ކޮވިޑް-19 އާއި ގުޅިގެން އެކި މުވައްސަސާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިން ކެޓަގަރީއަކަށް ބަހާލައިގެން ތިން އަދަދަކަށް އެލަވަންސެއް ދޭން ކަނޑައެޅިއެވެ. މިއީ ކޮވިޑްގެ މަސައްކަތުގައި ފްރަންޓްލައިންގެ އެކި ހިސާބުގައި އެކި މަސައްކަތް ތަކުގައި އުޅެމުންދިޔަ މުވައްޒަފުންނަށް ސަރުކާރުން ދޭން ވައުދުވި އެލަވަންސް ތަކެކެވެ. މިކަން ހާމަކުރީ ފިނޭންސް މިނިސްޓްރީންނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވީ އެލަވަންސްދޭ މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި ބަލިމީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭކަމަށެވެ. އަދި ބަލިމީހުން އެޑްމިޓްކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވެއެވެ. ބަލި ހަނދާނަކަށް ނުވާނަމަ އަދި އޭރުގެ އަޑުތަކާއި ލިޔުންތައް މުރާޖަޢާ ކޮށްލާއިރު މިދެންނެވި ފަރާތްތަކަށް އެލަވަންސެެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިއީ އެލަވަންސް ދޭ ގިންތީގެ ތެރެއިން އެއްވަނަ ގިންތީގެ ނުވަތަ އެންމެ ރިސްކްބޮޑު ފަރާތްތަކަށް ދޭން ކަނޑައެޅި މިންވަރެވެ.

ދެވަނަ ގިންތިއަކީ މީޑިއަމް ރިސްކް އޮންނަ ފަރާތްތަކެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނު ނަމަވެސް އެގޮތަށް މަސައްކަތް ކުރާ މީހުންނާއެކު މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވަންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތިން ވަނަ ގިންތިއަކީ ކުރީގެ ދެ ކެޓަގަރީއަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މުވައްޒަފުންނެވެ. މި ފަރާތްތަކަށް، މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާކަމަށް ފިނޭސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިދިޔަމަހު ޖަމާވާނެ ކަމަށް ބުނި އެފައިސާ މިހާތަނަށް ވެސް ޖަމާކޮށްދީފައެއް ނުވެއެވެ.ފްރަންޓްލައިންގައި މަަސައްކަތްކުރާ މީހުންނަށް، ވަރަށް އަވަހަށް އެލަވަންސް ޖަމާ ކުރަން ފަށާނެ ކަމަށް ނެޝަނަލަ އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް އެބުނާ ފްރޮންޓްލައިން އެލަވަންސްގެ ޚަބަރެެއް ފަހުން ނުވާކަމަށް ވަނީ އެނގިފައެވެ. އެ އެލަވަންސެއް ހައްގު މީހުން މިހާރު ބުނަނީ އެވާހަކަ ދައްކާ މީހަކު އުޅޭހެން ވެސް މިހާރު ހީވެސް ނުވާހެންނެވެ. ވަރަށް ގިނަ ކަންކަމަށް ވާހެން މިކަންވެސް ހަނދާން ނެތުނީ ތޯއްޗެކެވެ. ނޫނީ ވަޒީރަށް އޮޅުނީވެސް ތޯއްޗެކެވެ.

އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މުޅި އާއިލާ ނުރައްކަލަށް ހުށައަޅައިގެން ރައްޔިތުންނަށްޓަކައި ސަލާމަތީ ބާރުތަކުންނާއި ސިއްހީ ޚިދުމަތްތެރިންނާއި ކޮވިޑާ ގުޅިގެން މަސައްކަތް ކުރި މުވައްސާސާ ތަކުގެ މުވައްޒަފުން ވީ ގުރުބާނީގެ އަގުވަޒަން ކުރާާގޮތަކީ މިއީތޯއެވެ؟ އެލަވަންސް ދޭނެ ކަމަށް ބުނެ ސަރުކާރުން ވައުދުވެ ހުރިހާ ސަކަރާތެެއް ޖެހުމަށްފަހު މިހާތަނަށް ވެސް އެލަވަންސް ނުދީ ލަސްކުރުމަކީ އެ ޚިދުމަތްތެރިންނަށް ގަބޫލު ކުރެވޭނެ ކަމަކަށް ނުވާނެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރުން އެ އެއްޗެއްދޭން ވަޢުދުވުމެވެ. ނެތް އެއްޗެއް ނޫނީ ނުދެވޭނެކަން އެނގޭ އެއްޗެއް ދޭން ވައުދު ނުވިނަމަ ވެސް އޭގެ ތެރެއިން ގިނަ ޚިދުމަތްތެރީން ގައުމަށްޓަކާ، ނުވަތަ އިންސާނިއްޔަތަށްޓަކާ ހެއު ހިތުން އެކަން ކޮށްދޭނެކަން ކަށަވަރެވެ. އަޅުގަނޑުމެން މިވާހަކަ މިދައްްކަނީ އެކަމާ މާގިނަ ބަޔަކު ޝަކުވާއެއް ކޮށްގެނެއް ނޫނެވެ. އެ ޚިދުމަތްތެރީން އެކި ގްރޫޕް ތަކުގައި މަޖަލަކަށް ހަދައިގެން ވެސް އެވާހަކަ ދައްކާތީއާއި އަޑުއިވޭތީއާއި ފެންނާތީއެވެ.

ކޯވިޑާއި ގުޅިގެން ގައުމު އޮތީ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ. މާލީ ވަޒީރު ބުނާހެން ގައުމުގެ އިގުތިޞާދު އޮތީ ވެންޓިލޭޓަރު ގައެވެ. ރައްޔިތުން ތިބީ ވަރަށް ހާލުގައެވެ. އާމްދަނީ މުޅިން ހުއްޓިފައެވެ. ސަރުކާރުގައި ފައިސާ ނެތްކަން އެބަ އެނގެއެވެ. އެއީ ބޮޑު ސިއްރެއް ނޫނެވެ. އެހެން ވެއްޖެއްޔާ ވިސްނާ ނުލާ އެކަހަލަ ބޮޑު ވައުދުތައް ނުވުން އެއީ އެންމެ މަސްލަހަތު ހުރިގޮތެވެ. ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާއަށް ހަގީގީ މައުލޫމާތު އެނގިވަޑައިގަންނަވާނަމަ އެކަަލަ ނުކުރެވޭނެ ކަމެއްގެ ވާހަކައެއް ނުދައްކަވާނެއެވެ. އަދި އެބުނާ އެލަވަންސެއް ދޭނެ ކަން އިއުލާންކުރައްވާނީ އެކަމަށް ފައިސާ ހަމަޖައްސައިފައި ކަމަށް ގަބޫލުކުރެވެއެވެ.

އެހެންކަމުން ސަރުކާރުން ވައުދުވީ ގޮތަށް އެލަވަންސް ހަައްގުވެރިންނަށް ދެއްވާށެވެ. އެންމެ ފަހުން މިކަން ވެސް ފިޓް ފާޒިލް އާއި ޝަރުމީލާގެ ގިވް އަވޭ އަށް ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އެހެން ނުވާނެ ކަމަށް ގަބޫލުކުރަމެވެ. ދެން އޮތީ ފިނޭންސް މިނިސްޓަރަށް ވެސް ވާނުވާ އެނގިވަޑައި ނުގަންނަވަންޏާ، ނުހިންގެވެންޏާ، ޒިންމާ އަދާ ނުކުރެވެންޏާ ގޮނޑި ހޫނުކުރައްވަން ނުއިންނަވައި އިސްތިއުފާ ދެއްވާފައި އަވަހަށް ޒިންމާއިން ދުރުވެ ވަޑައިގެންނެވުމެވެ. އެމްޑީޕީގައި ތިކަން ކުރެވޭނެ ހަކަތައާއި ގާބިލުކަން ހުރި ޒުވާނުން ބައިވަރު އެބަތިއްބެވެ.

އެހެން ނޫނިއްޔާ ދެން ދެންނެވޭނީ މިކަން ވެސް މިއޮތީ ވަޒީރު އަމީންގެ ވެންޓިލޭޓަރަށް ވެފައި ކަމަށެވެ. އެ ވެންޓިލޭޓަރެއްވެސް މި އަންނަނީ އިބިލީހުގެ ކައިވެންޏެކޭ އެއްގޮތަށެވެ. އަބަދުވެސް މާދަން، މާދަން އަންނަ ވާހަކައެވެ. ޕީޕީއާއި އަންގިއާއި މާސްކާއި މިހެންގޮސް ސިއްހީ އާލާތްތައްވެސް ފުދި ބާކީ ވަރަށް އެބަހުއްޓެވެ. އެކަމަކު ސަރުކާރުގެ މައި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ރައުންޑަށް ދާން ޖެހެނީވެސް ނުފޯރާ ފޮތިން ފޫގަޅާހެން މާސްކް ގަނޑާއި އަންގި ގަނޑުވެސް ބަހައިގެން ފޮތިކޮށް ބައިބައި ކޮށްގެން ލައިގެންނެވެ. އެއީ އެހާވެސް ލިބުން ދަތި އެއްޗަކަށް ވެފައިވާ ކަމަށް މައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުން ހިއްސާކޮށްފައިވާ މައުލޫމާތު ތަކުން ކަށަވަރު ވެއެވެ. ހޮސްޕިޓަލުގައި ބަލި ފެތުރުނީމާ އެވާކަ ކިތަންމެ ރީތިކޮށްވެސް ޓީވީއަށް އަރާ ދެއްކިދާނެއެވެ. އެކަމު ކަމުގެ ހަގީގަތް އޮތީ މިހެންނެވެ. ދެން މިހުރިހާ ބަދުނާމެއް މިއެޅެނީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައެވެ. ކަންކުރާން ތިބޭ މީހުން މިކަމުގައި ފާޑުކިޔަނީ ސަރުކާރު ހިންގާ މައި ޕާޓީގެ ލީޑަރޝިޕަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ދައްކަވަނީ މުޅިން އެހެން މަންޒަރެކެވެ. ކަން ކުރައްވަނީ ދިމާ އިދިކޮޅަށެވެ.

ރައްޔިތުންނަށް އެނގެން ޖެހޭ އެންމެ އާދައިގެ މައުލޫމާތެއް ހޯދަންފިނޭންސް މިނިސްޓަރަށް ލިޔެގެން ދެ މަސް ދުވަސް ވާއިރު ޖަވާބެއް ނުލިބި ފޯނުވެސް ނުނަންގަވާ އުޅުއްވާނީ ކޮންމެވެސް ކަމެއް ފޮރުވަން ބޭނުންވާތީތާއެވެ. އަބަދުވެސް ވިދާޅުވަނީ ފޮރުވާނެ އެއްވެސް އެއްޗެއް ނެތް ވާހަކައެވެ. އެކަމަކު ބައެއް ވަޒީރުން މި މަސައްކަތް ކުރައްވަނީ އެ ސިޔާސަތާއި ދިމާ އިދިކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު


18

66

14-Jul-2020

ބަލަގަ ސަރުކާރު ބަންދުކޮށްފަ އޮތް އިރު ދަރުބާރުގޭގަ ނޫނަކަސް މަސައްކަތްކުރި މުވައްޒަފުން އެބަތިބި އޮފިހަށް ނިކުުމެގެން. އެމީހުނަށްވެސް ވަރަށް ރިސްކް އެކަމު ކޮބާ އެލަވަންސް


22

ޣަނީ

10-Jul-2020

ބައެއް ވަޒީރުން, ސިޓީކައުންސިލަރުން އެކުއެކިކަންކަނުގަ ރައްޔަތުމީހާ އޮފީހައް ގެންގޮސް ބޭ އަދަބީކޮށް ވާހަކަދައްކާ އެމީހާގެ ނިކަމެތިކަން އިތުރަށް ހަދާންކޮށްދީ ބަވާ ކަމަށް ވަނީ. ޜައީސް އަށް މިކަންކަން އެނގެންޖެހޭ. ބަދުނާމް ވަނީ މުޅިވެރިކަން. ޜައީސް


1

ޣަނީ

10-Jul-2020

ބައެއް ވަޒީރުން, ސިޓީކައުންސިލަރުން އެކުއެކިކަންކަނުގަ ރައްޔަތުމީހާ އޮފީހައް ގެންގޮސް ބޭ އަދަބީކޮށް ވާހަކަދައްކާ އެމީހާގެ ނިކަމެތިކަން އިތުރަށް ހަދާންކޮށްދީ ބަވާ ކަމަށް ވަނީ. ޜައީސް އަށް މިކަންކަން އެނގެންޖެހޭ. ބަދުނާމް ވަނީ މުޅިވެރިކަން. ޜައީސް


17

މީނާ

09-Jul-2020

ފްރޮންޓް ލައިން އެލަވެންސް ދިނުމަށް ސަރުކާރު އޮފީސް ތަކުގެ މުވައްޒަފުން ކުރާ މަސައްކަތް ބަލާ ލާފަ މޮޅު ލިޔުމެއް ޖެހިނަމަ އަދި ތިޔަ ލިޔުން މާފުރިހަމަ ވެފަ ލިބޭ ލައިކްވެސް ގިނަވާނެ.


11

މަނިކް

09-Jul-2020

ފާހަގަކުރެވޭ ކިތަންމެ ވާހަކައެއް އެބަހުރި ވަޒީރުންގެ ނުފޫޒު ދާއިރާ ތަކުގައިވެސް އިންތިހާޔަށް, އެމްޑީޕީ އަށް އިޚްލާސްތެރި ކިތަންމެ ބަޔެއް މިހިގާ ކަންކަމާއިމެދު ހިންހަމަނުޖެހިގެން އުޅޭ ކަން އެގެން އެބަހުރި.


10

ކަމާލްހޭ

08-Jul-2020

ތެދު ވާހަކަ އެއް މި ވަޒީރުން ނޭކިޔާފަ ތަންތާ ތިބޭ ރޯނު އެދުރު ކޮރަޕްޓް މީހުން ލެވުނީމަވާނެ ގޮތް ރައީސް ސޯލިހު އެބަޖެހޭ މި ބަިގަނޑު ބޭރު ކޮއްލާފައި އިހުލާސްތެރިން އިސްކުރައްވަން


19

ކަމާލްހޭ

08-Jul-2020

ތެދު ވާހަކަ އެއް މި ވަޒީރުން ނޭކިޔާފަ ތަންތާ ތިބޭ ރޯނު އެދުރު ކޮރަޕްޓް މީހުން ލެވުނީމަވާނެ ގޮތް


26

ޒަރީރު

08-Jul-2020

އަމީނު އަމީރު މީ ގުޅިގެން ސަރުކާރު ހަލާކު ކުރަން އުޅޭ ބައެއް މުޅިން ޑީލް ހަދަނީ


23

ސަނާ

08-Jul-2020

ވަރަށް ރަނގަޅު ވާހަކަ އެއް


19

ޖައުފަރު

08-Jul-2020

ވަރަށް ގިނަ ބަޔަކު ބުނާތީ އިވޭ މިހާރު ގެ ވަޒީރުން ފޯނު ނުނަގާ ވާހަކަ އަދި ފޮނި ބޮޑާ ވެގެން އުޅޭ ވާހަކަ އަލީ ވަހީދު ,އަމީރު އަމީން ޝާހިދު ފަދަ ވަޒީރުން


-1

މޫސާ

08-Jul-2020

މީ ވަރަށް ފުރިހަމަ ލިޔުމެއް ވެރިން ޒިއްމާދާރު ކުރެއްވުމުގައި ނޫސް ވެރިން ގެ އެއްމެ ފުރިހަމަ ދައުރެއް އަދާކުރާ ނޫހު ގެ ގޮތުގަ ރަސް އޮންލައިން ފާހަގަ ކޮއްލާންޖެހޭ ޝުކުރިއްޔާ



ޓްރެންޑިން