ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ވެރިކަން އެއްބުރުން ގެނައީ ދިވެހި ރައްޔިތުންގެތެރެއިން އެތައްބައެއްގެ ވަރަށް ބުރަ މަސައްކަތުންކަމަށާ، އެހެންނަމަވެސް މިއަދު އޭގެ ނަތީޖާއާމެދު ވިސްނާލުމުން ދިވެހި ރައްޔިތުންނަށް ލިބުނީ ބޮޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމުގައި ޖުމްހޫރީ ޕާޓީގެ ޖަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޑރ. އަމީން ވިދާޅުވީ، 2018ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެއް ބުރުން އިންތިޚާބުކުރުމަށް ޤުރުބާންވީ ދިވެހި ރައްޔިތުން މިއަދު ވިސްނާލަން ޖެހޭ އެތައްކަމެއް އެބަހުރިކަމަށެވެ. މިއަދު މިޤައުމަށް ލިބުނު ނަތީޖާއާމެދު އަމިއްލައަށް ވިސްނާލުމަށާ، ޙާސިލްވީ ކޮންކަމެއްތޯ ވިސްނާލުމަށް އަމީން ގޮވާލެއްވިއެވެ.

އެތައް ބަޔަކު ގުޅިގެން ވީ ޤުރުބާނީއާއި ކުރި މިންނެތް މަސައްކަތުގެ ނަތީޖާއަކީ މިއަދު ސުމެއްކަމަށް ޑރ. އަމީން ވިދާޅުވިއެވެ. ޤައުމުގެ ކޮންމެ ދާއިރާއަކަށް ބަލާލިއަސް ފެނިގެންދަނީ ފަހަތަށް ސޮއްސާލާފައިވާ މަންޒަރުކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަކީ އަބަދުވެސް ރާއްޖޭގެ ވެރިކަމުގައި ތިބޭބަޔަކު ރައްކާތެރިކޮށްދޭނެ އެއްޗެއްކަމުގައި ދިވެހިން އައީ ޤަބޫލުކުރަމުންކަމަށާ، މިއަދު އެކަމާމެދު ސުވާލު އުފެދިފައިވާކަމީ ރައްޔިތުން މިއަދު ވިސްނަން މަޖުބޫރުވެފައިވާ ކަމެއްކަމަށް ޑރ. އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ އެކިއެކި ދާއިރާތަކަށް ބަލާއިރުވެސް ކަންކަން ދިޔައީ ދަށަށްކަމަށާ، މަސްވެރިކަމާއި ދަނޑުވެރިކަންފަދަ ސިނާޢަތްތައް ދިޔައީ ދަށަށް ކަމުގައި އަމީން ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރު ދެން އިތުރު ދައުރަކަށް ހޮވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އަމީން ވިދާޅުވިއެވެ.

ޑރ. އަމީން އިބްރާހީމް ވިދާޅުވީ މި ނިކަމެތިކަމުން ދިވެހިރައްޔިތުންނަށް އަރައިގަނެވޭނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވެރިމަށް އިންތިޚާބުކޮށްގެން ކަމަށެވެ. ރައްޔިތުންގެ ހުރިހާ މައްސަލަތަކަށް ޙައްލު ގެނެސްދެއްވާނެ އެޖެންޑާއަކީ ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯކަމަށް އަމީން ވިދާޅުވިއެވެ.

އެއިން ރައްޔިތުންނަށް ގޯތިގެދޮރާއި ވަޒީފާއާއި އިންސާފު ޔަޤީންކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ދިވެހިންގެ ދީނީވަޙުދަތު ރައްކާތެރިކޮށް އެކަމުގެ ކަށަވަރުކަން ދޭ އެޖެންޑާއެއްކަމަށް އަމީން ވިދާޅުވިއެވެ. އެއީ ކޮންމެ ރައްޔިތެއްގެ ޖީބަށް ތަނަވަސްކަމާއި އުފާފާގަތިކަން ގެނެސްދޭނެ އެޖެންޑާއެއްކަމަށް އަމީން ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ރައްޔިތުން ކުރަންވީކަމަކީ ޤާސިމް އިބްރާހީމް ވެރިކަމަށް އިންތިޚާބުކުރުންކަމަށް އަމީން ވިދާޅުވިއެވެ. އަންނަ މަހުގެ 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓު ނަމްބަރު 5 އަށް ވޯޓުދިނުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން