ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ކޮންމެ އަހަރު ޢުމުރުން 65 އަހަރުގެ 100 މީހުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފިއެވެ.

ޤާސިމް މިގޮތަށް ވަޢުދުވެވަޑައިގެންފައި ވަނީ ރޭ ނެރުއްވި "ޤާސިމް އަމީން 2023" މެނިފެސްޓޯގައެވެ. މި މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ޝަޚުސިއްޔަތާއި ޤައުމިއްޔަތު ވަރުގަދަކުރުމުގެ ބައިގައި ޤާސިމްވަނީ މިދާއިރާއިން މުހިންމު ވަޢުދުތަކެއް ވެވަޑައިގެންފައެވެ.

އެގޮތުން ޤާސިމްގެ އެންމެ ފުރަތަމަ ވަޢުދަކީވެސް މާތްވެގެންވާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދިނުމެވެ. އަދި ދިވެހި ރާއްޖެއަކީ ސުލްޙަޔަށް ލޯބިކުރާ، ފަޚުރުވެރި އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެގޮތުގައި ޤާސިމްގެ ވެރިކަމެއްގައި، ދުނިޔެއަށް ނަމޫނާ ދައްކާނެކަމަށް ވިދާޅުވެފައިވެއެވެ.

މިބައިގާ ހިމެނޭ މުހިންމު ވަޢުދުތަކުގެތެރޭގައި އެއް އަހަރުދުވަހުގެތެރޭގައި ޤުރްއާން ތަފްސީރު ދިވެހިބަހުން އެކުލަވާލައި ޝާޢިއުކުރުން ހިމެނެއެވެ. އަދި ހުޅުމާލެއާއި ރާއްޖޭގެ އުތުރާއި ދެކުނުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކުރުން ހިމެވެއެވެ.

މީގެއިތުރުން ޖަލުތަކުގައިތިބި ޤައިދީންގެ ތެރެއިން ޖަލުގައި ތިބެގެން ކީރިތި ޤުރްއާން ހިތުން ދަސްކުރާ ޤައިދީންނަށް އަދަބު ލުއިކުރުމާއި މަޢާފް ދިނުމުގެ އުސޫލެއް އެކުލަވާލައްވާނެ ކަމަށްވެސް ޤާސިމްގެ މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ. އަދި 500 ޙާފިޒުން އަލަށް އުފައްދައި ޙާފިޒުންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށްވެސް ޤާސިމްގެ މެނިފެސްޓޯގައި ވެއެވެ.

އަދިހަމައެހެންމެ ތައުލީމާއި ތަރުބިއްޔަތުގެތެރެއިން އިސްލާމްދީނުގެ ސައްހަ އަޤީދާ ރާއްޖޭގައި އަށަގަންނުވައި ދަމަހައްޓަން ޚާއްސަ މަސައްކަތްތަކެއް ކުރެއްވުމާއި އެކަމަށްޓަކައި ދިވެހިބަހުން ލިޔެފައިވާ ދީނީ ފޮތްތައް އިތުރުކޮށް ޚާއްސަ އިސްލާމިކް ލައިބުރަރީއެއް ޤާއިމުކުރުމާއި ރާއްޖޭގެ ފަތުވާ މަޖިލީހުގެ ދައުރު ހަރުދަނާކުރެއްވުންވެސް ޤާސިމްގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ޝަޚުސިއްޔަތާއި ޤައުމިއްޔަތު ވަރުގަދަކުރުމުގެ ބައިގައި ހިމަނުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން