ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީވަހީދު
ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީވަހީދު
ޖިންސީ ގޯނާގެ ޝިކާރައާއި، ޖިންސީ އަނިޔާތަކުގެ ވާހަކަތަކަކީ މިދުވަސް ވަރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކަތަކެވެ. ކުޑަކުދިންނާއި، އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފެންމަތިވެ އެމައްސަލަތަކުގައި ޝާމިލުވާ މީހުންގެ ވަނަވަރު އާންމުކޮށް އެތައްބަޔަކު ދަނީ މިކަމާއި އަޑުއުފުލަމުންނެވެ. މިކަންކަމާއި ނުރުހުން ފާޅުކޮށް މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށް، މިކަންކަމުގައި އިހުމާލުވާ ފަރާތްތަކާއި ދެކޮޅަށް ދަނީ އަޑު އުފުލަމުންމެވެ.

ޖިންސީ މައްސަލަތަކާއި ކުޑަކުދިންނަށްކުރާ ޖިސްމާނީ އަދި ޖިންސީ މައްސަލަތައް ބެލުމަށް ސަރުކާރަށް ބޮޑު ޕްރެޝަރެއް މިވަނީ ކުރިމަތިވެފައެވެ. ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީއެއްގައި ހިންގި ކަމަށް ބުނާ ރޭޕްކޭސްގެ މައްސަލައާއި، ކައުންސިލްތަކުގެ އިސްވެރިންނާއި ޒިންމާދާރު މަގާމު ތަކުގައި ތިއްބަވާ ފަރާތްތަކުން ކުޑަކުދިންނާއި ބެހުމުގެ މައްސަލަތަކާއި، އަމިއްލަ ދަރިންނާއި ބެހުމުގެ މައްސަލަތަކާއި، މިނޫންވެސް މިފަދަ އެތައްމައްސަލަތަކެއް ސަރުކާރަށް ވަނީ ކުރިމަތިވެފައެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިނގާދިޔަކަމަށްބުނާ ރޭޕް ކޭސްއާއި ގުޅިގެން ސަރުކާރަށް އެތައް ޕްރެޝަރެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ސަރުކާރަށް އެއަށްވުރެ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ މިވަނީ ދައުލަތުގެ އެންމެ މަގާމުތަކުގެ ތެރެއިންވެސް އިސްމަޤާމެއްގައި ހުންނެވި ބޭފުޅަކު އަމިއްލަ އޮފީހުގެ މުވައްޒިފުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން. އަބަދުވެސް ދައުލަތުގެ އެންމެ ޖާހަތުބޮޑު މަޤާމުގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ޓުވަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަލީ ވަހީދު އެއޮފީހުގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައީސުލް ޖުމްހޫރިއްޔާ ހުށަހެޅީ ސީދާ އެ މުވައްޒިފުންނެވެ. އެ ބައްދަލު ވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނީ ބައެއް ކުދިން އެ އަނިޔާ ސިފަކޮށްދިނީ ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ލަދުފުޅުން ލޯފުޅު މަރުއްވައިގެން އިންނަވަން ޖެހޭ މިންވަރަށެވެ. އެކުދިން ބޭނުންވީ އެއްވެސް ފޮރުވުމެއް ނެތި އަކުރުން އަކުރަށް ގައުމުގެ އެންމެ މަތީ ވެރިޔާގެ ކަންފަތްޕުޅަށް އެވާހަކަ އަޑު އިއްވައި އެމަންޒަރު ސިފަކޮށްދޭށެވެ.

އެމުއައްޒަފުން ރައީސަށް ކިޔައިދިން ބައެއް ވާހަކަ ތަކުން ރައީސް ޞާލިހުގެ ހިތްޕުޅަށް ވެސް އަސަރު ކުރިކަން އެނގުނެވެ. އެމަނިކުފާނުގެ މޫނުފުޅަށް އަރާފައިބަމުން ދިޔަ ކުލަވަރާއި ލޯފުޅުން ފާއްދަމުން ދިޔަ ކަރުނައިން އެމަނިކުފާނަށް އަސަރުކުރިކަން އެނގޭ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ. މިނިސްޓަރު ބޭނުން ކުރެއްވީ ނުފޫޒާ ބާރެވެ. އަންހެން މުވައްޒަފުންނަށް މަޖުބޫރުވެސް ކުރުވީއެވެ. އޭނާ ބޭނުން ކުރެއްވީ މަސައްކަތުގެ މާހައުލުގެ ނާޖާއިޒު ފައިދާއެވެ. ކޯވިޑްގެ ބިރުވެރިކަމުގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގައި ޓޫރިޒަމް މިނިސްޓަރު އޭނާގެ މި ނުބައި އަމަލުތަކަށް ހިތްވަރުދޭ ދެތިން ފިރިހެން މުވައްޒަފުންނާއެކު އަންހެން މުވައްޒަފުން ގޮވައިގެން ލޮކްޑައުންވީ ގެސްޓް ހައުސްއެއްގައެވެ. އެ ގެސްޓް ހައުސްގެ ދެބުރިއެއްގައި އެގަތް ސަކަރާތެއް ގަނެ ނިމުނުތާ މާގިނަ ދުވަހެއް ނުވެ އޭނާގެ އެ ނުބައި އަމަލުތައް ފަޅާ އެރީއެވެ. އެ ފަދަ ނުބައި އަމަލެއް ހިންގާނެ ދެވަނަ ފުރުސަތަކަށް ޖާގަ ނުލިބި ތަގުދީރުގެ ރޭވުމުން އޭނާއަށް އެ މަގު ބަންދުވީއެވެ. އެ އަންހެން ކުދިންނަށް އޭނާ އެދިން އަނިޔާއާއި ގެއްލުމާއި ބަދުނާމާއި މުޅި އުމުރަށް އެމީހުންގެ ހަޔާތުގައި އޭނާ އެޖެއްސި ލަދުވެތި ލައްގަނޑުގެ ބަދަލު އޭނާއަށް މިދުނިޔެމަތީގައި ދޭ އަދަބަކުން ނުލިބުނަސް އެއީ ދިރިތިބީންނަށް މިސާލެއް ކަމުގައި ފުދޭނެއެވެ. މި ބިންމަތީގައި އޭނާއަށް އަދަބު ލިބެން ޖެހޭނެއެވެ. އެކަމަކު މިހާރު މިގައުމުގައި މިއޮތް ސިޔާސީ ހަލަބޮލިކަމުގައި އެ ކަނބަލުންނަށް އިންސާފު ލިބޭނެކަމާއިމެދުވެސް ހަމަ އަދި އުފެދެނީ ސުވާލެވެ.

މުވައްޒަފުންގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެވަނީ ފުރަތަމަ އަޅުއްވަން ޖެހޭ ފިޔަވަޅު އަޅުއްވައި އަލީ ވަހީދު މަގާމުން ދުރުކޮށްފައެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގަވާފައެވެ.

އަލީވަހީދަކީ މިނިސްޓަރުކަމުގެ މަޤާމާއި ހަވަލުވެވަޑައިގެންނެވި ފަހުން މިފަދަ އެހެން ތުހުމަތުތައްވެސް ކުރެވިފައިވާ ވަޒީރެކެވެ. ޓްރާންސްޕޯރޓް މިނިސްޓަރ ނަހުލާއަށް ޖިންސީ ފުރައްސާ ކުރައްވާފައިވާ ކަމަށް އޭނާ އަމިއްލަ އަށް ވިދާޅުވާ އޯޑިޔޯތަކެއް ވަނީ ލީކުވެފައެވެ. ހެލްތް މިނިސްޓަރ އަބްދުﷲ އަމީނަށް ހަޑިހުތުބަސްތަކުން މުޢާމަލާތް ކުރައްވައި ހަޖޫ ޖެއްސެވި އޯޑިޔޯތަކެއްވެސް ވަނީ ލީކުވެފައެވެ. މިހުރިހާކަމަކުން އަލީވަހީދަށް ރެކެވުމުގެ ފުރުސަތު އޭރު ލިބިވަޑައިގަތަސް މިފަހަރު މިވަނީ ސަލާމަތް ނުވެވޭ ވަރަށް މިކަންކަމުގެ ހެތްކާއި ޤަރީނާއާއެކު ހިފިފައެވެ. މީގެ ކުރިން އޭނާއަށް ތުހުމަތު ކުރެވުނު އެފަދަ އެއްވެސް ކަމެއްގައި ފިޔަވަޅު ނޭޅި ނަމަވެސް މިފަހަރު މިއޮތީ ފިޔަވަޅު ނާޅާ ދޫކޮށް ނުލެވޭ ވަރަށް، ސިއްރު ކޮށްގެން ނުތިބޭ ވަރަށް ބުޅާ ގޯނިން ބޭރުވެފައެވެ.

އަލީ ވަހީދު މީގެކުރިން ވިދާޅުވެފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ކުރައްވާ އިތުބާރަކުން އޭނާއަކަށް އެފަދަ އެއްވެސް ބިރުވެރި ކަމެއް ނެތެވެ. މީހަކު ދައްކާ ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވަނީ ހަމަ ހަގީގަތުގައިވެސް އެކަން އޮތް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

އަލީވަހީދުގެ މި އަމަލާއި ގުޅިގެން އިދިކޮޅުގެ ބޮޑު ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ މިކަންކަން މިހިސާބަށް ގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަޅުއްވަންޖެހޭ ފިޔަވަޅުތައް ނޭޅުއްވުމުންކަމަށެވެ.

"ސަރުކާރު ބަދަލުވެއްޖެ. މިހިސާބަށް މިދިޔައީ ރައީސް ޞާލިހުއަޅުއްވަންޖެހޭ ފިޔަވަޅުތައް ދުރާލާ ނޭޅުއްވުމުން. ފިޔަވަޅު ނޭޅުމުގެ މާނަޔަކީ އެކަމެއް ކުރުމަށް ހިތްވަރު ދިނުން. ޒިންމާ ނަގަންޖެހޭނީ ރައީސް ޞާލިހު. ޤައުމުގެ އިޖްތިމާއީ ފޭރާން މިވަނީ މުޅިން ވީރާނާވެފަ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ކޯވިޑް-19 ގެ ހާލަތުގައި ސަރުކާރުން ނެގި ފައިދާތަކާއި، މަސައްކަތް ކުރެއްވިގޮތް މިއަދު ހާމަވަމުންދާކަމަށެވެ.

"ސަރުކާރުގެ އިސްވެރިން ކޯވިޑް-19ގައި ލޮކްޑައުންވެގެން ދިޔައީ އިސްރާފުބޮޑު، އީދަކަށް. ދީނަށް ފުރައްސާރަކުރުން. ރޭޕް އަދި ބަނގުރަލުގެ މައްސަލަތައް ބެލުމުގެ ޝައުގުވެރިކަން މިސަރުކާރުގައި ހުރިނަމަ ނިންމުންތައް އަވަސްކުރާނެ." މުހައްމަދު ސައީދު ވިދާޅުވިއެވެ.

އިދިކޮޅުން މިފަދަ ރައްދުތަކެއް ދިންނަމަވެސް ޢަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙު ވަގުތުން އެޅުއްވި އަވަސް ފިޔަވަޅުތަކަށް ކޯލިޝަންގެ އިސްބޭފުޅުންނާއި ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ތައުރީފު ކުރައްވަމުންނެވެ. ރައީސްގެ މި ފިޔަވަޅާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިންސީ އަނިޔާގެ މިފަދަ މައްސަލަތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، އެފަދަ މައްސަލަތަކަކީ މުޖުތަޢުން ބަލައިގަންނާނެ ކަމެއްނޫންކަމަށެވެ. ރައީސް މައުމޫން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަވަސްފިޔަވަޅުތަކެއް އެޅުއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ކުރީ ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވުނު ކަމަށާއި، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓުވެސް ނެގުނުކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ ބަލައި ތަޙްޤީޤުކޮށް ނިމެންދެން މަޤާމުގައި ބެހެއްޓެވީކަމުގައި މާރިޔާ ވިދާޅުވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތައް ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުގައި ހިމެނޭ އިސް ބޭބޭފުޅުން މިފަހަރު ރައީސް ޞާލިހު މިނެންގެވި ފިޔަވަޅަށް ތަޢުރީފުކޮށް ހުޝާމަދު ކުރައްވަމުން ދިޔަ ނަމަވެސް މިކަމުގައި ފާޑު ކިޔާ މީހުންވެސް މަދެއް ނޫނެވެ. މިފަދަ ބައެއް މީހުން ބުނަމުންދަނީ އަލީ ވަހީދަށް މިފަދަ ކަމެއް ތަކުރާރު ކުރައްވަން ކެރިވަޑައިގަތީ ރައީސް ސޯލިހު އޭނާގެ ކުރީގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުއްވުމުގައި ފަހަތު ފަޔަށް ބަރުވީމައެވެ. މީގެތެރެއިން އެކަކު ލިޔެފައިވާ ގޮތުގައި ރައީސް ސޯލިހް ފައިސާ ދެއްވައިގެން އެމްޑީޕީއަށް ބައްލަވައިގެން ހަރު މުދަލަކަށްވާތީ އޭނާއާއި ދެކޮޅަށް ފިޔަވަޅު އަޅުއްވަން ކެރިވަޑައި ނުގަންނަވާނެކަން ޚުދު އަލީ ވަހީދަށް ކަށަވަރު ވާތީ އޭނާ އެފަދަ ކުށްތައް ތަކުރާރު ކުރެއްވުމަށް ޖެހިލުންވެ ވަޑައި ނުގަތީއެވެ. އެހެންވީމާ އަލީ ވަހީދާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް ރައީސް ސޯލިޙް ޒިންމާ ނަންގަވަން ޖެހޭނެއެވެ.

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ސަރުކާރަށް އޮއްސާލަމުންދާ މިދަނޑިވަޅުގައި މިކަމުގެ ބުރަ ސަރުކާރަށް މިވަނީ އިންތިހާއަށް ކޮށްފައެވެ. މިއީ ހަގީގަތުގައިވެސް ސަރުކާރުގެ "ރިހޭ ފައިމައްޗަށް ފޮއިވެއްޓުން" ކަމުގައި ގިނަބަޔަކު ދެކެއެވެ. އަދި މިއީ ސަރުކާރުގައި ޖެހުނު ބޮޑު ލައްގަޑެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން