޭލުންތެރި ޖީލެކެވެ. އާނއެކެވެ! ތަޢުލީމީ ދާއިރާއިން ރައީސް ޞާލިޙު ބަލައިގަންނާނީ ޝުކުރުވެރި ހިތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން