މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެއް ގަޑިއިރަށް ގެއަށް ވަޑައިގެންނެވުމުގެ ފުރުޞަތު މިއަދު ދީފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އެއް ގަޑިއިރަށް ގެއަށް ވަޑައިގެންނެވުމަށް ފުޞަތު ދިނީ އެމަނިކުފާނުގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގައި، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި 75 އިސްތިއުނާފީ ނުކުތާ އަށް ދައުލަތުން ވަނީ ޖަވާބު ދާރީ ވެފައެވެ.

މީގެއިތުރުން ހައިކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު ފުލުހުންގެ އެދުމަކަށް ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން، ފަސް މަސް ތެރޭގައި ދައުލަތައް ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ ހުސްވި 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ފެށިފައިވާއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް ވެސް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ މިމަހުގެ 6 ވަނަ ދުވަހު ހައިކޯޓުގައި އެދިފައެވެ. ނަމަވެސް ހައިކޯޓުން ނިންމީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރެވެން ނެތް ކަމަށެވެ.

މިމައްސަލައިގައި ދެން ބާއްވާނެ ކަމަށް ބެލެވެނީ ޖުމްލަ ދެ އަޑުއެހުމެކެވެ. އެއީ ދެފަރާތުންމެ ފަހުބަސް ބުނުމަށް ފުރުޞަތު ދިނުމަށް ބާއްވާ އަޑުއެހުމަކާއި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން