އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ދާދި ފަހުން ތައާރަފުކުރި ސްމާޓް ޕާކިންގ ސޮލިއުޝަން ހިމެނޭ ފިތުރޯނު ސްމާޓް ޕާކިންގ ޒޯނުން ބީލަމުގެ އުސޫލުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް އިއުލާނު ކޮށްފިއެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ގާއިމުކޮށްފައިވާ މި ޕާކިން ޒޯނުން ދިގު މިނުގައި 4.8 މީޓަރު އަދި ފުޅާ މިނުގައި 2 މީޓަރު ހުންނަ 23 ކާރު ޕާކިންގ ޖާގަ ވަނީ ހުޅުވާލާފައެވެ. 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މި ޕާކިންގ ޖާގަ ތަކުގެ ބީލަން ފެށޭ އަގަކީ 1500 ރުފިޔާ އެވެ.

މި އިއުލާނުގައި ވާގޮތުން ބީލަން ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތު ތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، ޕާކު ކުރަން ހުށައަޅާ އުޅަނދަކީ ބީލަން ހުށަހަޅާ ފަރާތުގެ ނަމުގައި ގްރޭޓަރ މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަދަކަށްވުން ހިމެނެއެވެ. އަދި މީގެ ކުރިން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން އެއްވެސް ޕާކިންގ ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި ފިތުރޯނު މަގުގައި ދިރިއުޅޭ ފަރާތްތަކަށާއި ކުރިން ފިތުރޯނު ޕާކިންގ ޒޯނުން ހުޅުވާލި ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައި ވެއެވެ. މި ބީލަމާގުޅޭ އިތުރު މައުލޫމާތު އަރބަންކޯގެ ވެބްސައިޓުން ލިބޭނެއެވެ.



އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްމާްްޓް ޕާކިންގ ޒޯނުގައި ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަ ވާނެ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. އެގޮތުން، ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް ހުޝިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އަދި މެޝިން ލާރނިންގ (އެމް.އެލް) ބޭނުންކުރެއެވެ.

މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައުވީސް ގަޑިއިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެއެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެކަމަށް އާބަންކޯއިން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން