ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިކަމެއްގައި ޢުމުރުން 65 އަހަރުވީ މީހުންނަށް މިހާރު ދެމުންދާ 5000 ރުފިޔާގެ ޢިނާޔަތް 7000 ރުފިޔާއަށް އިތުރުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިކަން ހާމަކުރީ އެޕާޓީގެ ރިޔާސީ މެނިފެސްޓޯއާބެހޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. ރިޔާސީ އިންތިޚާބަށް ޚާއްސަކޮށްގެން "މެނިފެސްޓޯ"ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޝައިޚް މޫސާ ނިޒާރު އިބްރާހީމް ވިދާޅުވީ ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ ޢިނާޔަތު 7000 ރުފިޔައަށް ބޮޑުކޮށްދެއްވުމަށް ޤާސިމް ނިންމަވާފައިވާކަމަށެވެ. އެއީ ހަމައެކަނި އެޢަދަދު ބޮޑުކުރައްވަން ޢަދަދެއް ޖެއްސެވީކީ ނޫންކަމަށާ، އެއީ މިހާރުގެ ރާއްޖޭގެ އިޤްތިޞާދާއި މާލީ ޙާލަތާއި އިންފްލޭޝަން އަދި ފަރުދުންގެ ޢާމްދަނީ ހުރި ނިސްބަތަށް ބައްލަވާފައި ދިރާސާކުރައްވާފައި ޖައްސަވާފައިވާ ހިސާބެއްކަމަށެވެ. އެހެންކަމުން އެކަން ޤާސިމްގެ ވެރިކަމެއްގައި ފުރިހަމަވާނެކަމަށް ޝައިޚް މޫސާ ނިޒާރު ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް ދެކެވަޑައިގަންނަވާގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ވެރިކަމަށް ކޮންމެ ބޭފުޅަކު ވަޑައިގަތަސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމެވެ. ޤާސިމަކީ އިޤްތިޞާދީ ދާއިރާގައި މަސައްކަތްކުރައްވާތާ އެތައް އަހަރެއް ވެފައިވާ ތަޖުރިބާކާރު ބޭފުޅެއްކަމަށްވުމުން މިޙާލަތާއި ޙާލަތު ރަނގަޅުކުރަން ކުރަށްވަން ޖެހިވަޑައިގަންނަވާނެ މަސައްްކަތުގެ ބޮޑުކަމާއި ބުރަކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް ޝައިޚް މޫސާ ނިޒަރު ވިދާޅުވިއެވެ.

އެހެންކަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯގައި ވާނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ޖުމުލަ ޙައްލެއް ގެނެސްދީފައިކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު އިޤްތިޞާދުވެސް ރަނގަޅުވެ ޤައުމު ހިންގުން ހަރުދަނާވާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

ރައްޔިތުންނަށް އުފާފާގަތި ގިނަ ވަޢުދުތަކެއް ޤާސިމް ވެވަޑައިގެންފައިވަނީ ހަމަ ހުންނަވާފައި ނޫންކަމަށާ، އެއީ ހަޤީޤަތަކަށް ވާނެ، ހަޤީޤަތަކަށް ހެދޭނެ ކަންކަންކަން ޔަޤީންކުރެއްވުމަށްފަހު ވެވަޑައިގެންފައިވާ ވަޢުދުތަކެއްކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ. ޤާސިމްގެ އެންމެބޮޑު އެއް އަމާޒަކީ ދައުލަތް ހިންގުމުގެ އިސްރާފް ނައްތާލައި ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ނައްތާލުންކަމަށާ، އެއާއެކު ޚަރަދުތައް ކުޑަކޮށްގެން ސަލާމަތްކުރެވޭ ފައިސާއަކީ ރައްޔިތުންގެ މަންފާއާއި ރާއްޖޭގެ ތަރައްޤީއަށް ހޭދަކުރައްވަން ބޭނުންކުރައްވާނެ ފައިސާކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން