ކޯވިޑް-19 އާއި ގުޅިގެން އިންޑިޔާ ލޮކްޑައުންކޮށް ހިންގާފައިވާ ކާފިއުގެ ހާލަތުގައި ނުކިޔަމަންތެރި ވާ މީހުން މައިތިރިކުރުމަށް ފުލުހުން މަގުތަކަށް ނުކުމެ މީހުން ފަހާދުވެ ލަޓިބުރިން ތަޅާ މަންޒަރުތައް ބޭރުގެ މީޑޔާތަކުން އާންމުކުރަން ފަށައިފިއެވެ.

އިންޑިޔާގައި 21 ދުވަހުގެ މުއްދަތަށް ކާފިއު ހިންގާ މުޅި ޤައުމު ވަނީ ލޮކްޑައުން ކޮށްފައެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކާފިއު އިޢުލާން ކުރައްވަމުން ވަނީ އެންމެންވެސް ނުނުކުމެ ގޭގައި ތިބުމަށް އަމުރު ކުރައްވާފައެވެ.

ނަމަވެސް މުޅި ޤައުމު ލޮްކްޑައުންކޮށް ދަތުރު ފަތުރުގެ ޚިދުމަތްވެސް ހުއްޓާލިއިރު ވަޒީފާ އަދާކުރުމާއި ވިޔަފާރިއާއި އެހެނިހެން ކަންކަމުގައި ދުރު ހިސާބުތަކަށް ގޮސް ތިބި މީހުންނަށް ވަނީ އެމީހުން ދިރިއުޅޭ ވަޒަނަށް، އާއިލާ ކައިރިއަށް ނާދެވި ތާށިވެފައެވެ.

މަގުމަތީގައި ނުކުމެ އުޅޭ މީހުން ފައްސާލުމަށް ފުލުހުން ލަޓިބުރިން ތަޅާ އަނިޔާ ކުރުމުގެ އިތުރުން ބައެއް މީހުންނަށް ވަގުތުން އަދަބުދީ ވެސް ހަދައެވެ. މިފަދަ އަދަބު ތަކުގެ ތެރޭގައި އެކި ކަހަލަ އުނދަގޫ ކަސްރަތުތައް ކުރުވުން ހިމެއެވެ.

އަލްޖަޒާރީ އިން އާންމުކޮށްފައިވާ ވިޑިއޯ ކްލިޕެއްގައި ބައެއް މީހުން ބުނެފައިވަނީ އެމީހުން ގެއިން ބޭރަށް ނުކުންނަނީ ކާނާ ހޯދުމަށާއި ޒަރޫރީ ބޭނުން ތަކުގައެވެ. ބައެއް މީހުން ބުނީ ގެ ކައިރިން ކާބޯތަކެތި ނުލިބޭތީ ދުރު ހިސާބުތަކަށް ކާބޯތަކެތި ހޯދަން ދާން ވެސް ޖެހޭ ކަމަށެވެ. ބައެއް މީހުން ބުނީ ކާފިއު ހިންގާފައިވާތީ ދަތުރުފަތުރު ކުރެވޭނެ ގޮތެއް ނެތުމުން ކިތަންމެ ދުރަށް ހިގާން ޖެހުނަށް އާއިލާއާއި މައިންބަފައިންގެ ގާތަށް ހިނގާފައި ދާއިރު ފުލުހުން ތަޅަނީ ކަމަށެވެ.



"އެމީހުން (ފުުލުހުން) އަހަރެމެން އިށީނަކަ ނުދޭ. މަޑުކޮށްލިއަކަވެސް ނުދޭ. ހިނގިއަކަވެސް ނުދޭ." ދިރިއުޅޭ ސަރަހައްދު ދޫކޮށް ވަޒީފާ އަދާކުރަން އައިސް އުޅޭ މީހުންގެ ތެރެއިން ދަތުރުފަތުރުގެ ޚިދުމަތް ނުލިބޭތީ ހިނގާފައި ގެއަށްދިޔަ މަގުމަތީގައި ފުލުހުން ތަޅާ އަނިޔާކުރި މީހަކު ބުނެފައި ވެއެވެ.

އިންޑިއާގައި ތިން ހަފުތާއަށް ކާފިއު ހިންގައި، މުޅި ޤައުމު ބަންދުކޮށްލުމުން ގިނަ ބައެއްގެ ވަޒީފާ ގެއްލި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓި އާމްދަނީ ލިބޭނެ ގޮތެއް ނެތިގެން ގިނަ ބަޔަކު ހާސްކަން މަތީގައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުންވެސް ގިނަ ބަޔަކު ފަގީރުވެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވެފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ފަގީރުންނަށް ކާންދީ ހަދާ ތަންތަނުގައި ވަނީ ދިގު ކިޔޫތައް ހަދާފައެވެ. އެފަދަ ތަންތަނުން ރިޕޯޓްކޮށްފައިވަނީ އެމީހުންގެ އަތުންވެސް ކާބޯތަކެތި ހުސްވަމުން ދާ ކަމަށެވެ.

އިނަޑިއާގައި 690 އަށް ވުރެ ގިނަ މީހުން މިހާރުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. 13 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން