ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި ޑޮކްޓަރުންގެ ޓީމުގެ ބޭފުޅުން މިއަދުގެ ނޫސްކޮންފަރެންސްގައި މައުލޫމާތު ދެއްވަނީ
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި ޑޮކްޓަރުންގެ ޓީމުގެ ބޭފުޅުން މިއަދުގެ ނޫސްކޮންފަރެންސްގައި މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްކޮންފަރެންސްގައެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވް ވި މީހާއަކީ އިނގިރޭސި ވިލާތަށް ދަތުރުކޮށްފައި އައި މީހެއް ކަމަށެވެ. އޭނާ ރާއްޖެ އައި ދުވަހުން ފެށިގެން ހުންނަނީ ކަރަންޓީން ކޮށްފައި ކަމަށާއި އޭނާގެ ފަރާތުން އެއްވެސް މީހަކަށް މިބަލި އަރާފާނެ ކަމަށް ނުބެލެވޭ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހާ ކަރަންޓީން ކޮށްފައި ހުރީ ހޮލިޑޭ އައިލެންޑް ގައި ކަމަށާއި މިއީ އުމުރުން 38 އަހަރުގެ މީހެއް ކަމުގައި އަމީން ވިދާޅުވިއެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ކިބައިން ބަލީގެ އަސަރުވެސް ފެންނަނީ ވަރަށް ކުޑަކޮށް ކަމުގައި އަމީން ވިދާޅިވިއެވެ. އަމީން ވިދާޅުވީ އޭނާ ރާއްޖެއައީ މި މަހުގެ 22 ގައެވެ. 25 ގައި ސާމްޕަލް ނެގި މިމީހާ ބައްޔަށް ޕޮޒިޓިވްވީ މިއަދު ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ އެއްވެސް ފަރާތަކުން މިކަން ލުއިކޮށް ނުނަގައި ޞިއްޙީ އިދާރާތަކުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް ކަންކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަމީން ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރަމުން ގެންދަނީ މިބަލި ރާއްޖެއަށް ނާންނާނެ ކަމަށް ވިސްނައިގެން ނޫންކަމަށެވެ. އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ބަލި ޖެހިފައި ހުރި މީހަކު ހުރެދާނެ ކަމަށް ބަލައިގެން ކަމުގައި އަމީން ވިދާޅުވިއެވެ. ރާއްޖޭގައި ބަލި ނޫޅޭނެ ކަމަށް އެއްވެސް ފަރާތަކުން ހީނުކުރުމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އަމީން ވަނީ ހުރިހާ ރައްޔިތުންނަށް އިލްމާސް ކުރައްވާފައެވެ.

ރައްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 14 އަށް އަރާފައިވާއިރު ނުވަ މީހަކު މިހާރުވަނީ ރަނގަޅުވެފައެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެންމެ ދިވެއްސެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން