ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ރައީސް ފަތްކޮޅު ދެއްވަނީ
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ރައީސް ފަތްކޮޅު ދެއްވަނީ
ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބަކީ ކުރިން އާންމުން މާ ބޮޑަށް ދަންނަ ބޭފުޅެއް ނޫނެވެ. އޮފީސްތަކުގެ ޓެލެޑްރާމާ އަކުން އާންމުންނަށް ފެނިގެންދިޔަ އަދީބު ގިނަ ބަޔަކަށް އެނގިގެންދިޔައީ ރައީސް ޔާމިންގެ ސަރުކާރުން އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހަމަޖެއްސެމުންނެވެ. ރައީސް ޔާމިން އަދީބު ޓޫރިޒަމް މިނިސްޓަރު ކަމަށް ހަމަޖައްސައި ވަރަށް ގިނަ އާރާއި ބާރު ދެއްވިއެވެ.

އަދީބު ބޭނުންހާ ކަމެއް ކުރަންވަން ފުރުސަތު ދެއްވިއެވެ. އިކޮންމިކް ކައުންސިލްގެ ކޯޗެއާކަން ވެސް ހަވާލުކުރެއްވިއެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ހުންނެވި ނަމަވެސް ވެރިކަން ކުރައްވާ ތަން ފެންނަނީ އަދީބެވެ. ސަރުކާރަށް އަންނަ ކޮންމެ ހަމަލާއެއް ދިފާއު ކުރައްވައި މުޅި ސަރުކާރު ދެމެހެއްޓެވީ އަދީބޭ ދެންނެވުމަކީ އެހެން ވަޒީރުންނަށް ކުރެވޭ ބޭއިންސާފަށް ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މެމްބަރުން ލައްވައި ސަރުކާރުން ބޭނުންވާ ކަންކަން ކުރުމުގައި އަދީބު އިސްރޯލެއް އަދާކުރެއްވިއެވެ. ފައިސާ ގޯނި ގޯނީގައި ބައްސަވައިގެން ދިރިއުޅުއްވާ އެޕާޓްމެންޓުގެ ބޮޑު މޭޒުމަތީގައި ފައްސަތޭކައިގެ ނޫޓުތައް ބަރިޖަހާފައި ބަހައްޓައިގެން ވަޑައިގަންނަވާ މެންބަރަކަށް ބައްސަވައި މަޖިލީހުގެ ތެރެއިން ބޭނުން ކަމެއް ކުރެއްވިއެވެ. ރައީސް ޔާމިންގެ ސަރުކާރުން ހިންގި ތަރައްގީގެ ކޮންމެ ޕްރޮޖެކްޓެއްގައި އަދީބުގެ ބައިވެރިވުން އޮވެއެވެ. ސަރުކާރާއި ޕާޓީ އަށް ލިބޭ ފައިސާ މެނޭޖްކުރައްވައި ސަރުކާާރުގެ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ ސީދާ އަދީބުގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް ޔާމިން އަދީބަށް ކުރެއްވި އިތުބާރެއްގެ ބޮޑުކަމުން ގާނޫނު އަސާސީ މަޖިލީހުން ބަދަލު ގެނެސް އަދީބަށް ހެއުވަރުވާ ގޮތަށް ކޯޓެއްފައްސަވާ ބީދައިން ގާނޫނު އަސާސީ އިސްލާހު ކުރައްވައިގެ ނާއިބްރައީސްކަން ހޯއްދެވުމަށް ވަރުގަދައަށް ކެމްޕޭން ކުރައްވަމުން ގެންދެވި އިރުވެސް ރައީސް ޔާމިނަށް ހުންނެވުނީ ވާނުވާގައެވެ. އެންމެ ފަހުން މުޅި ގައުމުގެ ބޮޑު އަޣުލަބިއްޔަތަކުން އާނބަސް ހޯއްދަވައިގެން ޔާމިންގެ އަނބިކަނބަލުންގެ ވެސް ރުހުން ހޯއްދަވައިގެން ނާއިބްރައީސްގެ މަގާމު ދެއްވަން މަޖުބޫރު ކުރިވި އިރުވެސް ޔާމިނަށް ހަމަ ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަހަލައެވެ.

އާޚިރުގައި ކަން ނިމިގެންދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަށެވެ. ކުރު މުއްދަތުގެ ތެރޭގައި އަދީބު އެ ހޯއްދެވި ބޮޑު ކާމިޔާބީ އާއި ހަމަޔަށް ވާސިލުވެވުނު ޒުވާނަކު މި ވޭތުވެދިޔަ ގަރުނުގައި ވެސް ނެތޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. ބާރަށް އަރާ އެއްޗެހި އަވަހަށް ވެއްޓޭނެއޭ ބުނާހެން އަދީބުގެ އަލި ގަދަ ބާރުގަދަ ތަރި ސިޔާސީ އުދަރެހުން އޮއްސޭކަށް ވެސް މާގިނަ ދުވަހެއް ނުނެގިއެވެ. ރައީސް ޔާމިންގެ ރިޔާސީ ލޯންޗުކޮޅު ގޮއްވާލައިގެން އެމަނިކުފާނު އަވާހަރާކޮށްލައިގެން ވެރިކަމަށް ވަޑައިގެންނެވުމަށް އަދީބު މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން ދުރުކޮށް ހައްޔަރުކުރީ ވެސް ޚުދު އަދީބުވެސް ހީނުކުރައްވާ ފަދަ ގޮތަކަށެވެ.

އޮޅުވާލައިގެން ބާރުގަދަ މިނިކާވަގެއް ދާ ޖަހައިގެން ހިފާ އުސޫލުން ޔާމިނު އަދީބު ހިއްޕެވީ ވަރަށް ހީލަތްތެރި ކަމާއެކުގައެވެ. އެނޫން ގޮތަކަށް އަދީބު އަތުލައި ނުގަނެވޭނެކަން އެމަނިކުފާނަށް ކަށަވަރު ވާތީއެވެ. ރާއްޖެއިން ބޭރުން ވަޑައިގެން މަތިންދާ ބޯޓުން ފައިބާއިރަށް ސިޑި ބުޑުގައި ދާ ޖަހައިގެން ތިބީ ސަލާމަތީ ބާރުތަކެވެ. މާލޭގައި ތިބި އަދީބަށް ތާއީދު ކުރާ ހުރިހާ މަޖިލިސް މެންބަރުންގެ ތެރެއިން އެއްބަޔަކު ތިބީ އެއްވެސް ބާރެއް ނުފޯރުވޭ ގޮތަށް ކަނޑުމަތީގައި އުޅަނދު ފަހަރުގައެވެ. ބައެއް އައުވާނުން ތިބީ އާ ރަށުގައެވެ. މަތިންދާބޯޓުގެ ސިޑި ބުޑުން ވެސް ކަހާލީ އުތުރު ކޮރެއާގެ ސިއްރު އެޖެންޓުން ވެސް މީހަކު ހިފައި ނުގަންނާނެހާ ވެސް މަކަރުވެރި ހީލަތްތެރި ގޮތަކަށެވެ. ގެންދިޔަ ގޮތަށް އަދީބު ގެންދިޔައީ ސީދާ ޖަލަށެވެ. އަދީބުގެ "އައުވާނުން" ނަށް ވާނުވާ އެނގުނީ ވެސް ހުރިހާ ކަމެއް ނިމުނު ފަހުންނެވެ. އެވެރިން ތިބީ "ސެލެބްރޭޓް" ކުރަން ދިދައާއި ފުއްޕާހަންވެސް ހަދައިގެންނެވެ.

ކޮންމެއަކަސް ބްރޯގެ ނަމުން މަޝްހޫރުވެފައިވާ އެންމެން ދަންނަ ބޮޑު ވަޒީރު އަދީބުގެ ކަންކަން ފަޅާ އަރަން ފެށީ އެހާ ހިސާބުންނެވެ. ކެޔޮ ކޭވަރު އެގޭނީ ބިތުފަންގި ނެގީމާ އޭ ބުނާހެން ކަންކަން ހާމަވެގެންދިޔައިރު މީހަކު ބިރުން ފިއްކަޑައިގެން ގޮސް ސިއްސައިގެންދާ ވަރުގެ ޖަރީމާ ތަކެއް ހިންގުމަށް ރޭވިކަމަށް ބުނާ އެތައް ކަންކަމެއް ފަޅާއަރުވާލައިފިއެވެ. ސްނައިޕަރަކާއި ގޮވާތަކެތި އެތެރެކޮށްގެން ރައީސް ޔާމިން އަވަހާރަ ކޮށްލަން ރޭވުމާއި އެމްއެމްޕީއާރުސީގެ އެއް ބިލިއަނަށް ވުރެ ގިނަ ޚިޔާނަތުގެ މުގުލުގައި ހުންނެވި ކަމަށް ވަނީ ވެސް އަދީބެވެ. ދައުލަތުގެ ފައިސާ އަށް ޚިޔާނަތްތެރިވުމާއި މީހުން މެރުމާއި ގެއްލުވާލުމާއި މީހުން ފްރޭމް ކުރުން ފަދަ ބޮޑެތި ޖަރީމާ ތައް އަދީބު ހިންގެވި ކަމަށް ތުހުމަތުކުރެއެވެ. ރައީސް ޔާމިންގެ ބަލި ފަޔަށްވީ އަދީބެވެ. ހުރިހާ ކަމެއް ރާވައި ހިންގުމަށްފަހު ރައީސް ޔާމިން އާއި ދެކޮޅަށް ހެކިބަސްދީ އެމަނިކުފާނަށް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ވެސް "އަދީބަކާ" ހެދިއެވެ. އެމްއެމްޕީއާރުސީގެ ފައިސާ އަށް ޚިޔާނަތްތެރިވި މައްސަލައިގައި އަދީބު މިވަގުތު ހުރީ ގޭންބަންދުގައެވެ. އޭނާގެ މައްޗަށް އިތުރު ދައުވާ ތަކެއް ވަނީ އުފުލާފައެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން މިއިން ޒަމާނަކުވެސް ސަލާމަތްވާކަށް ނެތެވެ. އެކަމަކު އަދީބަކީ އަދިވެސް އަދީބެވެ. ކުޅުއްވާނެ ކާޑުތައް ބައިވަރު ހުންނާނެއެވެ. އެހެން ނޫންނަމަ އެބުނާ ރައީސް ޔާމީން ކުޑަކަކޫ މައްޗަށް ތިރިކޮށްލި އެކެއް ފެބުރައަރީގެ ބޮޑު ހުކުމުގައި އަދީބު މިނިވަންވެ ލޯންޗަށް އަރުވައިގެން ނެރެ ފުރުވާލަން ތައްޔާރެއް ވެސް ނުކުކުރާނެއެވެ.

ކޮންމެ އަކަސް ރައީސް ޔާމިންގެ ވެރިކަން ނިމި ވެރިކަމަށް އައި ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަން ދެއްވީ ޖުމުހޫރީ ޕާޓީގެ ރައީސް، އަލީ ވަހީދަށެވެ. ޑީއާރުޕީގައި މަސައްކަތް ކުރެއްވުމަށްފަހު އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވުމުގައި ވެސް އެތައް ތުހުމަތު ތަކެއް ކުރެވުނެވެ. ޢެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވައި ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވީއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ފެނިގެންދިޔައީ ވަރަށް ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގައެވެ. މަޖިލީހުގައި އަލީ ވަހީދުގެ ވާހަކަތަކަށް ގިނަބަޔެއްގެ ޝައުގުވެރިކަން ހުއްޓެއެވެ. "ބޫމް ބޫމް" މިއީ އަލީ ވަހީދު މަޝްހޫރު ޑައިލޮގް ކޮޅެކެވެ.

ރައީސް ޞާލިހުގެ ކޯލިޝަން ސަރުކާރުން އަލީ ވަހީދަށް ޓޫރިޒަމް މިނިސްޓްރީ ހަވާލު ކުރި ނަމަވެސް އަލީ ވަހީދަކީ އެންމެ ދައުރެއްގެ މެންބަރު ކަމުން މާލެސިޓީން ދެތިން ގޯތި ބައްލަވައިގެންފައިވާ ގޮތް ނޭނގޭ ކުއްލި މުއްސަނދި ކަމެއް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ހުޅުމާލެއާއި އަގުބޮޑު މާލޭގެ ބިމުން ވެސް ބިން ބައްލަވައިގެންނެވިއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށް މިވީ ކުރު މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަށް ކޮށްފައިވެއެވެ. ޚާއްސަކޮށް ކޮވިޑާއި ގުޅިގެން ރާއްޖެ އަށް ދިމާވި ހާލަތުގައި ރިސޯޓްތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމް ކުރުމާއި ކޮވިޑާ ގުޅުންހުރި ކަންކަމުގައި އަލީ ވަހީދު ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ލޮޅުންތަކަށް ހައްލު ހޯދުމުގައި އަލީ ވަހީދަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތާއީދެއް ނެތެވެ. ފެނުނީ ތަޖުރިބާއެއް ނެތް މީހަކާ ބޮޑު ވިޔަފާރިއެއް ހަވާލު ކުރުމުން މައްސަލަ ތަކަށް ހައްލު ނުހޯދި މުޅިން ފެއިލްވަމުންދާ ތަނެވެ.

މިނިސްޓަރު އަލީ ވަހީދަށް އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ޚަބަރުން އެންމެންނަށް ލިބުނީ ޝޮކެކެވެ. އެއާއެކު ލިބުނީ ގަބޫލު ކުރަންވެސް ދަތި ޚަބަރެކެވެ. މިނިސްޓްރީގެ މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެވެ. މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް މިނިސްޓަރ އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު މިނިސްޓަރގެ ކެބިންއަށް އަންހެން ސްޓާފުން ގެންގޮސްގެންނާއި ރިސޯޓަށް ގެންގޮސްގެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަން މަސައްކަތްކޮށްފައިވާ ކަން މިހާރު ވަނީ ފަޅާއަރާފައެވެ. މީގެއިތުރުން ލޮކްޑައުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގައި ފްރޮންޓްލައިންގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންނާއިއެކު މިނިސްޓަރު މާގިރި ހޮޓެލްގައި އުޅުއްވިއިރު އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށް އެ މުވައްޒަފުން ވަނީ ރައީސް ސޯލިހާ ބައްދަލުކޮށް އެ ވާހަކަތަށް އެމަނިކުފާނާއި ހިއްސާކޮށްފައެވެ.

އެވާހަކަތައް އަޑުއައްސަވައި ކުރެއްވި އަސަރުން ރައީސް ކީރިތި ކުރެއްވިއެވެ. އެކަމާ ގުޅިގެން އަލީ ވަހީދަށް އިސްތިއުފާ ދޭން އެންގުމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. ކޮންމެ އަކަސް އަލީ ވަހީދު ވެސް މިވީ މިސަރުކާރުގައި ޖެހުނު ބޮޑު ލައްގަނޑަކަށެވެ. ރައީސް ސޯލިހާއި މުޅި ސަރުކާރު ލަދުވެތިވެ ރައްޔިތުންގެ ކުރިމަތީގައި އިސްޖަހާލަން ޖެހުނު ހުތުރު އަމަލެއް ހިންގެވި ބޭފުޅަކަށެވެ. އަލީ ވަހީދުގެ މަގާމު ގެއްލި އަރަމުން އައި އަލީ ވަހީދުގެ ތަރި އޮއްސި، ސިޔާސީ މައިދާނުން ގެއްލި ކުށްވެރިއެއްގެ ގޮތުގައި ޖަލުގެ ތޭރިތަކުގެ ތެރެއިން ޖާގަ ލިބޭނެ ކަމަށް މިހާރު މިވަނީ ބެލެވެން ފަށާފައެވެ.

އަލީ ވަހީދު ވިދާޅުވިހެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގް ތަކުން ހަގީގަތް ހާމަވެ ކުށްވެރިވާ މީހަކަށް އަދަބު ލިބިގެންދާނެއެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުންނަށް މިވަނީ ވަރަށް ދެރަ ނިކަމެތި ގޮތްތަކެކެވެ. އެއީ ރާއްޖޭގެ ތާރިޚުން ބުނެދޭ ވާހަކައެވެ. މިއީ ކުރިއަށް އޮތްތާގައި ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވާ ބޭފުޅަކު ވިސްނާލުން ރަނގަޅުކަމެކެވެ. މާޒީން އިބްރަތް ހާސިލް ކޮށް އެ ތާރިޚު ބަދަލުކުރުމަކީ އާ ޓޫރިޒަމް މިނިސްޓަރަށް ކުރިމަތިވާނެ ވަރުގަދަ ޗެލެންޖަކަށް ވާނެއެވެ. ހަމައެއާއެކު ނޫކަށިފުރައިގެ ކޮންމެ މީހަކީ އަދި ހަލުއިކޮށް ވާހަކަ ދެކްކޭ އަޑުގަދަކޮށް ޒުވާބު ކުރެވޭ މޮންމެ މީހަކީ އެފަދަ މަގާމަކަށް ކުފޫ ހަމަވާ މީހަކު ކަމުގައި ނުބެއްލެވުމަށް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި މިފިލާވަޅުން ކުރިއަށް އޮތް ތާނގައި ތަޖުރިބާ ހޯއްދަވާނެ ކަމަށް ގަބޫލުކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން