ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ އަމިއްލަފުޅު ވިޔަފާރި، ވިލާ އުފައްދަވައި މުދަލާއި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ އެންމެބޮޑު އެއް މަޤުސަދަކީ ރާއްޖޭގެ ބާޒާރުގައި މުދަޅާއި ޚިދުމަތުގެ އަގު ވަކި މިންވަރެއްހައި ހިފެހެއްޓުންކަމަށާ، އެއީ ޤައުމީ ޚިދުމަތެއްކަމަށް ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ކެމްޕެއިން ދަތުރުތަކުގެތެރެއިން ށ.ފޭދޫގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ، ވިލާގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކާއި މުދަލުގެ އަގުވެސް މަތިނުވެ ހިފެހެއްޓޭކަމަށެވެ. އަދި ވިލާއިން އަންނަނީ ރައްޔިތުން ބޭނުންވާ މުހިންމު އެތައް ޚިދުމަތެއް އަތްފޯރާ އަގެއްގައި ފޯރުކޮށްދެމުންކަމަށާ، މިކަމަށްޓަކައި މިހާތަނަށް ވިލާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ ހަޤީޤަތުގައި ކުރިން ބޭނުންވި ގޮތެއް ނޫންކަމަށާ، އެހެންނަމަވެސް ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާލުމުން، މިޙާލަތުން ރާއްޖެ ސަލާމަތްކުރުމަށް ނުކުތުމަށް މަޖުބޫރުވާކަމަށް ޤާސިމް ވިދާޅުވިއެވެ. މިޤައުމު މިއަދު މިދެކޭ ތަރައްޤީއާއި ސިޔާސީ އިސްލާޙާއި ޒަމާނީ ޑިމޮކްރެޓިކް ނިޒާމު ގެނައުމަށް މާޒީގައި ޤާސިމް އިބްރާހީމް ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކުގެ މައްޗަށް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

އެގޮތުން މި މަސައްކަތުގައި އަމިއްލަފުުޅު ޖީބުން އެތައް ހޭދައެއް ކުރައްވާފައިވާނެކަމަށާ، އެއީ އެކަމުގެ އެއްވެސް ބަދަލެއް ނޭދޭ، ހަމައެކަނި ރައްޔިތުންގެ ޙައްޤުގައި ހޭދަކުރެއްވި އެއްޗެއްކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިމަސައްކަތްކުރައްވަން އުޅުއްވުމުގެތެރޭގައި އެތައް އަނިޔާއެއް ލިބިވަޑައިގެން ޖަލުގައިވެސް އެކިފަހަރުމަތިން އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެތައް ޤުރުބާނީއަކުން މިހިސާބަށް އައިސް މިޤައުމުގެ ޙާލަތު ބަލަން ދުރުގައި ހުންނެވުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ލޯމަތީގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިގެންދާތަން ބައްލަވަން ނުހުންނެވޭނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން