ޤާސިމްގެ ވެރިކަމެއްގައި ފަޤީރުންގެ ގޮތުގައި ބަލާނެ މިންގަނޑެއް ކަނަޑައަޅައި އެމިންގަނޑަށް ފެތޭ ކޮންމެ ފަޤީރަކަށް ކޮންމެ މަހަކު ސަރުކާރުން 3000 ރުފިޔާގެ އެހީއެއް ދެއްވާނެކަމަށް ޤާސިމް އިބްރާހީމް ވަޢުދުވެވަޑައިގެންފިއެވެ.

ޤާސިމް މިގޮތަށް ވަޢުދުވެވަޑައިގެންފައިވަނީ އެމްނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައެވެ. ރޭ އިފްތިތާޙުކުރި "ޤާސިމް އަމީން 2023" މެނިފެސްޓޯގައި ފާހަގަކޮށްލެވޭ ދާއިރާތަކުގެތެރެއިން "ދަރަނިން ނެއްޓި ދެމެހެއްޓެނި އިޤްތިޞާދަކަށް" މިބައިގައި ވަނީ ރާއްޖޭގެ މުޅި އިޤްތިޞާދު ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ މުހިންމު ކަންތައްތަކެއް ހިމަނުއްވާފައެވެ.

ޤާސިމް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 3 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ ދަރަނި ޖީޑީޕީގެ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކުރައްވާނެކަމަށެވެ. އަދި މުޅި ދައުލަތުގެ ޚަރަދު ޖީޑީޕީގެ 35 އިންސައްތައިގައި ހިފަހައްޓަވައި، ދައުލަތުގެ ޢާމްދަނީ ޖީޑީޕީގެ 30 އިންސައްތަ އަށް މަތިކުރައްވާނެކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތާއި ޙައްލުކުރައްވަން ޖެހިވަޑައިގަންނަވާ މައްސަލަތަކުގެ ގިނަކަމާއި ބޮޑުކަން އެނގިވަޑައިގަންނަވާކަން މެނިފެސްޓޯއިން ހާމަވެއެވެ. އެގޮތުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާތާ ތިންވަނަ އަހަރު 2026ވަނަ އަހަރަކީ ބިލިޔަނެއްހައި އެމެރިކާ ޑޮލަރުގެ ބޭރުގެ ދަރަނި އެއްފަހަރާ ރާއްޖެއިން ދައްކަންޖެހޭ އަހަރެއްކަން ޤާސިމް ފާހަގަކުރައްވާފައިވެއެވެ. މިއީ ދައުލަތަށް ކުރިމަތިވާނެ އިންތިހާ ދަރަޖައިގެ މާލީ ބުރައެއްކަން ޤާސިމްވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަހުގެތެރޭގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާނެކަމަށް ޤާސިމްވަނީ ވަޢުވެވަޑައިގެންފައެވެ.

މީގެއިތުރުން ރާއްޖޭގެ ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތަކަށް ހޯދާ ލޯނުތަކަކީ ދިގުމުއްދަތުން ދައްކަންޖެހޭ އިންޓްރެސްޓު ކުޑަ ލޯނުތަކަށް ހެދުމަށް މަސައްކަތްކުރުމާއި، އެއް އަހަރުދުވަހުގެތެރޭގައި ދައުލަތުގެ ޒަމާނީ ޓެކްނޮލަޖީއާއި އޮޓޮމޭޝަންގެ އެހީގައި ދައުލަތުގެ ޚަރަދުތައް ބަލަހައްޓަން ފަށައި އިސްރާފާއި ކޮރަޕްޝަން ހުއްޓުވާނެ ކަމަށްވެސް ޤާސިމް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

އަދި ޤައުމުގެ އުފެއްދުންތެރިކަމުގެ މިންވަރު 10 އިންސައްތައަށްވުރެ މަތީގައި ހިފެހެއްޓުމާއި އުފެއްދުންތެރިކަމުގެ ނިސްބަތުން އާބާދީގެ ބޮލަކަށްޖެހޭ މިންވަރު ނުވަތަ ޖީޑީޕީ ޕަރ ކެޕިޓަރ 18000 އިން 27000 އަށް މަތިކުރުމަކީވެސް ޤާސިމްގެ ވަޢުދެކެވެ. މީގެއިތުރުން ރާއްޖޭގެ އިންފްލޭޝަން 2 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުމާއި ނެޝަނަލް ޔޫޒަބަލް ރިޒާވް 250 މިލިޔަން ޑޮލަރުން 1 ބިލިޔަން ޑޮލަރަށް މަތިކުރައްވާނެކަމަށްވެސް ޤާސިމްވަނީ ވަޢުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން