ރާއްޖެ މިއަދު މިއޮތީ ޚާރިޖީގޮތުންނާއި ދާޚިލީގޮތުންވެސް ނުރައްކާތެރި ފައްތަރެއްގައިކަމަށާ، ޤައުމު މި ޙާލަތުން ސަލާމަތްކުރެވޭނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކޮށްގެންކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ހދ.ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝައިނީ ވަނީ، ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ބައެއް ކަންކަން ބަދަލުވަމުން އައިގޮތުގެ ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލާއި އިޤްތިޞާދަށް އެކި ޒަމާންތަކުގައި ކޮށްފައިވާ އަސަރުތަކާމެދު ޑރ.ޝައިނީ ވާހަކަފުޅުދެއްކެވިއެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ޙާލަތަށް ބަލާއިރު، މިހާރުގެ ސަރުކާރަކީ ވަރަށްބޮޑަށް އަވައްޓެރި އިންޑިއާއަށް ބަރޯސާވެގެން އުޅޭ ސަރުކާރެއްކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުރައްކާވެފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ. މިއީ ވަކި އެއްޤައުމަކަށް ބަރޯސާވުމުން ނުކުންނާނެ ނަތީޖާކަމަށާ، މީގެ ކުރިން މާބޮޑަށް ޗައިނާއަށް ބަރޯސާވުމުގެ ސަބަބުންވެސް ރާއްޖޭގެ ޚާރިޖީ ކަންކަމުގައި ނުތަނަވަސްކަން އުފެދިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރަށް ބަލާއިރު މިސަރުކާރު ވެރިކަމުގައި އޮވެއްޖެނަމަ، އޮންނާނީ މިއޮތް ޙާލަތުކަމަށާ، އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުންކަން ޑރ.ޝައިނީ ފާހަގަކުރެއްވިއެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިސްފިނަމަ އިންޑިއާއާ އޮންނަ ގުޅުން ހީނަރުވާނެކަމަށާ، އެއީ މިހާރުވެސް އިންޑިއާއައުޓު ކެމްޕެއިނެއް ކުރަމުން އަންނަ ބައެއްކަމަށް ޝައިނީ ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ ޤައުމުތަކާއެކު ހަމަހަމަ ރާއްޖެއަށް ފައިދާހުރި ގުޅުމެއް އުފައްދާނެ ސަރުކާރެއް ބޭނުންވާކަމަށާ، އެފަދަ ލީޑަރަކަށް މިވަގުތު ފެންނަން ހުރީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން