ރާއްޖޭގެ ރަށްރަށް ތަރައްޤީކުރުމުގައި ބިން ހިއްކައިގެން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެކަން ދިވެހިންނަށް އެނގުނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ސަބަބުންކަމަށް އެމަނިކުފާނުގެ ޚާއްސަ އެޑްވައިޒަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިންގައި ނ. ކެނދިކުޅުދޫގައި ވާހަކަދައްކަވަމުން ނިހާން ވަނީ ޤާސިމްގެ ޤައުމީ ޚިދުމަތާއި ބުރަ މަސައްކަތްޕުޅާމެދު ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ނިހާން ވިދާޅުވީ ގާސިމަކީ އަމިއްލަ އެދުމެއް ނެތި އަދި ލިބިވަޑައިގަންނަވާނެ އެއްވެސް އަމިއްލަފުޅު ފައިދާއަކަށް ބެއްލެވުމެއް ނެތި އެކި ދާއިރާތަކުން ދިވެހި ރައްޔިތުންނަށް އެތައް އެހީއެއް ވެދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އެފަދަ ބޭފުޅަކު ރާއްޖޭގައި ޤާސިމް ފިޔަވައި ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެކަމަށާ، ގާސިމަކީ ނަފާ ހޯދޭނެ ގޮތް އެނގިވަޑައިގަންނަވާ ތަރައްޤީއާއި ކުރިއެރުން ގެނެވޭގޮތްވެސް އެނގިވަޑައިގަންނަވާ އާދަޔާ ޚިލާފު ބޭފުޅެއްކަމަށް ނިހާން ވިދާޅުވިއެވެ.

ރާއްޖޭގައި ބައެއް ވިޔަފާރިތައް އަމިއްލަ ފަރުދެއްގެ ޙައިސިއްޔަތުން މުޅިން އަލަށް ފެށްޓެވީ ޤާސިމްކަމަށާ، އެއީ ދުރުވިސްނިވަޑައިގެން އެކަންކަމުން ފައިދާ ލިބިވަޑައިގަންނަވާނެ ގޮތްތައްވެސް އެނގިވަޑައިގަންނަވާތީ ކުރައްވާފައިވާ ކަންކަން ކަމުގައި ނިހާން ވިދާޅުވިއެވެ.

އެހެންކަމުން ގާސިމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގެންފިނަމަ ޔަޤީންކަމާއެކު ޤައުމުގެ ޙާލަތު ބަދަލުކުރައްވާނެކަމަށާ، ތަރައްޤީއާއި ކުރިއެރުން އަންނާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ. ޤާސިމަކީ އިޙްލާސްތެރި ތެދުވެރި ބޭފުޅެއްކަމަށާ، އެއީ ދައުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ.

މީގެއިތުރުން ޤާސިމަކީ ސަރުކާރާއި ދައުލަތުގެ މުހިންމު ޒިންމާދާރު މަޤާމުތައް ފުރުއްވާފައިވާ އިޚްލާސްތެރި ޤާބިލް ބޭފުޅެއްކަމަށާ، ފުރުއްވި މަޤާމުތަކުގައި ހުންނަވައިގެން ޤާސިމްވަނީ ނަތީޖާ ނެރެދެއްވާފައިކަން ނިހާން ފާހަގަކުރެއްވިއެވެ. އެގޮތުން ފިނޭންްސް މިނިސްޓަރުކަމުގެ މަޤާމުގައި ޤާސިމް ހުންނެވި ދުވަސްވަރު އެމަނިކުފާނު ވަނީ އިޤްތިޞާދީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިކަން ނިހާން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި ޤާސިމް ކުރެއްވި މަސައްކަތްޕުޅުތަކާއި ޤައުމަށް ގެނެސްދެއްވި އިސްލާޙީ ބަދަލުތައް ނިހާން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން