ދިވެހި ރައްޔިތުންގެ ސިއްޙީ އިންޝުއަރެންސް ނިޒާމު، އާސަންދައިން ދެވޭ ޚިދުމަތުގެ ތެރެއިން މިހާރު ރައްޔިތުންނަށް ފުރިހަމަ ނުވާ ވަރަށްގިނަ ކަންކަން އެބަހުރިކަމަށާ، އޭގެތެރޭގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް ދިމާވާ ދަތިތައް ފާހަގަކުރައްވައި އެކަންކަން ޙައްލުކުރައްވައި ފުރިހަމަ ޝާމިލް ނިޒާމަކަށް މިނިޒާމު ހެދޭނެ ކަންކަން ހުރީ ޤާސިމް އިބްރާހީމްގެ މެނިފެސްޓޯގައިކަން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޝާހު މާހިރު ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ވީހާވެސް ފަސޭހަކޮށް، ލުއި، ތަކްލީފަކާއި ނުލާ ހިދުމަތް ފޯރުކޮށްދޭނެ ގޮތެއް ޤާސިމްގެ ސިޔާސަތުތަކުގައި ވިސްނާފައި ވާކަމަށެވެ. އަދި ބޭސްވަރުވާއަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށް ކަންކަން ރަނގަޅުކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެކަންކަން ޙައްލުކުރުމަށް ޖުމްހޫރީ ޕާޓީންވަނީ ބަލަންޖެހޭ ކަންކަން ބަލައި ތައްޔާރުވެފައިކަމަށާ، އެހެންކަމުން އެޕާޓީން އަންނަނީ އަދިވެސް އެމަސައްކަތް ކުރަމުންކަން ޝާހު ފާހަގަކުރެއްވިއެވެ.

އޭގެތެރޭގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް، ކެއުމުގެ ފައިސާއާއި ތިބުމުގެ ކަންތައްތައް އާސަންދައިގެ ތެރެއިން ހަމަޖެއްސުމަކީ ޤާސިމްގެ ވެރިކަމެއްގައި ކުރާނެކަމެއްކަމަށް ޝާހު ވިދާޅުވިއެވެ. އަދި ބައެއް ފަހަރު ބަލިމީހާއާއެކު އެއް އެހީތެރިއަކަށްވުރެ ގިނައިންވެސް ދާން ބޭނުންވާ ޙާލަތު އަންނާނެކަމަށާ، މިސާލަކަށް އެމީހެއްގެ މަންމަ ބައްޕަ ނުވަތަ މާމައަށް ފަރުވާދެމުންދާ ވަގުތެއްގައި ހަމަ ގިނަ ބަޔަކު ދާން ބޭނުންވާނެކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ޤާސިމްގެ މެނިފެސްޓޯގައި އެހުރިހާ ކަމަކަށް ވިސްނާފައިވާނެކަމަށެވެ. އެއާއެކު އެހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ، އަދި ތަކުލީފު ވީހާވެސް ކުޑަގޮތްތަކެއް ހިމަނުއްވާފައިވާނެކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

ޤާސިމްގެ ސަރުކާރެއްގައި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ރަނގަޅުކުރެއްވުމަށް ގިނަ ސިޔާސަތުތަކެއް އެކުލަވާލާފައިވެއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވެރިކަމުގައި ރާއްޖޭގައި 5 ޓާޝަރީ ހޮސްޕިޓަލާއި ކްރޫޒް ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. މީގެ އިތުރުންވެސް ސިއްޙީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ޤާސިމްގެ ރިޔާސީ މެނިފެސްޓޯ "ޤާސިމް އަމީން 2023" ގައި މުހިންމު ގިނަ ވަޢުދުތަކެއް ހިމަނުއްވާފައިވެއެވެ.

އެގޮތުން ދިވެހި ރައްޔިތުންގެ ސިއްޙީ އިންޝުއަރެންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ކަނޑައަޅުއްވާފައިވެއެވެ.

އާސަންދައަކީ ހަމަހަމަ، ކޮރަޕްޝަނެއް ނެތް، އިސްރާފުން އެއްކިބާވެފައިވާ ނިޒާމަކަށް ހެއްދެވުމަކީ ޤާސިމްގެ ވަޢުދެކެވެ. އަދި ބޭސްފަރުވާއަށް ކޮންމެހެން ބޭރަށް ދާންޖެހޭ ބަލިމީހުންނަށާއި ބަލި މީހާގެ އެހީތެރިޔާއަށް ބޭރަށް ދިއުމާއި ތިބުމާއި ކެއުމާއި ބޭސްވަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން އާސަންދައިގެތެރެއިން ހަމަޖައްސައިދެއްވުމަކީ ޤާސިމްގެ ރިޔާސީ ވައުދެކެވެ.

މީގެއިތުރުން ފެންވަރު ރަގަޅު ފަރުވާ ރާއްޖެއިން ލިބޭނޭގޮތް ހަމަޖެއްސުމަށާއި ބޭސްފަރުވާއަށް ދިވެހިން ބޭރަށް ދިއުން މަދުކުރުމަށްޓަކައި ރާއްޖޭގެ 2 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ 2 ހޮސްޕިޓަލްގެ ޚިދުމަތް ޤާސިމްގެ ވެރިކަމުގެ ފުރަތަމަ 2 އަހަރުދުވަހުގެތެރޭގައި ނިންމައި ޚިދުމަތް ދޭން ފަށާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. މިއާއެކު ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގެ 7 ސަރަހައްދެއްގައި 7 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކޮށް ނިންމާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައިވެއެވެ.

މިހާރު ދިމާވެފައިވާ ބައެއް ދަތިތައް ހައްލުކޮށްދެއްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރެއިން ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދެއްކުމަށް ހޭދަވާ މުއްދަތު ކުރުކޮށް ގިނަވެގެން 7 ދުވަހުގެތެރޭގައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް ޤާސިމް ވިދާޅުވެއެވެ.

ރައްޔިތުންނަކީ ދުޅަހެޔޮ، އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އަޅާ، ސިއްޙީގޮތުން ހޭލުންތެރިބަޔަކަށް ހެއްދެވުމަކީ ޤާސިމްގެ އަމާޒެކެވެ. އެގޮތުން ޢުމުރުން 50 އަހަރުން މަތީގެ ކޮންމެ މީހަކު އަހަރަކު 1 ފަހަރު ހަދަންޖެހޭ ހެލްތު ސްކްރީނިންގ ތަޢާރަފްކުރައްވަން ވަނީ ނިންމަވާފައެވެ. އަދި ޢުމުރުން 40 އަހަރުން މަތީގެ ކޮންމެ އަންހެނަކު އަހަރަކު އެއްފަހަރު ހަދަންޖެހޭ ޚާއްސަ ސަރވިކަލް އަދި އުރަމަތީގެ ސްކްރީނިންގ އެއް ތަޢާރަފުކުރައްވަންވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޢުމުރުން 40 އަހަރުން މަތީގެ ކޮންމެ ފިރިހެނަކު އަހަރަކު އެއްފަހަރު ހަދަންޖެހޭ ޚާއްސަ ޕްރޮސްޓްރޭޓް ސްކްރީނިންގ އެއްވެސް ވަނީ ތަޢާރަފްކުރައްވަން ނިންމަވާފައެވެ.

މީގެއިތުރުން ޕެރަމެޑިކްސްއާއި އެމްބިއުލާންސްގެ ޤައުމީ ވިއުގައެއް ޤާއިމުކުރެއްވުމާއި ނަފްސާނީ ފަރުވާގެ ޔަޤީންކަން މުޅި ރާއްޖޭގައި ކަށަވަރުކުރެއްވުމާއި ތެލްސީމިޔާފަދަ ބަލިތަކުގެ ފަރުވާއާއި ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުވެސް ޤާސިމްގެ މިދާއިރާގެ ވައުދުތަކުގެތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން